ފަލްސަފާ (88)

( 14 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ނޫރުވެސް ، ތިމަންނަވެސް ނިދަންދަނީއޭ ބުނެ ، ކޮޓަރިޔަށް ދިޔައެވެ. ހެދުން ބަދަލުކޮށްލައިގެން ، ކޮޓަރީގެ އެއްކަނެއްގައި ނޫރުހުއްޓިލައިގެން ހުށްޓެވެ. އޭނާއަށް އެވަގުތު އިވެމުންދިޔައީ ، ރަމްޝާ އޭނާގެ މަންމަގާތު ބުނި ވާހަކަތަކެވެ. އެއްވެސް މީހަކު ދެކެ ރަމްޝާ ބިރުނުގަންނާނެ ވާހަކަ ބުނީ ، ނޫރުއަށް އަމާޒުކޮށްފައެވެ. އަނެއްކޮޅުން ، ރަމްޝާކުރާ އެއްވެސްކަމެއް ހުއްޓުވާނެ މީހަކު އެގޭގައި ނޫޅޭނެ ވާހަކަ ، އިޙްސާންވަނީ ރަމްޝާގާތު ބުނެފައެވެ. އެހެންކަމަށް ވަންޏާ ، ރަމްޝާގެ ކަންކަމުގެ ތެރެޔަށް ވަނުމަށް ނޫރުއަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް ހެއްޔެވެ ؟ ރަމްޝާގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލުމުގައި ނޫރުއަށް އޮތް ދައުރު ، އޭނާއަކަށް ސާފެއްނޫނެވެ. ރަމްޝާއާއި އިޙްސާންގެ ވާހަކައިން އެކަން ، ނޫރުއަށް ވަނީ އޮޅިފައެވެ. ނޫރު ބޭނުންކަމަށްވިޔަސް ، ރަމްޝާގެ އެއްވެސް ކަމަކާ ބެހުމުގެ ޙައްޤެއް ނޫރުއަކަށް ނެތެވެ. މަސްއޫލިއްޔަތަށް ޒިންމާވެވޭނީ އެކަމަށް ފުރުސަތު އޮވެގެންނެވެ.

އަމީން އިޙްސާން ކޮޓަރިޔަށްވަދެ ، ނޫރުއާ ގާތަށް ޖެހިލިއެވެ.

" ރަމްޝާއަށް ، އަހަރެން މާގިނަ ވަގުތު ދޭކަމަށް ، ފަހަރެއްގައި ނޫރުއަށް އިޙްސާސް ކުރެވިދާނެއެވެ. އަހަރެންނާ ރަމްޝާއާ ދިމާމިވީ ވަރަށް ގިނަދުވަސް ކޮށްފައެވެ. ދިހަ އަހަރަށްފަހުގައެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރުމުން އަހަރެންގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބެއެވެ. ނޫރުއަށް އެކަން ވިސްނޭނެކަމަށް ހީކުރަމެވެ. އަހަރެމެން ދެމީހުންނަކީ އެކުގައި އުޅެންތިބި ބަޔެކެވެ. " އަމީން އިޙްސާން ނޫރުއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނޫރު ހުރީ ، އަނގައިން ނުބުނެ ހިމޭނުންނެވެ. އިޙްސާންގެ އެއްވެސް ވާހަކަޔަކަށް ޖަވާބެއް ނުދެއެވެ. އޭނާ އަޑުއަހަމުންދާ ކަމަށް ބުނުން ފިޔަވައި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ރަމްޝާ މިހާރު އެހުރީ އިޙްސާންގާތަށް އައިހެވެ. ރަމްޝާއާ އޭނާއާ ދެބަފައިން އެކުގައި އުޅޭތަން ނޫރުއަށްވެސް ފެންނާނެއެވެ. އިޙްސާންގެ ޙަޔާތުގެ ބައިވެރިޔާގެ ޙައިޞިއްޔަތުން ، ރަމްޝާ ބެލެހެއްޓުމަކީ ، ނޫރުގެ ޒިންމާއެކެވެ.

