ފަލްސަފާ (86)

( 6 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަޟާ ގެޔަށްއައި މަގުމަތީ ، އަރުސަލާންގެ ޚަބަރުބަލައިލުމަށްޓަކައި ތަހުނިޔާމެންގެ ގެޔަށް ވަނެވެ. މަންމައާއި ޠާހިރާ ، ލާހޯރަށް ދިޔަފަހުން ، އެމީހުން އޮފީހަށްދަނީ ، އަރުސަލާނާއި އައިމަލް އެގޭގައި ބައިތިއްބާފައެވެ. އޭނާއަށް ފެނުނީ ، އަރުސަލާން ރޯންއިންތަނެވެ. އޭނާގެ ފަޔަށް ތަދުވާތީއެވެ. އަރުސަލާންއަށް ހިތްވަރު ދެމުން ، ތަހުނިޔާ އަދިވެސް ގެޔަށް ނާންނަނީތޯ މުރުތަޟާ ސުއާލު ކުރިއެވެ. ސާޖިދާއަށް ބުނަންޖެހުނީ ، އަރުސަލާންގެ ފަޔަށް ތަދުވިވާހަކަ ތަހުނިޔާއަށް ފޯނުކޮށްފައި ބުނިކަމަށެވެ. އެކަމަކު ، އަދިވެސް ތަހުނިޔާ ގެޔަށް ނާންނަ ކަމަށެވެ. ތަހުނިޔާގާތު އެވާހަކަ ބުނިތާ މިހާރު ދެގަޑިއިރެއްހާއިރު ވެއްޖެއެވެ.

މުރުތަޟާ ވަގުތުން ، ތަހުނިޔާއަށް ފޯނުކުރިއެވެ. އެކަމަކު ނެޓްވޯކެއް ނުލިބޭތީ ގުޅޭގޮތެއް ނުވިއެވެ. އަރުސަލާންއާއި އައިމަލް ގޮވައިގެން ގެޔަށް ދިއުމަށް މުރުތަޟާ ނިންމިއެވެ. ސާޖިދާއާއި ޢާޞިފް އެތައް ވަރަކަށް ކީމަވެސް ، މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އެކަން ވެގެންދިޔައީ ޢާޞިފަށާއި ސާޖިދާއަށް ލިބުނު ވަރަށްބޮޑު ކަންބޮޑުވުމަކަށެވެ. ތަހުނިޔާ ނެތިސް ދެކުދިން ގޮވައިގެން މުރުތަޟާ އެދަނީ ، ތަހުނިޔާ ލަސްވެގެން ، އެކަމާ ހިތްހަމަ ނުޖެހިގެންކަން ސާޖިދާއަށް އެނގުނެވެ.

 

އިޙްސާނާއި ނޫރުދިޔައީ ރެސްޓޯރެންޓަކަށެވެ. އެތަނުގެ ބޭރުގައި ތައްޔާރުކޮށްފައިވާ ބޮޑު ބަގީޗާއެއްގައި އެދެމީހުން ވާހަކަދައްކަން ތިއްބެވެ. އިޙްސާން ، އޭނާގެ މާޒީ ނޫރުއަށް ސާފުކޮށްދެމުން ގެންދިޔައެވެ. އޭނާގެ ކުރީގެ އަންހެނުން ، ޒަރުނައިން ވަރިކުރިއިރު ، އެދެމީހުންނަށް ލިބުނު އަންހެންދަރިފުޅު ރަމްޝާހުރީ ، ޒަރުނައިން ގާތުގައެވެ. ރަމްޝާ ހުންނާނީ ޒަރުނައިން ގާތުގައިކަމަށް އެދެމީހުން ވަރިވުމަށްފަހު ، އޮތީ ދެމީހުންވެސް އެއްބަސްވެފައެވެ. އިޙްސާނަކީ ، ރަށުގައި މަޑުކުރެވޭ މީހެއްނޫނެވެ. އަބަދުވެސް ، ވިޔަފާރި ދަތުރުތަކުގައި އުޅެންޖެހިފައި އޮންނަނީ ރަށުން ބޭރުގައެވެ. ރަމްޝާ އޭނާގެ މަންމަގާތުގައި ބަހައްޓަންޖެހުނީ ، އިޙްސާނަށް އޮތް އެ މަޖުބޫރުގެ ސަބަބުންނެވެ. އެކަމާބެހޭގޮތުން އެދެމީހުންގެ މެދުގައި އޮތީ އެހެންކަމަކަށްވެސް އެއްބަސް ވެފައެވެ. އެއީ ، ޒަރުނައިން އެހެން ކައިވެންޏެއް ކުރާކަމަށްވަންޏާ ، ރަމްޝާ އައިސް ހުންނަންވާނީ އިޙްސާންގާތުގައި ކަމަށެވެ. އެވަގުތު މިހާރު އެއޮތީ އައިއްސައެވެ. ރަމްޝާ ދެން ހުންނާނީ ނޫރުއާއި އިޙްސާނާ އެކީގައެވެ. އެއީ ، ޒަރުނައިން އެހެން ކައިވެންޏެއްކުރަން ބޭނުންވާތީއެވެ.

