ފަލްސަފާ (83)

( 28 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަޟާގެ ކުރީގެ ބޮސް ، ފާރޫޤުގެ ކުއްލި އެޕޮއިންޓްމަންޓަކަށް މުރުތަޟާ އެދުނެވެ. ބައްދަލުވުން ފެށީ މުރުތަޟާއެވެ. މުރުތަޟާ ބޭނުންވީ އޭނާގެ ވަޒީފާއިން އިސްތިޢުފާ ދިނުމަށެވެ. އެހާ ކުރު ނޯޓިސްއަކާއެކު ، ވަޒީފާއިން ވަކިވާން އެދެން ޖެހުނީތީ މުރުތަޟާ މަޢާފަށް އެދުނެވެ. ފާރޫޤުގެ ތަޖުރިބާއަށް ބަލާފައި މުރުތަޟާއަށް ލަފާދިނީ ، އެކަމާމެދު އިތުރަށް ވިސްނައިލުމަށެވެ. މުރުތަޟާގެ މަޤާމުގެ ގޮތުން ، މަސައްކަތުގައި ، މުރުތަޟާއަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން އޭނާއަށްވެސް އެނގެއެވެ. އެއީ ޢާންމު ކަމެކެވެ. އެހެނަސް ، މުރުތަޟާއަށް ޤަބޫލުކުރެވޭގގޮތުގައި ، އޭނާގެ މަސައްކަތުގެ އަގު ރަނގަޅަކަށް ވަޒަނެއް  ނުކުރެވެއެވެ. އެންމެފަހުން ، ކުންފުނިން ޙަވާލުކުރި ޕްރޮޖެކްޓްވެސް ،  ވަގުތަށް ނިންމުމަށްޓަކައި ، އަންހެނުންނާއި ދަރިފުޅާވެސް އަޅާނުލައި ، މުރުތަޟާވަނީ މަސައްކަތަށް ވަޤުތުދީފައެވެ. އެވަރުންވެސް ، އޭނާއާ ދިމާލަށް މީސްމީހުންގެ އިނގިލި ދިއްކުރެވޭކަމަށް ވަންޏާ އެއީ އިންސާފެއްނޫނެވެ. އެކަން ، އޭނާއަކަށް ތަޙައްމަލެއް ނުކުރެވޭނެއެވެ.

މިޒަމާނުގައި ، އިސްމަޤާމުތަކުގައި ތިބޭމީހުންނަށް ، ބޮހުންގެ ބާރުވަރަށް ބޮޑުވާނެކަމަށް ބުނެ ، ފާރޫޤު ނަސޭޙަތްދިންނަމަވެސް ، މުރުތަޟާއަށް ދިމާވެފައި އޮތްގޮތުން ، އެކަން އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާއާމެދު އެކުރެވެނީ ޒާތީގޮތުން ، ބޭއިންސާފުން ކުރެވޭ އުނދަގުލެކެވެ.

މުރުތަޟާއަށް އެމައްސަލަ އެދިމާވަނީ ، ނޫރުލްޢައިނަކީ އިޙްސާންގެ އަންހެނުންނަށްވެފައި ، މޮޅެތިމީހުންނަކީ ، އެހެންމީހުންގެ އިޙްސާސްތައް ދެނެގަންނަން ފަސޭހަބަޔަކަށް ނުވާތީކަމަށް ފާރޫޤަށް ފެނުނެވެ. އެހެނަސް ، ނޫރުގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީވެސް މުރުތަޟާއަށެވެ. އެކަން ، ފާރޫޤަށް ނޭނގި އޮވެދާނެއެވެ. ނޫރުލްޢައިނަކީ ، މެދުފަންތީގެ ޢާއިލާއަކަށް ނިސްބަތްވާ އަންހެނެކެވެ. ކުޑައިރުއްސުރެ ، މުރުތަޟާ ދަންނަ އަންހެނެކެވެ. އެއީ ، މުރުތަޟާއާ ދުރުތާ ތިމާގެ މީހެކެވެ. އެކަން ، ފާރޫޤަށް އެނގުމާއެކު ކުއްލި ސިހުމެއް އޭނާއަށް ލިބުނެވެ. އެވާހަކަ ، މީގެ ކުރިން މުރުތަޟާ އޭނާގާތު ބުނެފައެއް ނެތެވެ. ބުނަން ފުރުސަތު ނެތިފައި އެވާހަކަ ބުނަން މުރުތަޟާ ބޭނުން ނުވީއެވެ.