އެއީ އިޙްސާން ، ނޫރުއާ ކައިވެނިކުރި ސަބަބުތޯ އިޙްސާންކުރެން ނޫރު އެހިއެވެ. އަދި ، އޭނާއާ ކައިވެނިކުރި ސަބަބު ސާފުކޮށްދިނުމަށް އެދުނެވެ. ވިޔަފާރީގެ މުޢާމާލާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި ، އިޙްސާންގެ ވަޒީފާގައި އެތައްބަޔަކު އެބަ ތިއްބެވެ. ކައިވެންޏަށްފަހު ، އިޙްސާން އުފަލުގައި ބެހެއްޓުމަކީ ، ނޫރު ކުރަންޖެހޭނެ ކަމެކެވެ. އޭނާ އުފާވާނެ ގޮތްތައް ހޯދުން އެއީ ނޫރުގެ ކަމެކެވެ. އޭނާގެ ގޭގެ ކަންކަން ބެލެހެއްޓުމަށްޓަކައި ނޯކަރުން އެބަތިއްބެވެ. އިޙްސާނަށް ބޭނުންވަނީ ، އޭނާ އުފަލުގައި ބަހައްޓާނީ ކޮންއިރަކު ، ކިހިނެއްކަން އެނގޭފަދަ ބައިވެރިޔެކެވެ. އެވަގުތު އިޙްސާންގެ އެންމެ ބޮޑު އުފަލަކީ ރަމްޝާއެވެ. އިޙްސާނަށް އެވަގުތު އެންމެ މުހިންމީ ރަމްޝާގެ އުފާވެރިކަމެވެ. ނޫރުގެ ކޮނޑުގައި އިޙްސާންގެ އަތް ބާއްވާލުމުން ، ނޫރު ސިހިގެންދިޔައެވެ. ނޫރުއަށްވެސް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް އެބައޮތްކަމުގައި ބަލާށޭ ބުނެ ، އިޙްސާން ކޮޓަރިން ނުކުމެގެން ދިޔައެވެ.

އިޙްސާން ދިއުމާއެކު ، އެނދުމަތީގައި ނޫރު އިށީނދެލިއެވެ. އޭނާގެ މާޒީއަށް ވިސްނައިލިއެވެ. މުރުތަޟާއާ ދިމާއަށް ބުނެފައިވާ ގޮންޖެހުމުގެ ބަސްތައް އޭނާގެ ހިތަށް އައެވެ. މުރުތަޟާ ދެރަވާވަރުގެ ، ޝަރަފަކާއި ޤަދަރުވެރިކަމެއްގައި އެއްދުވަހަކުން މުރުތަޟާގެ ކުރިމައްޗަށް އަންނާނެކަމަށް ނޫރުބުނި ވާހަކަތައް ހަނދާނަށް އައެވެ.

އޮފީހަށްގޮސް ، މަސައްކަތަށް ހިތްދޫކޮށްނުލެވި ، ބޮލުގައި އަތްއަޅައިގެން މުރުތަޟާ އިންދާ ، އެތަނަށް ނޫރު އައެވެ. އިއްޔެއިން ފެށިގެން ، މުރުތަޟާއަށް އުނދަގޫތަކެއްވާތަން ފެންނަކަމުގައި ނޫރު ބުންޏެވެ.

" އަހަރެމެންގެ މާޒީގައި ހިނގައިގޮސްފައިވާ ކަންކަމުގެ އެއްވެސް ވާހަކައެއް ނުދެއްކުމަކީ އަހަރެން ވަރަށްބޮޑަށް އެދޭ ކަމެކެވެ. " މުރުތަޟާ ބުންޏެވެ.