ނޫރު އިނީ އެއްވެސް އެއްޗެކޭ ނުބުނެ ، އިޙްސާން ދައްކާ ވާހަކަ އަޑުއަހާށެވެ. އެހެނަސް ، ރަމްޝާ ހުންނާނީ އެމީހުންގެ ގާތުގައިކަމަށް އިޙްސާން ބުނުމުން ، ނޫރު އަކަށް ނީނދެވުނެވެ. އެކަމަށް އެއްބަސްވާން ނޫރުއަށް އުނދަގޫ ވިއެވެ. ރަމްޝާއަކީ ، ގާތްގަނޑަކަށް ނޫރުއާ އެއްފުރައިގެ އަންހެންކުއްޖެކެވެ. އިޙްސާން އަބަދުވެސް އުޅޭނީ ރަށުން ބޭރުގައެވެ. ރަމްޝާ ބެލެހެއްޓުމުގެ ޒިންމާ އޮންނާނީ ނޫރުއަށްކަމުގައި ، އިޙްސާން ހާމަކުރިއެވެ. ރަމްޝާ ގިނައިރު އުޅޭނީވެސް ނޫރުއާ އެކީގައެވެ.

ނޫރުއަކަށް ، ރަމްޝާގެ ޒިންމާއެއް ނުއުފުއްލޭނެއެވެ. އޭނާ އުޅެންޖެހޭނީ އޮފީހުގެ މަސައްކަތުގައި އަވަދިނެތިއެވެ. ގެޔަށް އާދެވޭނީވެސް ވަރަށް ލަސްވާ ފަހުންނެވެ. އެއީ މައްސަލައެއް ނޫންކަމަށާއި ރަމްޝާއަކީ ، މިހާރު ބޮޑުވެފައިހުރި ކުއްޖެއްކަމަށް އިޙްސާން ބުންޏެވެ. އެހެނަސް ، އެޢުމުރަކީ ، ކުދިންގެ މައްސަލަތައް ގިނަވާނެ ޢުމުރެކެވެ. ގެންގުޅެ ބަލަހައްޓަން ދަތިވާނެ ޢުމުރެކެވެ. މަންމައެއްގެ ޙައިޞިއްޔަތުން ، ރަމްޝާގެ ހުރިހާކަމެއް ބަލަހައްޓަންޖެހޭނީ ނޫރުއަށެވެ. ނޫރުއަކީ ، ރަމްޝާގެ ދޮންނަމަވެސް ، މަންމަކަން ޤަބޫލުކުރުމަށް އިޙްސާން އެދުނެވެ. ޙަޤީޤަތަކީ އެއީއެވެ. އެއީ މައްސަލައެއް އޮންނަންޖެހޭނެކަމެއް ކަމަކަށް އިޙްސާނަކަށް ނުފެނެއެވެ. އޭނާ އެމެރިކާއަށް ދިޔައިމަ ، ނޫރު އެކަނިވެރިވާނެއެވެ. އެ އެކަނިވެރިކަން ފިލުވުމަށް ދަރިޔަކު ލިބުނީތީ އުފާކުރުން މާ އަވްލާކަމަށް އިޙްސާން ބުނަމުން ގެންދިޔައެވެ. އެކަމަށް ، ނޫރު ޝުކުރުކުރަން ޖެހޭނެއެވެ.

