( 1 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ނޫރުގެ ކައިވެންޏާމެދު ، އޭނާގެ ބައްޕަ ވަޞީމު އެހާ ހިތްހަމައެއް ނުޖެހެއެވެ. ނޫރުގެ ޢަމަލުތައް ހުންނަގޮތުން ، ނޫރުއަށް އެލިބުނު ކާމިޔާބީއަކީ ، ނޫރުގެ ހިތްފުރިދާނެފަދަ ނަސީބަކަށް ވެދާނެކަމާމެދު ، ވަޞީމަށް ޝައްކެވެ. އެކަމާ ކަންބޮޑުވެފައި އިންދާ ، ހާރިސް އައިސް ، ވަޞީމުގާތުގައި އިށީނދެލިއެވެ. އަދި ، ބައްޕަ ކަންބޮޑުވެފައި އިންކަން ފާހަގަ ކުރިއެވެ. ވަޞީމުގެ ކަންބޮޑުވުން ، ހާރިސް އާ ޙިއްޞާ ކުރިއެވެ.
ހާރިސްއަށް ފެނުނުގޮތުގައި ، ނޫރުއަކީ ބޮޑުވެ ތަސައްރުފު ފުދިފައިހުރި އަންހެނެކެވެ. ދިރިއުޅުމުގެ ނިންމުންތައް ނިންމާނީ ނޫރުއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށެވެ. އެހެނަސް ، ވަޞީމަށް ޤަބޫލު ކުރެވުނުގޮތުގައި ، އެހިސާބަކުން ނޫރުގެ ހިތެއް އަދި ނުފުރޭނެއެވެ. އިންސާނާގެ އެދުމަކީ ، ހިތްފުރި ނިމިދާ އެއްޗެއްނޫނެވެ. ނޫރުފަދަ އަންހެންކުއްޖަކަށް ، އެލިބުނު ކާމިޔާބީއަކީ ، އެކުއްޖެއްގެ ބައްޕަ އެކަމާ އުފާކޮށް ، ޝުކުރުކޮށް ކޮޅުންނުލާފަދަ ކާމިޔާބީއެކެވެ. ވަޞީމުގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އެއުޅެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އިންސާނާގެ ވިސްނުމާއި ފިކުރަކީ ، އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެއެވެ. ލިބޭ މިންވަރަށް ޝުކުރުކޮށް ، ދިރިއުޅުން އެމިންވަރުގައި ބަށްޓަންކުރަން ނޭނގެންޏާ ، އެދިރިއުޅުމެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. ތިމާއަށް ލިބޭ ކާމިޔާބީއަކާމެދު ، ޝުކުރުކޮށް ހިތްތިރި ނުކުރެވޭނަމަ ، އެކާމިޔާބީގެ އުފަލަކީ ގިނަދުވަހަށް ދެމިގެންދާނެ އެއްޗެއް ނޫނެވެ. ނޫރުގެ މިޒާޖުގައި ހުންނަ ޖަދަލުކޮށް ، އެކަތި އަނެކައްޗާ އަޅުވައި ކިޔުމުގެ ވިސްނުމަކީ ، ވަޞީމު އެންމެ ކަންބޮޑުވާ އެއްކަމެވެ. ނޫރުގެ މިޒާޖަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ވާހަކަދެއްކުން ހަރުކަށިވެފައި މަލާމާތުން ފުރިފައެވެ. އޭނާގެ ހިތާ ހަމަޔަކަށް އެ ލިބުނު އުފާވެރިކަމެއް ނުދެއެވެ. މައިންބަފައިންނަށް ކުރެވެން އޮންނާނެހާވެސް ކަމަކީ ، ހެޔޮ ދުޢާ ކުރުމެވެ. ނޫރުއަށް މީހަކާ އިންނަން އެ ތަނަވަސްވި ފުރުސަތުގައި އެލިބުނީ ރަނެއްމަލެއްކަހަލަ ފިރިޔެކެވެ. އެގުޅުން ދެމެހެއްޓުމަށްޓަކައި ، ނޫރުއަށް ކުރަން ޖެހޭ ކަންކަމާއި ވާންޖެހޭ ޤުރުބާނީތަކާމެދު ވިސްނާނެކަމަށް ، ވަޞީމަށް ޤަބޫލު ކުރެވުނެވެ. އަމީން އިޙްސާންވެސް އެކަމަށް ވިސްނައިގެން ، އެކައިވެނި ދަމަހައްޓަން މަސައްކަތް ކުރާނެކަމަށް ޤަބޫލު ކުރެވެއެވެ.
