ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަންނަވަނީ ބުރާސްފަތި ދުވަހު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޒަމީރުގެ މި ދަތުރުގައި ސަބްރީގެ އިތުރުން، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނާވަރުދެނާ އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ދެކެވި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާތަކުގެ ތެރޭގައި ސްރީލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުން ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޒަމީރު ސްރީލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.