ވަޒީފާއިން ވަކިވުމަށް މުރުތަޟާ ނިންމި ނިންމުން ، ފާރޫޤަކަށް ޤަބޫލެއް ނުކުރެވުނެވެ. އެ ވިސްނުން ދޫކޮށްލުމަށް މުރުތަޟާއަށް ނަސޭޙަތް ދިނެވެ. އަމީން އިޙްސާނާއެކު ބައްދަލުވުމަށް ، އެރެޔަށް ދަޢުވަތު ލިބިފައި އޮތްކަމަށާއި ، މުރުތަޟާވެސް އެ ބައްދަލުވުމަށް އަމީން އިޙްސާންގެ ގެޔަށް އައުމަށް ފާރޫޤު އެދުނެވެ.

އައިމަލް ގޮވައިގެން ، ތަހުނިޔާ އޭނާގެ މަންމަގާތަށް ދިޔަ ދުވަހެކެވެ. އައިމަލް ބަހައްޓާފައި ، ތަހުނިޔާ އިސްލާމްއާބާދަށް ދިއުން އެއީ ސާޖިދާ ވަރަށް ހިތްހަމަ ނުޖެހުނު ކަމެކެވެ. އެވާހަކަ ފެށުމުން ތަހުނިޔާ ހިތްހަމައެއް ނުޖެހުނެވެ. އަދި ، އޭނާގެ މުސްތަޤްބަލަށް މަންމަވެސް ނުވިސްނާކަމަށް ބުނެ ، ޝަކުވާ ކޮށްގަތެވެ. އެންމެފަހުން ، ސާޖިދާ އޭނާގެ ވާހަކަ ބަދަލުކޮށްލިއެވެ. ތަހުނިޔާއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި އެރޭ ، ރޭގަނޑުގެ ކެއުމަކަށް ބޭރަށް ދިއުމަށް ނިންމިއެވެ. ބައްޕައަށްވެސް ގުޅާފައި އަވަހަށް އަންނަން ބުނާނެވާހަކަ ބުނެ ، މުރުތަޟާވެސް ތަންކޮޅެއް އަވަހަށް އެރޭ ގެޔަށް އައުމަށް އެދުމަށް ތަހުނިޔާގާތު އެދުނެވެ.

އަނެއްކޮޅުން ، ހަވީރުއްސުރެ ، މުރުތަޟާ އޮފީހުގައި އަވަދިނެތި އުޅެމުން އެގެންދަނީ ، ނޫރު ޙަވާލުކޮށްފައި އޮތް ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށެވެ. ތަހުނިޔާގެ މަންމައާއި ބައްޕަ ގޮވައިގެން ރެސްޓޯރެންޓަށް ކާންގޮސް އެތައް އިރެއްވީއިރުވެސް މުރުތަޟާއެއް ނައެވެ. މުރުތަޟާއަށް ފޯނުކޮށްކޮށް ފޯނެއް ނުނަގައެވެ. އެންމެފަހުން ، ތަހުނިޔާއަށް މުރުތަޟާގާތު އެވާހަކަ ބުނަންޖެހުނީ މެސެޖަކުންނެވެ. މުރުތަޟާ ލަހެއްނުވެ އަންނާނެކަމުގައި ތަހުނިޔާ ބުންޏެވެ. އައިމަލްވެސް ގޮވައިގެން ގޮސް އުޅޭތީ ، އެހާ ގިނައިރެއްވެސް ނުކުރެވޭނެއެވެ. އެކަން މުރުތަޟާއަށްވެސް އެނގެން ޖެހޭނެއެވެ.

