![AndhalusgeBaazu](https://aafathis.mv/wp-content/uploads/2024/07/AndhalusgeBaazu-678x381.jpg)
(ނޯޓެއް: މި ވާހަކަ ވަނީ ސައިޓް އަޕްޑޭޓް ކުރުމުގެ މަސައްކަތެއް ކުރަމުން ދާތީ މި ދިޔަ ހަފުތާގައި ގެނެސްނުދެވިއެވެ. މިއަދު ހެނދުނު ފުރަތަމަ ޝާއިއުކުރީ މި ދިޔަ ހަފުތާގެ ބައެވެ. މިއީ މި ހަފުތާގެ ބައެވެ. މި ބައި ގުޅޭނީ މިއަދުގެ ހެނދުނު ޝާއިއުކުރި ބަޔާއެވެ.)
[ހުރިހައި ކަމަކަށް ކުޅަދުންވަންތަ އެންމެ މަތިވެރި ކަލާނކޯއެވެ. މިއަޅާގެ މުލައްދަނޑީގައި ބާރު ލައްވައިފާނދޭވެ. ޠާރިޤް ބިން ޒިޔާދުގެ ޢަޒުމުފުޅާއި މޫސާ ބިން ނުޞައިރްގެ ހިތްވަރުފުޅު މިއަޅާއަށް ދެއްވައިފާނދޭވެ. އެއް ފަރާތުން ފަރަންސޭސި ވިލާތުގެ ކޯރުތަކުން، އަނެއް ފަރާތުން ޗައިނާގެ ކޯރުތަކުން ފެން ބޮއި އުޅުނު އިސްލާމީ މުޖާހިދުންނަށް ދެއްވިފަދަ ކާމިޔާބީއެއް މިއަޅާގެ ގައުމުގެ މީހުންނަށްވެސް ދެއްވައިފާނދޭވެ. އަޅަމެންގެ ތެރޭގައިވާ ދެބައިވުންތައް އެއްބައިވަންތަކަމަށް ބަދަލުކޮށް ދެއްވައިފާނދޭވެ. މި ސަހަރާގެ ވެލިން ވަރުގަދަ ފަރުބަދައެއް އުފެއްދެވުމަކީ އިބަކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަމެކެވެ. އަޅަމެންގެ ވެރި ރަސްކަލާނކޯއެވެ. ކުޑަކުޑަ ފަތަޙައަކާ ގުޅިގެން އުފާކުރަމުން އެ ގެންދާ އަޅުތަކުންގެ އުއްމީދުތައް ގެއްލެނިނުކުރައްވާނދޭވެ. މި އަޅާއަކީ ނުކުޅެދުންތެރި ނިކަމެތި އަޅަކީމެވެ. އެހެންނަމަވެސް އިބަރަސްކަލާނގެ މި މަސައްކަތަށްޓަކައި ޚިޔާރު ކުރެއްވީ މިއަޅާ ކަމުގައި ވަނީނަމަ މި އަޅާއަށް ހިތްވަރާއި އަޒުމާއި ކެރުންތެރިކަން ދެއްވާނދޭވެ. ގެއްލިފައިވާ މިނިވަންކަން އަނބުރައި ގެނައުމަކީ މިއަޅާގެ ތަގުދީރުގައި ނެތް ކަމަކަށް ވަނީނަމަ އެކަމުގެ ތައުފީގު އަބޫ ޢަބްދުﷲއަށް ދެއްވައިފާނދޭވެ. އެހެން ނޫންނަމަ ގްރަނާދާގެ ވެރިކަމަށް އެކަށީގެންވާ މީހަކު ޚިޔާރުކުޅައުމުގެ ތައުފީގު މިއަޅާއަށް ދެއްވައިފާނދޭވެ.]
