ފެނަކަ ޑިޖިޓަލްކުރުމުގެ މަގުޗާޓް ތަޢާރަފްކޮށްފި

ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތަޢާރަފް ކުރުމަށް، ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށް ޙަފްލާއެއް ބާއްވައިފިއެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ބައިވެރިވެވަޑައިގަތް މި ޙަޕްލާގައި، މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ޙިއްޞާކޮށްފައިވެއެވެ. މި މަގުޗާޓުގައި ކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނެއެވެ.

މިއަދު އިފްތިތާޙް ކުރެވުނު ގިރުނބާއަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް  ކޮމްޕޮނެންޓެވެ. މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ.

މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް ތަޢާރަފް ކުރެވުނެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައިވެއެވެ. މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެކެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފެށިފައެވެ.

ފެނަކައިގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމެވެ. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.