ފަހަރެއްގައި މުރުތަޟާއަށް މެސެޖް ނުކިޔެނީކަމަށް ވެދާނެކަމަށް ޢާޞިމް ބުންޏެވެ. އަދި އެއްފަހަރު މުރުތަޟާއަށް ގުޅައިލުން ރަނގަޅުކަމަށް ޢާޞިމަށް ފެނުނެވެ. ބައްޕަގެ ބަހަށް ފޯނުކޮށްލުމަށްޓަކައި ތަހުނިޔާ ނުކުތީ ބޭރަށެވެ. އެވެސް ، ތަހުނިޔާގެ ބޯބޮޑުކަމުން ކުރިކަމެކެވެ. މުރުތަޟާއާ ދިމާއަށް އެއްޗެއް ބުނަންޖެހި ، އެއަޑު ބައްޕަމެންނަށް އިވިދާނެތީއެވެ.

އޮފީހުގެ މަސައްކަތުގައި މުރުތަޟާ އިންދާ ފޯނެއް އައެވެ. އެއީ ފާރޫޤުގެ ފޯނެކެވެ. މުރުތަޟާ ލަސްވެގެން ގުޅީއެވެ. މުރުތަޟާ އެއުޅެނީ އޮފީހުގައި މަސައްކަތުގައި ކަމަށް ބުންޏެވެ. އެވަގުތު ، އަމީން އިޙްސާން އެފޯނު އަތުލައި ، މުރުތަޟާއާ ވާހަކަ ދެއްކިއެވެ. އަދި މަސައްކަތް ބަހައްޓާފައި ، އެބައްދަލުވުމަށް މުރުތަޟާ އައުމަށް އެދުނެވެ.

ފޯނު ބޭއްވިތަނާ އިތުރުފޯނެއް މުރުތަޟާއަށް އައެވެ. އެއީ ތަހުނިޔާއެވެ. މުރުތަޟާއަށް އިންތިޒާރުކޮށްގެން ، ބައްޕަމެން އެބަތިބިކަމަށް ތަހުނިޔާ ބުންޏެވެ. ފޯނުން ނުގުޅިގެން ، މެސެޖެއް ފޮނުވިކަމަށާއި މެސެޖް ނުފެންނަނީތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އަދި ވީހާއަވަހަކަށް އެތަނަށް މުރުތަޟާ އައުމަށް އެދުނެވެ. އެހެނަސް ، ރަސްމީ ކެއުމަކަށް ދާޏްޖެހޭތީ އެރޭ ދެވެންނެތްކަމަށް މުރުތަޟާ ބުނުމާއެކު ، ދަނީ ކޮންތާކަށްތޯ ތަހުނިޔާ ސުއާލުކުރިއެވެ. މުރުތަޟާއެދަނީ އަމީރު އިޙްސާންގެ ގެޔަށް ކަމަށް ބުނުމާއެކު ، ތަހުނިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެހެން އެކަން އޮތިއްޔާ މުރުތަޟާއަށް އެރޭ އެތަނަށް އަންނާނެ ފުރުސަތެއް ނުލިބޭނެކަން ، ތަހުނިޔާއަށް އެނގުނެވެ. ތަހުނިޔާގެ ލޮލުން ފާއްދާލި ކަރުނައިގެ އަސަރު ފޮރުވަމުން ، ހިންދިރުވާލާފައި މަންމަމެންގެ ގާތަށް ދިޔައެވެ. މަންމަމެންގާތު ބުނާނީ ކީކޭކަމެއް ތަހުނިޔާއަކަށް ނޭނގުނެވެ. މުރުތަޟާއަށް އެހެން ކެއުމަކަށް މާކުރިން ދަޢުވަތު ލިބިފައި އޮތީމާ ، މިރޭ އާދެވެން ނެތްކަމަށް ބުނެ ޙުއްޖަތެއް ދެއްކިއެވެ. އަދި ، އެހެން ދުވަހަކުން ކެއުމަށް އަންނާނީ ކަމަށް ބުންޏެވެ.