ކާ އެއްޗެތި ގެނައުމާއެކު އިޙްސާން ކާންފެށްޓިއެވެ. އަދި ، ނޫރުވެސް ކާންފެށުމަށް އިޝާރާތް ކުރިއެވެ. އެހެންނަމަވެސް ، އެވަގުތު އެއީ ނޫރުއަށް އެއްޗެއް ކެވޭކަހަލަ ވަގުތެއްނޫނެވެ. ދެއަތް ދެއަތަށް ބޮނޑިކުރަމުން ، ކާން ނުފެށިފައި ނޫރު އިނެވެ.

 

ތެޅެމުން ފޮޅެމުން ، ތަހުނިޔާ އައިސް ގެޔަށް ވަނެވެ. އަދި އަރުސަލާންއަށް ގޮވަމުން އޭނާގާތަށް ދިޔައެވެ. ތަހުނިޔާ ލަސްވި ސަބަބުވެސް މުރުތަޟާއަށް ސާފުކޮށްދެމުން ގެންދިޔައެވެ. ތަހުނިޔާ އައިސް ކޮޓަރިޔަށް ވަތްއިރު ، މުރުތަޟާ އިނީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އެހެނަސް ، އިރުކޮޅަކުން އޭނާ ހަމަޖެހިލިއެވެ. އަދި ދެތިންދުވަހަށް ޗުއްޓީއެއް ނެގުމަށް ތަހުނިޔާގާތު ބުންޏެވެ. ދެކުދިން ބެލުމަކީ ، މަންމަޔަށް ދެވޭ ވަރަށްބޮޑު ތަކުލީފަކަށް ވާތީއެވެ.

ތަހުނިޔާގެ މަސައްކަތް ހުރިގޮތުން ޗުއްޓީއެއް ނެގޭކަށް ނެތެވެ. މުރުތަޟާއަކަށްވެސް ޗުއްޓީއެއް ނަގާކަށް ފުރުޞަތެއް ނެތެވެ. އެހެންނަމަވެސް ، ދެމީހުންވެސް މާދަމާ ތަންކޮޅެއް އަވަހަށް ގެޔަށް އައުމަށް ނިންމައި އެވާހަކަ ނިންމައިލިއެވެ. ދެމީހުންވެސް އާދެވެން އޮތް އެންމެ އަވަހަކަށް ވަކިވަކިން އަންނާނީއެވެ. ތަހުނިޔާ އައީ އެއްވެސް އެއްޗެއް ނުވެސްކައެވެ. އެހެންކަމުން ، ތަހުނިޔާއަށް ކާއެއްޗެއް އޯޑަރުކޮށްދިނުމަށްފަހު ، މުރުތަޟާ އަރުސަލާންގާތަށް ދިޔައެވެ.

 

އަމީން އިޙްސާންގެ ގޭތެރެ އެހާ އަމާނެއްނޫނެވެ. ރަމްޝާއާއި އިޙްސާނާ ދެބަފައިންގެ މެދުގައި ފިނިބަހުސެއް ހިނގަމުން ދިޔައެވެ. ރަމްޝާއަށް ޤަބޫލުކުރެވޭގޮތުގައި ، މަންމައާއި ބައްޕަ ވަކިވީ ، ބައްޕަގެ ކުށުންނެވެ. އޭނާއަށާއި މަންޔަށް އެއްވެސް ވަރަކަށް ބައްޕަޔަކަށް ވަގުތެއް ނުދެވެއެވެ. ރަމްޝާއަކީވެސް ކުޑަކުއްޖެއްނޫނެވެ. ދިރިއުޅުމުގެ އެކި ޙާލަތްތައް ވަކިކޮށް ދެނެގަނެވޭވަރަށް އޭނާވެސް އެހުރީ ބޮޑުވެފައެވެ. މަންމައާއި ބައްޕަ ވަކިވުމުގެ ސަބަބުތައް ފެށިގެން ، ކުނިޖެހެމުން ފިޔަވަޅުތައް ކުރިޔަށް އެޅެމުން ދިޔައީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ މަންމަޔާއި އޭނާއަކީ ، އެކަމުގެ ސަބަބުކަމަށް އިޙްސާން ބުނުމަކީ ، ރަމްޝާއަށް ޤަބޫލުކުރެވޭނެކަމެއް ނޫނެވެ.

