ސަރުކާރުން ޓެކްސީގެ ހިދުމަތްދޭތީ ޝާހިދު ކޯފާވެއްޖެ

ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން ނިންމުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޯފާވެއްޖެއެވެ.

މާލޭގައި އާންމު ރައްޔިތުންނަށް ޓެކްސީ ހޯދުމަށް އުފުލަންޖެހޭ ތަކުލީފަށް ސަރުކާރުން ނިމުން ގެނެސްދިނުމަށް ނިންމާ، އެ ހިދުމަތް ދިނުމަށް މިހާރުވަނީ އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށެވެ. އަދި އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށެވެ.

މީގެއިތުރުން ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށް ވެސް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.