އަބުލްޙަސަން މި ދުޢާފުޅު ކުރައްވަމުން ގެންދެވިއިރު އަބޫ ޢަބްދުﷲ އިންނެވީ އޭނާގެ އައު މުރުޝިދާއެކު ގަނޑުވަރުގެ ކޮޓަރިކޮޅެއްގައެވެ. ހައެއްކަ ދުވަހުގެ ތެރޭގައި މުދައްރިސާއި ދަރިވަރު ވަނީ އާދަޔާ ޚިލާފަށް ގާތްވެފައެވެ. އަބޫ ޢަބްދުﷲ އޭނާގެ އާވާރާ މިޒާޖު ދޫކޮށްލައްވައި ހަމަ މަގަށް އެޅުއްވޭފަދަ މުދައްރިސަކާ ހަވާލު ކުރެއްވުނީތީ ބޮޑުބޭބޭފުޅު އައްޒަޣަލް ހުންނެވީ ވަރަށް އުފާފުޅުންނެވެ. އެ ދެމީހުން ކުޑަ ހިނދުކޮޅަކަށްވެސް ވަކިކުރައްވާކަށް އައްޒަޣަލް ބޭނުންފުޅެއް ނުވެއެވެ. އަބޫ ދާވޫދަކީ ޠަބީޢީގޮތުން ވަރަށް ފަރުވާތެރިވެގެން އުޅޭ މީހެކެވެ. އޭނާގެ ދަރިވަރުގެ ނާރުތަކުގައި ހިނގަނީ އަރަބި ލޭކަން އޭނާއަށް އެނގެއެވެ. އެހެންވީމާ އޭނާގެ މަގުސަދުގެ ވާހަކަ ދެއްކުމަކީ އަދި މުނާސިބު ކަމެއް ނޫންކަންވެސް އެނގެއެވެ. އޭނާ ގެންދިޔައީ އަބޫ ޢަބްދުﷲގެ ޚިޔާލުފުޅުތައް ދެނެގަތުމާއި މިޒާޖުފުޅު ދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި ވަގުތު އައިސް ޖެހުނީމާ ގްރަނާދާގެ ވަލީޢަހްދަކީ އޭނާ ބޭނުން ގޮތަކަށް ޖަހައިލެވޭ ބުމަރަކަށް ހެދިދާނެއެވެ.
އަބޫ ޢަބްދުﷲ އާ އެކަހެރިކޮށް ފުރަތަމަ ބައްދަލުވީ ދުވަހު އޭނާ ފުރަތަމަ ތީރު ދޫކޮށްލިއެވެ. އަބޫ ޢަބްދުﷲގެ އަތްތިލަފުޅުގައި ހުރި ނާރުފުޅުތަކަށް ބަލައިލާފައި ބުންޏެވެ. [މަނިކުފާނު ދުނިޔެއަށް ވަޑައިގެންފައި ވަނީ ގްރާނާދާގެ ވެރިކަން ކުރައްވާކަށް ނޫނެވެ.]
އޭނާއަށް އަބޫ ޢަބްދުﷲގެ މޫނުފުޅުމަތީން ފެނުނީ ކަންބޮޑުވެވަޑައިގަތުމުގެ އަސަރެވެ. އަބޫ ދާވޫދް ހިނިތުންވެލައިފައި ބުންޏެވެ. [މި ނާރުތަކުން އިޝާރާތްކުރަނީ ސިކަންދަރުގެ މަންޒިލަށެވެ. ޢަބްދުއްރަޙްމާން އައުޒަމްގެ މަތިވެރިކަމަށެވެ. އަޅުގަނޑުގެ ޢިލްމު ކުށް ކަމުގައި ނުވަނީނަމަ މަނިކުފާނުގެ ދިދަކޮޅު ޖަބަލުއްޠާރިޤްގައި ވިހުރުވޭނެއެވެ. މޮރޮކޯއާއި ފްރާންސްގެ ވެރިން ތިއްބަވާނީ މަނިކުފާނުގެ ވެރިކަމުގެ ދަށުގައެވެ.]
އަބޫ ޢަބްދުﷲ އަތްތިލަފުޅަށް ބައްލަވަން އިންނަވައިފައި ވިދާޅުވިއެވެ. [އެކަމަކު އަހަރެންގެ ބޮޑުބޭބެ ދެކެނީ އަހަރެން މިއީ އެއްވެސް ކަމަކަށް ކަމުނުދާވަރުގެ ސޮހޮލެއް ކަމުގައެވެ.]
[ދަންނަވަންތޯއެވެ؟ މޭވާ ފައްކާވާށާއި މާތައް ފޮޅޭން ކަނޑައެޅިފައިވާ ވަކި ވަގުތެއް އޮވެއެވެ. މަނިކުފާނުގެ މަތިވެރިކަން ފެނުމުގެ ވަގުތު ޖެހެންދެން ގާތްތިމާގެ ބޭފުޅުންނާއި އެކުވެރިން އެކަހަލަ ވާހަކަ ދައްކަވާނެއެވެ. އެއީ ފަހަރެއްގައިވެސް ނުބައި ނިޔަތެއްގައި ދައްކަވާ ވާހަކަފުޅެއް ނޫނެވެ. ހެޔޮ އެދިވަޑައިގަންނަވާތީ ދައްކަވާ ވާހަކަފުޅެވެ. ވަގުތު ޖެހެންދެން އިންތިޒާރު ކުރައްވާށެވެ.]