އިޙްސާން އޭނާގެ ދަރިފުޅާ އެކަމާބެހޭގޮތުން ޖަދަލުކުރާކަށް ގަސްތެއް ނުކުރިއެވެ. ރަމްޝާއަށް ހީވާގޮތް އެއީ ކޮންމެގޮތެއްކަމަށްވިޔަސް ، އެކަން އޭނާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް ، ޒަރުނައިންއާއި އިޙްސާންގެ ދިރިއުޅުމުގައި ދިމާވި ހުރިހާކަމެއްގެ ސަބަބަކީ އިޙްސާންކަމަށް ، އޭނާގެ މަންމަ ރަމްޝާއަށް ވިސްނައިދީ ، ސިކުނޑިއާ ކުޅެފައިވާކަން ރަމްޝާއަށް ހަނދާން ކޮށްދިނެވެ. އެކަމަކު ، މިހާރު ރަމްޝާ އެހުރީ އޭނާގެ ގާތުގައެވެ. ބައްޕަ އޭނާދެކެ ލޯބިވަނީ ކިހާވަރަކަށްކަން ، މަޑުމަޑުން ރަމްޝާއަށް ވިސްނައިގަނެވޭނެކަމަށް އިޙްސާން ނިންމިއެވެ. އެކަމަކު ، އެއްކަމެއް އިޙްސާން ހަނދާންކޮށްދިނެވެ. އެއީ ، ޒަރުނައިންގެ ކައިވެންޏަށްފަހު ، ރަމްޝާއަށް ޒަރުނައިންގާތު ނުހުރެވޭނެކަމެވެ. ބައްދަލު ކޮށް ހެދިދާނެއެވެ. މަންމަގާތުގައި ހުންނާކަށް ނުދެވޭނެއެވެ.

ރަމްޝާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ނޫރު ކަހަލަ ބޭނުމެއް ނެތް އަންހެނަކަށް ، މަންމައާ އެއްގޮތަށް އޭނާއަށް އަޅައި ނުލެވޭނެކަމަށް ރަމްޝާ ބުންޏެވެ. ރަމްޝާއަށް ޤަބޫލު ކުރެވެނީ އެއީ ބައްޕަ ހަދާ ގޯހެއްގެ ގޮތުގައެވެ. އިޙްސާން އޭނާގެ ދަރިފުޅުގެ ގާތަށް ޖެހިލައި ދެކޮނޑުގައި ހިފަހައްޓާލައިގެންހުރެ ، އެއީ ގޯހެއް ނޫންކަމަށާއި ، ޙަޤީޤަތްކަމަށާއި އެކަން ހިތުގެ އަޑިން ޤަބޫލުކުރުމަށް ރަމްޝާގެ ކިބައިން އިޙްސާން އެދުނެވެ. އެދެބަފައިން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވޭ ހިސާބުގައި ، އެމީހުންނަށް ނުފެންނަ ގޮތަށް ހުއްޓިލައިގެން ނޫރު ހުށްޓެވެ. އެވާހަކަތައް އިތުރަށް އަޑުނާހަން ވެގެން ނޫރު އެތަނުން ދުރަށް ދިޔައެވެ. ރަމްޝާވެސް އައިސްފައިހުރި ރުޅީގައި ބައްޕަގެ އަތް އޭނާގެ ގައިން ފޮޅުވައިލުމަށްފަހު ، އޭނާއަށް ޚާއްޞަކުރެވިފައިހުރި ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.

ނޫރު ، ކޮޓަރިޔަށް ވަތްގޮތަށް ބޭސްގުޅައެއް ކައިލައިގެން އެނދުމަތީ އިށީނދެއިންދާ އިޙްސާން ވަނެވެ. ނޫރުގާތު އިޙްސާން އިށީނދެލުމާއެކު ، ނޫރު އެތަނުން ތެދުވެގެން ދުރަށްގޮސް ކޮޅަށް ހުއްޓި ހުށްޓެވެ. އޭނާގެ ފްލައިޓް މާދަމާ އޮތްކަން ނޫރުއަށް ހަނދާން ކޮށްލަދީ ، ނޫރުއާއެކު ވަގުތުހޭދަކުރުމަށް ބޭނުންވާކަމުގައި އިޙްސާން ބުންޏެވެ. އަދި ނޫރުއާ ގާތަށް ޖެހިލިއެވެ. އެހިނދު ނޫރުވެސް އަނެއްފަރާތަށް އެނބުރި އިޙްސާނަށް ފުރަގަސް ދިނެވެ. އިރުކޮޅަކު ހުރުމަށްފަހު ، ނޫރު ބޭނުންވާގޮތެކޭ ބުނެ ، ނިދަން އޮށޯތުމަށްޓަކައި އިޙްސާން ، އެނދުގައި ޖައްސައިލިއެވެ.