ރައިދާވެސް އިރުކޮޅަކުން ، ސައި ހިފައިގެން އެތަނަށް އައެވެ. އަދި ވާހަކައިގާ އޭނާވެސް ބައިވެރިވިއެވެ. ރައިދާއަށް ވިސްނޭގޮތުގައި ، ނޫރުއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކައިވެނި ދެމެހެއްޓުމަށްޓަކައި ، ނޫރުކުރަންޖެހޭ ކަންކަމަށް އޭނާ ސަމާލުކަންދޭކަމަކަށް ރައިދާއަކަށް ނުފެނެއެވެ. ޖަދަލުކުރުމާއި ދިމާކުރުމުގެ ރޫޙު ، ނޫރުގެ ކިބައިން ފިލައިގެންނެއް ނުދެއެވެ. ބޮޑާކަމާއި ކިބުރުވެރިކަން އެއީ އިންސާނާ ، ހަމަމަގުން ކައްސައިލާ ސިފައެކެވެ. ނޫރުގެ ޢަމަލުތައް ހުރީ އެކަހަލަ ގޮތަކަށެވެ. އެކައިވެންޏަކީ ، މުރުތަޟާގެ ކިބައިން ބަދަލު ހިފުމަށް ނޫރު އެޅި ފިޔަވަޅެއްކަމަށް ރައިދާއަށް ޤަބޫލު ކުރެވެއެވެ. ކައިވެނި ދެމެހެއްޓުން އެއީ ، ނޫރުގެ ވިސްނުމުގައި އޮތްކަމެއްކަމަކަށް ނުފެނެއެވެ. ނޫރުގެ ވިސްނުމާއި ފަލްސަފާ ބަދަލުނުކޮށްފިއްޔާ ، އޭގެ ނަތީޖާ ވަރަށް ހިތިވާނެއެވެ.
ކާމޭޒުދޮށުގައި ، އެންމެންތިބެ ވާހަކަ ދައްކައި އަނގަތަޅަމުންދިޔައިރު ، އެއްވެސް އެއްޗެކޭ ނުބުނެ ، ތަހުނިޔާ ހިމޭނުން އިންކަން ފާހަގަ ކުރެވި ، އެކަމާ ޙަފުޞާ ސުއާލުކުރިއެވެ. ތަހުނިޔާއަށް އެއްވެސްކަމެއް ނުވާކަމަށް ބުންޏެވެ.
