ވިހަ ތީރު (22)

( 10 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙައިދަރާއެކީ ، ސޮޕިންގމޯލަށް ދިއުމަށްޓަކައި ދިލްނަޝީން ހިނގައިގަތެވެ. ދޮރުން ވަންނަމުން ، ފަހަތް ބަލައިލިއިރު ، ޙަމްޒާއިނީ ކަޅިޖަހައިނުލާ ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދެންވެދާނެ ގޮތަކާމެދު ، ދިލްނަޝީންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ޙަމްޒާއަކީ ފާޑެއްގެ މީހެއްކަމަށް ވާތީއެވެ.)

ޝޮޕިންގމޯލް ތެރޭގައި ޙައިދަރާއި ދިލްނަޝީން ،  ހިނގަމުން ގެންދިޔައެވެ. ދިލްނަޝީނަކަށް ގިނަފަހަރަށް ހެދުންތަކާދިމާލަކަށް ބަލައެއް ނުލެވެއެވެ. އޮޅުމަކުން ނަމަވެސް ހެދުމެއްގައި އަތްޖައްސައިލެވޭއިރަށް ، އެހެދުމެއްލައި ހެޔޮވަރުތޯ ބެލުމަށް ޙައިދަރު ބުނެއެވެ. އެހެނަސް ، އެކަމެއްވެސް ދިލްނަޝީނަކަށް ނުކުރެވެއެވެ. އެންމެފަހުން ، އެއީ ނިމުމެއް އޮތްކަމެއްނޫންކަމަށްބަލައި ، އެކަމުން ސަލާމަތްވާނެގޮތެއް ހޯދަން ދިލްނަޝީނަށް މަޖުބޫރު ވިއެވެ. ރީތިހެން ހީވިހެދުމެއްގައި ތަންކޮޅެއް ގިނައިރު އަތްކާއްތައިލެވޭ އިރަށް ، އެހެދުން ނަގައި ، ހެޔޮވަރުތޯ ބެލުމަށް ޙައިދަރު އެދުނެވެ. އެއީ ، އެކަން ނިންމައިލަން ދިލްނަޝީނަށް ލިބުނު ފުރުސަތެއްކަމަށް ބަލައި ، ހެދުން ހެޔޮވަރު ކުރުމަށް ދިޔައެވެ.

އޭރުވެސް ޙަމްޒާ އިނީ ބޭރުގައި ކާރުން ނުފައިބައެވެ. އިރުއިރުކޮޅުން ، ޝޮޕިނގްމޯލްގެ މައިދޮރާދިމާލަށް ބަލައި ލެވެއެވެ. ގިނައިރު ވީވީހެން ، ޙަމްޒާގެ ހިތުގެ ތެޅުން ގަދަވެ ، ކުޅަދާނަނުވާ ހިސާބަށް ދިޔައެވެ. ކާރުން ފައިބައިގެން މޯލްއާ ދިމާއަށް ހިނގައިގަތެވެ.

ހެދުން ހެޔޮވަރުކޮށްގެން ، ދިލްނަޝީން ނުކުމެ ، ޙައިދަރާދިމާލަށް ހިނގަމުން އައެވެ. ޙައިދަރުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ ކުރިމަތިން ، ފަރި ހިނގުމެއްގައި ހިނގައިލާފައި އެހެރަ އަންނަނީ ހަމަ ދެންމެއަކު އުޑުން ފޭބި ޕަރީއެކެވެ. ލައިގެންހުރި ހެދުމުން ، ދިލްނަޝީންގެ ރީތިކަމާއި ފުރިހަމަކަން އެތައްގުނަޔަކަށް އިތުރު ކޮށްދެއެވެ. ދިލްނަޝީނަކީ ، އަލިދޮނެއްހުރި ރީތި ކުއްޖެކެވެ. ދޮންކަން އެއީ ހަތްއައިބު ފިލުވާ ސިފައެކެވެ. ދިލްނަޝީންގެ ރީތިކަމަށް އިތުރުކުރަން އެހެން އެއްވެސްކަމެއް ބޭނުމެއް ނުވާނެއެވެ. އޭނާއާ ދިމާލަށް ދިލްނަޝީން ހިނގަމުން އައިއިރު ، ޙައިދަރަށްވެސް ކުރިޔަށް ހިނގައިގަނެވި ދިލްނަޝީނާ ގާތަށް ޖެހިލެވުނެވެ. ދިލްނަޝީނާގާތަށް ޖެހެމުންދާވަރަކަށް ، ޙައިދަރުގެ ވިސްނުމާއި ފިކުރު އޭނާއާ ދުރަށް ގެންދިޔައެވެ. އެހުރެވެނީ ކޮންތަނެއްގައިކަން ނޭނގި ، ދިލްނަޝީނުގެ ވަސް ، ނޭފަތުގައި ޖެހޭ ހިސާބުން ، މެހެމަލްގެ ސޫރަ ޙައިދަރުގެ ކުރިމައްޗަށް އައެވެ.

