ސަރުކާރާއި ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150އަށް ތިރި ކުރެވިއްޖެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ލުބްނާ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށެެވެ.
ރިމާންޑް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށާފައެވެ.
މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާއިރު، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.
ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ހައްލުކުރަން ބޭނުންވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީ ވަބާއިން ދިވެހިން ސަލާމަތްކުރުން ހިމެނެއެވެ.