ނޫރުލްޢައިނު ، ތަހުނިޔާމެންގެ އޮފީހަށް އިއްޔެ ދިޔަކަން މުރުތަޟާއަށް އެނގުނުކަން ތަހުނިޔާއަށް އަންގައިލުމަށްޓަކައި ، މުރުތަޟާ އެކަން ފާހަގަ ކުރިއެވެ. އެކަން މުރުތަޟާއަށް އެނގުނު ގޮތަކާމެދު ތަހުނިޔާ ސުއާލު ކުރިއެވެ. އެކަން މުރުތަޟާއަށް އެނގެންވީ ކޮންގޮތަކުން ހެއްޔެވެ ؟ ތަހުނިޔާގެ ހިތުގައި އުފެދުނު އެންމެބޮޑު ސުއާލަކީ އެއީއެވެ. އެވާހަކަ ، މުރުތަޟާގާތު ބުނީ ، ޚުދު ނޫރުލްޢައިނުކަމުގައި މުރުތަޟާ ބުންޏެވެ. އެހެންވިއްޔާ ، މުރުތަޟާގާތު ، އެވާހަކަ ނޫރު ބުނަންޖެހުނީ ކީއްވެ ހެއްޔެވެ ؟ އެއީ މުރުތަޟާގެ ވަޒީފާއާބެހޭކަމެއް ނޫނެވެ. އެއީ އަމިއްލަ ޒާތީ ކަމެކެވެ. ތަހުނިޔާ ، މުރުތަޟާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ނޫރު ، އޭނާގެ އޮފީހަށް އައިކަމުގައި ތަހުނިޔާ ބުންޏެވެ. މުއްސަނދި މަހުޖަނެއްގެ ސިފައިގައެވެ. އެ ކިބުރުވެރިކަމުގައި ، އެތާހުރި ހުރިހާ އެއްޗެއް ގަނެ ހުސްކޮށްލާފަދަ ގޮތަކަށެވެ.
ޠާހިރާވެސް އެވާހަކައިގެ ތެރެޔަށް ވަނެވެ. ނޫރުލްޢައިނު ، މިހާރު އެހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެކަމަކުވެސް ، ޖަދަލުކުރުމާއި ގޮތްދޫކުރުން އެބަހުށްޓެވެ. އެއީ އެމީހުން ކުރިން ދުށް ، ނޫރުލްޢައިނެއްނޫނެވެ. ޠާހިރާއިނީ ކުރީދުވަހު އެގެޔަށް އައިސް ، ނޫރުލްޢައިނު ވާހަކަ ދެއްކިގޮތުން ހިތްހަމަ ނުޖެހިފައެވެ. ބޮޑާކަމާއި ކިބުރުވެރިކަމާ އަދި ބަދަލުހިފުމުގެ ރޫޙުނޫން އެހެންކަމެއް ، ނޫރުގެ ވާހަކަތަކުން ޠާހިރާއަކަށް ފާހަގައެއް ނުކުރެވުނެވެ.
" އަހަރެމެން އެންމެން އެންމެ ހިތްހަމަޖެހެނީ ތަހުނިޔާއާ މެދުގައެވެ. އެނޫން އެހެން ކުއްޖަކު އަހަރެމެން ބޭނުމެއްނޫނެވެ. ތަހުނިޔާ މިގޭގައި ހުރުމަށް މިންވަރު ކުރެއްވީތީ ﷲ އަށް ޝުކުރު ކުރަމެވެ. ނޫރުލްޢައިނު ، ހަވާގައި އުޅުނަސް ، ރޮކެޓަކަށް އަރައިގެން ހަނދަށް ދަތުރުކުރިޔަސް ، އަހަރެމެންނަކަށް ތަފާތެއް ނާންނާނެއެވެ. އެހެންނޫންހެއްޔެވެ ؟ މުރުތަޟާއެވެ ! " ޙަފުޞާ ބުންޏެވެ.
ޙަފުޞާގެ ވާހަކަތަކުން މުރުތަޟާއަށް ހިމޭންކަން ލިބުނެވެ. އަނގަޔަށް ލާން ނަގަނަގާއިން ބަތްސުވާ ، ބަތްތައްޓާއި އަނގަޔާ ދެމެދު ހުށްޓުނެވެ. މުރުތަޟާގެ ވިސްނުން އެހެންދިމާލަކަށް ދަތުރު ކުރިއެވެ. ވަރަށް ފަރުވާތެރިކަމާއެކު ، އެތަން ބަލަން ތަހުނިޔާ އިނެވެ. މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނުމުން ، ޠާހިރާ އޭނާއަށް ގޮވައިލިއެވެ. ސިއްސައިގެން ގޮސް ، މަންމަ އެއްޗެކޭ ބުނިންތޯ މުރުތަޟާއަށް އަހައިލެވުނެވެ.