" އިއްޔެ އަހަރެމެން އެދިޔަ ކައިވެނީގެ ރަސްމިއްޔާތުގައި ، އަންހެންކުއްޖާ ލައިގެންހުރީ ކިހާއަގުބޮޑު ހެދުމެއް ހެއްޔެވެ ؟ އެހެދުން އަހަރެންނަށް ވަރަށް ރީއްޗެވެ. އަހަރެން ، އެހެދުން ލައިފިއްޔާ ޙައިދަރުގެ ހެޔަށް ގޮތްވާނެއެވެ. " މެހެމަލް ބުނެފައި އޮތް ވާހަކައެއްގެ ތެރެޔަށް ޙައިދަރުގެ ވިސްނުމާއި ފިކުރު ގެނބިގަތެވެ.

ޙައިދަރަށް އެދުވަހު މަޖުބޫރުވެފައި އޮތީ ، މެހެމަލް ކުރަމުންގެންދާ މަލާމާތާއި ، އޭނާގެ ފަޤީރުކަމުގެ ވާހަކަތައް އަޑުއެހުމަށެވެ. އެދުވަހު އެއީ ނިކަމެއްޗެކެވެ. އެހެނަސް ، މެހެމަލްއާ ޙައިދަރުގެ ކައިވެނި ކުރެވޭއިރު ، އަގުބޮޑު ހެދުމެއް ހޯދައިދޭނެވާހަކަ ޙައިދަރު އޮތީ ، އެދުވަހުވެސް މެހެމަލްގާތު ބުނެފައެވެ. ﷲ ގެ އިރާދަފުޅާއެކު ، އެއްދުވަހަކުން ، އޭނާއަކީ ސަހަރުގައި ނެތްފަދަ މަހުޖަނަކަށްވާނެ ކަމުގެ ފޮނި އުއްމީދު މެހެމަލްއަށް ދިނެވެ. ފޮތިފިހާރައެއް އެއްކޮށްވެސް ، މެހެމަލްއަށް ގަނެދެވޭވަރުގެ މުއްސަންޖަކަށް އޭނާ ވާނެއެވެ. އެހެންނަމަވެސް ، އެއީ ދިރުމެއްއޮތް އުއްމީދެއްކަމަކަށް މެހެމަލްއަކަށް އެދުވަހަކު ޤަބޫލެއް ނުކުރެވުނެވެ. ޙައިދަރަށް ގަނެދެވޭނީ މަގުމަތިން އެވިއްކާ އާދައިގެ ހެދުންގަނޑެއްކަމަށް ބުނެ ، މެހެމަލް ކުރީ މަލާމާތެވެ. ޙައިދަރަށް އެނގޭނީ ފޮނިބައިސާ ކަނޑަންކަމަށް ބުނެ ، ޙައިދަރު ލަދުގަންނުވައިލުމަކީ ، މެހެމަލްގެ އާދައެކެވެ.