ނޫރުގެ ހިތުގައި އަޅަމުންދާ ވޭނަށް ކެތްނުވެގެން ، އޭނާއަށް ރޯންފެށުނެވެ. ގިސްލަ ގިސްލާފައި ރޯން އިރުކޮޅަކު ހުރުމަށްފަހު ، ނޫރުވެސް ނިދުމަށްޓަކައި އެތާ ކޮޓަރީގެ އެއްކަނެއްގައިހުރި އެނދެއްގައި ޖައްސައިލިއެވެ. ނިދާ އެނދަށް ގޮސް އިޙްސާންގާތު އޮށޯންނާކަށް ނޫރުގެ ހިތް ހުއްދައެއް ނުކުރިއެވެ.

 

ހެނދުނުގެ ނާސްތާގެ ގަޑީގައިވެސް ނޫރު އިޚްތިޔާރުކުރީ ، ވަކިން ސައިބުމަށެވެ. ރަމްޝާވެސް އިރުކޮޅަކުން އެތަނަށް ނުކުތުމާއެކު އެތާނގައި އިށީނުމަށް އިޙްސާން އެދުނެވެ. ރަމްޝާގާތު ވާހަކައެއްބުނަން ވެފައި އެބައޮތޭބުނެ ، ރަމްޝާ އެންމެ ގަޔާވާ ކާރަށް އޯޑަރުކުރެވިފައިވާކަމަށް އިޙްސާން ބުންޏެވެ. ގޭގައިހުރި ކާރުތަކުން ، ކޮންމެ ކާރެއްވެސް ، އާކާރު ގެނެވެންދެން ރަމްޝާއަށް ބޭނުން ކުރެވިދާނެއެވެ. އެހެނަސް ، ރަމްޝާއާއެކީ އަބަދުވެސް ޑްރައިވަރު ހުންނަންވާނެއެވެ. ރަމްޝާއަކަށް ޑްރައިވަރެއް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ، ޑްރައިވަރަކާނުލައި ، ރަމްޝާ އެކަނި ކާރުދުއްވުން އިޙްސާން ހުއްދައެއް ނުކުރިއެވެ. އެއީ ރަމްޝާ ބޭނުންވެގެން ނުވަތަ ބޭނުން ނުވެގެން ކުރާކަމެއް ނޫނެވެ. އެއީ ރަމްސާގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކުރާ ކަމެކެވެ. އެއީ ނޫރުލްޢައިނުވެސް ބޭނުންވާނެ ގޮތްކަމަށްބުނެ ، ނޫރުއާ ދިމާއަށް ބަލައިލިއެވެ.

" ބައްޕަ ބުނެގެން އަހަރެން މިހުރީ ބައްޕާގާތަށް އައިހެވެ. އެކަމަކު ، އަހަރެން ކުރާނެކަންކަމާއި ނުކުރާނެކަންކަން އެހެންމީހަކު އަހަރެންނަށް ކިޔައިދީގެން ނުވާނެއެވެ. " ނޫރުއާ ދިމާއަށް ބަލަހައްޓައިގެންހުރެ ރަމްޝާ ބުންޏެވެ.

ނޫރުއަށް ވަމުންދިޔަ އުނދަގޫތަކަށް އިތުރަށް ކެތްނުކުރެވިގެން ، އޮފީހަށްދާން ލަސްވެއޭ ބުނެ އެތަނުން ތެދުވެގެން ހިނގައިގަތެވެ. ނޫރު ދިއުމާއެކު ، ރަމްޝާގެ ކިޔެވުން ކުރިޔަށްދަނީ ކިހިނެއްތޯއާއި ، މުސްތަޤްބަލްގައި އޭނާގެ ވިޔަފާރި ބެލެހެއްޓުމުގެ ޒިންމާއަކީ ރަމްޝާއަށް ކުރަންޖެހޭނެކަމެއްކަން އިޙްސާން ހަނދާން ކޮށްދިނެވެ.

