
( 25 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
) ދިލްނަޝީން މިހާރު ތިޔަ އިމުން ބޭރުވަނީއޭ ބުނެ ، ޙައިދަރު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އަދި ދިލްނަޝީންވެސް ، އޭނާއަށް ކުރަންޖެހޭ އިތުބާރުން ، ޙައިދަރުއެހުރީ އިމުންބޭރުވެފައި ކަމަށްބުނެ ، ޙައިދަރާ ދިމާލަށް އަޑުގަދަ ކޮށްލިއެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި ، މައްޗަށް އަރައިގެން ދިޔައެވެ. )
އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ، ފަހަރަކު މީހަކު އެތަނުން ދުރަށް ދިޔައެވެ. ޙައިދަރު ނުކުމެގެން ދިޔައީ ބޭރަށެވެ. މެހެމަލްއާއި ކުލްސޫމްވަނީ އެމީހުންގެ ކޮޓަރިޔަށެވެ. މެހެމަލް ކޮޓަރިޔަށްގޮސް އަވަސް އަރުވާލައިފާ ޙަމްޒާއަށް ގުޅިއެވެ. ޙަމްޒާ ފޯނެއް ނުނަގައެވެ. އެހެންކަމުން އެއީ މެހެމަލްކަމަށްބުނެ ، މެސެޖްކޮށްލުމަށްފަހު އަނެއްކާވެސް ޙަމްޒާއާ ގުޅިއެވެ.
ޙަމްޒާގެ ދިލްނަޝީނަށް ޙަމަލާދެވިއްޖެކަމަށާއި ޒަޚަމްވި ވާހަކަ ބުނަން ފޯނުކުރީމަ ފޯނު ނުނަގަނީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ. ކިހިނެއްވީތޯ ޙަމްޒާ ސުއާލު ކޮށްލިއެވެ.
" އަލިފާންގަނޑު ރޯކޮށްފައި ، ވީ ކިހިނެއްތޯ ސުއާލު ކުރަނީ ހެއްޔެވެ ؟ ޙަމްޒާ ފޮނުވި މާބޮނޑިތައް ފެނިފައި ޙައިދަރުގެ ހިތްހަލާކުވެގެން ، މުޅިގެއިންވެސް ، މީރުވަސްދުވާ އެ މާތަކުންދުވާ މީރުވަސް ފިލުވާލައިފިއެވެ. ޙައިދަރުގެ ރުޅިގަނޑުން މުޅި ގޭގައި އަލިފާން ރޯކޮށްލައިފިއެވެ. ރުޅިއައިސް ރަތްވެފައިހުރެ ޙައިދަރު ، ގެއިން ނުކުމެގެން ހިނގައްޖެއެވެ. ހީވާގޮތުން ، ޙައިދަރު އެދިޔައީ ޙަމްޒާގާތަށެވެ. ހުޝިޔާރުވެގެން ހުންނާށެވެ. " މެހެމަލް ބުންޏެވެ.
މެހެމަލްގެ އަންދާޒާ ދިމާވިއެވެ. ޙައިދަރު ދިޔައީ ޙަމްޒާގެ އޮފީހަށެވެ. އެވަގުތު ، ތިޖަހަނީ ކޮން ސަކަރާތެއްތޯ ސުއާލުކޮށް ޙަމްޒާއާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތް އަޑު މެހެމަލްއަށް ފޯނުން އިވުނެވެ. އަދި ، އެއީ އޭނާގެ އޮފީސްކަމަށާއި އެގޮތަށް އޭނާއާ ދިމާލަށް އަޑުގަދަކުރުމަކީ ، އަދަބާޚިލާފް ކަމެއްކަމުގައި ޙަމްޒާ ބުނިއަޑުވެސް އިވުނެވެ.
" އަހަރެންގެ އަންހެނުންނަށް މާބޮނޑިތައް ފޮނުވީމާ ، އަހަރެން މަޑުން ހުންނާނެކަމަށް ޙަމްޒާ ބަލަނީ ހެއްޔެވެ ؟ އެހެންކަމަށް ވަންޏާ ޙަމްޒާއަށް ތިހީވީ ކުށް ހީއެކެވެ. " ރުޅިއައިސް ރަތްވެފައިހުރެ ، ޙައިދަރު ބުންޏެވެ.
ޙައިދަރު އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙައިދަރުގެ އަންހެނުންނަށް އޭނާ މާބޮނޑި ފޮނުވަންވީ ، ކޮން މުނާސަބަތެއްގައި ، އަދި ކީއްކުރަން ހެއްޔެވެ ؟ ޙަމްޒާ އެހަދަނީ ތެދެއްކަމަކަށް ޙައިދަރަކަށް ޤަބޫލެއް ނުކުރެވުނެވެ.