ޙައިދަރު މަޑުމަޑުންގޮސް ، ދޮޕައްޓާ ނަގައި ދިލްނަޝީންގެ ބޯ ނިވައިކޮށްލިއެވެ. ޙައިދަރު އެކުރީ ކޮންކަމެއްތޯ ދިލްނަޝީންކުރި ސުއާލަށް ދޭނެޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. ދިލްނަޝީންގެ ރީތިކަމަށް ތަޢުރީފުކޮށް ، ހަމައެކަނި ބުނެވުނީ ވަރަށް ނަލަކަމަށެވެ. ދިލްނަޝީން ބޭނުންވާ ކޮންމެ ހެދުމެއް ، ބޭނުންވާ ކޮންމެ ޢަދަދަކަށް ނަގަން ، ޙައިދަރު އެދުނެވެ. އެހެނަސް ، އެހުރިހާ ހެދުމެއްގެ ބޭނުމެއް ، ދިލްނަޝީނަކަށް ނުޖެހެއެވެ. އޭނާގެ އަތުގައި މިހާރުހުރި ހެދުމުން ފުއްދައިލެވޭނެއެވެ.

" ހިތްހަމަޖެހޭ ކޮންމެ ހެދުމެއް ނަގާށެވެ ! ހެދުން މާގިނަވެ ، ފޫހިވާގޮތް ވެއްޖިއްޔާ އެހެން ކުއްޖަކަށް ދެވިދާނެ ނޫންހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

އެކަމަށް ދިލްނަޝީން ބުނީ ނޫނެކޭ އެވެ. އެދުވަހަށް އެންމެ ހެދުމެއް އޭނާއަށް ފުދެއެވެ. ދިލްނަޝީންގެ ކަންކަން އެހުރިގޮތުން ޙައިދަރުހުރީ ޢަޖައިބުވެ އަންތަރީސް ވެފައެވެ. ދިލްނަޝީނަކީ ، މިޒަމާނުގައި މިއުޅޭ އަންހެންކުދިންނާ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. އެންމެ ފަހުގެޑިޒައިނަރ ހެދުމަކީ ، އަންހެންކުދިން ހިތްކިޔާ އެއްޗެކެވެ. ޙައިދަރު އެތަނަށް އެއައީ ، ދިލްނަޝީން ބޭނުންވާ ކޮންމެ ހެދުމެއް ކޮންމެ ޢަދަދަކަށްވެސް ގަނެދޭށެވެ.

ހެދުމަށް އަގުދެއްކުމަށްފަހު ، އެއްޗެއް ބޮއިލުމަށްޓަކައި ، އެތާހުރި ކެފެޓޭރިއާގައި ދިލްނަޝީނާއި ޙައިދަރު ، މަޑުކޮށްލައިގެން ތިއްބެވެ. ދެމީހުންކުރެ މީހަކު ވާހަކައެއް ނުދައްކައެވެ. ދިލްނަޝީން އިނީ ފޯނަށް އަންނަ މެސެޖްތަކެއް ކިޔާށެވެ. ދިލްނަޝީނާ ބެހޭގޮތުން ، ކޮންމެވެސް އެއްޗެކޭ ބުނުމަށް ޙައިދަރު އެދުނެވެ. އެއީ ، ކައިވެނީގެކުރިން ، އެކަކުއަނެކަކު ދެނެގަނެ ، ވާހަކަ ދައްކާލައި ތަޢާރުފް ވެލުމަށް ލިބުނު ހަމައެކަނި ފުރުސަތެވެ. އެ ފުރުސަތު އެހާ ފަސޭހައިން ނަގައިލާކަށް ޙައިދަރު ބޭނުމެއް ނުވެއެވެ. ޙައިދަރާ ބެހޭގޮތުންވެސް ، ކައިވެންޏާ ބެހޭގޮތުންވެސް އަދި ދިލްނަޝީނާއި އޭނާގެ ޙަޔާތާ ބެހޭގޮތުން ، ޙައިދަރަށް އެނގެން ބޭނުންވާ ކަމެއް އޮތްނަމަ ، އެއީ އެކަމަށް ލިބިފައި އޮތް ފުރުސަތެކެވެ. ދިލްނަޝީންގެ ހިތުގައިވާ ކޮންމެ އެއްޗެއްވެސް ޙައިދަރުގާތު ބުނަންވީއެވެ. ކައިވެނީގެ ފަހުން ، މައްސަލަޔަކަށް ވެދާނެ އެއްވެސް ކަމެއްގެ ވާހަކަ ، ނުބުނެ ނުހުރުމަށް ޙައިދަރު އެދުނެވެ. ބޮޑުވެގެން ފިރިފުރާވަރަށް އަޅައިގެން އަންނައިރު ، އަންހެންކުއްޖެއްގެ ޙަޔާތުގައި ސިއްރުތަކެއް ފޮރުވިފައި ހުންނާނެކަން ޙައިދަރަށް އެނގެއެވެ. ކޮލެޖަށް ގޮސްއުޅުމުގައިވެސް ، ޒުވާން ހިތްތަކުގައި އުފެދޭ ޝުޢޫރާއި އިޙްސާސްތަކުން ކިތަންމެ ކަމެއް އުފަންވެފައި ހުންނާނެއެވެ. ކިތަންމެ ގޯހެއް ހެދިފައި ހުންނާނެއެވެ. އެއީ ، އޭނާއަށްވެސް ވެފައި އޮތް ގޮތެކެވެ.