އެ ދުވަހުން ފެށިގެން އަބޫ ޢަބްދުﷲ ހީފުޅު ކުރައްވަނީ ތިމަން މިއީ ސިކަންދަރު ކަމުގައެވެ. އަދި އޭނާގެ މުރުޝިދު، އަބޫ ދާވޫދަކީ އަރަޞްޠޫ ކަމުގައެވެ. އެހެންވީމާ މިހާރު އިންތިޒާރު ކުރައްވަނީ ހެޔޮ ވަގުތަކަށެވެ. ހައެއްކަ ބައްދަލުވުމަށް ފަހު އަބޫ ޢަބްދުﷲ އެ އިންތިޒާރު ކުރައްވާ ވަގުތަކީ ކޮބައިކަން އަބޫ ދާވޫދަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެކަމަކު މުރުޝިދުގެ މަގުސަދަކީ ކޮބައިކަމެއް ދަރިވަރަކަށް އެއްގޮތަކަށްވެސް އެނގިވަޑައެއް ނުގަނެއެވެ. އަބޫ ޢަބްދުﷲގެ އެންގެވުމަށް މިއަދު އަބޫ ދާވޫދް އޭނާގެ ގެއިން ނުކުމެގެން އައި ވަގުތު އަބޫ ޢަބްދުﷲ ފެނުމާއެކު އޭނާގެ ކަންބޮޑުވެވަޑައިގަތުމަކީ ކޮބައިކަން ފިސާރި ރަނގަޅަށް އެނގިއްޖެއެވެ.
(2)
މުދައްރިސަށް އިހުތިރާމު ކުރެއްވުމުގެ ގޮތުން އަބޫ ޢަބްދުﷲ ތެދުވެވަޑައިގެންފިއެވެ. އަދި ކޮޓަރިކޮޅުގެ ދޮރުކޮޅު ލައްޕައިލުމަށް އަރިހުބޭކަލަކަށް އަންގަވައިފިއެވެ. ދެ ބޭފުޅުން އިށީނދެވަޑައިގަތީ މަޚުމަލުގެ ގޮދަޑިޖެހި ހައިވަކަރު ގޮނޑިކޮޅުގައެވެ.
އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑު ހީކުރީ މަނިކުފާނު އުޅުއްވާނީ ބާޒާރުމަތީގައި އުފާފާޅުކޮށް އެ އުޅޭ މީހުންގެ ތެރޭގައި ކަމަށެވެ. ގްރަނާދާގެ ވަލީޢަހްދު ކަންބޮޑުވެވަޑައިގެން ތިޔަ އުޅުއްވާ ކަމަކީ ކޮބައިތޯއެވެ؟]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [މޫސާއާއި އައްޒައިޣަރީއާއި ބަދްރު ބިން މުޣީރާގެ ކާމިޔާބީ ފާހަގަކުރަން އަޅުގަނޑުވެސް އުޅެން އަބޫ ދާވޫދް ބޭނުންވަނީ ހެއްޔެވެ؟ އެކަމަށްޓަކައި އަހަރެންގެ އެއްބަފާ ކުދިންތައް އެ އުޅެނީއެއް ނޫން ހެއްޔެވެ؟ ނޯކަރުންހެން އަސްތަކުގެ ލަގަނުގައި ހިފައިގެން ހިނގައި އުޅޭތަން ނުދެކެން ހެއްޔެވެ؟ އެމީހުން އެހެން އެ އުޅެނީ އަހަރެން މިއީ އެފަދައިން ވައި އަޅުވަމުން ދުވާ މީހަކު ނޫންކަން އެމީހުންނަށް އެނގޭތީއެވެ. އަދި އަހަރެން މިއީ ތާކުންތާކު ނުޖެހޭ މީހަކުކަން ބައްޕާފުޅަށް ދައްކަން ވެގެންނެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނުގެ އެއްބައްޕާފުޅު ބޭފުޅުންނާ ބެހޭ އެއްވެސް ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. އެކަމަކު އައެްޒަޣަލަކީ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކުކަން ދެނަހުރީމެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް މަނިކުފާނު ތަދުބީރު ކުރައްވާން ވާނީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. މަނިކުފާނަކީ ގްރަނާދާގެ ވަލީޢަހްދެވެ. ވަލީޢަހްދުންނަށް ވާޖިބު ވެގެންވަނީ ތަޚުތަށް އަރައިވަޑައިގަތުމާ ހަމައަށް އެންމެ ބޮޑެތި ދުޝްމިނުންވެސް އެކުވެރިން ކަމުގައި ބައްލަވައިގެން އުޅުއްވާށެވެ. ކަނޑީގެ ބޭނުންފުޅު ކުރައްވައިގެން ދުޝްމިނުން ބަލިކުރެއްވުމުގެ ބާރަކީ ރަސްގެފާނަށް އޮންނަ ބާރެކެވެ. އެ ބާރެއް ވަލީޢަހްދަކަށް ނޯވެއެވެ. މާދަމާ ރަސްކަލަކަށް ވެވަޑައިގަންނަވާނީ މަނިކުފާނެވެ. އެ ބާރު ލިބިވަޑައިގެންނެވީމާ ދުޝްމިނުންގެ ކަނަދުރާއާއި މަނިކުފާނުގެ ކަނޑިކޮޅާއެވެ. އެ ވަގުތު އަންނާންދެން އެ ކަނދުރާތަކުގައި މަލުގެ ހާރު އަޅުއްވަމުން ގެންދަވާށެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [އަހަރެންގެ ބޮޑުބޭބެޔާމެދު ތިޔަ ގެންގުޅެނީ ހާދަހާ ހިތްހެޔޮ ވިސްނުމެކެވެ. އޭނާވެސް އެ އުޅުއްވަނީ ވެރިކަން ހޯއްދަވަންކަން އަދި ނޭނގެނީތާއެވެ. އޭނާ އެ އުޅުއްވަނީ ބައްޕަވެސް ކުޅޭކުޅޭ އެއްޗަކަށް ހައްދަވައިގެންނެވެ. އަހަންނަކީ އެ ގޮތަށް ކުޅެވޭނޭ މީހަކު ނޫންކަން އޭނާ ދެނެވަޑައިގަނެއެވެ. އެހެންވީމާ ބޮޑުބޭބެ މަސައްކަތް ކުރައްވާނީ އަހަރެންގެ އެއްބަފައި އެހެން މީހަކު ވެރިކަމަށް ގެންނަވާށެވެ. އޭނާއަށް ވެރިކަން ކުރެއްވޭން އޮތް ގޮތަކީ އެއީއެވެ.]
[މާތް ﷲ ރަސްގެފާނުގެ އުމުރުފުޅު ދިގުކުރައްވާށިއެވެ. އަޅުގަނޑުގެ ހިތް ބުނާ ގޮތުގައި އެމަނިކުފާނު ދިރިދުނިޔޭގައި ހުންނަވައި މަނިކުފާނަކީ ގާބިލު ބޭފުޅަކު ކަމަށް ގަބޫލުފުޅު ކުރައްވައި ތަޚުތަށް އިސްކުރައްވާނެއެވެ.]
އަބޫ ޢަބްދުﷲ މާނޭވާފުޅެއް ލެއްވިއެވެ. [ބައްޕާފުޅު ކޮންމެ ކަމެއްވެސް ނިންމަވާނީ ބޮޑުބޭބެޔާ މަޝްވަރާ ކުރައްވައިފައެވެ. ބޮޑުބޭބެ އަހަރެންގެ ކޮޅަށް ބުރަވާނޭ ކަމަކަށް ނުފެނެއެވެ.]
އަބޫ ދާވޫދް ކުޑައިރުކޮޅަކު އިސްދަށަށް ޖަހައިލައިގެން އިނދެ ވިސްނައިލުމަށް ފަހު ބުންޏެވެ. [އަޅުގަނޑު މަނިކުފާނުގެ އަތްޕުޅު ބެލީމެއް ނޫންތޯއެވެ؟ އެ ވަގުތު އެއް ވާހަކައެއް އަޅުގަނޑު ނުދަންނަވަމެވެ. އެއީ ގަތް ބިރެއްގެ ސަބަބުންނެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [ބިރު ނުގަނެ ބުނާށެވެ.]