ޙައިދަރުދެކެ ޙަމްޒާ ބިރުނުގަންނަކަމަށް ޙަމްޒާ ބުންޏެވެ. އަދި އެއްވެސްކަމަކާ އޭނާ ޖެހިލުމެއްވެސް ނުވެއެވެ. އެކަމަކުވެސް ، ޙައިދަރަށް ޙަމްޒާގެ ވާހަކަ ޤަބޫލުނުކުރެވޭކަމަށް ވަންޏާ ، އެއީ އޭނާގެ މައްސަލައެއްނޫނެވެ. އަދި ، އޭނާ ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނަމުން ޙައިދަރު ވަތްދޮރު ޙަމްޒާގެ އަތުގެ ޢިޝާރާތުން ޙައިދަރަށް ދައްކައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ، ދެއަތަކަށް ހޫރިލާފައި ޙައިދަރަށް ޖެހުނީ އެތަނުން ނުކުންނާށެވެ. އައިސްހުރި ރުޅިއާއެއްވަރަށް ލަދުގަތުމާ އެކީގައެވެ.
" އަހަރެންގެ ދިލްނަޝީނާ ދުރުގައި ހުންނާށެވެ ! " ދެލޯބޮޑުކޮށްގެންހުރެ ، ނުކުމެގެން ދަމުން ޙަމްޒާއާ ދިމާލަށް ޙައިދަރު ބުނެލިއެވެ.
" އިތުރަށް އަހަރެންނަށް އަނިޔާދޭން ، އުކަންހުރި އޮއްގާކޮޅު ހުސްވީ ހެއްޔެވެ ؟ އެންމެފަހުން މިތަނަށްވެސް އައީއެވެ. " ކޮޓަރިތެރެޔަށް ވަދެގެން އައި މެހެމަލްއާ ދިމާލަށް ދިލްނަޝީން ހަޅޭއްލަވައިގަތެވެ.
ޙަމްޒާއާ ވާހަކަ ދެއްކުމަށްޓަކައި ޙައިދަރު ހިނގައްޖެކަމުގައި މެހެމަލް ބުންޏެވެ. އެވާހަކަ ބުނަން ޙަމްޒާއަށް ގުޅިއިރު އެތަނަށް ޙައިދަރަށް ދެވިއްޖެއެވެ. ދެފިރިހެނުންގެ ދެމެދުގައި ޒުވާބު ހިނގީމަ ކިހާމަޖާދޯއެވެ ! އަންހެންވެރިން ނިންމާ ނިންމުންތައް އަބަދުވެސް އޮންނާނީ ޖަޒުބާތާ ގުޅިފައެވެ. އެހެންނޫނީ ކަންއޮތްގޮތް ނޭނގި ، އޮޅުމެއްގެ ތެރޭގައި އޮވެގެންނެވެ. މެހެމަލް މަލާމާތް ކޮށްގަތެވެ.
" ދެ ފިރިހެނެއްގެ ދެމެދުގައި އަންހެނަކާބެހޭގޮތުން ހިނގާ ޒުވާބެއް ކިހާ ހިސާބަކަށް ހިނގައިދާނެކަން މެހެމަލްއަށް ވަޒަން ކުރެވޭ ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.
މިފަހަރު އެކަމުގެ ނަތީޖާ ނުކުންނާނީ ، ދިލްނަޝީންގެ ގެ ، ބަރުބާދުވެގެންކަމުގައި މެހެމަލް ބުންޏެވެ. އެބަހަނާގައި ހަލާކުވެފައިވާ ދެހިތް ގުޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ އޭނާގެ ހިތްތޯ ނުވަތަ މެހެމަލްގެ ހިތްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އެއީ ދިލްނަޝީނާއި މެހެމަލްއާ ދެމީހުންގެ ގެއްލި ގޮސްފައިވާ ލޯތްބެވެ. ޙައިދަރާއި ދިލްނަޝީނާ ދެމީހުންގެ ދެމެދުގައިވާ ފަރަޤެވެ. އަދި ، މެހެމަލްއާއި ޙައިދަރާ ދެމެދުގައިވާ އެއްގޮތްކަމެވެ.