ރަމްޝާ ހަދަމުން ގެންދަނީ ބިޒިނަސް އެވެ. އޭނާ ކުރިޔަށްދާންވީ މަގު ، ރަމްޝާއަށް ވަރަށް ސާފެވެ. ރަމްޝާގެ ވިސްނުންހުރިގޮތް އެނގުމުން ، އެކަމާ އިޙްސާން ވަރަށް އުފާކުރިއެވެ. އެއީ ، އޭނާވެސް އެންމެ ބޭނުންވާގޮތްކަމަށް ވާތީއެވެ.

 

ނޫރު ، އޭނާގެ އަމިއްލަ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބޭތޯ ބައްޕަމެންގެޔަށް ދިޔައިރު ، ގޭގެ މައިދޮރު ހުރީ ތަޅުލާފައެވެ. އޭނާގާތު ނުބުނެ ، ގޭއެންމެން އެދިޔައީ ކޮންތާކަށް ހެއްޔެވެ ؟ ކުޑައިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ، ފޯނު ނަގައި ރައިދާއާ ގުޅިއެވެ. އެމީހުން އޭރު އެއުޅެނީ ބައްޕަގެ ޓެސްޓްތަކެއް ހެދުމަށް ގޮސް ، ހޮސްޕިޓަލުގައެވެ. އެއީ އާދަކޮށް ތިންމަހުން އެއްފަހަރު ހަދާ ޓެސްޓެކެވެ. ކަންބޮޑުވާންވީ އެއްވެސްކަމެއް ނެތްކަމަށާއި އެމީހުންނަށް ގެޔަށް ދެވޭނެއިރެއް ނޭނގޭކަމަށް ރައިދާ ބުންޏެވެ. ރައިދާމެން އަންނަހާ އިރެއްވަންދެން ގޭދޮރުމަތީ ނޫރުއަކަށް ނުހުރެވޭނެއެވެ. އެހެންކަމުން ، ގެޔަށް އައިސް އޭނާއާ ގުޅާލަދިނުމަށް އެދުނެވެ.

ޖެހިގެން އެހުރީ މުރުތަޟާމެންގެ ގެޔެވެ. އެގެޔާދިމާލަށް ބަލައިލައި ، ޑްރައިވަރުގާތު މަޑުކުރަން ބުނުމަށްފަހު ، އެގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ، ގޭގައި އުޅެނީ މުރުތަޟާ އެކަންޏެވެ. ކުރީރޭ ތަހުނިޔާއާ ދެމީހުން އެއްބަސްވިގޮތަށް ، މުރުތަޟާ އެއުޅެނީ ، ތަންކޮޅެއްކުރިން ގެޔަށް އައިހެވެ. ތަހުނިޔާއަކަށް އަދި ނާދެވެއެވެ. މުރުތަޟާ އުޅެނީ ، އަރުސަލާނަށް ކާއެއްޗެއް ހަދައިގެން އޭނާއަށް ކާންދޭށެވެ. އައިމަލްއާ ސަމާސާކޮށްލަމުން ، މިޕަރީ ކާނީ ކޮންއެއްޗެއްތޯ މުރުތަޟާ އަހައިލިއެވެ. އެވަގުތު ފަހަތުން އެއިވުނީ ، ބޯނީ ސައިކަމަށާއި ލިބޭނެތޯ މީހަކު ބުނި އަޑެވެ. މުރުތަޟާ އެދިމާއަށް ބަލައިލިއިރު ، އެއީ ނޫރުއެވެ. މުރުތަޟާއަށް ލިބުނީ ޙައިރާންކަމެކެވެ. އެހާ ނުގަޑިއެއްގައި ، ނުމެޢީދަކު ނުމެރޯދަޔަކު ، ނޫރުލްޢައިނު އެގެޔަށް އަންނަންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ އަމްދުން ، ތަހުނިޔާއާއި މަންމަމެން ބޭރުގައި އުޅެނިކޮންނެވެ.

