
( 8 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޙައިދަރާއި ދިލްނަޝީނާ ދެމީހުންގެ މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރާތަން އަހަރެންނަށް އެބަ ފެނެއެވެ. އޭގެ މާނަޔަކީ ، ތިދެމީހުންގެ ގުޅުން ގޯސްކުރުމަށް އަހަރެން މިކުރާ މަސައްކަތަށް ކާމިޔާބީއެއް ނުލިބުމެވެ. ޙައިދަރާއެކީ ދިލްނަޝީން ، ދިރިއުޅޭށެވެ. މިބޮޑު ގަނޑުވަރުގައި ، މަރުވަންދެން ދިރިއުޅޭށެވެ. އެއްވެސް މީހަކަށް ބަލާނެކަމެއް ނެތެވެ. އަހަރެންނާމެދު ނުވިސްނާށެވެ ! އަހަރެންގެ ޢަމަލުތައް އަބަދުވެސް ހުންނާނީ މިކަހަލަ ގޮތަކަށެވެ. އެ ނިކަމެތި ފިރިހެންކުއްޖާގެ ލޯތްބަށްޓަކައި އަހަރެން ދެރަވަމެވެ. ދިލްނަޝީނަށްޓަކައި އެކުއްޖާ އެހެރަގެން އަވަދިވަނީއެވެ. އެކަހަލަ ފިރިހެނަކު އަހަރެންގެ ޙަޔާތަށްވެސް އައިނަމަ ކޮންފަދަ ހެއްޔެވެ ؟ " މެހެމަލް ބުނަމުން ގެންދިޔައެވެ.
މަކަރާއި ޙީލަތުން ، ދިލްނަޝީންގެ ހިތް ޙަމްޒާއާ ދިމާލަށް އަނބުރައިލެވޭނެ ހުރިހާ ބަހަނާޔަކާ މޮޅެތިބަސްތަކެއް މެހެމަލް ކިޔަމުން ގެންދިޔައެވެ. ދިލްނަޝީންދެކެ ޙަމްޒާ ލޯބިވެ މޮޔަވެފައިވާ ވަރަށް ، ޙައިދަރުވެސް ، މެހެމަލްދެކެ ލޯބިވިކަމަށް ބުންޏެވެ. އެހެނަސް ، އެކަން މެހެމަލްއަށް އިޙްސާސްވީ ، ވަގުތު ފާއިތުވީ ފަހުންނެވެ. މިހާރު އެކަމާ އެބަ ދެރަވެއެވެ. ޙައިދަރަށްވެސް އެއުޅެނީ ، އޭނާދެކެވީ ލޯބި ހަނދާން ނައްތައި ނުލެވިގެންކަމަށް މެހެމަލް ބުންޏެވެ. ނުލާހިކު ރީތި ، ޅަ އަނތްބެއް ލިބުނީމަވެސް ، ޙައިދަރުގެ ހިތް ބަދަލެއް ނުވިއެވެ. ޙަމްޒާގެވެސް ޙާލަކީ އެއީއެވެ. ދިލްނަޝީންގެ ލޯބީގައި ، ޙަމްޒާއަށް އެލިބޭ ތަކުލީފާއި އަނިޔާއާމެދު ދިލްނަޝީންގެ ހިތުގައި އެއްވެސް މިންވަރަކަށް ، ހަމްދަރުދީއެއް ނެތީތޯ މެހެމަލް ސުއާލު ކުރިއެވެ.
ޙާލަތު ދިމާކުރިގޮތުން ، ލޯބީގައި ނާކާމިޔާބު އެވީ ، މެހެމަލް އާއި ޙަމްޒާކަމަށް މެހެމަލް ނިންމިއެވެ. އެދެމީހުންވެސް ދުނިޔޭގައި އުޅެން އެޖެހެނީ ހުސްއަތާކަމުގައި މެހެމަލް ބުންޏެވެ. ދެވަނަ ފުރުޞަތެއް ލިބުމަކީ ކޮންމެ މީހެއްގެ ނަސީބުގައި އޮންނާނެކަމެއްނޫނެވެ. އެދެމީހުންގެ ނަޞީބުގައިވެސް ، އެމީހުންގެ މާޒީގައި ހެދިފައިވާ ގޯސްތައް އެއީ ނުވާކަމަކަށް ހެދުމުގެ ފުރުޞަތެއް ނެތެވެ. މެހެމަލްގެ ވާހަކަ ނުހުއްޓާނެކަން އެނގުނީމަ ، އަނގައިންވެސް ނުބުނެހުރެ ، ދިލްނަޝީން އެތަނުން ދުރަށްދާން ހިނގައިގަތެވެ.