އެވަގުތު ، ޠާހިރާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ރޭގަނޑުގެ އެގަޑީގައި ޠާހިރާއަށް ފޯނުކުރާނީ ކާކުހޭ އަހަމުން ، ޠާހިރާ ތެދުވެގެން ، ފޯނާދިމާއަށް ދިޔައެވެ. އެއީ ، ޠާހިރާގެ ޅިޔަނު ، ޔޫނުސްގެ ފޯނެކެވެ. ޔޫނުސް ފޯނުކުރީ ، ޠާހިރާގެ މައިދައިތަ ނިޔާވި ވާހަކަ ބުނަން ވެގެންނެވެ. ޠާހިރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޔާރައްބީއޭ ބުނެ ޠާހިރާ ކަންބޮޑުވި ހިނދު ، އެންމެން އައިސް ޠާހިރާ ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އަދި ، މައިދައިތަގެ ޖަނާޒާގައި ބައިވެރިވުމަށް ، އެރެއިން އެރެޔަށް ، ޠާހިރާއާއި ޙަފުޞާ ލާހޯރަށްދާން ނިންމިއެވެ. ޠާހިރާ ދިޔައީ އަރުސަލާން ބަހައްޓާފައެވެ. އަރުސަލާންގެ ކަންކަން ބަލަހައްޓައިދޭނެކަމުގައި ތަހުނިޔާ ބުންޏެވެ.
" ޒަރުނައިންއެވެ. ތިބުނީ ރަނގަޅަށެވެ ! ޒަރުނައިންގެ ދިރިއުޅުމުގައި ، ބޭނުންވާ ކަންކަން ނިންމުމުގެ ފުރިހަމަ ޙައްޤު ޒަރުނައިނަށް ލިބިގެން ވެއެވެ. އެކަމަކު ، ޒަރުނައިން އެހެން ކައިވެންޏެއް ކުރާކަމަށް ވަންޏާ ، ރަމްޝާން ހުންނާނީ އަހަރެންގެ ގާތުގައިކަމަށް ދެމީހުންވެސް އޮތީ އެއްބަސްވެފައެވެ. އެކަން ، ބަދަލެއް ނުކުރެވޭނެއެވެ. އެކަމާ ޒަރުނައިން އަކަށް ދެކޮޅެއް ނުހެދޭނެއެވެ. " އަމީން އިޙްސާން ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
އެހިސާބަށް ، އިޙްސާންގެ ވާހަކަ ދިޔަތަނާ ، ފަހަތުންގޮސް ، ނޫރު ، އިޙްސާންގެ ކޮންޑުގައި އަތް ޖައްސައިލިއެވެ. ފޯނުން ވާހަކަ ދައްކަން ހުއްޓާ ، ނޫރުއައިސް އުނދަގޫ ކުރުމުން އިޙްސާންގާތަށް ރުޅިއައެވެ. އަދި ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔައިގަތެވެ.
" ނޫރުގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ އަހަރެން މިއައީ ، ބޭރަށް ނުކުމެ ފޯނެއްކޮށްލާފައި އެބަ އަންނަމޭ ބުނެފައި ނޫންހެއްޔެވެ ؟ ގޭތެރޭގައި މަޑުނުކުރެވުނީ ކީއްވެ ހެއްޔެވެ ؟ ބޭރަށް ނުކުތުމުގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ ؟ " އިޙްސާން ބުންޏެވެ.
