
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އަމީރު ހިޒް ހައިނަސް ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށާއި، ކުވައިތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ކުވައިތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، އިސްލާމީ ޢަޤީދާއާއި، އެއްބައިވަންތަ ކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ކުވައިތުގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ކުވައިތުގެ ކުރީގެ އަމީރު ހިޒް ހައިނަސް ޝައިޚް ޢަބްދުالله އަލް ސަލީމް އަލްސަބާޙް، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަކީ 1991 ވަނަ އަހަރު، ކުވައިތަށް އަލުން މިނިވަންކަން ލިބުނު ދުވަހެވެ.