އެއީ ، އެއްވެސްކަމެއް ނޫންކަމަށް ޢާޞިމް ބުންޏެވެ. އަދި އެމީހުން އޯޑަރުކޮށްލައިގެން މިރޭވެސް ދާނީ ކައިގެންކަމަށް ޢާޞިމް ނިންމިއެވެ.

މުރުތަޟާގޮސް އަމީން އިޙްސާންގެ ގެޔަށް ވަތްއިރު ، އިޙްސާނާއި ފާރޫޤު އޭނާގެ އިންތިޒާރުގައި ތިއްބެވެ. ނޫރު އިނީ ބައްދަލުވުމާ ދުރުގައި ، ސިޓިންރޫމުގައި އިށީނދެލައިގެންނެވެ. އެންމެފަހުން ، މުރުތަޟާއާ ޙަވާލުކުރި ޕްރޮޖެކްޓްގެ ހުރިހާކަމެއް އޮތީ ނިމިފައެވެ. ހަމައެކަނި ބޭނުންވަނީ ، އަމީން އިޙްސާންގެ ހުއްދައެވެ. މުރުތަޟާގެ ލެޕްޓޮޕުން ، ޕްރޮޖެކްޓްގެ ލިޔުންތައް އިޙްސާނަށް ދެއްކުމާއެކު ، މުރުތަޟާގެ މަސައްކަތަށް ، އަމީން އިޙްސާން ތަޢުރީފް ކުރިއެވެ. ނޫރުލްޢައިނުވެސް ، މުރުތަޟާގެ މަސައްކަތާއި  މުރުތަޟާގެ ހީވާގިކަމާއި ވިސްނުމަށް ތަޢުރީފް ކުރާކަމަށް އިޙްސާން ބުންޏެވެ.

މުރުތަޟާގެ މަސައްކަތަށް ، އިޙްސާންގެ އަންހެނުން އެހާ ގަޔާވެދާނެކަމަކަށް މުރުތަޟާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމާ ނޫރުލްޢައިނު ހިތްހަމަ ނުޖެހިފައިހުރިކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާ އެހެންބުނިއަޑު ، ދުރުގައި އިންނަމަވެސް ، ނޫރުއަށް އިވުނެވެ. އަދި ވަށްކަޅިޔަކުން މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ.

ބައްދަލުވުން ނިންމާލައިފާ ، މުރުތަޟާ ނުކުންނަނިކޮށް ނޫރު ، މުރުތަޟާއާ މުޚާތަބު ކުރިއެވެ. އެ ބައްދަލުވުމަށް ، މުރުތަޟާ އަތުވެދާނެކަމަކަށް ނޫރު ހިއެއް ނުކުރެއެވެ. ދުވާލު މަސައްކަތުގައި އިން އިރުވެސް ، މުރުތަޟާ އިނީ ކޮންމެވެސް ކަމަކަށް ގެއްލިފައެވެ. މަސައްކަތަށް ވިސްނުން ގެންގުޅެވޭވަރަށްވުރެ ކަންބޮޑުވެފައެވެ. އެކުންފުނީގެ އެމްޑީގެ މަޤާމަށް ނޫރު ކަމުނުދަނީތޯ އާއި އަދިވެސް ބަލަމުން އެގެންދަނީ ކުރީގެ ނޫރުލްޢައިނު ހޯދަންތޯ ، ނޫރު ސުއާލު ކުރިއެވެ. މުރުތަޟާއަށް ނޫރުގެ ސުއާލަށް ވަގުތުން ޖަވާބެއް ނުދެވުނެވެ. ޖަވާބުދޭން ކުޑައިރުކޮޅެއް ނެގިއެވެ. ނޫރުއަށް އެ ވިސްނެނީ ރަނގަޅަކަށް ނޫނެވެ. މުރުތަޟާ އެހުރީ ސަލާމަތުންނެވެ. އެއްވެސްކަމެއްގެ އުނދަގުލެއް ، އޭނާގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ، އޭނާއާ ކުރިމައްޗެއް ނުވާނެއެވެ. ވިސްނޭގޮތް ގޯސްވެގެން އެއުޅެނީ ނޫރުލްޢައިނުގެ ކަމަށް މުރުތަޟާ ބުންޏެވެ.