އަމީން އިޙްސާންގެ ބަސްމަގު ހުރިގޮތުން ، ނޫރުއަށް ބުނާނެ ވަކިއެއްޗެއް ނޭނގުނެވެ. އޭނާހީކުރީ މައްސަލައެއް ދިމާވެގެން އުޅެނީކަމަށް ކަމުގައި އަޅައަޅައިގެންފައި ނޫރުއަށް ބުނެވުނެވެ. ނޫރު ގޭތެރެޔަށް ދިއުމަށް ، އިޙްސާން އަމުރު ކުރިއެވެ. އޭނާގެ އަޑުގައިވަނީ ހަރުކަށިކަމާއި ރުޅިވެރި ކަމެވެ. ނޫރުއަށް ލިބުނު ކުއްލި ސިހުމުގައި މަޑުމަޑުން ހިނގަމުން ގޭތެރެޔަށް ވަނެވެ. އިރުއިރުކޮޅުން އޭނާއަށް އިޙްސާނާ ދިމާއަށް ބަލައި ލެވެއެވެ. ނޫރު ދިއުމާއެކު ، އަނެއްކާވެސް އިޙްސާން ، ފޯނުން ވާހަކަ ދައްކަން ފެށްޓިއެވެ.
" ޒަރުނައިން އެވެ ! އަހަރެންގެ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. " އިޙްސާން ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.
ރޭގަނޑުގެ ނިދުމުގެ ވަގުތުގައި ، އެނދުގައި ޖައްސައިލައިގެން މުރުތަޟާ އެއިނީ ، އެދުވަސްކޮޅު އޭނާއަށް ތަހުނިޔާއާ ދޭތެރޭ ކަންކުރެވޭގޮތާމެދު ވިސްނާށެވެ. ނޫރުއާ ގުޅުވައިގެން ތަހުނިޔާ ، އޭނާއާ ދިމާއަށް ބުނެފައި އެހުރީ ، ތަހުނިޔާގެ ހިތުގައި އުފެދޭ އިޙްސާސްތަކާ ގުޅުންހުރި ވާހަކަތަކެވެ. ތަހުނިޔާއިނީ އައިމަލްގެ ގައިގާ ފިރުމާލައި ، އެކުއްޖާފުޅު ނިންދަވާށެވެ. މުރުތަޟާ ، ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އަދި ، ތަހުނިޔާގެ އަތުގައި ފިރުމާލައި ، އަތުގައި ހިފައިލިއެވެ.
ތަހުނިޔާ އެހުރީ އެކަން ޢަމަލުން ނުދެއްކިނަމަވެސް ، މުރުތަޟާދެކެ ހިތްހަމަ ނުޖެހިފައިކަން މުރުތަޟާއަށް އެނގެއެވެ. އުފަލާއި ހިތްހަމަޖެހުމާއި ، ދެބަސްވެ ޚިޔާލު ތަފާތުވުމަކީ ، ދިރިއުޅުމުގެ އެއްބަޔެވެ. އަބަދަކު ، އެއްގޮތަކަށް ދުނިޔެއެއް ނުއޮންނާނެއެވެ. ބުރަކޮށް މަސައްކަތުގައި އުޅެންޖެހުމުން ، ކަންބޮޑުވެފައިހުރެ ، ތަހުނިޔާ ހިތްހަމަނުޖެހޭގޮތަކަށް ވާހަކަ ދެއްކި ، ކަމެއްކުރެވިފައި އޮތްނަމަ ، އޭނާއަށް މަޢާފުކޮށްދިނުމަށް ، ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ. އެއީ ކަމަކަށް ނުހެދުމަށް މުރުތަޟާ އެދުނެވެ. ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. މަސައްކަތުގައި ބުރަކޮށް އުޅުނަސް އެކަން ބާއްވަންވާނީ އޮފީހުގައި ކަމަށާއި އެކަމުގެ އަސަރު ގެޔަށް ނުފޯރާނެގޮތަކަށް ހެދުމަށް ތަހުނިޔާ އެދުނެވެ. ޚާއްޞަކޮށް މާޒީގެ ހަނދާންތައް ގެޔަށް ނުގެނައުމަށް ތަހުނިޔާ އެދުނެވެ. ތަހުނިޔާ އެބުނީ ރަނގަޅު ވާހަކައެއްކަމަށް މުރުތަޟާވެސް އެއްބަސްވިއެވެ. އެކަންކަން އެއީ މުރުތަޟާއަށް ބަރުދާސްތުކުރަން ޖެހޭނެ ކަންކަންކަމުގައި ތަހުނިޔާ ވިސްނައިދިނެވެ.