" މިހާރުވެސް ކޮލެޖަށް ދަން ހެއްޔެވެ ؟ " ދިލްނަޝީނަށް ޖަވާބުދޭން އުނދަގޫ ސުއާލެއް ޙައިދަރު ކޮށްލިއެވެ.

އެސުއާލަށް ޖަވާބުދޭން ، ދިލްނަޝީން އެހާގިނައިރެއް ނުނަގައެވެ. ވަގުތުން ނޫނެކޭ ބުންޏެވެ. ދެން ކުރިމަތިވީ އަދި އެއަށްވުރެ އުނދަގޫ ސުއާލެކެވެ. އެއީ ކީއްވެތޯ ޙައިދަރު ކުރި ސުއާލެވެ.

" މަންމަ ބޭނުމީ  ކޮލެޖަށް ދިއުން ހުއްޓައިލާފައި ކައިވެނި ކުރާށެވެ ! " ދިލްނަޝީން ބުންޏެވެ.

މަންމަ ބުނިބަސް އަހައިގެން ، ކިޔެވުން ހުއްޓައިލާފައި ، ދިލްނަޝީން އެހުރީ އޭނާގެ ކައިވެންޏަށް ޚާއްޞަ ވެގެންނެވެ. އިސް އުފުލައި ، ޙައިދަރާދިމާލަށް ދިލްނަޝީން ބަލައިލިއިރު ، ޖެހިގެންހުރި މޭޒުކައިރީ އެހުރީ ޙަމްޒާއެވެ. ދިލްނަޝީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޙަމްޒާހުރީ ރުޅިއައިސް ، ހިތްހަމަ ނުޖެހިފައެވެ. މޭޒުކައިރީ ބަހައްޓާފައިހުރި ގޮނޑި ، ތަންކޮޅެއް ބާރަށް ދުރަށް ޖައްސާލައި ، އެގޮނޑީގައި ބާރަށް އިށީނދެ ، ކަޅިޖަހައިނުލާ ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން ، ޙަމްޒާ އިނެވެ. ދިލްނަޝީންގެ ހިތުގެ ތެޅުން ގަދަވަމުން ، މޭމަތިން އެކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

މަންމަމެން ވަކިކަމެއް ކުރުމަށް ބާރުއެޅިނަމަވެސް ،  އެއްވެސް ވަރަކަށް އެކަމާ ނުވިސްނުމަށް ، ދިލްނަޝީންގެ ކިބައިން ޙައިދަރު އެދުނެވެ. ދިލްނަޝީން ބޭނުންކަމަށްވަންޏާ ، ޙައިދަރު އެހުރީ ދިލްނަޝީންގެ ކިޔެވުން ފުރިހަމަކޮށްދިނުމަށް ތައްޔާރަށެވެ. އެއީ ޙައިދަރަށް އެއްވެސް މައްސައަލައެއް ނޫނެވެ. ޙައިދަރު އެދޭގޮތަކީވެސް އެއީއެވެ.