" އަހަރެންނަށް ހީވާގޮތުގައި ، ގޯސްކޮށް ވިސްނޭމީހުން ، ކުރާ މަސައްކަތުގައި އެހެންކަންކަމަށް ގެއްލޭނެއެވެ. މުރުތަޟާއަށް ތިވާފަދައިންނެވެ. އަހަރެންނަށް ވަކިކަމެއް ވަކިގޮތަކަށް ގޯސްކޮށް ވިސްނޭކަމަކަށް ނުފެނެއެވެ. " ނޫރު ބުންޏެވެ.

މުރުތަޟާއާއި ނޫރުލްޢައިނުގެ ޝަކުވާއާއި ބަހުސްތައް ނިމޭނީ ކޮން އިރަކުންތޯ މުރުތަޟާ ސުއާލުކުރިއެވެ. މޮޅުވާމީހަކާއި ބަލިވާމީހަކު ބަލައި ވާދަކޮށްގެން ،  ނުކުންނާނެ ނަތީޖާއަކީ ކޮބައިހެއްޔެވެ ؟ ނޫރު އިޚްތިޔާރުކުރި ދިރިއުޅުމުގައި ނޫރު ، ކުރިޔަށް ދާންވީ ނޫންހެއްޔެވެ ؟ އޭނާގެ އަމިއްލަ ޙާލަށް މުރުތަޟާ ދޫކޮށްލަންވީ ނޫންހެއްޔެވެ ؟ ދެމީހުންނަށް ދިމާވެފައި އޮތް ނަސީބުގައި ދެމީހުންނަށް ކުރިޔަށް ނުދެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟

ނޫރު އެހޯދި ކާމިޔާބަކީ ނޫރުކުރި އުއްމީދާ ނުބައްދަލު އެއްޗެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުންފުންޏެއްގެ އެމްޑީގެ މަޤާމަށް އައުމަކީ ، ފަސޭހަކަމެއްނޫނެވެ. ފިރިމީހާގެ ތައްޕާހުންނަމަވެސް ، ނޫރުއަށް އެހިސާބަށް ދެވުނީމާ ، ހިތް ނުފުރިގެން ، ކަންކަމާ ޝަކުވާ ކުރުމަށްވުރެ ، މިންވަރަށް އީމާންވެ ސާބިތުވުން ބުއްދިވެރިނޫންތޯ މުރުތަޟާ ސުއާލު ކުރިއެވެ. ކުރިޔަށް ދާން އުއްމީދުކުރާ މީހާ ، ވަށްކަޅިޔަކުންވެސް ފަހަތެއް ނުބަލާނެއެވެ. ކާމިޔާބީ ޙާޞިލްކުރާ މީހުން ، ނާކާމިޔާބީގެ ހިތްދަތިކަން އިޙްސާސްކުރާ މީހުންނާ ދިމާއަކަށް ނުބަލާނެއެވެ.

" ބަލާނެއެވެ ! އެންމެންނަކީ އެއްގޮތަކަށް އުޅޭނެ ބައެއްނޫނެވެ. ބައެއްމީހުންނަކީ ، އެހާ ކެތްގަދަވެފައި ، ހިތްހަރުމީހުންނެއްނޫނެވެ. " ނޫރު ބުންޏެވެ.

ނޫރުގެ ހިތް އެހާ ބަލިކަށިވިކަމެއް މުރުތަޟާއަކަށް ނޭނގެއެވެ. ނޫރުގެ ދިރިއުޅުމުގައި ، ރަނގަޅު ވަގުތުގައި އެހާ އަވަހަށް އެއެޅި ފިޔަވަޅަކީ ، ހިތްބަލިމީހަކަށް އަޅަން ކެރޭނެ ކަހަލަ ފިޔަވަޅެއްނޫނެވެ. ނޫރު ، އިސްއުފުލާލައި ، މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ. ތެދުވެގެން އައިސް ، މުރުތަޟާއާ ގާތަށް ޖެހިލިއެވެ.