އަންހެނުންނަކީ ޖަޒުބާތުގެ ލޭ ހަށިގަނޑުގައި ބޮޑަށް ހިނގާނެ ބަޔެކެވެ. އެހެންކަމަށް ވަންޏާ ތަހުނިޔާގެ ހަށިގަނޑުގައިވާ ޖަޒުބާތުގެ ލޭ ، ބޭރުކޮށްލުމަށް މުރުތަޟާ އެދުނެވެ. އެކަން ކުރުމަށްޓަކައި ، މާދަމާރޭ ، ރޭގަނޑުގެ ކެއުމަށް ބޭރަށްދާނީކަމުގައި ތަހުނިޔާ ނިންމިއެވެ. މުރުތަޟާވެސް އެކަމަށް އެއްބަސްވެ ، އަރުސަލާނާއި އައިމަލްއާ ދެކުދިންވެސް ގޮވައިގެން މާދަމާރޭ ، ކެއުމަށްދާން ނިންމިއެވެ.
ގޭތެރެޔަށް ވަދެ ، ނޫރުއިނީ ހާސްކަންމަތީގައި ، ސިޓިންރޫމުގެ ބޮކިތައް ނިއްވާލައިގެން ސޯފާއެއްގައި ޖައްސާލައިގެންނެވެ. ނޫރުގެ ކަންފަތްދޮށުގައި ފަށްފަށްވަމުން އެދަނީ އަމީން އިޙްސާން ، ފޯނުން ދެއްކި ވާހަކަތަކެވެ.
" އެކަން ، ބަދަލެއް ނުކުރެވޭނެއެވެ. އެކަމާ ޒަރުނައިން އަކަށް ދެކޮޅެއް ނުހެދޭނެއެވެ. " އެއީ އަނެއްކާ ކޮންކަމެއްބާވައެވެ ؟ ނޫރުގެ ހިތުގައި އެތައްފަހަރަކު ، އެސުއާލު ތަކުރާރުވިއެވެ. އެއީ ކޮން ޒަރުނައިނެއް ބާވައެވެ.
އިޙްސާން ، ފޯނު ނިންމާފައި ގޭތެރެޔަށް ވަދެގެން އައެވެ. އިޙްސާން ގޭތެރެޔަށް ވަނުމާއެކު ، ނޫރު ސިޓިންގރޫމުގެ ބޮކި ދިއްލައިލިއެވެ. އަދި ، އިޙްސާނާ ދިމާއަށް ބަލައިލާ ހިނިތުން ވެލިއެވެ. އެކަމަކުން ، އިޙްސާންއަކަށް މާބޮޑު ތަފާތެއް އައިކަމަކަށް ނުވިއެވެ. ނޫރު އެކުރި ކަމަކުން ، އިޙްސާންގާތަށް ހުރީ އެއަށްވުރެ ބޮޑަށް ރުޅިއައިއްސައެވެ. ގޭތެރެޔަށް ވަދެގެން ގޮސް ، ކުޑަކޮށް ބަލިވެއޭ މިއުޅެނީ ނިދާށޭ މިދަނީބުނެ ، މޭޒުމަތިން ބޭސްގުޅައެއް ނަގައި ކައިލުމަށްފަހު ، އެނދަށް އަރާ ނިދަން އޮށޯތެވެ. ނޫރު އޭނާއަށް ގުޑްނައިޓް ކީމަވެސް ، އަޅައެއް ނުލިއެވެ. އެއާއެކު ، އަނެއްކާވެސް ނޫރުގެ ކަންފަތްދޮށުގައި ފަށްފަށްވަމުން ދިޔައީ އޭނާއާ ދިމާއަށް ، އިޙްސާން އެބުނި ހަރުކަށި ބަސްތަކެވެ.
