( 3 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ހެނދުނުގެ ސައިގެ ވަގުތުގައި އެދިމާވި ކަންކަމާހުރެ ، ނޫރުގެ ދުނިޔެ އެއްކޮށް ބަނަވެގެން ދިޔައެވެ. ލިބުނު ކުއްލި ސިހުމާއި ވީދެރައާއި އައިރުޅީގައި ކުރާނީކީއްކަން އޮޅޭހިސާބަށް ، ނޫރުގެ ބޯހާސްވިއެވެ. މެޔަށާއި ހިތަށް ގޮތްވިއެވެ. ދަރިފުޅާއި ކުރީގެ އަނބިމީހާ އެގެޔަށް އައުމާއެކު ، ސައިބުއިން ހުއްޓާލާފައި ، ނޫރުއަށް އެވަގުތު އެލިބުނު ހާސްކަމަށް އަޅައިނުލައި ، އަމީން އިޙްސާން އެދިޔައީ ، އެމީހުން ގޮވައިގެން ސިޓިންގރޫމަށެވެ. އޭނާއެއިނީ ހަމަޖެހިލައިގެން އެ ދެމައިންނާ ވާހަކަ ދައްކާށެވެ. ނޫރު ، އަރިއަޅައިލިތަނުން މޭޒުގައި ހިފަހައްޓާލައި ކައިރީގައިހުރި ގޮނޑިއަށް ފެތިލިއެވެ. އެތަނުގައި އޭނާއިންއިރު ، ސިޓިންގރޫމުގައި އެތިބަ ތިންމީހުން ހަމަޖެހިލައިގެން ހެމުން ، އުފަލުން ވާހަކަ ދައްކަނީއެވެ. އެއީ ، ނޫރުއަށް ކެތްކުރެވުނުކަމެއްނޫނެވެ. އަމީން އިޙްސާން އޭނާއަށް ޚާއްޞަކޮށް ހޯދައިދީފައިވާ ކާރުގައި އެގެއިން ނުކުތެވެ. ދާންވީ ކޮންތާކަށްކަމެއް ، ކާރުދުއްވެނީ ކިހިނެއްކަމެއް ނޫރުއަކަށް ނޭނގެއެވެ. ނޫރުގެ ކާރުގައި ނުޖެހި ސަލާމަތްވާން މަސައްކަތްކުރަން ޖެހެނީ ، މަގުގައި ދުއްވަމުންދާ އެހެންމީހުންނެވެ. ކާރުގެ ސްޕީޑަކީވެސް އެވަގުތު ނޫރުއަށް ކޮންޓްރޯލް ކުރެވޭ އެއްޗަކަށް ނުވިއެވެ. އޭނާގެ ނަފްސާއި އިޙްސާސްތައް ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު ، ހިތް ކޮންޓްރޯލް ކުރާނީ ކިހިނެއް ހެއްޔެވެ ؟
ނޫރުގެ ދެލޯހުރީ ބޮޑުވެފައެވެ. ހާސްވެގެން މޭތެޅެއެވެ. ކާރުގެ ކުރިމަތިން ނިއުޅި ހާމަވަމުން އެދަނީ މީގެ ތިންހަތަރުމަސްކުރިން ، އޭނާއަށް ފެނުނު މަންޒަރު ތަކެކެވެ.
ހެނދުނު އޮފީހަށް ވަދެ ، މޭޒުކައިރިޔަށް ޖެހިލިތަނުން އޭނާއަށް އެފެނުނީ ، އޭނާގެ މޭޒުމަތީ ބާއްވާލައިފާ އޮތް މާ ބޮނޑިއެވެ. އަތުއަކުރުން ، ހެޔޮއެދޭ ނޫރުއަށް ލިޔެވިފައި އޮތެވެ. އެއީ ކާކު ފޮނުވި އެއްޗެއްކަމެއް އޭރަކު ނޭނގެއެވެ. އެ މާބޮނޑީގައިވެސް އެމީހަކު ވަކިވާގޮތަށް ލިޔެވިފައެއް ނެތެވެ. އެ މާބޮނޑިތެރޭގައި ބާއްވާލެވިފައި އޮތް ، ރީތި ރަން ތަނޑިއެއްގައި ނޫރު އަޅައިގަތެވެ. ތަނޑިނެގުމަށްފަހު ، އޭނާގެ އަތަށް ހެޔޮވަރުތޯވެސް ބަލައިލެވުނެވެ. މީހަކު ފެންނަން ހުރިތޯ ވަށައިގެން ބަލައިލިއެވެ.