ސާރާ ގެޔަށް އައިއިރު ، ގޭތެރެއޮތީ މުޅިން އެފުށް މިފުށަށް ޖެހިފައެވެ. އެގޭގައި ހިނގި އެއްވެސްކަމެއްގެ ވާހަކަ ، އެއްވެސް މީހަކު ، ސާރާގާތު ބުނލާފައެއް ނެތެވެ. އެކަމާ ސާރާ ހުރީ ކުލްސޫމް ދެކެ ހިތްހަމަ ނުޖެހިފައެވެ.
މީހަކާ އިނދެގެން ބޭރުގެޔަކަށް ގޮސްހުރި އަންހެން ދަރިއެއްގެ ގާތު ، ގޭތެރޭގެ ހުރިހާ ވާހަކައެއް ދެއްކުން އެއީ ، ކުރަން އެންމެ ރަނގަޅުކަމެއްކަމަކަށް ، ކުލްސޫމަކަށް ނުފެނެއެވެ. ކުލްސޫމްމެން އެކަމުގައި ކަންބޮޑުވެގެން އުޅެންޖެހޭނީ ކިހާދުވަހަކުކަމެއްވެސް ނޭނގެއެވެ. އަންހެންކުދިންނަކީ ، މައިންބަފައިންގެ ކަންކަމުގައި ތަންކޮޅެއްބޮޑަށް ޖަޒުބާތީވާނެ ބަޔެކެވެ. ސާރާ ގާތު ހުރިހާ ވާހަކައެއް ދެއްކިނަމަ ، ސާރާ އަބަދު އައިސް ހުންނަންޖެހޭނީ އެގޭގައި މަންމަގާތުގައެވެ. ކުލްސޫމްގެ ލޭމައްޗަށް ދާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ލޭމައްޗަށްދާތީކާ ބޭހުގެ ގްރާމް މަތިކުރިތާވެސް މިހާރު ދެމަހެއް ވެއްޖެއެވެ. ބަދަލެއް ނާދެއެވެ.
ސާރާގެ ރުޅިގަނޑު ޢާފިޔާއަށްވެސް ބޭލިއެވެ. ސާރާގެ ފިރިމީހާއާ ޢާފިޔާ އެހާ ތިމާގެ އިރުވެސް ، ޢާފިޔާމެން ދިލްނަޝީންގެ ކަންތައްތައް ފޮރުވީތީ ، ގުޅާފަ އެއްޗެތި ގޮވާނެކަމަށް ސާރާ ބުންޏެވެ. ޢާފިޔާ އެމީހުންނާ އެ ޙަވާލުކުރީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ސާރާ ގެންދިޔައީ ، ޢާފިޔާއާ ދިމާލަށް ކުދިކިޔަމުންނެވެ.
ޢާފިޔާއާ ސާރާ ވާހަކަ ދައްކައިގެން ނުވާނެކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންގެ މަންމަޔާ އެދެމައިން އެގެޔަށްގޮސް ވާހަކަ ދައްކައިފިއެވެ. ސާފުވީ އެއްޗެއް ނެތެވެ. އެކަން މިހާރު އޮތީ ބޮޑު މައްސަލަޔަކަށް ވެފައެވެ. ދިލްނަޝީން އެހުންނަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. އެއީ އެމީހުން ކުރަންޖެހޭނެ ކަމެއްކަމަށް ސާރާ ބުންޏެވެ.