ކޯހުގެ އެންމެ ފަހު އިމްތިޙާން ތާވަލުކުރެވިފައި އޮތީ ، ދިލްނަޝީންގެ ކައިވެނިކުރެވޭ ދުވަހުގެ އަނެއް ދުވަހަށެވެ. އެހެންކަމަށް ވަންޏާ ، ކައިވެނި ލަސްކުރުމާމެދު ވިސްނައިލަން ޖެހޭކަމަށް ޙައިދަރު ބުންޏެވެ. އެހެނަސް ، އެކަމަކަށް ދިލްނަޝީން އެއްބަހެއް ނުވިއެވެ. ވީ އެންމެ އަވަހަކަށް ކައިވެނި ކުރުމަށް ދިލްނަޝީންގެ މަންމަ ބޭނުންވެއެވެ. އޭނާވެސް ބޭނުންވަނީ އެހިސާބުން ކިޔެވުން ހުޢްޓައިލާފައި ކައިވެނި ކުރާށެވެ. ޙަމްޒާގެ މުށްކެވި ބާރުވަމުން ދިޔައެވެ. ކައިވެނި ލަސްކުރަން ބޭނުންނުވާކަމަށް ދިލްނަޝީން ބުނިހިސާބުން ، ޙަމްޒާގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވަމުން ދިޔައެވެ. އޭނާގެ ހިތުގެ އެތެރޭގައި އަނދަމުންދާ އަލިފާންގަނޑުގެ ހޫނުން ، މޫނު ރަތްވަމުން ދިޔައެވެ.

ދިލްނަޝީންގެ މަޢޫޞޫމިއްޔަތުކަމުން ، ޙައިދަރުގެ ހިތް އުފަލުންގޮސް ބަންޑުންވިއެވެ. އެއީ މިޒަމާނުގެ ކުދިންނާ ތަފާތު ކުއްޖެކެވެ. މަންމަމެންގެ ބަސްއަހާ ، ޚުލްޤުހެޔޮ އަންހެންދަރިއެކެވެ. އެއީ ﷲ ގެ ޙަޟުރަތުން ، އޭނާއާއި އޭނާގެ މަންމަޔަށް ލެއްވި ރަޙުމަތެކެވެ.

ދިލްނަޝީންގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ކުރިމަތީގައި އެއިނީ ، އޭނާގެ ވާންއުޅޭ ފިރިމީހާއެވެ. އޭނާއަށް އެހާ އިޙްތިރާމާއި ޤަދަރުކުރާ އިންސާނެކެވެ. ޖެހިގެން ފަހަތުގައި އެއިނީ ، ދިލްނަޝީންގެ ލޯބިވެރިޔާ ، ޙަމްޒާއެވެ. ޙަމްޒާގެ ބައްޕަމެން އެވަނީ ، ދިލްނަޝީނާއި އޭނާގެ ޢާއިލާގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ، މުޅި އެހިސާބު ގަނޑުގައި އެމީހުންގެ އަގު ވައްޓައިލާފައެވެ.

ދިލްނަޝީންގެ ލޮލުން ފާއްދަމުން އޮލަވަމުންދިޔަ ކަރުނަތައް ޙައިދަރަށް ފެނުނެވެ. ޢާއިލާގެ މީހުންގެ ނުފޫޒަށް ނުހެއްލުމަށާއި ، ދިލްނަޝީން ހިތްނޭދޭ އެއްވެސްކަމެއް ނުކުރާނެކަމަށް ޙައިދަރު ބުންޏެވެ. ކިޔެވުމަށް ބެލިނަމަވެސް ، ދިލްނަޝީން ބޭނުން ރޮނގަކުން ބޭނުންވާ ހިސާބަކަށް ކިޔަވަންވީއެވެ. އެކަމަށް ޙައިދަރު އެހީތެރިވާނެއެވެ. އެއިން އެއްވެސްކަމަކަށް ޙައިދަރުވެސް އަދި އޭނާގެ މަންމަވެސް ހުރަހެއް ނާޅާނެއެވެ. ހުރިހާކަމެއްވެސް އޮންނަންޖެހޭނީ ، ދިލްނަޝީން ހިތްއެދޭ ގޮތަކަށެވެ. ދިލްނަޝީންގެ ކިޔެވުން ފުރިހަމަކުރުމަކީ ، ޙައިދަރު ވަރަށް އުފާވާނެ ކަމެއްކަމަށް ބުނެ ، އެކަން ކުރިޔަށް ގެންގޮސް ފުރިހަމަކުރުމަށް ޙައިދަރު އެދުނެވެ.

ދިލްނަޝީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ބަންޑުން ވުމާއެކު ، ޙައިދަރަށް ވަރަށް އަސަރު ކުރިއެވެ.