" އަހަރެންނާ ކައިވެނިކޮށްފާނަން ހެއްޔެވެ ؟ " އެއްކަނަކުން މީހަކު ނުކުމެ ނޫރުކުރެން އަހައިލިއެވެ. އެއީ މުއްސަނދި މަހުޖަނެއްކަމުގައިވާ ، އަމީން އިޙްސާނެވެ.
ނޫރުދިޔައީ ސިއްސައިގެންނެވެ. އެއީ ނޫރުއާއި އިޙްސާނުގެ ގުޅުމުގެ ފެށުމެވެ. ނޫރުވެސް ހުރީ އެފަދަ ފުރުސަތަކަށް ބޭނުންވެ ކެތްމަދުވެފައެވެ. ދެމީހުންގެ މެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ދެމީހުންވެސް ތިބީ އަވަސް އަރައިގެންފައެވެ. އެހެނަސް ، ދެ ޙާލަތެއްގައެވެ. ދެމީހުންނަކީވެސް ، ދެމީހަކަށް ގޮންޖަހައި ، ވާކަން އަންގައިލާން ބޭނުންވެފައިތިބި ދެމީހުންނެވެ. އަމީން އިޙްސާނަކީ ޕާކިސްތާނުގައި ނެތްފަދަ މުއްސަނދި މަހުޖަނެކެވެ. ނޫރުއަކީ ، ކުރިއަރައިދިއުމުގެ އުއްމީދަށް ފެނބޮވައިގެންފައިހުރި ޒުވާން އަދި ޤާބިލް އަންހެންކުއްޖެކެވެ.
ދެވޭ ނުދެވޭތަނެއް ނޭނގި އިނދެ ، ބާރުދުވެލީގައި ކާރުދުއްވަމުންގޮސް ، މުޙުޞިނާގެ އޮފީސް ކައިރިޔަށް ނޫރުގެ ކާރު މަޑުކޮށްލެވުނެވެ. އޭރު ، މުރުތަޟާހުރީ ، ތަހުނިޔާއަށް އިންތިޒާރުކޮށްގެން ، ކާރަށް ނާރައި ބޭރުގައި މަޑުކޮށްލައިގެންނެވެ. މާބާރަކަށް ކާރެއް އައިސް މަޑުކޮށްލުމުން ، ސިއްސައިގެންގޮސް ، މުރުތަޟާއަށްވެސް އެދިމާލަށް ބަލައި ލެވުނެވެ. ނޫރުއަކަށް ބުނެވޭނެ މާބޮޑު ވާހަކައެއް ނެތެވެ. ހާސްވެފައި އިނދެ ، މަޑުމަޑުން ހިނގާފައިގޮސް އޮފީހަށް ވަނެވެ. އޮފީހަށް ވަންނަނިކޮށް އޭނާއަށް އެއިވުނީ ، މުރުތަޟާގެ އަޑެވެ.
" ނޫރުލްޢައިނުއެވެ ! ވީ ކިހިނެއް ހެއްޔެވެ ؟ ހީވާގޮތުގައި މުއްސަނދި މަހުޖަނެއްގެ އަނތްބަކަށް ވެވުނީމަ ، ހިތްވެސް މޮޅުވަނީ އެވެ ؟ މީހުންވެސް މިހާރު ފެންނަ ކަމަކަށް ނުވެއެވެ. ކުރިން ، މީސްމީހުންނަށް އޭނާގެ މަޤާމާއި ދަރަޖަ ވިސްނައިދޭން އުޅުނީމުއެވެ. " މުރުތަޟާ ބުންޏެވެ.