" އަހަރެންގެ ހިތަށް މުރުތަޟާގެ ފަރާތުން ލިބުނު  ޒަޚަމްތަކުގެ އިޙްސާސް ވީހިސާބުންނެވެ. އެ އިޙްސާސްތަކުން  ހިތަށް ލިބުނު ކެކުޅުމުގައި ރޮއެ ކަރުނަ އަޅައި ، އެ ރުއިމާއި ރިހުން ހިތުން ފިލުވައިލަން އުނދަގޫވި ހިސާބުން ، އަހަރެންނަކީ ހިތްބަލި މީހަކަށް ވިއެވެ. ދުނިޔެ ، އެކޮޅުކޮޅުން ޖެހުނެވެ. އެއަށްފަހު ، އަހަރެންނަކީ ހިތްހަރު މީހަކަށް ވީއެވެ. " ނޫރު ބުންޏެވެ.

އިތުރު ވާހަކައެއް ނޫރުއެއް ނުދައްކައެވެ. މުރުތަޟާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރިއިރު ، ނޫރުގެ ލޮލުން ފާއްދާލި ކަރުނަ މުރުތަޟާއަށް ފެނުނެވެ. މުރުތަޟާހުރީ ، ނޫރު ދާންވީ މަގަށް ހުރަސްއަޅައިގެންނެވެ. މުރުތަޟާގެ ފަޔަށް ނޫރު ބަލައިލިއެވެ. އޭގެ މާނަޔަކީ ، ނޫރުދާން ބޭނުންވެފައިހުރިކަންކަމުގައި މުރުތަޟާއަށް ވިސްނި ، އެއްފަރާތަކަށް ޖެހިލިއެވެ. ނޫރު ، އެހުރިގޮތަށްހުރެ ، ކުރިޔަށް ހިނގައިގަނެ ، ގޭތެރެޔަށް ވަދެގެން ދިޔައެވެ.

މުރުތަޟާ އެނބުރިގެޔަށްގޮސް ، ކޮޓަރިޔަށް ވަތްއިރު ތަހުނިޔާހުރީ ، ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ، އެތެރެޔަށް ނުވަދެ ދޮރުކަނީގައި ހިފާލައިގެން މުރުތަޟާއަށް ހުރެވުނެވެ. މުރުތަޟާއަށް ކިހިނެއްވީތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާއަށް ޖަވާބު ދެވުނީ ތަހުނިޔާގެ ސުއާލަކަށް ނޫނެވެ. މުރުތަޟާއަށް ބުނެވުނީ ، މަންމައާއި ދައްތަ އެނިދީ ހާދަ އަވަހަކަށޭއެވެ. އޭރު ގަޑިން ބާރަ ޖެހީއެވެ. ގަޑިދިޔަގޮތެއްވެސް މުރުތަޟާއަކަށް ނޭނގުނެވެ. އެހާ ގިނައިރުވެއްޖެކަމަކަށް އޭނާއަކަށް ހިއެއް ނުކުރެވެއެވެ.