" ދިލްނަޝީންގެ ފަރާތުން ޙައިދަރު ބޭނުންވަނީ އޭނާގެ ޢުމުރާގުޅޭ ކަންކަމެވެ. ދިލްނަޝީންގެ ޢުމުރާގުޅޭ އުއްމީދުތައް ޙައިދަރުގެ ހިތުން ނެރުމަކީ ނާދިރު ކަމެކެވެ. ދިލްނަޝީދު އެދޭފަދަ އުއްމީދުތަކެއް ނެރެވޭނީ ، ދިލްނަޝީނާ އެއްފުރާގެ ، ޙަމްޒާގެ ހިތުންނެވެ. ރަނގަޅު އަނތްބަކަށް އަދި ރަނގަޅު ޅީދަރިޔަކަށް ވުމަށްޓަކައި ދިލްނަޝީން ކުރަމުންތިގެންދާ ބުރަ މަސައްކަތްދާނީ ތޮޅިޔަށެވެ. މަރުވަންދެން މަސައްކަތް ކުރިޔަސް ، އެކަމެއް ދިލްނަޝީނަކަށް ނުކުރެވޭނެއެވެ. ސަބަބަކީ ، ޙަމްޒާއާއެކީ ދިލްނަޝީން ބާއްވާފައިވާ ނާޖާއިޒު ގުޅުން ، ޙައިދަރުގެ ހިތުން ދުވަހަކުވެސް ފިލައިގެންނެއް ނުދާނެއެވެ. " މެހެމަލް އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
ފަހަރެއްގައި ޙައިދަރުގެ ހިތް އުފައްދަވާފައިވަނީ ، ދިލްނަޝީނާ ގުޅިފައިވާ ހަނދާންތައް ، ނުފިލައި އެހިތުގައި ހަރުލާފައި ހުންނާނެގޮތަށް ކަމަށް އޭނާއަށް ފެންނަކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީނަށް ގުޅުމެއް ހިންގިފައިވާކަމަށް އޭނާ އަމިއްލަޔަށް އިޢުތިރާފްވާކަން މެހެމަލް ހަނދާން ކޮށްދިނެވެ. އަދި ، އޭނާއާ ޙައިދަރާ ދެމެދު އޮތް ގުޅުމެއްގެ ވާހަކަ އަޑުއިވޭތީ މެހެމަލް އުފާކުރެއެވެ. ގުޅުމެއް އުފެދިއްޖެނަމަ ، އެގުޅުމަކަށް އިޙްތިރާމްކޮށް ، ކައިވެންޏަކާ ހަމަޔަށް އެގުޅުން ގެންދަންޖެހޭ ވާހަކަ މެހެމަލް ދައްކަމުން އެގެންދަނީ ސަބަބެއްނެތިއެއް ނޫންކަމަށް މެހެމަލް ބުނަމުން ގެންދިޔައެވެ. މެހެމަލް ކުރަމުން އެގެންދަނީ އެ ހަނގުރާމައެވެ. އޭނާގެ މަސައްކަތް ހުއްޓައިލާނީ އެކަން ކާމިޔާބުކޮށްފައި ކަމުގައި މެހެމަލް ބުންޏެވެ.
" އަހަރެން އެގުޅުމަށް އިޙްތިރާމްކޮށް އަހަރެންނާގުޅިފައިވާ ޙައިދަރާ ، އަހަރެން ކައިވެނި ކުރާނަމެވެ. އަހަރެންގެ ލޯތްބަށް ޝަރުޢީ ނަމެއް ހޯދާނަމެވެ. ދިލްނަޝީނާމެދު ، އަމިއްލަޔަށް ވިސްނާށެވެ. އެއީ އެހެންމީހަކު ކޮށްދީގެންވާނެ ކަހަލަކަމެއް ނޫނެވެ. " މެހެމަލް ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
މެހެމަލް ދިއުމާއެކީ ، ދިލްނަޝީން ލަސްނުކޮށް ޙަމްޒާއާ ގުޅިއެވެ.
" އަހަރެން ބުނީމެއްނޫން ހެއްޔެވެ ؟ މެހެމަލްގެ ހަތިޔާރަކަށް ނުވުމަށް އަހަރެން ، ޙަމްޒާގާތު ބުނީމެއްނޫން ހެއްޔެވެ ؟ އެކަމަކު އަހަރެންގެ ވާހަކައެއް ނޭހީމުއެވެ. އަހަރެންގެ ފިރިމީހާއާއި އޭނާގެ ޢައިލާއަށް އުނދަގުލެއް ފޯރާނެކަމެއް އަހަރެން ނުކުރާނެ ވާހަކަ ޙަމްޒާގާތު ބުނީމެއްނޫން ހެއްޔެވެ ؟ ޙަމްޒާގެ ލޯތްބަކީ އަހަރެންނަށް ފަރުވާލެއް އޮތް އެއްޗެއްނޫނެވެ. އެހުރިހާކަމެއް ސާފުކޮށްދީފައި އޮއްވައި ، އެ މާބޮނޑިތައް މިގެޔަށް ފޮނުވީ ކީއްވެ ހެއްޔެވެ ؟ އަހަރެންގެ ފިރިމީހާގެ ކުރިމަތީގައި އަހަރެންގެ އަގުވައްޓާލަން ޙަމްޒާ ތިމަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ ؟ " ޙަމްޒާއާ ދިމާލަށް ދިލްނަޝީން އެއްޗެތި ގޮވަމުން ގެންދިޔައެވެ.
