ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުން ނިމިއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ނިމިއްޖެއެވެ.

ދިވެހިރާއްޖެއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި 34 ޤައުމެއް ހިމެނެއެވެ. ޞިއްހަތާ ގުޅުންހުރި ބައިނަލް އަޤްވާމީ މުހިއްމު ނިންމުންތަކެއް ނިންމެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ވަފުދުންވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅާފައެވެ. އަދި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީނުގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދައުރާގުޅޭ ގުޅޭގޮތުންވެސް މަޝްވަރާތައްކުރެވުނެވެ. މިކަމާ ގުޅޭ ގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްތީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ދިވެހިރާއްޖެއިންވަނީ ވޯޓުލައިފައެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނެވެ. އަދި ޙާއްސަކޮށް ތައިލެންޑާއި ޤަތަރާއެކު ސޮއިކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމާއި، ޕޯސްޓު ގްރެޖުއޭޓު ސީޓު ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ. އަދި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފާހަގަކުރިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.