ޣައްޒާ ހިފުމަށް ޓްރަމްޕް ދެކޭ ހުވަފެން

އެމެރިކާގެ 45 އަދި 47 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ، އެމެރިކާގެ ތާރީޚު ކަޅުކޮށްލި ރައީސެއްކަމަށް ދުނިޔެ ހެކި ދެއެވެ. ހުސްވި ޖެނުއަރީ މަހުގެ 20 ވަނަދުވަހު ، ރަޢިސްކަމުގެ ހުވާކުރުމަށްފަހު ، ފުރަތަމަ ދެއްކި ވާހަކަތަކާގުޅިގެންވެސް އެއީ މޮޔައެއްނޫންބާއޭ ހީވާވަރަށް ، އެމެރިކާގެ ސިޔާސީ މަޝްރަޙުގައި ބަހުސް ކުރެވެމުން ދިޔައެވެ.

ޓްރަމްޕަށް އެދުވަހު ދެއްކުނު އެއްވާހަކަޔަކީ ، ޣައްޒާގެ އުސްބިންތަކަކީ ، " އަޖައިބެއްފަދަ ތަނެއް " ގެ ގޮތުގައި ސިފަކުރެވި ހޭލާހުއްޓާ ފެނުނު ހުވަފެނެއްފަދައިން ، " ވަރަށް ހިތްގައިމު ކަންތައްތަކެއް އެތަނުގައި ކުރެވިދާނެ " ކަމަށް ބުނި ބުނުމެވެ.  ޓްރަމްޕް ބުނިގޮތުގައި ، އެމެރިކާއިން ދިގުމުއްތަކަށް ޣައްޒާގެ މިލްކުވެރިކަން ހޯދާނެއެވެ. އަދި ފަލަސްތީނުމީހުން އެތަނުން ފައިބަން ލޯބިކުރާނެއެވެ. މެދުއިރުމަތީގެ ، ރީތި ބަގީޗާއެއްފަދަ ސުވަރުގެޔަކަށް އެތަން ހަދާނެއެވެ. އެއަށްފަހު ، ޖެނުއަރީ 26 ވަނަދުވަހު ، ރިޕޯޓަރުންނާ ކުރިމަތިލައި ބުނެވުނީ ، " ޣައްޒާގެ ބިން ހުސްކޮށް ސާފުކޮށްލުމަށްޓަކައި " ފަލަސްތީނުގެ ރައްޔިތުން މިޞްރަށާއި އުރުދުންއަށް ބަދަލުކުރަންޖެހޭ ވާހަކައެވެ.

ނިދާފައި އޮންނަމީހަކަށް ، ދެބަދޭތެރޭގައި ދެއްކޭކަހަލަ ވާހަކައެއްގެ ބީދައިން ، ޓްރަމްޕަށް އެގޮވުނު ހާސަރަކީ ، ނައިފަރު ދޮހޮއްކޮގެ ލަވައެއްގައި ކިޔާފަދައިން ، " ނަނާ ހުވަފެންދުށީމޭ " އަދި " ނޭނގުނޭ ތިޔަވިދާޅުވިބަހުގެ މާނައެއް " ފަދަ ޚިޔާލީ ފޮލާއަކަށް ވެއްޖެއެވެ. ނިރުބަވެރި އިޒްރޭލުން އެމެރިކާ އެހީވެދީގެން ، ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށްލައި އެތައްހާސް ބަޔަކު ޝަހީދުކޮށް ، މުޅި ޣައްޒާ އެކޮޅުކޮޅުން ޖަހައި ، މަތިން ބޮންއަޅައި ބިމުން ޙަމަލާދީ ޣައްޒާ ބިމާހަމަކޮށްލުމަށްފަހު ، އެމެރިކާއިން މިހާރު އެދައްކަނީ ، ގެދޮރުގެއްލި ބިކަޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ، ޣައްޒާގެ ބިމުން ފައްސާލާ ވާހަކައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ، ނަސްލެއް ނައްތައިލުމަށް ކޮށްލެވުނުވަރު އަދިވެސް ކުޑައީއެވެ. ފަލަސްތީނުގެ ބިމުން ، އެތަނުގެ އަހުލުވެރިން ނެރެ ބޭރުކޮށް އެހެންތާކަށް ގެންދެވޭނީ ވަގުތީގޮތުންކަމެއް ނުވަތަ ދާއިމީކޮށް ކަމެއް ބުނެދޭކަށް ޓްރަމްޕަކަށް ނޭނގުނެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގެނީބާވައެވެ. އެމެރިކާގެ ރައްޔިތުންކުރެ ، ޓްރަމްޕަށް ވޯޓުދިންމީހުންވެސް އެތިބީ ލަދުންގޮސް މަރުވާ ވަރުވެފައެވެ. އޭގެތެރެއިން ، ބައެއްމީހުންގެ ބަހުރުވައިންނަމަ ، މޮޔައެއްގެ އަތަށް ކަނޑިދިނީމަ ވާނެ ހައެތި އެއޮތީ ވެފައެވެ.