ނޫރުހުރީ ، މުރުތަޟާއާ ޖަދަލުކޮށް ވާހަކަ ދެއްކޭފަދަ ޙާލަތެއްގައެއްނޫނެވެ. އެހެންނަމަވެސް ، ފަސް އެނބުރި މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ، ތަހުނިޔާ އޮފީސްތެރެއިން ނުކުމެ ، ލަސްވާ ވާހަކަ ބުނެ ، އަވަހަށް އެތަނުން ދިއުމަށް ތަހުނިޔާ ބޭނުންވިއެވެ. އޭނާގެ ފަރާތުން ، މުރުތަޟާއާއި ތަހުނިޔާއަށް އުނދަގުލެއް ކުރެވުނު ނަމަ އެކަމަށް މަޢާފުކުރުމަށް ނޫރުބުންޏެވެ.
ނޫރުގެ އަޑުގައިވާ މަޑުމައިތިރިކަމާއި ހިތަށްލިބިފައިވާ ރިހުމާއި ތަކުލީފު ، މުރުތަޟާއަށްވެސް އަދި ތަހުނިޔާއަށްވެސް ފާހަގަ ކުރެވުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ނޫރު ، އޭނާ ވަދެ ނުކުތުމަށްޓަކައި ޚާއްޞަ ކުރެވިފައިހުރި ދޮރުންއޮފީސްތެރެޔަށް ވަދެގެން ދިޔައެވެ.
އިރުކޮޅަކު އޮފީހުގައި މަޑުކޮށްލުމުންވެސް ، ނޫރުއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ގަސްތުކުރީ ބައްޕަޔާ ވާހަކަ ދައްކައިލުމަށްޓަކައި ގެޔަށް ޖައްސައިލުމަށެވެ. އެނޫންމީހަކު މިހާރު އޭނާގެ ނެތެވެ. ނޫރުގެޔަށް ގޮސް ، ޚާއްޞަކޮށް ބައްޕަމަތިން ހަނދާން ވެގެން ގެޔަށް ވަދެލީކަމަށް ބުނުމުން ވަޞީމު ވަރަށް އުފާވިއެވެ. ބޮޑު ކުންފުންޏެއްގެ އެމްޑީއަކަށް ، ބައްޕަޔަށްޓަކައިވެސް ވަގުތު ހުސްކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެތަކުލީފު އުފުއްލީތީ ، ނޫރުއަށް ވަޞީމު ޝުކުރުއަދާކުރިއެވެ. ގޭތެރޭގައި މީހަކު އުޅޭއަޑަށް ، ރައިދާވެސް ބޯދިއްކޮށްލާފައި ގޭތެރެޔަށް ނުކުތެވެ.
ނޫރު އެއައީ އެއްވެސް ޝަކުވާއެއް ހިފައިގެންނެއް ނޫނެވެ. ޢާއިލާއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެގެންނެވެ.
ގެޔަށްދިޔަ މަގުމަތީ ، ނޫރުލްޢައިނަށް ވެފައި އެހުރީ ކީއްތޯ ތަހުނިޔާ ، މުރުތަޟާ އާ ސުއާލުކުރިއެވެ. މުރުތަޟާގެ ޖަވާބަކީ އެއީ ނޫރުގެ އާދަކަމުގައެވެ. އެހެންމީހުން ރުޅިއެރުވުމަކީ ، ނޫރުއަށް ދަސްވެ އާދަވެފައިހުރި ކަމެކެވެ. އެކަމެއް ބަދަލެއް ނުވާނެއެވެ. ނޫރު ކޮންމެ ތާކަށްވަނަސް ، ކޮންމެ ގޮތަކަށް އުޅުނަސް ، އެއީ އެމީހުން އެކަމާ ބެހެންވީކަމެއްނޫންކަމުގައި މުރުތަޟާ ބުންޏެވެ. މުރުތަޟާއިނީ ، ތަހުނިޔާ އެކަމާބެހުނީތީ ފޫހިވެފައެވެ. އެކަން ފާހަގަ ކުރެވިގެން ، މުރުތަޟާއަށް އެއިނީ ކިހިނެއްވެފައިތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ނޫރުއާ ބޭހޭވާހަކައެއް ދައްކައިލާއިރަށް ، މުރުތަޟާގާތަށް ރުޅި އެ އަންނަނީ މާއަވަހަކަށެވެ. ތަހުނިޔާ އެ އަހައިލީ އެހާބޮޑު ސުއާލެއްނޫނެވެ. ވާހަކައެއް ހަމަ އަހައިލާއިރަށް މުރުތަޟާ ހުންނަނީ ނައްޓާފައެވެ. އެހެންކަމަށްވަންޏާ ، ނޫރުއާ ބެހޭ އެއްވެސް ވާހަކައެއް އޭނާގާތު ނުއެހުމަށް މުރުތަޟާ ބުންޏެވެ.