" އޭނާއަށްޓަކައި މާބޮނޑިތައް މިގެޔަށް އާދެއެވެ. އެފިރިހެން ކުއްޖާއާ ދިލްނަޝީނާ ދެމީހުންގެ ފޮޓޯ މަންމަޔަށް ފެނިއްޖެއެވެ. އަދި އެންމެފަހުން ، އެފިރިހެންކުއްޖާ މިގެޔަށްވެސް އައިއްސިއެވެ. ދިލްނަޝީންގެ ދިފާޢުގައެވެ. " ސާރާ އޭނާގެ މަންމަޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
ޢާފިޔާއާ ދިމާލަށް ގޮވާނެ ވާހަކަތައް ސާރާ އެއްކުރަމުން ގެންދިޔައެވެ. އެއީ އާދައިގެ ކަމެއްނޫންކަމަށް ސާރާ ބުންޏެވެ. އެހެން އެވީ ، ބޭބެގެ ކައިވެންޏަށް އެމީހުން ބޭނުންވެފައިތިބިލެއް ބޮޑުކަމުން ހެއްޔެވެ ؟ އެކަމުގެ ނާޖާއިޒު ފައިދާ އެމީހުން އެތިބީ ނަގައިގެންނެވެ. އެއީ އެއްވެސް އިންސާފެއްނޫންކަމަށް ސާރާ ބުންޏެވެ.
ހެނދުނުގެ ނާސްތާއަށް ޙަމްޒާމެންގެ ގޭގެ ކާމޭޒުދޮށުގައި މިއަދަކީ ބައިގިނަ ދުވަހެކެވެ. ބޮޑުބޭބެ ހާރޫނުގެ ދެބަފައިން އެމޭޒުގައި އިތުރަށް ތިއްބެވެ. ކަރާޗީގެ ޢާންމު އާދަތަކުގެ ވާހަކަ ދެކެވެމުންގޮސް ، ހާރޫނު ޕާކިސްތާނަށް ހިޖުރަކުރީތީ ، ޝުކުރު އަދާކުރާ ކަމަށް ބުޝްރާ ބުންޏެވެ. ޙަމްޒާގެ ވިސްނުމާއި ފިކުރަށް ހެޔޮބަދަލެއް އަންނާނެގޮތަކަށް ކަންތައްތަކެއް ވުމަކީ ، ހުރިހާ ކަމަކަށްވުރެ ހެޔޮ ފާލެކެވެ.
ބައްޕަ ނިޔާވުމާގުޅިގެން ވިޔަފާރީގެ މުޢާމަލާތުތައް ބެލެހެއްޓުމުގައި ބޮޑުބޭބެ ހާރޫނުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ޙަމްޒާވެސް ފާހަގަ ކުރިއެވެ. ސީދާގޮތެއްގައި ، އަފްސިޔާއާއި ޙަމްޒާގެ ކައިވެނީގެ ވާހަކައެއް ނުދެކެވެއެވެ. އެހެނަސް ، ބުޝްރާގެ ބައެއް ވާހަކަތައް އެދިމާލަށް ދިޔައެވެ.
ހެދުނު ހޭލައިގެން އޮފީހަށްދާން ޙައިދަރު ތައްޔާރުވެ ނިމުނުއިރުވެސް ، ދިލްނަޝީން އޮތީ އެނދުގައި ނިދާފައެވެ. އިރުއިރުކޮޅުން ދިލްނަޝީނާ ދިމާލަށް ޙައިދަރަށް ބަލައިލ ލެވެއެވެ. ނުރުހުމުގެ ލޮލަކުންނެވެ. އެންމެފަހުން ، ފޫހިވެފައިހުރެ ، ރީތިވާ މޭޒުމަތީ އޮތް އެއްޗެއް ، މޭޒުމައްޗަށް ބާރަށް ޖަހާފައި އޮފީހަށްދާން ނުކުތެވެ. އަޑުފައްގަނޑު ގަދަވެގެން ދިލްނަޝީނަށް ހޭލެވުނުއިރު ، ޙައިދަރު ކޮޓަރިން ނުކުމެގެން ދަނީއެވެ.
ދިލްނަޝީނަށް ހޭލެވުމާއެކީ ، ޙަމްޒާއަށް މެސެޖް ކުރިއެވެ. އޭރުވެސް ، އެންމެން ތިބީ ކާމޭޒު ދޮށުގައެވެ.