ނޫރުއަށް އެކަން އެނގެއެވެ. މުރުތަޟާ އެކަމާމެދު ވިސްނާނެކަން ނޫރުއަށް އެނގެއެވެ. އަދި ، މުރުތަޟާގެ ކަންބޮޑުވުމަކީވެސް އެއީކަން ނޫރުއަށް އެނގެއެވެ. މުރުތަޟާގާތު ނޫރުދައްކަން ބޭނުންވި ވާހަކަތަކަކީ ، އެމީހުންގެ މާޒީއާ ގުޅިފައިވާ ވާހަކަތަކެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު ވާހަކަތަކެކެވެ. ރައްޓެއްސެއްގެ ޙައިޞިއްޔަތުންވެސް އެ ފުރުސަތު ނޫރުއަށް ދޭކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ.

އިޙްސާން މިހާރު އެމެރިކާއަށް ހިނގައްޖެއެވެ. ދަމުން އެދިޔައީ  ، އޮފީހުގައި މުރުތަޟާއަށް ދިމާވާ ހުރިހާކަމެއް ނޫރުއާ ޙިއްސާކޮށް ޙައްލުކުރުމަށް ބުނެފައެވެ. އެހެންވީމާ ، މުރުތަޟާ ތަންކޮޅެއް ބޮޑަށް އެކަމާ ވިސްނައިގެން ، ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަން ޖެހޭނެއެވެ. ކުރިޔަށްހުރި މަސައްކަތްތަކާދޭތެރޭ މިއަދު ވާހަކަދައްކައި ، މައްސަލައެއް އޮތިއްޔާ ޙައްލުކުރަން ނޫރު ބޭނުންވެއެވެ.

މުރުތަޟާ ހުރީ ޗުއްޓީއަކަށް ބޭނުންވެފައެވެ. އެދުވަސްކޮޅު އޭނާއަށް ޢާއިލާއަށް އެއްވެސް ވަގުތެއް ނުދެވެއެވެ. އައިމަލްވެސް ފެންނަނީ ރޭގަނޑު ގެޔަށް ދާތަނުން ނިދާފައި އޮއްވައެވެ. އޮފީހުން ލަހުންދިޔަޔަސް ، ތަހުނިޔާ ހޭލާ ހުންނާތީ ތަހުނިޔާއާ ދިމާވިނަމަވެސް ، ތަހުނިޔާއަށް ދޭންވާ ވަގުތުވެސް އެއްވެސް ވަރަކަށް ނުދެވެއެވެ.

ނޫރުބަލަމުން ގެންދަނީ ، މުރުތަޟާއަކީ އޭނާއާއެކީ މަސައްކަތްކުރާ ޓީމުގެ މެންބަރެއްގެ ގޮތުގައި އެކަންޏެއްނޫނެވެ. ނޫރުގެ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. މުރުތަޟާގެ ކަންބޮޑުވުން އިޙްސާސްވާކަމުގައި ނޫރު ބުންޏެވެ. އަދި ، ދެތިން ދުވަހުގެ ޗުއްޓީއެއްނަގައި ، ޢާއިލާއަށް ވަގުތުދީ އަރާމުކޮށްލުމަށް ނޫރު އެދުނެވެ. އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާކުރާނީ ، ޗުއްޓީ ނިންމާފައި މުރުތަޟާ އޮފީހުން ނުކުތުމުންނެވެ. އެހެން ނޫނަސް ، މުރުތަޟާއަށް ސަޕްރައިޒެއް އެބައޮތޭ ބުނެ ، ނޫރުއެތަނުން ދިޔައެވެ. އެއީ ކޮންފަދަ ސަޕްރައިޒެއް ބާވައެވެ.