" އެހެންގޮތެއް ހަދާށެވެ ! ކައިވެނީގެ ކަންކަން ކުރިޔަށް ގެންދަމުން ، އިމްތިޙާނަށްވެސް ދިލްނަޝީން ތައްޔާރު ވާށެވެ ! އެ ދެކަމުންކުރެ އެއްވެސްކަމެއްގައި އަހަރެންގެ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ، އެވާހަކައެއް ބުނާށެވެ ! އެއްގޮތަކަށްވެސް އެއްވެސްކަމެއްގައި ދެރަވެ ނުރޯށެވެ ! ރުއިމަކީ ، ދިލްނަޝީނަށް ޙައްޤުކަމެއްނޫނެވެ. ދިލްނަޝީން ރޯތަން ފެނުމަކީ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރާ ކަމެކެވެ. ތިހެން ނުހަދާށެވެ ! ބަލަންތިބޭމީހުން ހީކުރާނީވެސް ކީކޭ ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ އެ ހިތްވަރުދިނުމުގެ ބަސްތަކުން ދިލްނަޝީނަށް ހިތްހަމަޖެހުން ލިބުނެވެ. ހިނިތުންވެލުމާއެކު ، ހިތުގެ އަޑިން ޙައިދަރަށް ޝުކުރު އަދާކުރިއެވެ.

ހައިދަރުގެ ފޯނަށް އޯވަރސީޒް ކޯލެއް އައެވެ. ކެފޭތެރޭގައި އަޑުވެސް ގަދަވެފައި ، ނެޓްވޯކް ލިބުން އުނދަގޫވާނެތީ ، ބޭރަށް ޖެހިލުމުގެ އިޒުނަޔަށް ޙައިދަރު އެދުނެވެ. ނުނަގާ ވާން އޮތް ކޯލެއްނަމަ ، އެކޯލަށް އޭނާ ސަމާލުކަމެއް ނުދޭނެއެވެ. ފޯނު ނިންމައިލުމަށްފަހު ، ދެތިންމިނިޓެއްގެ ތެރޭގައި އަންނާނެކަމަށް ބުނަމުން ، ޙައިދަރު ބޭރަށް ނުކުތެވެ.

ޙައިދަރު ދިއުމާއެކު ، ޙަމްޒާއައިސް ދިލްނަޝީނާ ގާތަށް ޖެހިލިއެވެ.

" އަހަރެންގެ ހިތުގައި އަޅަމުންދާ ވޭނުގެ އެއްވެސް އިޙްސާސެއް ، ދިލްނަޝީނަކަށް ނުކުރޭ ދޯއެވެ؟ އެއީ ، ދިލްނަޝީން ކައިވެނިކުރާމީހާ ނޫންހެއްޔެވެ؟ ހީވަނީ ކިހިނެއް ކަމަށް ހެއްޔެވެ؟ އޭނާއާއެކީ ، ބާޒާރަށާއި ތަންތަނަށް ގޮސް ، ދުއްވަންގޮސް ، ކެފޭތަކުން ކައިބޮއި މަޖާކުރާތަން ބަލަން އަހަރެން ހުންނާނެކަމަށް ހީކުރަނީ ހެއްޔެވެ؟ " މޭޒުމަތީ ބާރަށް އަތުން ޖަހައި ޙަމްޒާ ބުންޏެވެ.

ޙަމްޒާ އެތަނުން ނުކުމެގެން ދިއުމަށް ދިލްނަޝީން އެދުނެވެ. ޙަމްޒާއަށް ކުރެވޭނެ ކަމެއް އޮތްނަމަ އެކަމެއް މިހާރު އޮންނާނީ ކުރެވިފައެވެ. އެހާ ހިސާބަށް ކަންކަން ދާކަށް ނުޖެހޭނެއެވެ.

" ކުރެވޭނެ ކަންކަން އެބަހުށްޓެވެ. އަދިވެސް ވަގުތުވެސް އެބައޮތެވެ. އަހަރެންނާއެކީ ކޯޓަށްގޮސް ، ކޯޓުގައި ކައިވެނިކުރަން ހިނގާށެވެ ! " ޙަމްޒާ ، ދިލްނަޝީނަށް އާދޭސްކުރަމުން ގެންދިޔައެވެ.