މުރުތަޟާގެ ވާހަކައިން ތަހުނިޔާގާތަށްވެސް ރުޅިއައެވެ. މުރުތަޟާގެ އޮފީހުގެ އެމްޑީއަކީ ނޫރުކަމަށާއި ، ނޫރުއާބެހޭ އެއްވެސް ވާހަކައެއް އެހެންމީހަކަށް އަހައި ނުލެވޭނީތޯ ތަހުނިޔާ ސުއާލުކުރިއެވެ. ހުރިހާ ވާހަކައެއް ދައްކަންޖެހޭނީ މުރުތަޟާއެވެ. ނޫރު ކުރިމަތީ ، ހުއްޓި ހުރެގެންނެވެ. ނޫރު ކޮންމެ ވާހަކައެއް ދެއްކިޔަސް އަދި ކޮންމެ ކަމެއްކުރިޔަސް ، މުރުތަޟާއަކަށް މިހާރަކު ޗުއްޕުވެސް ބުނެއެއް ނުލެވޭނެއެވެ. އެއީ ، މުރުތަޟާގެ ސާހިބުކަމަނާވީމާ ކަމަށް ތަހުނިޔާ ބުންޏެވެ.
އޭނާއަށް އެދިމާވި މުސީބާތުގެ ވާހަކަ ބައްޕަގާތު ބުނާކަށް ނޫރުއަކަށް ނުކެރުނެވެ. ވަޞީމުވެސް މިހާރުވެސް ވިސްނަމުން އެގެންދަނީ ނޫރުގެ އެ ކުއްލި ނިންމުމުގައިވާ ސިއްރުތަކާ މެދުގައެވެ. ވަޞީމު އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ނޫރު ، އެމީހަކާ އިނީއްސުރެ ، ވަޞީމަށް ހަމަޔަށް ލޮލުފިޔައެއް ނުޖެހެއެވެ. ނޫރުގެ މިސާޖާ ވިސްނުމާއި ފަލްސަފާ އެންމެބޮޑަށް ، ލަފާކޮށްލަންވެސް އެނގޭނީ ވަޞީމަށެވެ. އެހެންނަމަވެސް ، އެކަން ސާފުކުރުން އެއީ އޭނާއަށްވެސް އެއޮތީ ބޮޑުކަމަކަށް ވެފައެވެ. ނޫރު މީހަކާ އިންކަން ، ވަޞީމަށް އެނގުނީވެސް ، ނޫރުގެ ކައިވެނިވެ ނިމުނުފަހުންނެވެ.
އެހުރިހާ ހާސްކަމަކާއި ކަންބޮޑުވުމަކާއެކުވެސް ، ނޫރު މީހަކާ އިނުމުން ، ވަޞީމުގެ ހިތަށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ލިބިގެންދިޔައެވެ. ނޫރުގެ ދިރިއުޅުމުގައި އުފަލާއި ހިތްހަމަޖެހުން އޮތުމަކީ ، އެއީ ވަޞީމުގެ އަބަދުވެސް އުއްމީދެކެވެ. ފެންނަ ފެނުމުގައި ނޫރު އެހުންނަނީ ވަރަށް އުފަލުންނެވެ. އޭނާ އެހޯދި ކާމިޔާބީއާއި މުއްސަނދި މަހުޖަނަކާ އިނދެވުމާއި އަމިއްލަ ވިޔަފާރީގައި ނޫރު ހޯދަމުން އެގެންދާ ކާމިޔާބީއަކީ ނޫރުކުރަމުން އައި އުއްމީދެވެ. ވަޞީމުމެންނާ ދެބަސްވާންޖެހުނު ހުރިހާކަމެއް ނޫރުއަށް އެއޮތީ ލިބި ފުރިހަމަ ވެފައެވެ. ދެންއޮތީ ، އެލިބުނު ނަސީބާއެކު ، ދިރިއުޅުމުގެ ދުވަސްތައް އުފަލުގައި ހޭދަކުރުމެވެ.
