ކާކަކީ ކާކު؟ - 1: ޅެންވެރި ޚިދުމަތްތެރިޔާ - ޢަދުނާނު އިބްރާހީމް

ދިއްފުށީ، ސިލިންކޯ ޢަދުނާނު އިބްރާހީމަކީ، އާދައިގެ ބޭކަލެއް ނޫނެވެ. އޭނާގެ ޚިދުމަތްތައް ފާހަގަ ކުރަން ޖެހެނީ އެއް ރޮނގަކުން ދެ ރޮނގަކުންނޫނެވެ. ކުޅަދާނަ ޅެންވެރިއެއްގެ ގޮތުގައެވެ. މޮޅު ފެހުންތެރިއެއްގެ ގޮތުގައެވެ. ދަރިވަރުންގެ ލޯބި ހޯއްދެވި މުދައްރިސެއްގެ ގޮތުގައެވެ. އަދި ހިންގުންތެރި ވެރިއެއްގެ ގޮތުގައެވެ. ވަރަށް ފަހަކާ ޖެހެންދެން އިމާމުވެ ހުކުރު ވެސް ކުރެއްވިއެވެ.

ޢަދުނާނު ފުރަތަމަ ވަޒީފާ އަދާކުރެއްވީ، މާލެ އަތޮޅު އޮފީހާއި އަތޮޅު ކޮމީޓީގައެވެ. އެ ދާއިރާގައި 5 އަހަރު ޚިދުމަތްކުރެއްވިއެވެ. އެއަށްފަހު، ދިއްފުށީ ސްކޫލުގެ ދިވެހި، އިސްލާމް މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށް ފަހު، ދިއްފުށީ ކުޑަކަތީބުކަމާއި ކަތީބުކަމާއި ބޮޑުކަތީބުކަން ކުރެއްވިއެވެ. އަދި ރ.ކ. ކޮމިޓީގެ ރައީސްކަން ކުރެއްވިއެވެ.

މެދުގައި އިށީންނަވައިގެން، ޢަދުނާނު

މި ދެންނެވި ވަޒީފާތަކުގެ ޒިންމާއާ އެކު ވެސް ޢަދުނާނު ކުރެއްވި އެންމެ ހުނަރުވެރި އެއް މަސައްކަތަކީ، ޢަދުނާނުމެން ކިޔުއްވާ ގޮތުން ނަމަ "މަސްތާކިހާ" (ކޯރި) ފެއްސެވުމެވެ. ވަރަށް ޒުވާން އިރުން ފެށިގެން އަދިވެސް ހުއްޓަވައި ނުލައްވާ މަސްތާކިހާ ފައްސަވަމުން ގެންދަވައެވެ.

އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވިއިރު ކޯރި އުފެއްދެވުމަށް ބޭނުންވާ ތަކެއްޗަކީ ހިލޭ ލިބިލައްވާ ތަކެއްޗެވެ. ފަހާތަންތަނުން ލިބޭ ކޮޅުދާލި ފޮއްޗާއި ބޯކަރުދާހާއި ބާތަރަފާލު ފަދަ ތަކެއްޗެވެ. އޭރު ކޯރިއެއް ވިއްކަވައި އުޅުއްވީ -/10ރ އަށެވެ.

އެކަމާ ބޭހެ ގޮތުން ޅެންބަހުން ޢަދުނާނު ބުނުއްވިއެވެ.

"އުކާލާ ފޮތިތަކާ ކަރުދާސްތަކާ ތަރަފާލު އެއްކޮށްގެން
ނުލާހިކު ރީތި ތާކިހަލެއް ފަހައިގެން ނެރެފަ ވިއްކާނީ"

އެކަމަކު މިހާރު ތަރަފާލާއި ފޮއްޗާއި ހުރިހާ އެއްޗެއްވެސް ޖެހެނީ ބޮޑު އަގުގައި ބައްލަވައި ގަންނަވާށެވެ. އެހެން ވީމާ، މިހާރު ކޯރިއެއް ވިއްކަވަނީ -70ރ އަށެވެ.

ޢަދުނާނުގެ އަނެއް ފަންނަކީ، ޅެންވެރިކަމެވެ. ޅެމާއި ލަވަ ހެއްދެވުމެވެ.  އޭރުގެ މަސްވެރިކަމާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް  އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް) އިން 1999ވަނަ އަހަރު އާންމުކޮށް ހުޅުވައިލައްވައިގެން، ބޭއްވެވި މަސްވެރިކަމާ ބެހޭ ލަވަ ހެދުމުގެ މުބާރާތުން 2ވަނަ ހޯއްދެވީ ޢަދުނާނެވެ. ލަވައިގެ މައުޟޫއަކީ، "ދިވެހިންގެ ދިރުން .... ދިވެހި މަސްވެރިކަން" އެވެ. ޢަދުނާނު ވަނީ، ތަފާތު މައުޟޫތަކަށް ގިނަ ލަވަތަކަކާއި ޅެންތަކެއް ހައްދަވައިފައެވެ.

އުމުރުން 65 އަހަރުވުމުން 1މޭ 2008ގައި ދައުލަތުގެ ވަޒީފާއިން މުސްކުޅި ކުރެއްވި ނަމަވެސް، މަސްތާކިހާ ފެއްސެވުމާއި ދޮރުފޮއްޗާއި ގޮނޑިސެޓު ފަދަ ތަކެތީގެ ކަވަރު ފެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ޢަދުނާނު، ދިވެހިސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޝަރަފުގެ ހަނދާނީ ލިޔުމެއް ދެއްވާފައިވެއެވެ. 15 މޭ 2008ގައި މި ލިޔުން ދެއްވާފައިވަނީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމެވެ.

ޢަދުނާނުގެ މިހާރުގެ ޢުމުރަކީ 88 އަހަރެވެ.

ދެވަނަ ހޯއްދަވައިގެ ޢަދުނާނަށް އިނާމު ލިބިލެއްވި ލަވަ:

ދިވެހިންގެ ދިރުން .... ދިވެހި މަސްވެރިކަން

ދިވެހި ދީބުގެ އެންމެ އަގުހުރި ދިރުމަކީ މަސްވެރިކަމޭ
ދިވެހި ޖީލުގެ ކާބަފައިންދިރުވައިދިނީ މަސްވެރިކަމޭ

އެންމެ ފުރަތަމަ ފަންރިޔާނެގި އޮޑިފަހަރުގައި ފަލިޖަހާ
އެން ދަމައިގެން ވައިމަޑަސް ގޮސްގެން ކުރާ މަސްވެރިކަމޭ

ދޮށިތަކާ ބުޅިޔާ، ކިރިއްޔާ، ވަށިތަކާއި ދަލާ ފަޔާ
އޮޑިވަލާ، ފަނަޔާ އުފައްދައިގެން ކުރާ މަސްވެރިކަމޭ

ރޯނު ދަންމާނާއި، ހަންޖާ، ރޯނު އެނގަރާ އަދި ސަވާ
ހޯދުމަށް ދަތިހާލުގައި އުޅެގެން ކުރާ މަސްވެރިމޭ

ރޫހު ދިރުވައިދިންއެ ކާބަފައިންގެ އަގުރި ޚިދުމަތުން
ދޫނުކޮށް މިއަދުމެ ތަރައްގީ ފެންނަނީ މަސްވެރިކަމޭ

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.