" އެހެން ހެއްޔެވެ ؟ ޙަމްޒާގެ މައިންބަފައިން ، އަހަރެންގެ މަންމައާއި ބޭބެގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ، އެހުރިހާ ތަކުލީފެއްގެ ފަހުންވެސް ، އަދި މީހަކާ އިންނަން އެންގޭޖްވެފައި އޮއްވައި ، ޙަމްޒާއާއެކީ ކޯޓަށްގޮސް ، ޙަމްޒާއާ އަހަރެން ކައިވެނި ކުރާނެ ކަމަށް ހީކުރަނީ ހެއްޔެވެ ؟ ދިލްނަޝީން ބުންޏެވެ.

ޙަމްޒާގެ އެދުމަށް ދިލްނަޝީން އިންކާރުކުރުމާއެކު ، ޙަމްޒާގާތަށް ރުޅިއައެވެ. ދިލްނަޝީން ، އެހެންމީހަކާ އިންނަތަން ބަލަހައްޓައިގެން ހުންނާނެކަމަށް ހީނުކުރުމަށް ޙަމްޒާ ބުންޏެވެ. އެއްވެސް ޙާލެއްގައި ، ޙަމްޒާއާއެކީ ދިލްނަޝީން ނުދާނެކަމަށް ބުނުމާއެކު ،  ޙަމްޒާގެ ގާތަށް އައިސްފައިހުރި ރުޅިގަނޑު ، ކޮންޓްރޯލުން ނެއްޓިއެވެ.

" އޭނާދެކެ އެހާ އަވަހަށް ތިވަނީ ހާދަ ލޯތްބެކެވެ. ދިލްނަޝީންގެ ކުރިމަތީ އަހަރެން ހުންނައިރު ، އެހެން އެއްވެސް އެއްޗެއް ނުފެންނަކަމަށް ބުނީމެއް ނޫން ހެއްޔެވެ؟ ނޭވާލެވެނީ ، ދިލްނަޝީނަށް ފެންނަ ހިސާބުގައި އަހަރެން ހުރުމުންކަމަށް ، އެތައް ފަހަރަކު ބުނީމުނޫން ހެއްޔެވެ؟ އެ ހުރިހާ ވާހަކަތަކެއް ހަނދާން ނެތުނީ ހެއްޔެވެ؟ " ޙަމްޒާ ބުންޏެވެ.

އެހުރިހާކަމެއް ހަނދާން ނެތިއްޖެކަމަށް ދިލްނަޝީން ބުންޏެވެ. ޙަމްޒާމެންގެ މައިންބަފައިން ދިލްނަޝީންގެ ގެޔަށް އައިސް އެމީހުން ސިފައިންގެޔަށް ގެންގޮސް ، އެމީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތް ހިސާބުން ، ދިލްނަޝީންގެ ހިތުން އެހުރިހާކަމެއް ހަނދާން ނައްތާލައިފިއެވެ. އެއީ ، ހަމައެކަނި ލޯތްބެއްނޫނެވެ. އެހެން ޒިންމާއާއި މަސްއޫލިއްޔަތުވެސް ދުނިޔޭގައި އޮންނާނެއެވެ. ދަރިންގެ މައްޗަށްވެސް މައިންބަފައިންނަށް އަދާކުރަންޖެހޭ ވާޖިބުތަކެއް ހުންނާނެއެވެ.