ޓްރަމްޕްގެ އެ ނިންމުމަށް ، ސުޢޫދީ ޢަރަބިއްޔާއިންވަނީ ދެކޮޅު ހަދާފައެވެ. އދ އިންވަނީ އެއީ ޤާނޫނާޚިލާފްކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އަހުލުވެރިންވަނީ ، ޓްރަމްޕްގެ ޣައްޒާ ހިފުމުގެ ވާހަކަޔަކީ ހެއްވާ މަޖާ ވަހަކަޔަކަށް ހަދައި ހީފައެވެ.

އޭގެފަހުން ، ފެބްރުއަރީމަހުގެ 4 ވަނަދުވަހު ، ނިރުބަވެރި އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫއާ ދެމީހުން " ހުދުގެ" ތެރޭގައި ނޫސްވެރިންނާ ބައްދަލުކޮށް ، ކުރިޔަށްވުރެ ބޮޑު މޮޔައެއް ގޮވައިފިއެވެ. " އެމެރިކާއިން ޣައްޒާ ހިފައި އެތަން އަމިއްލަ ކުރާނެ " ކަން އިޢުލާން ކުރީއެވެ. ފަލަސްތީނުގެ ރައްޔިތުން އެހެން ޤައުމަކަށް ދާންވީއެވެ. ނަސްލެއް އެއްކޮށް ނައްތައިލެވޭނީ އޭރުންނެވެ. އޭރުން ، މުޅި ފަލަސްތީނުގެ ބިން އެއްކޮށް ، ނިރުބަވެރި ޔަހޫދީންނަށް ހިތަކަށް ލިބުނީއެވެ. މިއީ އަޅެފަހެ ، ހޭބުއްދި ސަލާމަތުންހުރި އިންސާނަކު ދައްކާކަހަލަ ވާހަކައެއް ހެއްޔެވެ ؟

ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ، ފެބްރުއަރީ 4 ގައި ނޫސްވެރިންގާތު ބުނެފައިވަނީ ، ޣައްޒާއަށް އެމެރިކާ ސިފައިން ފޮނުވުމާމެދު ޓްރަމްޕް އަދި ގޮތެއް ނުނިންމާ ކަމުގައެވެ. އަދި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ތާކަށް ވަގުތީގޮތުން ބަދަލުކުރުމާމެދުވެސް " މުޅިން " ގޮތެއް އަދި ނުނިންމާކަމެކެވެ.

ފަލަސްތީނުގެ ރައްޔިތުން ، ފަލަސްތީނުގެ ބިމުން ބޭލުމަކީ ، ފަލަސްތީނާ އިންވެގެން އޮންނަ މިޞްރާއި އުރުދުން އިން އަދި ސުޢޫދީ ޢަރަބިއްޔާއާއި ، ޢަރަބިދުނިޔޭގެ އެހެންޤައުމުތަކާ އަދި ދުނިޔޭގެ ބައެއް ޤައުމުތަކުން ، ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ. ޣައްޒާއިން މީހުންބާލައި ހުސްކުރުމުގައި ޓްރަމްޕްގެ ޙަޤީޤީ ބޭނުމާއި މަޤްޞަދު އޮތީ ، ޅެމުގެ މާނަ ޅެންވެރިޔާގެ ބަނޑުގައި އޮންނަގޮތަށް ، ނޭނގުމެއްގެ ތެރޭގައެވެ. ހަކުރު އަޑުބާގައިވެސް ދެކޮޅު އޮވެއެވެ. ޓްރަމްޕްގެ މިވާހަކައިގާ ފެށުމުގައިވެސް އަދި ނިމުމުގައިވެސް ކޮޅެއް މެދެއް ނެތެވެ. ޓްރަމްޕްގެ ހިތުގައި އޮތްއެއްޗެއް ދެނެވޮޑިގެންވާނީ ﷲ އެވެ.