 

އައިމަލް ގޮވައިގެން ތަހުނިޔާ އޭނާގެ ގެޔަށް ދިޔައެވެ. ތަހުނިޔާގެ މަންމައާއި ބައްޕަވެސް ގޭގައި އުޅެއެވެ. ތަހުނިޔާ ދިޔައީ ، މަންމަ ބުނެގެންނެވެ. ސާޖިދާ ބޭނުންވީ ، އައިމަލްއަށް އަހަރުފުރޭތީ ޝޮޕިންގއަށް ޖައްސައިލުމަށެވެ. އައިމަލްއަށް އަހަރުފުރެން އަދި މަހެއްހާ ދުވަސް އެބައޮތެވެ. ތަހުނިޔާ ގެޔަށް އެދިޔައީ މުރުތަޟާގާތު ބުނެވެސް ނުލައެވެ. ޙަފުޞާވެސް އުޅެނީ ހުންއައިސް ބަލިވެއެވެ. އެކަހަލަ ވަގުތެއްގައި ، މުރުތަޟާގާތު ނުބުނެ ، މަންމަމެންނާއެކީ  ޝޮޕިންގއަށް ދިއުމަކީ ތަހުނިޔާއަށް އެހާ ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ، މަންމައާއި ބައްޕަ ކުރުނުކޮށްގެން އެންމެފަހުން އެމީހުންނާއެކީ ދާން ތަހުނިޔާއަށް މަޖުބޫރުވިއެވެ.

މުރުތަޟާ ގެޔަށް އައިއިރު ، ތަހުނިޔާއެއް ނެތެވެ. މަންމަ ބަލިވެ އުޅެނިކޮށް ، ތަހުނިޔާ ބޭރަށް ދިއުމަކީ މުރުތަޟާއަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ތަހުނިޔާ ގެޔަށް ގެނެސް މަންމަ ގޮވައިގެން ހޮސްޕިޓަލަށްދާން މުރުތަޟާ ނިންމިއެވެ. ތަހުނިޔާމެންގެޔަށް ގޮސް ބޭރު ރަނގަބީލުޖަހައި ޖަހައި ވަރުބަލިވީއިރުވެސް ދޮރެއް ނުހުޅުވިއެވެ. ހިތްހަމަ ނުޖެހިފައިހުރެ ފޯނުނަގައި ތަހުނިޔާއަށް ގުޅިއެވެ.

ތަހުނިޔާ އޭރު އިނީ ، ޝޮޕިންގ ނިމިގެން މަންމަމެންނާއެކީ އެއްޗެއްކާލަންވެގެން ރެސްޓޯރެންޓެއްގައެވެ. ތަހުނިޔާގެ ޒިންމާއާއި މަސްއޫލިއްޔަތަށް އެހާބޮޑަށް ފަރުވާކުޑަކުރީ ކީއްވެހޭ ބުނެ ވަގުތުން ގެޔަށް އައުމަށް މުރުތަޟާ އަމުރު ކުރިއެވެ. ކަމެއް ގޯސްވީތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މަންމަ އޮތީ ހުންއައިސް އެނދުން ނުތެދުވެވިފައެވެ. އަރުސަލާން އެހުރީ އަދި ރޭގަނޑު ނުކައެވެ. ބޭރަށްދަމުން އެންމެ ދެރަވެގެން މުރުތަޟާގާތު ބުނެވެސް ނުލައެވެ.

ތަހުނިޔާ އޭނާގެ މަންމަގާތަށް އެދިޔައީ އެތައް ދުވަހެއް ކޮށްފައެވެ. މުރުތަޟާ ބޭނުންކަމަށްވަންޏާ ، ބޭނުންއިރަކު ، ބޭނުންމީހަކާއެކީ ، ކައިބޮއެ ދާނެތާކަށް ދާންވީއެވެ. ޒިންމާއާއި މަސްއޫލިއްޔަތަކީ ހަމައެކަނި ތަހުނިޔާއަށް އޮންނަ އެއްޗެކެވެ. ގޭގެ ހުރިހާކަމެއްގެ ޒިންމާ އުފުއްލަންޖެހެނީ އަންހެންމީހާ އެކަނި ހެއްޔެވެ ؟

 