އަބޫ ދާވޫދް ދެ ފަރާތް ބަލައިލުމަށް ފަހު ބުންޏެވެ. [އެއްވެސް މީހަކަށް މި ވާހަކަ އިވިއްޖެއްޔާ މަނިކުފާނުގެ އިތުރަށް އަޅުގަނޑަށްވެސް ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޅުގަނޑު ބިރުގަތީ އެހެންވެގެންނެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [ކަންބޮޑުނުވާށެވެ. އެއްވެސް މީހަކަށް އަޑެއް ނީވޭނެއެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑަށް ލިބިފައިވާ ޢިލްމުވެރިކަން ބުނަނީ ބައްޕާފުޅު ދުނިޔޭގައި ހުންނަވަނިކޮށް މަނިކުފާނު ތަޚުތަށް އަރައިވަޑައިގަންނަވާނޭ ކަމުގައެވެ. އެއީވެސް ބައްޕާފުޅުގެ ރުހުންފުޅަކާ ނުލައެވެ. ގުދުރަތުން އެ ފުރުސަތު މަނިކުފާނަށް ދެއްވާނެއެވެ. އެއީ ވަރަށް ހިތި ނިންމެވުމަކަށް ވާނެއެވެ. އެކަމަކު އެ ނިންމެވުން ނިންމަވަން ވާނެއެވެ. އަންދަލުސްގެ ކާމިޔާބީ ލިޔުއްވިފައި ވަނީ އަބުލްޙަސަންގެ އަތްޕުޅަކު ނޫނެވެ. މަނިކުފާނުގެ އަތްޕުޅުގައެވެ.]
އަބޫ ޢަބްދުﷲގެ ހިތްޕުޅުގައި ހިނގައިގަތީ އުފާވެރިކަމާއި ހާސްވެވަޑައިގަތުމާއި ކަންބޮޑުވެވަޑައިގަތުމުގެ އަސަރުތައް އެކުއެކީގައެވެ. [އެ ދަނޑިވަޅު އަންނާނީ ކޮން އިރަކު ހެއްޔެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [އަވަރަށް އަވަހަށް އަންނާނެއެވެ. އެކަމަކު އަޅުގަނޑުގެ ނަސޭހަތް ހަނދުމަފުޅު ނައްތަވައިލައްވައިގެން ނުވާނެއެވެ. އައްޒަޣަލް މިތާގައި ބަހައްޓަވައިފައި ބައްޕާފުޅު ވަޑައިގަތީ ކީއްވެގެންކަން އެނގިވަޑައިގެނޭތޯއެވެ؟ ބައްޕާފުޅަށް ޝައްކު ކުރެއްވޭ ކަހަލަ އެއްވެސް ކަމެއް ނުކުރައްވާށެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [އަހަންނަށް އެނގެއެވެ. އެއީ އަހަންނަށް ބައްޕާފުޅު އިތުބާރު ނުކުރައްވާތީއެވެ.]
[އެހެންވީމާ ބައްޕާފުޅުގެ އިތުބާރު ހޯއްދެވުމަކީ މަނިކުފާނު ކޮންމެހެންވެސް ކުރައްވާން ޖެހޭނޭ ކަމެކެވެ. ތާޖާއި ތަޚުތަށްޓަކައި ވަރަށް ގިނަ ކަންތައް ކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. ބައްޕާފުޅަށާއި ބޮޑުބޭބޭފުޅަށް އެއްވެސް ކަހަލަ ޝައްކެއް ވެވަޑައިގެންފިނަމަ މަނިކުފާނަށް ލަފާފުޅު އަރުވާން ހުރުމަކީ އަޅުގަނޑަށް ކުރެވޭނޭ ކަމަކަށް ނުވާނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [އަހަރެން ތިޔަ ނަސޭހަތަށް އަމަލުކުރާނަމެވެ.]
[އަޅުގަނޑުގެ ފުރަތަމަ ނަސޭހަތް އަޑު އައްސަވާށެވެ. ހަމަ މިހާރު ބައްޕާފުޅުގެ އަރިހަށް ވަޑައިގަންނަވާށެވެ. އަވަހާރަފުޅު ނުލައްޕަވާނަމަ ބައްޕާފުޅަށް ފަތަހައިގެ ތަހުނިޔާ ވިދާޅުވާށެވެ. އަދި ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެންނެވުނީތީ ހިތާމަފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވާށެވެ. އެޔަށްފަހު، މާދަމާ ހެނދުނު އެންމެ ފުރަތަމަ ކުރައްވާ ކަމަކަށް ލަޝްކަރުގެ އިސް ކޮމާންޑަރުންނާ ބައްދަލު ކުރެއްވުން ކަމުގައި ހައްދަވާށެވެ. އެ ކޮމާންޑަރުންނަށް އިނާމު ދެއްވުމަކީވެސް ވަރަށް ރަނގަޅު ކަމަކަށް ވާނެއެވެ. މިހެން ހެއްދެވީމާ ރަސްގެފާނު ވަރަށް އުފާފުޅު ކުރައްވާނެއެވެ. ފަހުން އެ ކޮމާންޑަރުންގެ ބޭނުން މަނިކުފާނަށް ހިއްޕެވޭނެއެވެ.]
