އެލްޖީއޭ ގެ ސީއީއޯއަކަށް ނިމާލް

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް އަޙްމަދު ނިމާލް ވަނީ ފުރުއްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.