ޙަމާސް އިން ބުނެފައިވަނީ ، ޓްރަމްޕްގެ ނިންމުމަކީ ، ޢުދުވާނީ ތޫފާނެއްގެ ފެށުންކަމަށާއި ، ޣައްޒާގެ އަހުލުވެރިން އެބިމުން ނުފައިބާނެކަމުގައެވެ. އަދި ، ޓްރަމްޕް އެއަޅަނީ އަނދައަނދާހުރި އަލިފާންގަނޑަކަށް ތެލެވެ. ޣައްޒާއަކީ ، ގަނެވިއްކާ މީހެއްގެ ބިމެއް ނޫންކަމުގައެވެ. ސުޢޫދީ ޢަރަބިއްޔާއިން ބުނެފައިވަނީ ، ފަލަސްތީނުގެ މިނިވަން ދައުލަތަކާނުލައި ، އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެކަމުގައެވެ.

ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަންއިން ބުނެފައިވަނީ ، ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ބިމުން ނެރުމަށް ކުރެވޭ ކޮންމެ ކަމަކަށް ދެކޮޅުހަދާ ކަމުގައެވެ. ހަމައެއާއެކީ ، ޣައްޒާއިން ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ހިންގި ޢުދުވާނީ އަނިޔާވެސް ޕީއެލްއޯ އިން ކުށްވެރި ކުރިއެވެ. ނިރުބަވެރި ޔަހޫދީ ދައުލަތުން 15 މަސްވަންދެން ޣައްޒާގައި ހިންގި ޢުދުވާނުގެ މޭސްތިރިޔަކީ ޖޯ ބައިޑަންއެވެ. އެއަނިޔާވެރިކަމުގެ ބިންގާ ، ޔަހޫދީ ދައުލަތަށް އަޅައިދިނީ ބައިޑަން އެވެ. އެމެރިކާގެ ރައީސްކަމުން ބައިޑަން ވަކިވުމަށްފަހު ، ޣައްޒާއަށް ދެންހަދަންވީގޮތް އެ ބުނެދިނީ ، ދެންއައި ރައީސް ޓްރަމްޕެވެ. އެއީ އެކަން ރޭވިފައި އޮތްގޮތެވެ. ޓްރަމްޕަށް ތާއީދުކުރި ސިޔާސީ ފަރާތްތަކަށް ޤަބޫލުކުރެވުނު ގޮތުގައި ، ޓްރަމްޕަކީ ، ޣައްޒާގެ ހަނގުރާމަ ފިނިކޮށް ، ނުބައި މަޤްޞަދެއްގައިނަމަވެސް އެ ހަނގުރާމަ ހުއްޓުވާނެ މީހެއްކަމަށެވެ.

ޓްރަމްޕަކީ ، ގެދޮރުބިނާކުރުމުގެ ވިޔަފާރިކުރާ މީހެކެވެ. ނަތަންޔާހޫއާ ބައްދަލުވި ފުރަތަމަ ފަހަރުވެސް ، ޓްރަމްޕް އެނިންމީ ، ޣައްޒާއަކީ ، ގެދޮރުބިނާކުރުމަށް ، ނަތަންޔާހޫ ތަނަވަސްކޮށްދިން ބިމެއްކަމުގައެވެ. ނަތަންޔާހޫ ލައްވާ ބައިޑަން އެހެދީ ޣައްޒާއަކީ ޢިމާރާތްތައް ބިމާހަމަކޮށްފައިވާ ކޮންސްޓްރަކްޝަން ސައިޓަކަށެވެ. އެސައިޓް ދެން އެ ޙަވާލުކުރީ ޓްރަމްޕާއެވެ. ޣައްޒާއަކީ ، އެމެރިކާގެ މިލްކަކަށް ހަދާފަ ، އެތަން އާބާދުކުރަން ޓްރަމްޕް  އެ ނިންމީ " މެދުއިރުމަތީގެ ރައްޔިތުންނަށް " ޓަކައެވެ. މާނަޔަކީ ، ނިރުބަވެރި ޔަހޫދީ ދައުލަތުން އެ ޤައުމުގައި އާބާދުކުރާ ޔަހޫދީ އާބާދީއަށެވެ.