ބައްޕަ ވާހަކަ ދައްކަމުން ގެންދިޔައިރު ، ނޫރުއޮތީ ބައްޕަގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އޭނާގެ ލޮލުން ފައިބަމުން އެދާ ކަރުނަތަކެއް ވަޞީމަކަށް ނުފެނެއެވެ. ވަޞީމު އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ، ވާހަކަ ދައްކަމުން ގެންދިޔައެވެ. ހާރިސް އެބުނަނީ ރަނގަޅު ވާހަކައެކެވެ. ނޫރުލްޢައިނަކީ ، ވިސްނުންތޫނު ޤާބިލް ކުއްޖެއްކަމަށް ، ހާރިސް އަބަދުވެސް ބުނެއެވެ. އަދި އެންމެ ފަހުން ، ނޫރު އެނިންމި ނިންމުމަކީ ، އެކަމުގެ ހެއްކެއްކަމަށް ވަޞީމަށް ފެނުނެވެ. އަމިއްލަ ނިންމުންތައް ވަކި ފަލަސަފާއެއްގެ ތެރެއިން އަމިއްލަޔަށް ނިންމުމާއި ރަޙިމުގެ ގުޅުމާއި ކައިވެނީގެ ގުޅުންތައް ދަމަހައްޓަން ނޫރުލްޢައިނަށް އެނގޭނެއެވެ. އެއިން އެއްވެސް ކަމަކަށް ނޫރު ފަހަކަށް ނުޖެހޭނެއެވެ.
ދަރިންނަށް ރަނގަޅުވާނެކަމަށް މައިންބަފައިންނަށް ނުވިސްނޭ އެތައްކަމެއް ، ދަރިންނަށް ވިސްނޭނެކަމަށް ވަޞީމު ޤަބޫލު ކުރިއެވެ. އަމީން އިޙްސާންގެ އެނިންމުމަކީ ، ވަޞީމަށް ލެއްވި ރަޙުމަތެކެވެ. އެހާ އިތުބާރާއެކީ ، އަޅައިލުމާއި އޯގާތެރިކަމާއެކު ، އަނތްބެއްގެ ގޮތުގައި ނޫރުބަލައިގަތުމަކީ ، ވަޞީމަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. އެއީ ، އެހާ ފަސޭހައިން ހޯދޭނެ ވަރަށްވުރެ ރަނގަޅު މީހެކެވެ.
އޮފީހުގެ މަސައްކަތުގައި ތަހުނިޔާ އުޅެނިކޮށް ސާޖިދާގެ ފޯނެއް އައެވެ. ތަހުނިޔާ ގެޔަށް އަންނަނީ ކޮންއިރަކުންތޯ ސުއާލު ކުރިއެވެ. މަންމަ ސުއާލުކުރިގޮތުން ، ކަމެއްވެގެން އުޅޭކަމަށް ޝައްކުވެ ، އެކަމާބެހޭގޮތުން ތަހުނިޔާ ސުއާލު ކުރިއެވެ. އަރުސަލާން ސްކޫލުން އަންނަނިކޮށް ، ވެއްޓި ފަޔަށް ގެއްލުންވީކަމުގައި ސާޖިދާ ބުންޏެވެ. އަދި ، ޢާޞިފް އާ ދިމާވެގެން ، އަރުސަލާންގެނެސް އެގޭގައި އެބަ އޮތްކަމުގައިވެސް ސާޖިދާ ބުންޏެވެ. އެއީ ، ތަހުނިޔާ ވަރަށް ކަންބޮޑުވި ކަމެކެވެ. އެހެނަސް ، ތަހުނިޔާ އެކުރާ ކަމެއްކޮށްފައި ތަންކޮޅެއް އަވަހަށް ގެޔަށް އައުމަށާއި ، ތަހުނިޔާ އަންނަންދެން އޭނާ އަރުސަލާން ބަލަހައްޓާނެކަމަށް ސާޖިދާ ބުންޏެވެ. އެހެންނަމަވެސް ، ތަހުނިޔާއަކަށް މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. އަވަސް ކޮށްލާފައި ގެޔަށް ދާން ނުކުތެވެ. ދޮރާ ހަމަޔަށް ދެވުނުތަނާ ކުއްލިޔަކަށް މުޙުސިނާ އެވަނީ ދެތިން މެހެމާނުން ގޮވައިގެންނެވެ. އެއީ މުޙުސިނާއަށް ވަރަށް މުހިންމު ބަޔެކެވެ. ތަހުނިޔާއަށް އެމީހުން ތަޢާރުފް ކޮށްދިނުމަށްފަހު ، ތަހުނިޔާ ވާހަކަ ދައްކަ ދައްކާ އޮއްވާ ، ތިމަންނަ ވަރަށް އަވސްކަމެއްގައި ބޭންކަށް ދާން އެބަޖެހޭ ބުނެ ، އެމީހުން ތަހުނިޔާއާ ޙަވާލުކޮށްފައި މުޙުސިނާ ނުކުތެވެ. ގެޔަށް ދާނެ ފުރުސަތެއް ތަހުނިޔާއަކަށް ނުލިބުނެވެ.
