ޑިސްއެބިލިޓީ ކައުންސިލްގެ ރައީސާއަކަށް ފާތުން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ ފާތިމަތު އިބްރާހިމް ޑިސްއެބިލިޓީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ހޮވިގެން ދިޔަކަމީ ތާރީހީ ކާމިޔާބެކެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކައުންސިލްގެ އެންމެ އިސް މަޤާމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް އައްޔަންވެގެން ދިޔަ މިއީ ފުރަތަމަ ފަހަރުކަމަށް ވާތީއެވެ.

ފާތިމަތު އިބްރާހީމް (ފާތުން) އަކީ ފަޚުރުވެރި ޕެރަލިމްޕިއަނެއް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތެކެވެ.

މިގޮތުން 2024 ވަނަ އަހަރުގެ ޕެރިސް ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ފާތުން ވަނީ ޤައުމީ ރެކޯޑު ހާސިލުކޮށްފައެވެ. އަދި ދުބާއީގައި ބޭއްވުނު 15 ވަނަ ފައްޒާ އިންޓަރނޭޝަނަލް ޗެމްޕިއަންޝިޕް އަދި މަޑަގަސްކަރައިގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ހޯދާފައިވާ ވަނަތަކުން ދައްކުވައިދެނީ އޭނާ ކެރުންތެރިކަމާއި، ހިތްވަރާއި، އަޒުމާއެކު ކުރާ މަސައްކަތެވެ. އޭނާއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި ސްޕޯޓްސް ވުމެން އޮފް ދަ އިޔާ - ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2024 އާއި، ސްޕެޝަލް ރިކޮގްނިޝަން އެވޯޑް – މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އާއި، ރެހެންދި ނެޝަނަލް އެވޯޑާއި، އަދި ރިވެލި ތަރި އެވޯޑު ހިމެނެއެވެ.

ފާތުން ބުނި ގޮތުގައި ޑިސްއެބިލިޓީ ކައުންސިލުގެ ރައީސާއެއްގެ ހައިސިއްޔަތުން، އޭނާގެ ތަޞައްވުރަކީ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް އިތުރު ގިއަރަކަށްލައި، ކައުންސިލުން މިއަށްވުރެ ގާތުން މުޖުތަމަޢުއާއި ގުޅިގެން މަސައްކަތްކުރުމެވެ.

އެގޮތުން ކޮންމެ މީހަކަށް ވެސް އުޅެވޭނެ ޝާމިލުކުރަނިވި ވިލުންތެރި މުޖުތަމަޢަކަށް މި މިޖުތަމަޢު ހެދުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެމުން ފާތުން ބުނީ ގޮތް ނިންމާ، ކަންކަމުގައި އިސްކޮށް ބަސް ބުނެވޭ މަގާމުތަކަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވާދަކޮށް، އެ މަޤާމުތަކުގައި އެ ފަރާތްތައް ތަމްސީލުވެގެން ދިއުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި މިކަމަށްޓަކައި ޑިސްއެބިލިޓީ ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރާކަމަށް ފާތުން ވަނީ ބުނެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމާއެކު، އެފަދަ ފަރާތްތަކަށް ފަޚުރުވެރިކަމާއެކު އުޅުމަށް ބާރުއަޅައި، އެފަދަ ފަރާތްތައް ބާރުވެރިކުރުމަށް ކުރެވޭ ތަފާތު މަސައްކަތްތަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެކި މަންސަތަކުގައި ތަމްސީލުކުރުމުން ފެށިގެން، ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު، އެ ކައުންސިލްގެ ރައީސްކަމަށް ފާތުން ހޮވުމާއި ދޭތެރޭ އޭނާ ހޭދަކޮށްފައިވާ ދިގު ދަތުރުގައި، ފާތުން ވަނީ އޭނާގެ ހިތްވަރާއި، ކެތްތެރިކަމާއި، އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، އެކު އޭނާ ފަދަ އެތައް ބަޔަކަށް މިސާލު ދައްކައިދީފައެވެ.

ފާތުންގެ ދަތުރަކީ ހަމައެކަނި އަމިއްލަ ކާމިޔާބީގެ ވާހަކައެއް ނޫނެވެ. އެއީ މި ޤައުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އެކަހެރިކޮށް ހަވާސާގެ ތެރެއަށް ގެއްލުވައިލުމުގެ ބަދަލުގައި، އެމީހުންނަށް ފުރުސަތުތައް ހޯދައިދީ، އިސްވާރުންގެ ސަފުތަކުން ވެސް އެމީހުންނަށް ޖާގަ އޮތްކަން ރަމްޒުކޮށްދިން ކަމެކެވެ. އޭނާގެ ކާމިޔާބީތަކުން މުޅި މުޖުތަމަޢުގައި ހަމަހަމަކަމާއެކު ހުރިހާ އެންމެން ހިމެނެން ފަށައި، އެއް ހަމައެއްގައި އެ ފަރާތްތައް ތަމްސީލުވެގެން ދިއުމަށް ބާރު ލިބިގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.