[އަހަރެން ހަމަ މިހާރު ދަނީއެވެ.]
ވިދިގެން އައި ދުވަހު އަބުލްޙަސަން އައްޒަޣަލަށް ވިދާޅުވިއެވެ. [އަބޫ ޢަބްދުﷲ ތަރުބިއްޔަތުކުރަން ކޮއްކޮ ހަވާލުކުރި މީހާޔާ އަހަރެން ބައްދަލުކޮށްލާން ބޭނުމެވެ. އެއީ ގާބިލު މީހަކުތޯ ބަލައިލާން ޖެހޭނެއެވެ. އަހަންނަށް ފާހަގަ ކުރެވުނު ގޮތުގައި އަބޫ ޢަބްދުﷲގެ ވިސްނުމާއި ފިކުރަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އަހަރެން އޭނާ ހަނގުރާމައިގައި ބައިވެރި ނުކުރީތީ ނުރުހިގެން އެ ވާހަކަ ދައްކައިފިއެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [އެކަހަލަ މުރުިޝިދަކު ލިބުނީތީ ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ.]
މި ކަންތައް ހިނގައިދިޔަތާ ތިންވަނައަށް ވީ ދުވަހު ބަދްރު ބިން މުޣީރާއަށް ޚަބަރު ލިބިވަޑައިގަތީ ކްރިސްޓިއަނުން އަނެއްކާވެސް ސަރަހައްދީ އިމުގައި އިސްލާމުންނަށް ގޯނާކުރަން ފަށައިފިކަމުގެ ޚަބަރެވެ. އެހެންވީމާ އަވަހަށް ލަޝްކަރު ތައްޔާރު ކުރުމުގެ އަމުރު ނެރުއްވައިފިއެވެ.
ނުކުމެވަޑައިގަތުމުގެ ކުރިން އަބުލްޙަސަންގެ ފައިންޕުޅު ދެކެވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ފުރިހަމަ ތައްޔާރީގައި ގޮސް އެންމެ ފުރަތަމަ ޞަޚްރާއަށް ހަމަލަދިނީ ރައްޔިތުން ޣަފުލަތުގެ ނިދީން ހޭލެއްވުމުގެ މަގުސަދުގައެވެ. މި ފަތަހައިގެ ފައިދާއަކީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބޮޑު ހަނގުރާމައަކަށް ލަޝްކަރު ތައްޔާރުކުރާނޭ ފުރުސަތު ލިބުމެވެ. އެހައިތަނާ ޖެހޭންދެން މަނިކުފާނު މި ސަރަހައްދު ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާށެވެ. ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ އަޅުގަނޑު މަނިކުފާނަކަށް ނުދަންނަވާނަމެވެ. މަނިކުފާނު މިހާރު ތިޔަ ގެންދަވާ ގޮތަށް އިރުއިރުކޮޅާ ސަރަހައްދީ އިމުގެ މަތީގައި ހަމަލާތައް ދެއްވަމުން ގެންދަވާނަމަ ތައްޔާރުވުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ލިބޭނެއެވެ. އަދި ފެރްނާންދޯގެ ސަމާލުކަމަށް އަޅުގަނޑުމެންގެ ތައްޔާރީތައް އަންނާނެ ގޮތެއްވެސް ނުވާނެއެވެ.]
އަބުލްޙަސަންގެ ފައިންޕުޅު ދެކެވަޑައިގެންފައި އަލްޙަމްރާ ގަނޑުވަރުން ނުކުމެވަޑައިގަތްތަނާ ކުޑަ އަންހެން ކުއްޖަކު އައިސް ބަދްރުގެ އަތްޕުޅަށް ކުޑަ ކަރުދާސްކޮޅެއް އަރުވައިފިއެވެ. ބަދްރު އެ ކަރުދާސްކޮޅަށް ބައްލަވައިލެއްވި އިރު ލިޔެފައި އޮތެވެ.
[މަނިކުފާނަށް ފަތަހައިގެ ތަހުނިޔާ ދަންނަވަމެވެ. ރަބީޢާ.]
(ނުނިމޭ)