އޮފީސް ނިންމާފައި ގެޔަށްދިޔަމަގުމަތީ ، ނޫރުއަށް އިޙްސާންގެ ފޯނެއް އައެވެ. ޙާލުއަޙުވާލު އެހުމަށްފަހު ، ވާހަކައެއް ބުނަން އެބައޮތްކަމުގައި ނޫރު ބުންޏެވެ. ނޫރު ބޭނުންވީ ، މުރުތަޟާގެ މުސާރަ ބޮޑުކުރުމަށެވެ. އެކަމާގުޅިފައި ޚާއްޞަ ވަކިކަމެއް އެބައޮތްތޯ އިޙްސާން ސުއާލު ކުރިއެވެ. ނޫރުގެ ޖަވާބު ވަރަށް ދިގުވިއެވެ. މުރުތަޟާއަކީ ، ވަރަށް ހީވާގިކަމާއެކު ، ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ މުއައްޒަފެކެވެ. ޢާއިލާއާއި ގޭގެ ކަންކަން އެއްފަރާތްކޮށްފައި ، އޮފީހުގެ މަސައްކަތަށް އިސްކަން ދެއެވެ. ރެޔާއި ދުވާލު މަސައްކަތްކޮށްގެން ، ޙަވާލުކުރާ މަސައްކަތް އެހާ އަވަހަށް ނިންމައެވެ. އެކަހަލަ މުއައްޒަފުންނަށް އެހެންތާކުން ރަނގަޅު ފުރުސަތެއް ލިބޭއިރަށް ހިނގައިދާނެއެވެ. އެކަހަލަ މީހުންނަކީ ، ބޮޑެތި ކޮންމެ ކުންފުންޏަކަށްވެސް މުހިންމު ބަޔެކެވެ. އިޙްސާންގެ ކުންފުނީގައި މަސައްކަތްކުރަން ފެށިފަހުން ، ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކާއެކު މުޢާމަލާތުކޮށް މުރުތަޟާއަކީ ، މުހިންމު މީހެއްކަން އެތަންތަނުގެ ވެރިންނަށް އެނގޭނެއެވެ.

މުރުތަޟާ ފުރިހަމަކުރި ޕްރޮޖެކްޓަގައި މަސައްކަތްކުރި އެހެން މުއައްޒަފުންވެސް އެބަތިއްބެވެ. މުރުތަޟާއަށް މުސާރައިގެ ކުރިއެރުން ދޭކަމަށްވަންޏާ ، އެހެންމީހުންނަށްވެސް އެ ފުރުސަތު އޮންނަންޖެހޭނެކަމަށަ އިޙްސާންއަށް ފެނުނެވެ. އެކަން ، ޤަބޫލުކޮށް ، މަސައްކަތަށް ބަލާފައި ފާހަގަ ކުރެވޭ އެހެންމީހުންނަށްވެސް ކުރިއެރުން ދޭނެކަމަށް ނޫރު ބުންޏެވެ. އެކަން އެގޮތަށް ގެންދާކަމަށް ވަންޏާ އިޙްސާންގެ މުއްސަލައެއް ނެތެވެ. ނޫރުއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް އެކަން ނިންމުމަކުން ، އިޙްސާންގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް ، ވިޔަފާރީގެ މުޢާމަލާތުތަކަށްވުރެ ، ރަމްޝާއަކީ އިޙްސާނަށް މުހިންމު މީހެއްކަން ނޫރުއަށް ހަނދާން ކޮށްދިނެވެ. ވީވަރަކުން ، ރަމްޝާގެ ކަންކަން ބެލެހެއްޓޭތޯ މަސައްކަތްކުރާނެކަމަށް ނޫރު ވަޢުދުވިއެވެ.

މަންމަ ޑޮކްޓަރަށް ދައްކާފައި ގެޔަށް އައިސް ކޮޓަރިޔަށް ވަތްއިރު ، ކޮޓަރީގެ އެއްކަނެއްގައި ހުއްޓިލައިގެން ތަހުނިޔާ ހުށްޓެވެ. ތަހުނިޔާ އެހުރީ ހިތްހަމަ ނުޖެހިފައިކަން މުރުތަޟާއަށް އެނގުނެވެ. އޭނާ އައިކަން އަންގައިލުމަށްޓަކައި ، މުރުތަޟާ ކަރުކެހިލިއެވެ. އަދި ، ތަހުނިޔާ ހަމަޖައްސައިލުމަށްޓަކައި ވާހަކަދައްކަން ފެއްޓިއެވެ.