" އަހަރެންމިހާރު އެންމެ ބޭނުންވަނީ ، ރަނގަޅު ކުއްޖަކު ހޯދާފައި ޙަމްޒާގެ ކައިވެނި ކޮށްދޭށެވެ ! " ބުޝްރާ ބުންޏެވެ.
އެހެންކަމަށްވަންޏާ ، ކައިވެނިކުރަންހުރި ޒުވާނާ އެކަމަށް އެއްބަސް ކުރުވާށޭ ބުނެ ، ބުޝްރާގެ ވާހަކަޔަށް ހާރޫން ޖަވާބުދިނެވެ. އޭރުވެސް ، ޙަމްޒާއިނީ އެތަނުގައި ދެކެވެމުންދާ ވާހަކައިގެ ޚަބަރެއް ދަބަރެއްނުވާ ގޮތަށް ، ދިލްނަޝީނަށް މެސެޖް ކުރާށެވެ. ބުޝްރާ ޙަމްޒާއަށް ގޮވައިލިއެވެ.
" ބޮޑުބޭބެ ސުއާލެއް އެބަ ކުރެއެވެ. ޙަމްޒާ ކައިވެންޏެއްކުރަން ބޭނުން ހެއްޔެވެ ؟ " ބުޝްރާ ބުންޏެވެ.
އާނއެކޭ ، ކައިވެންޏެއް ނުކުރަންވީ ކީއްވެހޭ ޙަމްޒާއަށް ބުނެވުނެވެ.
ދިލްނަޝީން ، ޙަމްޒާއަށް މެސެޖްކުރަން އޮއްވާ ، ކުއްލިޔަކަށް ކޮޓަރިޔަށް އެވަނީ ޙައިދަރެވެ. ފޯނު ގައިދަށަށްލައި ފޮރުވާފައި ، އަނެއްކާވެސް ދިލްނަޝީން ނިދާފައި އޮތްކަމަށް ހެދިއެވެ. ކޮޓަރިޔަށް ވަދެ ، އެއްޗެއް ހޯދަހޯދާފައި ، ޙައިދަރު ނުކުމެގެން ދިޔައެވެ. ޙައިދަރުގެ ލޯ އަމާޒުވެފައިހުރީ ދިލްނަޝީންގެ މައްޗަށެވެ. އޭނާއަށް ދިލްނަޝީން އެއްވެސް ސަމާލުކަމެއް ނުދިނުމަކީ ، ޙައިދަރު ކަންބޮޑުވިކަމެއްކަން އޭނާގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ޙައިދަރު ކޮޓަރިން ނުކުތުމާއެކީ ، އަނެއްކާވެސް ދިލްނަޝީން ޙަމްޒާއަށް މެސެޖް ކުރަން ފެއްޓިއެވެ.
ކައިވެނީގެ ޕްލޭން އެމީހުން ކުރުމަށް ޙަމްޒާ ބުންޏެވެ. އަދި އޭނާ ދާޏްޖެހިއްޖެކަމަށްބުނެ ، ކާމޭޒުދޮށުން ތެދުވެގެން ދިޔައެވެ.
ދެން ލަސްނުކުރުމަށް ހާރޫނުގާތު ބުޝްރާ ބުންޏެވެ. އެހެންނަމަވެސް ، އެހާ އަވަސް އަރުވާލައިގެން ކަމަކުނުދާނެކަމަށް ހާރޫން ބުންޏެވެ. ޙަމްޒާއަށް އެމީހުން ދެއްކި ވާހަކައެއް ރަނގަޅަށް އަޑުވެސް ނީވެއެވެ. އަވަސް އަރުވާލައިފާ ، އެދިޔައީ ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެންނެވެ. ޙަމްޒާގެ ކައިވެނީގެ ވާހަކަ ދެކެވި ، ރަނގަޅަށް އެވާހަކަ ކުރިޔަށް ނުގޮސް ނިމިގެންދާކަށް ބުޝްރާ ބޭނުމެއް ނުވިއެވެ. އެކަމުގައި ބުޝްރާއަށް އެހީތެރިވާނެކަމަށް ، ހާރޫނު ބުނެފައޮތްކަން ، ބުޝްރާ ހަނދާން ކޮށްދިނެވެ.