އެއީ ، ކޮންކަހަލަ މީހެއް ހެއްޔެވެ ؟ ނުގަންނަން ބުނެބުނެ އޮއްވާވެސް ، ދެމިލިއަން ރުފިޔާގެ ގަހަނާ ، އޭނާއަށް އިޙްސާން އެގަނެދިނީ އިއްޔެއެވެ. މިއަދު އެހުރީ ، އޭނާދެކެ ފޫހި ވެފައެވެ. މުއްސަނދިންގެ ދިރިއުޅުމަކީ އެކަހަލަ އެއްޗަކީ ބާވައެވެ. ނޫރުގެ ހިތަށް ތަފާތު އެކި ވަސްވާސްތައް ވަންނަމުން ދިޔައެވެ.
ހެނދުނުގެ ނާސްތާއަށް ނޫރު ނުކުތްއިރު ، ކާމޭޒުދޮށުގައި ނާސްތާކުރަން އިޙްސާނން އިނެވެ. ހެނދުނުގެ ސަލާމް ކޮށްލުމުން ، މިފަހަރު ސަލާމް ބަލައިގަތެވެ. އަންނަ ބުރާސްފަތި ދުވަހު ، އެމެރިކާއަށް ދިއުމަށް އިޙްސާންގެ ފްލައިޓްވަނީ ، ބުކްކޮށްފައެވެ. ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެތައްކަމެއް ކުރަންވެފައި އެބަހުށްޓެވެ. ނޫރު ހިނިތުންވެލިއެވެ. އަދި އިޙްސާން ދިޔަޔަސް ނުނިމިހުރި ހުރިހާކަމެއް ،، އޭނާ ފުރިހަމަކުރާނެކަމަށް ނޫރު ބުންޏެވެ. އެކަން އިޙްސާނަށްވެސް އެނގެއެވެ.
" ނޫރު ހަމަޖައްސައިލާންޖެހޭ ވަރަށް މުހިންމު އިތުރުކަމެއް އެބައޮތެވެ. އެކަމުގައިވެސް ނޫރު ، އަހަރެން ނާއުއްމީދު ނުކުރާނެކަމަށް ހީކުރަމެވެ. ނޫރުގެ ގަހަނާގެ ފައިސާ އިއްޔެ ދައްކައިފީމެވެ. " އިޙްސާން ބުންޏެވެ.
އެއީ ކިހާވަރެއްގެ ޕޭމަންޓެއްތޯ ނޫރު ސުއާލުކުރިއެވެ. ނޫރުގެ ސުއާލު ނުނިމެނިސް ، އެއީ ދެމިލިއަން ރުފިޔާކަމަށް އިޙްސާން ބުންޏެވެ. އަދި ، އިތުރަށް ބޭނުންކަމަށްވަންޏާ ، ނޫރު ހިތްފުރެންދެން ގަހަނާ ގަންނަންވީކަމަށްވެސް އިޙްސާން ބުންޏެވެ. އެއީ ، ނޫރުއަށް މުހިންމު ކަމެއްނޫނެވެ. އެހެނަސް ، އެކަމަށް އޭނާ އިޙްސާނަށް ޝުކުރު އަދާކުރިއެވެ. އަދި ، ވާހަކައެއް ބުނަން އިޙްސާން އުޅުނުކަން ހަނދާން ކޮށްދިނެވެ.
އިޙްސާން ، އެސުއާލަށް ޖަވާބު ނުދެނިސް ، ސާހިބުކަމަނާ އައިސްހުރި ވާހަކަ ، ނޯކަރަކު އައިސް އިޙްސާންގާތު ބުންޏެވެ. ހަމަ އެވަގުތު ، އެންމެންނަށް ސަލާމްހުއްޓޭ ބުނެ ، އަންހެނަކު ގޭތެރެޔަށް ވަދެގެން އައެވެ. އެއަންހެނާއާއެކީ ، އިތުރު އަންހެންކުއްޖަކުވެސް ހުށްޓެވެ.