މަންމަމެންނާއެކީ ބޭރުގައި އުޅެނިކޮށް ވަގުތުން އަންނަން ބުނީމާ ތަހުނިޔާ އެހުރީ ހިތްހަމަ ނުޖެހިފައިކަން އެނގޭކަމަށް މުރުތަޟާ ބުންޏެވެ. ޙާލާތުގެ ގޮތުން ޖަޒުބާތީވެފައި އޭނާއަށް އަމުރުވެރިކަން އިސްކުރެވުނީއެވެ. ބޭރަށްދާވާހަކަ މުރުތަޟާގާތު ބުނެލިނަމަވެސް ތަންކޮޅެއް ރަނގަޅުވީހެވެ. މަންމަގެ ހުންހުރީ އެހާ ގަދަކޮށެވެ. އެހާ ލަސްވިއިރު ، އަރުސަލާންހުރީ ނުކައެވެ. ޠާހިރާއެއް ރަށަކު ނެތެވެ. މުރުތަޟާގެ ވާހަކަ ނިމުމުން ، ތަހުނިޔާ މުރުތަޟާއާ ދިމާއަށް އެނބުރިލިއެވެ.

ތަހުނިޔާ އެގެޔަށް އައިސް ، އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން އެގެންދަނީ ހިތުން ރުހުމުންނެވެ. އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށެވެ. މުރުތަޟާހެން ކަމަކަށްކަމެއް ކުރާގޮތަކަށް ނޫނެވެ. ސާފުހިތަކުންނެވެ. އެއްވެސް މީހަކަށް އެއްވެސްކަމެއް އޮޅުވައިލައިގެންނެއް ނޫނެވެ. ހިތްސާފުނުވުމުގެ ވާހަކަޔަކީ ، މުރުތަޟާ އަޅައިގަތް ވާހަކައެކެވެ. އެވާހަކައިގެ މަތުލަބަކީ ކޮބައިތޯ މުރުތަޟާ ސުއާލު ކުރިއެވެ.

" ގޭތެރޭގެ ހުރިހާކަމެއްގެ ޒިންމާއަކީ ހަމައެކަނި އަންހެންމީހާގެ މަސްއޫލިއްޔަތެއް ނޫނެވެ. ދިމާވާ ކޮންމެކަމެއް އެއީ އަންހެންމީހާ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ފިރިހެނުންނަށް ފެނުމަކީ ، އަންހެނުންގެ ޙައްޤުތަކަށް ވިސްނައިނުލާކަމުގެ ހެއްކެކެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވާހަކަތަކުން މުރުތަޟާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. ތަހުނިޔާ ބުނަން އެއުޅޭ ވާހަކަ ބުނުމަށް މުރުތަޟާ ފުރުސަތެއް ނުދިނެވެ. ތަހުނިޔާއާ އިތުރަށް އެއްވެސް ކަމަކާ ވާހަކަ ދައްކާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. ތަހުނިޔާގެ ހިތުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުމަކީ ، މުރުތަޟާ އޭނާއަށް އޮޅުވައިލުމާ ގުޅިފައި އޮތް ކަމެކެވެ. އެކަން މާމައްޗަށް ނުދަނިސް ހުއްޓުވަން ތަހުނިޔާ ބޭނުމެވެ. އެދެމީހުންގެ ދިރިއުޅުމުގެ ތެރެޔަށް ، ނޫރުލްޢައިނު އަނެއްކާވެސް ވަނުމަކީ ، ތަހުނިޔާ އެދޭކަމެއްނޫނެވެ. އެހެންނަމަވެސް ، އެވާހަކަ ދެއްކުމަށް ތަހުނިޔާއަކަށް ފުރުސަތެއް ނެތެވެ. އެވާހަކަތައް ދައްކާކަށް މުރުތަޟާ ބޭނުމެއް ނުވެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.