ނޫރުއިނީ އޭނާގެ ނިދާކޮޓަރީގައި ޖައްސައިލައިގެން ، ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. ކުއްލިޔަކަށް ދޮރުހުޅުވާލައިފާ އެވަނީ އަމީން އިޙްސާނެވެ. ހެނދުނު އެދިމާވި ކަންކަމުގެ އަސަރު ، ނޫރުގެ ކިބައިން އަދިވެސް ފިލައިގެންނެއް ނުދެއެވެ. އޭނާގެ މާޒީގައި ހިނގައި ގޮސްފައިވާ ކަމަކާއި ، އޭނާގެ ދިރިއުޅުމުގެ މިހާރުގެ ޙާލަތާ ގުޅިފައިވާ ކުޑަކުޑަކަމަކާ ، ނޫރު ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތްކަމަށް އިޙްސާން ބުންޏެވެ.
ނޫރުއަށް އެއީ ކުޑަކަމެއްނޫނެވެ. އިޙްސާންގެ ދިރިއުޅުމުގެ އެހާބޮޑު ސިއްރެއް ، ނޫރުއަށް އެއޮތީ ވަންހަނާ ކޮށްފައެވެ. އެހެނަސް ، އެވާހަކަ ނުބުނެ އޮތުމުގެ ބޭނުމަކީ ސިއްރުކޮށްފައި އޮތުން ނޫންކަމަށް އިޙްސާން ބުންޏެވެ. އެއީ އެހާބޮޑުކަމެއް ނޫނެވެ. ނޫރު މިހާރު އެވަނީ އިޙްސާންގެ ޙަޔާތަށް އައިއްސައެވެ. ނޫރުއަށް ، އިޙްސާންގެ ޙަޔާތުން ލިބުނު ޖާގަޔަކީ ނޫރުގެ ޖާގައެވެ. ނޫރުގެ ޙައްޤަކަށް އަންނާނެ އެއްވެސް އުނިކަމެއް ނުއަންނާނެއެވެ. ނޫރުގެ އެއްވެސްކަމަކާ އިޙްސާންވެސް ނުބެހެއެވެ. ނޫރުގެވެސް މާޒީއެއް އޮންނާނެއެވެ. އެކަމާބެހޭ އެއްވެސް ސުއާލެއް އިޙްސާނެއް ނުކުރެއެވެ. އިޙްސާންގެ ޙަޔާތުގެ މާޒީއާމެދު ، ނޫރު ކަންބޮޑުވާންޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެކަން އިޙްސާން ސާފުކޮށްދިނެވެ. އަދި ، އިޙްސާނާ ގުޅިފައިވާ މާޒީގައި ޝާމިލްވާ އެއްވެސް މީހަކީ ، ނޫރުއަށް ތަކުލީފެއް ލިބިގެންދާނެ މީހެއް ނޫނެވެ. އެއީ ، އެދެމީހުންގެ ދިރިއުޅުމާ ވަކި ބަޔެކެވެ. އެމީހުންގެ ކަންކަން ހަމަޖައްސަމުން ގެންދާނީ އިޙްސާނެވެ. ނޫރުއަކަށް އެމީހުންނާބެހޭ އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެއެވެ. އެކަމާމެދު ، ނޫރު ކަންބޮޑުވާނަމަ ، އެއީ ނޫރުގެ ފަލްސަފާގެ އުނިކަމެވެ. ވިސްނުމުގެ ހަނިކަމެވެ. އެއީ ، ނޫރުކަހަލަ ކިޔަވައިގެން ހުރި ޤާބިލް އަންހެންކުއްޖަކާ ގުޅޭކަމެއްނޫނެވެ.