އަހަރެންގެ ފުރާނަޔާއޭ ބުނެ ، އިޙްސާން ތެދުވެގެންގޮސް ، އެއައި އަންހެންކުއްޖާގެ ގައިގާ ބައްދައިލާ ބޮސްދިނެވެ. ބައްޕާއޭ ބުނެ އެކުއްޖާވެސް ދުވަމުން ، އިޙްސާންއާ ދިމާއަށް އައެވެ.
" ބައްޕާއޭ ! " ނޫރުގެ ކަންފަތަށް އެ އިވުނުއަޑު ، އެތައްފަހަރަކު ތަކުރާރު ވިއެވެ. ކުއްލިޔަކަށް ނޫރުއަށް ކޮޅަށް ތެދުވެވުނެވެ. އިހަށް މަޑުކޮށްލާށޭ ބުނެ ، ނޫރުގެ ކަންފަތަށް އެއިވުނު އަޑު ތަކުރާރު ކޮށްލިއެވެ. " ބައްޕާއޭ " ހެއްޔެވެ ؟ ނޫރު ސުއާލު ކުރިއެވެ. އެވަގުތު ، އިޙްސާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެއީ ކޮންބައެއްތޯ ނޫރުއަށް އިޙްސާންކުރެން އަހައި ލެވުނެވެ. އެވަގުތު ، އެއަންހެނާ އިޙްސާންއާ މުޚާތަބު ކުރިއެވެ. ކައިވެނި ކުރީ މީނާގާތު އެވާހަކަ ނުވެސްބުނެތޯ އަހައި އެއަންހެނާ ، އިޙްސާނާ ސުއާލު ކުރިއެވެ. އިޙްސާން މާނޭވާއެއްލައި ހަމަޖެހިލިއެވެ. އަދި އެއައި ދެ އަންހެނުން ނޫރުއަށް ތަޢާރުފް ކޮށްދިނެވެ.
" ތިސުއާލަކީ ، އަހަރެމެން ދެމަފިރިންގެ އަމިއްލަ ކަމެކެވެ. އެކަމާ ޒަރުނައިން ރަނގަޅުވާނީ ނުބެހުނިއްޔާއެވެ. ނޫރުއެވެ ! މިއީ އަހަރެންގެ ކުރީގެ އަންހެނުން ޒަރުނައިނެވެ. ދެން މިހުރީ އަހަރެންގެ އަންހެންދަރިފުޅު ، ރަމްޝާން އެވެ. އަހަރެން ނުރުގާތު ބުނަން މަސައްކަތްކުރީ މިދެމައިންގެ ވާހަކައެވެ. " އިޙްސާން ބުންޏެވެ.
އެހުރިގޮތަށް ބިންމައްޗަށް ނޫރު ތިރިނުވީ ކިރިޔާއެވެ. އޭނާ ނުވެއްޓި ސަލާމަތްވީ ، މޭޒުމަތީގައި އަތްބާއްވައިލެވުނުކަމުންނެވެ. ކުރީގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ، ސިޓިންގރޫމަށް އިޙްސާން ދިޔައެވެ. ނޫރުހުރީ ގަބުވެފައި ، ދެލޯ ބޮޑުވެ ހަދާނެގޮތެއް ނޭނގި އާޝޯޚު ވެފައެވެ. ( ނުނިމޭ )
Varah reethi
ހާދަހާ ރީއްޗޭ. ކިޔާހިތުން އިންދާ އެ ނިމެނީ. މިކަހަލަ ތަފާތު ވާހަކައެއް އަދި ނުކިޔަން. ވަރަށް ގިނަ ފިލާވަޅު އެބަ ދަސްވޭ. ފާރޫޤަށް ވަރަށްބޮޑަށް ފަށްފަށުން ޝުކުރިއްޔާ.