ކައިވެންޏަށް ހާރޫނު ދެބަސްވަނީ ނޫނެވެ. އެހެންނަމަވެސް ، އެއީ އޭނާގެ ދަރިފުޅުގެ މުޅި ޙަޔާތާގުޅޭކަމެއްވީމަ ، ވަރަށް ބޮޑަށް ވިސްނަންޖެހޭކަމުގައި ހާރޫން ބުންޏެވެ. އެކަހަލަ ކަންކަން ކުރަންވާނީ ވަރަށް ވިސްނައިގެން ކެތްތެރިކަމާއެކީގައެވެ. އެހެންނޫނީ ހެދޭގޯހަކުން ، ފޫނުބެއްދޭފަދަ ގެއްލުމެއް ލިބިދާނެއެވެ.
މަންމަގެ ކޮޓަރިޔަށް ޙައިދަރު ވަތްއިރު ، މަންމައާއި ސާރާ ވާހަކަ ދައްކަމުން ގެންދިޔައެވެ. މެހެމަލްއަކީ ، ދިލްނަޝީނަށްވުރެ ހާސްގުނަ ރަނގަޅު ކުއްޖެއްކަމުގައި ސާރާ ބުނިއަޑު ޙައިދަރަށް އިވުނެވެ. މެހެމަލް ކުރިކަމެއްކުރީ އެންމެންގެ ކުރިމަތީގައެވެ. ވަގަކަށް ނޫނެވެ. މެހެމަލްއަށް ކުރެވުނު ކުށަށް މިހާރުވެސް އެގެންދަނީ މަޢާފަށް އެދެމުންނެވެ. އެކަމާ މެހެމަލް ދެރަވެއެވެ. އެއާ ޚިލާފަށް ، ދިލްނަޝީން އެކުރިކަމެއްގެ އިލްޒާމް އެއަޅުވަނީ ޙައިދަރުގެ މަންމަގެ ބޮލުގައެވެ. އެހެންނޫނަސް ، މިހާރުވެސް މެހެމަލް ފިދާވަމުން އެގެންދަނީ ބޭބެއަށެވެ. ބޭބެގެ ލޯތްބަށް އެދި މެހެމަލް އެގެންދަނީ އާދޭސް ކުރަމުންނެވެ. ޙައިދަރު އައިކަން އެނގުމާއެކު ، ސާރާގެ ވާހަކަ މެދުކަނޑައިލިއެވެ.
ޙައިދަރު ފެނުމާއެކު ، ސާރާ ސަލާމް ގޮވައިލިއެވެ. ދެބެން ދެބެންނަށް ޙަލުއަޙުވާލު އޮޅުންފިލުވައި ހެދިއެވެ.
ޙައިދަރާއި ދިލްނަޝީނާ ދެމެދު އުފެދިގެން އުޅޭ މައްސަލައިގާ އިތުރަށް ބަހުސްކޮށް ނުހެދުމަށް ޙައިދަރު އެދުނެވެ. އެވާހަކަ އިތުރަށް ދެއްކި ވަރަކަށް މައްސަލަދާނީ ބޮޑުވަމުންނެވެ. އަދި އެމީހުންނަށް އިތުރަށް ލަދުގަންނަން ޖެހޭނެކަން ، ސާރާއަށާއި މަންމަޔަށް ޙައިދަރު ހަނދާން ކޮށްދިނެވެ. ޢާފިޔާއާ އެކަމާބެހޭގޮތުން އެއްވެސް ސުއާލެއް ނުކުރުމަށްވެސް ސާރާއަށް ޙައިދަރު އެންގިއެވެ. އިތުރަށް އެއްވެސް މީހެއްގެ ކުރިމަތީ ބޭޒާރުވެ އޭނާގެ އަގުވެއްޓޭކަށް ޙައިދަރު ބޭނުމެއްނޫނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އޮފީހަށްދާން ޙައިދަރު ނުކުތެވެ. ( ނުނިމޭ )
ވަރަށް ރީތި ޝުކުރަން