ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި، ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)، ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި އދ. މަހިބަދޫ / ކުޅިބަލާގެ، ފާޠިމަތު ރީމާ (44އ) ހައްޔަރުކޮށްފައިވެއެވެ. މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ.

މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.