އޭނާގެ ވާހަކަ އަޑުއެހުމަށް ދިލްނަޝީންގެ ކިބައިން ޙަމްޒާ އެދުނެވެ. އެހެނަސް ، ޙަމްޒާގެ އެއްވެސް ވާހަކައެއްގެ އަޑުއަހާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. މާޒީވެފައިވާ ވާހަކަތަކެއް ޙައިދަރަށް ކިޔައިދޭން ލަދެއް ނުގަނޭތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. އެމީހުންގެ މާޒީއާބެހޭ އެއްވެސް ވާހަކައެއް ޙައިދަރުގާތަކު ނުބުނެއެވެ. ޙައިދަރު ގާތު ޙަމްޒާ ބުނި ހަމައެކަނި ވާހަކަޔަކީ ، އެއީ އޭނާފޮނުވި މާބޮނޑިތަކެއްނޫން ކަމަށެވެ. ދިލްނަޝީން ދެރަވާނެކަމެއްކުރަން ޙަމްޒާ ބޭނުންނުވާކަމަށް ޙަމްޒާ ބުންޏެވެ.
" އަހަރެންނަކީ ، އެއްވެސް ގޮތެއް ފޮތެއްނެތް އަންހެނެއްކަން ޙަމްޒާ އެއޮތީ ޙައިދަރަށް ވިސްނައިދީފައެވެ. އަހަރެންނާ ދޭތެރޭ ޙައިދަރު ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ ؟ ޙައިދަރުގެ އަންހެނުންގެ ފަހަތުން އެތައް ޒުވާނުންނެއް ދުވަމުންދާކަންވެސް އެއޮތީ އަންގައިދީފައެވެ. އެއްމަލަށް ޖައްސައި އެމާ ދޫކޮށް އަނެއްމަލާދިމާއަށް މިސްރާބެއް ނުހިފައި ، މާމަލުން ފޮނިބޮމުންދާ ކޮކާލެއްގެ ބީދައިން ، ދުނިޔޭގައި އުޅޭ އަންހެނެއްކަން ސިފަކޮށްދީފައެވެ. އެތަނުން ކޮންމެވެސް އެއްފިރިހެނަކު ، އަހަރެންނަށް މާބޮނޑިތައް ފޮނުވާނީ އެހެންވެގެން ނޫންހެއްޔެވެ ؟ " ދިލްނަޝީން ، ޙަމްޒާއާ ދިމާލަށް އެއްޗެތި ގޮވަމުން ދިޔައެވެ.
އެންމެންވެގެން އޭނާގެ އަބުރަށް އަރައިގަނެ ، އޭނާގެ ޝަޚުޞަށް އެއްޗެތި ކިޔައި އޭނާ ރޮއްވަމުންގެންދާކަމުގައި ދިލްނަޝީން ބުންޏެވެ.
އެގެޔަށް ގެނެވިފައިހުރި ހުރިހާމާތަކެއް ނަގައި ނޯކަރުންލައްވާ އުކައިލުމަށްފަހު ، ޙައިދަރު ގެޔަށް އަންނަންދެން ، ދެކޮޅަށް ހިނގާލަ ހިނގާލާ ، ގޯތިތެރޭގައި ކުލްސޫމް ހުއްޓެވެ. މާގިނައިރެއްނުވެ ، ޙައިދަރު އައިސް ގެޔަށް ވަނެވެ. ޙައިދަރު އައީ އިސްދަށަށް ޖަހައިގެން ބިންމައްޗަށް ބަލަހައްޓައިގެން ހުރެއެވެ. މަންމަގެ ކުރިމައްޗަށް އައިސް ހުއްޓުނުއިރުވެސް އިސްއުފުލާލާކަށް ޙައިދަރަކަށް ނޭނގުނެވެ. އޭނާއަށް މިއަދު އެކުރެވުނީ ، މުޅި ޙަޔާތުގައިވެސް ކުރެވުނު އެންމެ ލަދުގަތް ކަންތަކެވެ. ތިމާއަށްވުރެ ޅަ ފިރިހެން ކުއްޖެއްގެ ގާތަށްގޮސް ، ތިމާގެ އަންހެނުންނާ އަޅައިގަނެގެން ނުއުޅޭށޭ ބުނަންޖެހުމަކީ ، ފިރިހެނަކަށް ލިބޭނެ އެންމެ ލަތުވެތި ޙާލަތެވެ. ޙަމްޒާމެންގެ އޮފީހުން ގެޔަށްއައި މަގުމަތީ ، އެކަމާ ވިސްނާވިސްނާ ޙައިދަރު އިނީ މޮޔަވާ ވަރުވެފައެވެ. ( ނުނިމޭ )