" އަންހެން ކުއްޖަކަށް ، ފިރިހެނަކުދެކެ ލޯބިވެވޭހިނދު ، އެކުއްޖާ އެކަނިވެރިއެއް ނުވާނެއެވެ. އެތައްބަޔަކާ އެކުއްޖަކު ގުޅިގެންދާނެއެވެ. އެކުއްޖާއަކީ ، ކޮންމެވެސް މީހެއްގެ ކޮއްކޮއެކެވެ. އެހެންމީހެއްގެ ދައްތައެކެވެ. އެހުރިހާ ގުޅުންތަކެއްގެވެސް މަސްއޫލިއްޔަތަކާއި ޒިންމާތަކެއް ހުންނާނެއެވެ. އަހަރެން މިހާރު މިހުރީ ކައިވެންޏަކަށް ، މީހަކާ އެންގޭޖް ވެފައެވެ. އިސާހިތަކު ، އަހަރެންނަކީ މީހެއްގެ އަނތްބަކަށް ވާނެއެވެ. އެ ގުޅުމުގެ ޒިންމާއާއި ވާޖިބުވެސް ފުރިހަމަޔަށް އަދާކުރަން އަހަރެން ބޭނުމެވެ. ޙަމްޒާ މިތާނުހުރެ ނުކުމެގެން ދާށެވެ ! ޙަމްޒާގެ މައިންބަފައިންނަށް ، އަހަރެންގެ ގެޔަށް އަންނަން މަޖުބޫރުވެ ، އަހަރެންގެ މަންމަމެންނާ ދިމާލަށް އެތިވަރުގޮވައި ، ޙަމްޒާ ހޯދަން ސިފައިންގެޔަށް ގުޅަންޖެހުނު ގޮތަށެވެ. " ދިލްނަޝީން ބުންޏެވެ.

ޙައިދަރު އެތަނަށް އައިކަމެއް ދިލްނަޝީނަކަށްވެސް އަދި ޙަމްޒާއަކަށްވެސް ނޭނގެއެވެ. ޙަމްޒާހުރީ ، ދިލްނަޝީން ދައްކަމުންގެންދާ ވާހަކަޔަށް ކަނުލައި އަޑުއަހާށެވެ. ދިލްނަޝީން އިނީ ، ޙަމްޒާއާ ދިމާލަށް ބަލަހައްޓައިގެން ، އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ބޭރުކުރުމުގައި އަވަދިނެތިއެވެ. ޙައިދަރު އެތަނަށް އައުމުގެ ކުރިން ، އެހުރިހާ ވާހަކައެއް ދައްކަން ދިލްނަޝީން ބޭނުންވިއެވެ. ޙަމްޒާގެ ކޮނޑުމަތީ މީހަކު އަތްބާއްވައިލުމުން ، ފަހަތަށް އެނބުރިލިތަނުން ، އެއީ ކާކުތޯ ޙައިދަރު ސުއާލު ކުރިއެވެ. އެއީ ކާކުކަމެއް ޙަމްޒާއެއް ނުބުނެއެވެ. އޭނާއައިސް އެހުރީ ގަޑިންވީ ކިހާއިރެއްތޯ އޮޅުންފިލުވައިލުމަށްކަމަށް ބުނެ ، ދިލްނަޝީނާ ދިމާލަށް ޙަމްޒާ އެނބުރުނެވެ. އަދި ، ޝުކުރިއްޔާއޭ ބުނުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.

ޙަމްޒާ ގޮސް އޮބާލަންދެން ، ޙައިދަރު  ހުރީ ފުންނަޒަރަކުން ޙަމްޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެދެމީހުން ދެއްކި ވާހަކަ ޙައިދަރަށް އަޑުއިވިދާނެތީ ، ދިލްނަޝީން އިނީ ބިރުގެންފައެވެ. ޙައިދަރު އައިސް އެތާހުރީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ.

އެއީ ހަމައެކަނި ގަޑިން ވީއިރެއް އަހައިލަން އައި މީހެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ފަހަރެއްގައި އޭނާ އެހުރީ ހުރިހާކަމެއް ހަނދާން ނެތިފައެވެ. ކުރިމަތީ ފެންނަން އެހެރަ ގަޑިވެސް އޭނާއަކަށް ނުފެނުނެވެ. އެހެންވެދާނެއެވެ. އެހާރީތި އަންހެންކުއްޖަކު ކުރިމަތީ އިންދާ ފެނުނީމަ ، އޭނާއަށްވެސް ހުރިހާކަމެއް ހަނދާން ނައްތައިލެވިދާނެކަމަށް ބުނެ ، ޙައިދަރު ސަމާސާ ކޮށްލިއެވެ. އޭނާއަށް ވާވަރަށްވުރެ ބޮޑުވަރު ، އެ ފިރިހެންކުއްޖާއަށް ވާނެތާއެވެ. އެދިޔައީ ، ފުދޭވަރަކަށް ޅަ އަދި ޒުވާން ފިރިހެން ކުއްޖެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.