ނޫރުލްޢައިނުއާ ދިމާވީމާ ، ދުވާލެއް ރޭގަނޑެއް މުރުތަޟާއަކަށް މިހާރަކު ވަތްކެއް ނުވެއެވެ. އަނތްބަކާ ދަރިޔަކު ހުންނަކަމެއްވެސް ހަނދާނެއް ނުހުރެއެވެ. ނޫރުލްޢައިނުގެ މަލާމާތުގެ ބަސްތަކާއި ، މަސައްކަތުގެ އުނދަގުލުގައި ބޯހާސްވެގެން ގެޔަށް އައިސް ވަތްތަނުން ތަހުނިޔާ އެކޮށްގަތް ޝަކުވާއަށް މުރުތަޟާއަކަށް ކެތެއް ނުކުރެވުނެވެ. ހިތްހަމަ ނުޖެހިފައިހުރެ ، އެނބުރިގޮސް ތަހުނިޔާގެ ދެއަތުގައި ބާރަށް ހިފައިލިއެވެ. އަދި ނޫރުލްޢައިނުގެ ނަން އަބަދު ކިޔަންޖެހެނީ ކީއްވެތޯ ތަހުނިޔާއާ ސުއާލުކުރިއެވެ. މުރުތަޟާ ނޫރުމެންގެ ގެޔަށްގޮސް ލަސްވުމާއި ، ބައްޕަމެން އިންތިޒާމްކުރި ކެއުމަށް މުރުތަޟާ ނައުމާގުޅިގެން ، ތަހުނިޔާއަށް ކޮށްފައިވާ އަސަރާއި ، މުރުތަޟާގެ ފަރާތުން އެފެނުނު ރުޅިވެރިކަމާގުޅިގެން ތަހުނިޔާގެ ހިތަށް އަސަރުކޮށް ، ލޮލުން ކަރުނަ އައެވެ. މުރުތަޟާ އެކަމަކަށް އަޅައެއް ނުލައެވެ. ތަހުނިޔާގެ އަތުން އަތްދޫކޮށްލުމަށްފަހު ، ނިދަން ތައްޔާރުވުމަށްޓަކައި ފާޚާނާއަށް ވަނެވެ.

ހެނދުނު އޮފީހަށްގޮސް ތަހުނިޔާ އޭނާގެ މަސައްކަތުގައި އުޅެނިކޮށް މުޙުސިނާ ގުޅާފައި ތަހުނިޔާ އައުމަށް އެދުނެވެ. މުޙުސިނާގާތަށް ތަހުނިޔާ ދިޔައިރު ، އެތަނުގައި ނޫރުއައިސް އިނެވެ. އެހިސާބަށް އައިސްފައި ، އެތަނަށް ޖައްސައިލީކަމަށް ނޫރު ބުންޏެވެ. މުޙުސިނާމެންވެސް އެ ހިންގަނީ އަމީން އިޙްސާންގެ ވިޔަފާރިއެކެވެ. އެހެންކަމުން ، ނޫރު އެތަނަށް ޒިޔާރަތްކުރުން ވެގެންދިޔައީ މުޙުސިނާއަށް ލިބުނު ވަރަށްބޮޑު އުފަލަކަށެވެ. އެތަނުގައި އުފައްދާފައިހުރި ތަކެތިން ، ނޫރުގެ ވޯޑްރޯބަށް ބޭނުންވާ ބައެއްތަކެތި ނެގުމަށް ނޫރު ބޭނުންވިއެވެ. ނޫރު ބޭނުން އެއްޗެއް އެތަނުން ހިލޭ ނެގިދާނެއެވެ. އެއީ ، މުޙުސިނާއަށްވެސް ލިބޭ އުފަލެކެވެ. އެމީހުންނާއެކީ ތަހުނިޔާވެސް އައުމަށް މުޙުސިނާ އެދުނެވެ. ނުދާން ހުރެފައިވެސް ތަހުނިޔާ އެމީހުންނާއެކީ ދިޔައެވެ. ނޫރު އެނެގިހެދުންތަކެއް ނެގުމަށްފަހު ، އެތަކެތި ގެޔަށް ފޮނުވާލަދޭށޭ ބުނެ ، މުޙުސިނާއާ ސަލާމްކޮށްލުމަށްފަހު ނޫރު އެތަނުން ދިޔައެވެ. ޖެހިގެންހުރި ތަހުނިޔާއާ ދިމާއަށް ބަލައިވެސް ނުލައެވެ. ނޫރު އެތަނަށް އެއައީ ، ތަހުނިޔާއަށް ، ނޫރުގެ ބޮޑުކަން ދައްކައި ތަހުނިޔާ ލަދުގަންނުވައިލުމަށެވެ. ތަހުނިޔާ އެހުރީ ނޫރުގެ ނޯކިރީގައި ، ނޫރުގެ ދަށުވެފައިކަން އަންގައިލުމަށްކަން ތަހުނިޔާއަށް އެނގުނެވެ. ތަހުނިޔާއަކީ ކޮންފެންވަރެއްގެ މީހެއްކަން އަންގައި ލުމަށެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.