ކައިވެނީގެ ކުރިން ނޫރުއަކަށް އެއްވެސްކަމެއް ނޭނގެއެވެ. ހުރިހާކަމެއް އެ އެނގުނީ މިއަދުއެވެ. އެދެމީހުންގެ ގުޅުމަށް އެކަމުން އަސަރުކުރަންވީ ސަބަބެއް ނެތެވެ. އިޙްސާން އެހުރީ ނޫރުއަށްޓަކައި ހުރިހާކަމެއް ޤުރުބާން ކޮށްގެންނެވެ. ނޫރުގެ ގޮތުގައި ނޫރު ރަނގަޅެވެ. އިޙްސާންގެ ގޮތުގައި އޭނާ ރަނގަޅެވެ. އޭނާ އެބުނަނީ ރަނގަޅުވާހަކައެއް ނޫންތޯ އިޙްސާން ސުއާލުކުރިއެވެ.
ނޫރުހުރީ ، އަނގައިން ބުނަން ނޭނގި ގަބުވެފައެވެ. ނޫރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ރަނގަޅާއި ނުބައި ބޮޑަށް ވަކިކުރެވޭނީ އިޙްސާނަށް ކަމަށްވިޔަސް ، އެކަމުގައި ނޫރުއަށް ބުނެވޭނެ އެއްޗެއްވެސް އަދި ކުރެވޭނެކަމެއްވެސް ނެތްކަމަށް ނޫރު ބުންޏެވެ. އޭނާ އެހުރީ ، އެކަމުގައި ތާށިވެފައެވެ. ނުކުމެވޭނެ ހުރިހާ މަގެއް ، އިޙްސާންވަނީ ބަންދު ކޮށްފައެވެ.
ނޫރު ހަމަޖައްސައިލުމަށްޓަކައި ބޭރަށްގޮސް ، ރަނގަޅުތަނެއްގައި ތިބެގެން ވާހަކަ ދައްކައިލަން ބޭނުންވާކަމުގައި އިޙްސާން ބުންޏެވެ. އަދި ، ނޫރުގެ ކޮނޑުގައި ހިފާލައިގެން ނުކުމެގެން ދިޔައެވެ. ނުކުތްތަނުން އެދިމާވީ މުރުތަޟާއާއެވެ. ސަލާމްކޮށްލުމަށްފަހު ، މުރުތަޟާއާ ސަލާމް ކޮށްލައި ޕްރޮޖެކްޓްގެ ތަފްޞީލް ، އޭނާ އެމެރިކާއަށް ފުރުމުގެކުރިން ، ދިނުމަށް އެދުނެވެ. މުރުތަޟާ ނޫރުއަށް ބަލައިލިއެވެ. ނޫރުގެ މޫނުމަތިން ފާޅުވާންހުރި މާޔޫސްކަން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ. އަދި ނޫރުގެ ލޮލުން ފާއްދަމުންދިޔަ ކަރުނައިގެ އަސަރުވެސް މުރުތަޟާއަށް ފެނުނެވެ. ހިނިތުންވުމަށް ދެކޮޅު ހަދަމުންދާ ނޫރުގެ މިޒާޖުވެސް ، މުރުތަޟާ ވަރަށް ރަނގަޅަށް ދެނެގަތެވެ. އަދި ، ކޮންމެވެސް ގޯހެއް ހިނގައިގެންއުޅޭކަމުގެ ވަސް އޭނާއަށް ދުވިއެވެ. ( ނުނިމޭ )
vvv.reethi shukuran