ނިރުބަވެރި ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ، އެމެރިކާއަށް ކުރި ދަތުރު ނިންމާފަ ވޮޝިންގޓަނުން އެފުރީ ، އެންމެންނަށް ހީވެފައި އޮތްގޮތަށް ، ހަނގުރާމަ ނިންމުމުގެ ޢަޒުމާއެކީގައެއްނޫނެވެ. އަދި ކިއެއްތަ ؟ އެމެރިކާއިން ލަފާދިންގޮތަށް ، ހަނގުރާމަ ނުހުއްޓައި ކުރިޔަށް ގެންދިއުމުގެ ލައިސަންސާ އެކީގައެވެ. އެ ލައިސަންސް ދޫކުރީ ޓްރަމްޕެވެ.

ޓްރަމްޕްގެ ނިންމުމާގުޅިގެން ، ޔަހޫދީ ދައުލަތުގެ ކުރީގެ ޤައުމީ ސަލާމަތާބެހޭ ވަޒީރުވަނީ ، ނަތަންޔާހޫގެ ގުޅިފައިވާ ސަރުކާރާ އެއްބައިވުމަށް ނިންމާފައެވެ. އޭނާހުރީ ، ޓްރަމްޕްގެ ނިންމުން ތަންފީޒުކުރަން ނަތަންޔާހޫގެ ސަރުކާރާ އަލުން ގުޅެން ތައްޔާރަށެވެ.

ޓްރަމްޕް އެންމެފަހުން ބުނެފައިވަނީ ، ޣައްޒާގެ ހަނގުރާމަ އެއްކޮށް ނިމިފައި އޮތުމަކީ ނާދިރުކަމެއް ކަމުގައެވެ.  ޓްރަމްޕްގެ ނިންމުމާގުޅިގެން ، ޣައްޒާގެ ހަނގުރާމަ ނިންމުމަށް ވެފައިވާ ޞުލްޙައިގެ އެއްބަސްވުން ދެމިއޮތުމާމެދުވެސް މިހާރުވަނީ ޝައްކު އުފެދިފައެވެ. ޣައްޒާގެ ހަނގުރާމަ ނުހުއްޓި ކުރިޔަށް ހިނގައިދާނެކަމުގެ ސިގްނަލްތައް އެކިފަރާތްތަކުން ލިބިލިބިނހުއްޓާ ، ޙަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ޔަހޫދީން ދޫކޮށްލުމުގެ މާނައެއް އޮތްކަމަކަށް ، ޙަމާސްއަކުން ނުދެކެއެވެ. އިސްރާއީލުގެ އިތުރަށް އެމެރިކާގެ އިތުބާރުވެސް ، ދުނިޔޭގެ ކުރިމަތީގައި މިހާރަކު ނެތެވެ. ޣައްޒާއާބެހޭގޮތުން ، ޓްރަމްޕް ނިންމާފައިވާ ނިންމުމަކީ ، ޔޫރަޕަށްވެސް ނުރައްކާތެރިކަން އޮތް ނިންމުމެކެވެ. ފަލަސްތީނުގެ ކަނޑުގެ ސަރަޙައްދުގެ މޫނުމައްޗަކީ މެޑިޓްރޭނިއަން ސަރަޙައްދެވެ.

ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުންވަނީ ކުރިންވެސް ފައްސައި ބޭރުކުރެވިފައެވެ. ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމުގެ އަޞްލު ބޭނުމަކީ ، އެތާރީޚު އިޢާދަ ކުރުމެވެ. 1948 ގައި ، ޔަހޫދީން ކުރިންވެސް އެކަންކުރީ ، ދުނިޔޭގެ ޤާނޫނުތަކާ ޚިލާފަށް ، އެމެރިކާގެ މަދަދާއި ވާގިވެރިކަމާއެކީގައެވެ. 1967 ގައިވެސް ޣައްޒާ ހުސްކުރަން އިސްރާއީލުން މަސައްކަތް ކުރިއެވެ. މިފަހަރު އެކަންކުރަން އެނިންމީ ޚުދު އެމެރިކާއިންނެވެ. ޣައްޒާއަކީ ، އެމެރިކާގެ މިލްކަކަށް ހަދައިގެންނެވެ. މިފަހަރު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލާނީ ، އެމެރިކާއާއި ޔަހޫދީން އެކުގައި ޢަމަލީގޮތުން ބައިވެރިވެގެންނެވެ.  ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ފައިބަނީ " ވޮލަންޓަރީ " ކޮށް ކަމަށް ޔަހޫދީ ދައުލަތުން ބަލާފާނެއެވެ. އެމެރިކާއިން ބަލާނީ " ރިއަލް އިސްޓޭޓް " ވިޔަފާރިއެއް ކަމުގައެވެ. އެހެނަސް ، ޙަޤީޤަތަކީ ، އެއީ ފަލަސްތީނުގެ ޢަރަބި ނަސްލު ނައްތައިލުމެވެ.

ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށްވެސް އެކަން އެނގޭނެއެވެ. އެހެންކަމުން ، ޓްރަމްޕްގެ ނިންމުމާ އެއްގޮތަށް ، ފަލަސްތީނުގެ ރައްޔިތުންކުރެ އެކަކުވެސް ޣައްޒާގެ ބިމަކުން ނުފައިބާނެއެވެ. އެހެންކަމަށް ވެއްޖެނަމަ ، 15 މަސްވަންދެން ނިރުބަވެރި ޔަހޫދީން ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންކުރަމުންގޮސް ، އެމުއްދަތުގައި  ޤަތުލުކޮށް ،  ޝަހީދުކޮށްލި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަބަޔެއްގެ ބަދަލުގައި ، ޣައްޒާގެ ރައްޔިތުންކުރެ ، އެބިމުން ނުފައިބާތިބި އެންމެން އެއްދުވަހުން ޝަހީދުކޮށް ނިންމައިލާނެއެވެ. ޣައްޒާގެ ބިން އެއްކޮށް ހުސްކޮށްލާނެއެވެ. ޓްރަމްޕްގެ ބޭނުމާއި މަޤްޞަދަކީ އެއީއެވެ.

ކުރިންވެސް ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ފައްސައި ބޭރުކުރަން ، އެމެރިކާގެ ވާތްގާއެކީ އިސްރާއީލުން އެކިފަހަރުމަތިން ، ކުރި ހުރިހާ މަސައްކަތެއްވަނީ ފެއިލްވެފައެވެ. މިފަހަރުވެސް އެކަން ކާމިޔާބެއް ނުވާނެއެވެ. 4 އަހަރުގެ ރިޔާސީ ދައުރެއް ނިންމުމަށްފަހު ، ޓްރަމްޕަށް ޖެހޭނީ ، ހޭލާހުރެ ހުވަފެނެއް ދެކެދެކެހުރެ ވެރިކަމުން ފައިބާށެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ޣައްޒާގައި ދެމިތިބޭނެއެވެ. ﷲ ގެ މިންވަރުފުޅާއެކީ ، ނިރުބަވެރި ޔަހޫދީންގެ މައްޗަށް ، ޢަރަބި މުސްލިމުން ގަދަވެގަންނާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ކިތަންމެ ޑޮލަރު ގިނަޔަސް ޓްރަމްޕަކަށް ތިކަމެއް ނުވާނެ އިންޝާ ﷲ . މުސްލިމުންނަށް ﷲ ނަޞްރު ދެއްވާނެ. 15 މަސްވަންދެން ކުރި ހަނގުރާމައިންވެސް ނިރުބަވެރި ޔަހޫދީންނަށް ލިބުނީ ނާކާމިޔާބީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.