މޫސާ ޒަމީރު، ޔޫއޭއީ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައިފިއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރުވަނީ އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް، ޚާރިޖީ ވަޒީރަށް އަރުވާފައެވެ.

މި ބައްދަވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރުވަނީ އެކުވެރި ޢަރަބި އިމާރާތުން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި، ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް؛ އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު؛ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ؛ އަދި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ޙައްސާން ވަހީދު ބައިވެރިވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.