ސައިތަށްޓެއް ބޮއިލުމަށް އައިސް މޭޒުކައިރީ އިށީނުމަށް ނޫރުގެ ކިބައިން މުރުތަޟާ އެދުނެވެ. މޫނުމަތިން އުފާވެރިކަން ފާޅުވުމާއެކު ، ހެމުންހެމުން ނޫރުއައިސް ކާމޭޒުދޮށުގައި އިށީނދެލިއެވެ. މުރުތަޟާ ދިޔައީ ބަދިގެފަރާތަށް ސައިހަދާށެވެ. އައިމަލް އާ ސަމާސާ ކޮށްލައި ، އަރުސަލާންއާ ވާހަކަ ދައްކައިލުމަށްފަހު ، ނޫރުވެސް ބަދިގެފަރާތަށް ދިޔައެވެ. ނޫރު އެގޭތެރެއިން ކުއްލިޔަކަށް ފެނުމުން ، މުރުތަޟާއަށް ލިބުނީ ޙައިރާންކަމެއް ނުވަތަ އުފާކަމެއް ނޭނގޭކަމަށް ނޫރު ބުންޏެވެ.

މުރުތަޟާއަކީ ކުރިން ބަދިގެޔަށް ވަދެއުޅޭމީހެއް ނޫނެވެ. އެކަން ފާހަގަ ކުރެވިފައި އޮތްކަން ނޫރު އަންގައިލިއެވެ. މުރުތަޟާ މިހާރު އެހުރީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ނޫރުއެހެން ބުނުމުން ، މުރުތަޟާގާތަށް ހިނިއައެވެ. އެއީ ހިނިއަންނަންވީކަމެއް ނޫންކަމަށް ނޫރު ބުންޏެވެ. އެކަމަށް އަޅައިނުލާ ސައިތަށި ހެދުމަށް މުރުތަޟާ އެނބުރިލިއެވެ. އަދި ، ބަދަލުވީ އޭނާ ނޫންކަމަށާއި ބަދަލުއައީ ނޫރުއަށް ކަމަށް މުރުތަޟާ ބުނެލިއެވެ. މުރުތަޟާ އެހުރީ ހަމަ ، ނޫރު އޭނާ ދޫކޮށްލާފައި ދިޔަ ހިސާބުގައެވެ. އެއްވެސް ބަދަލެއް ނާދެއެވެ. މިއީ ހަމަ އެއްކަލަ ، ތާކުންތާކު ނުޖެހޭ ވިސްނުންކޮށި ، ދުރަށް އުއްމީދު ނުކުރާ މުރުތަޟާކަމަށް އޭނާ ބުންޏެވެ. ފަހަތަށް ދޫކޮށްފައިދާ އެއްޗެއްގެ ފަހަތުން ދުވާނެކަމެއް ނެތެއްނޫންހޭ ބުނެ މުރުތަޟާ މަލާމާތް ކޮށްލިއެވެ. އެހެނަސް ، މުރުތަޟާ ދަށްކޮށްލުމަށްޓަކައި ، އެމްޑީއެއްގެ ޙައިޞިއްޔަތުން ، އޭނާއަށްކުރި ޖެއްސުމާއި އުނދަގުލުގެ މަތިން ، ހަނދާންކޮށްލަ ދިނެވެ.

" ތިވީ ކިހިނެއް ހެއްޔެވެ ؟ ލޮލުން ކަރުނައަންނަނީ ކީއްވެ ހެއްޔެވެ ؟ ހުރިހާ އުއްމީދެއް ފުރިހަމަވުމުނުންވެސް ، އެވަރުން ނުފުދިގެން ، ކުރިމަތިވާ ތަކުލީފަށް ކެތްނުކުރެވެނީ ކީއްވެ ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ.

ނޫރުގެ ލޮލުން ފައިބަމުން އައި ކަރުނަތައް ފުހެލައި އިސްއުފުލައިލިއެވެ. މުރުތަޟާގެ ސުއާލަށް ޖަވާބު ދިނުމަށްޓަކައެވެ. މުރުތަޟާ އެބުނީ ރަނގަޅު ވާހަކަ އެކެވެ. ނޫރުއަކީ ، މުއްސަނދި މަހުޖަނެއްގެ އަނތްބެކެވެ. ދުނިޔޭގެ އެއްވެސް ކަމަކާމެދު ވިސްނާކަށް ނުޖެހެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.