( 11 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ހާރިސްގެ ދެމަފިރިން އެގެއިން ނުކުމެގެން ދިއުމާއެކު ،މާތްކަލާކޯއޭ ބުނެ ، ސޯފާމައްޗަށް ޙަފުޞާ ތިރިވިއެވެ. މަންމަގެ ޙާލު ފެނިފައި ޠާހިރާވެސް ކަންބޮޑުވިއެވެ. ކެތްތެރިވުމަށް މަންމަޔަށް ނަޞޭޙަތްތެރި ވިއެވެ. އެމީހުން އެގެންދަނީ އެކަންކަމުގެ ޙަޤީޤަތް އެނގޭ މިންވަރަކުން ، އެކަމުން މުރުތަޟާ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ. މުރުތަޟާއަށް މަގުދައްކައިދީ ނަސޭޙަތްތެރި ވަމުންނެވެ. މިންވަރުފުޅުގައި ހުރިގޮތެއް ވާނެއެވެ. މިހާރު ދެން އޮތީ ، ދެން އިވޭ ޚަބަރަކަށް ކެތްތެރިވުމަށް ތައްޔާރު ވުމެވެ. މުރުތަޟާއާއި ނޫރުލްޢައިނު އެއޮތީ ، ކައިވެނިކުރަން ނިންމާފައެވެ. އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކާމެދު ، ދެމީހުންކުރެ އެކަކުވެސް ނުވިސްނައެވެ.
މުރުތަޟާ އައިސް ، ތަހުނިޔާ ނަގައިގެން ދިޔައީ ބީޗަކަށެވެ. މިނިވަންކަމާއެކު ވާހަކަ ދައްކައިލެވޭނެ މާޙައުލަކަށެވެ. މޫދަށް ކުރިމަތި ލައިގެން ، ތޮށިގަނޑުމަތީ އިށީނދެލައިގެން ދެމީހުން ތިއްބެވެ. ކަނޑުގެ ޞަތަޙައިގާ ބީހިލަމުން އަންނަ ، ނަލަ ވައިރޯޅީގެ ބީހިލުމުން ، ދެމީހުންގެ ހިތާއި ސިކުނޑިޔަށް އެލިބޭ އަރާމު ، ވަޒަން ކުރެވޭ ވަރަށްވުރެ ބޮޑަށް ، ދެމީހުންވެސް ތިބީ ހާސްވެފައެވެ. މުރުތަޟާ ދައްކަން އެއުޅެނީ ކޮންވާހަކައެއްކަން ، ތަހުނިޔާއަށް އެނގެއެވެ. ވާހަކަ ދައްކަން އަޔަސް ، މުރުތަޟާއަށް އެއިންނަނީ އެވާހަކަ ފަށާނީ ކޮން ހިސާބަކުންކަން ނޭނގިފައެވެ. ތަހުނިޔާއިނީ ގެއިން ނުކުތީއްސުރެ އޭނާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓާލައިގެން ، އެ ކަރުނަތައް ލޮލުތެރެޔަށް އެއްކޮށްގެންނެވެ. އިރުކޮޅަކުން ، މުރުތަޟާ ވާހަކަ ދައްކަން ފެށްޓިއެވެ.
ދިރިއުޅުމަކީ ދަތުރަކަށް ދެވިފައި އޮންނަ ނަމެކެވެ. އަހަރެމެން އެންމެންނަކީވެސް އެދަތުރުގެ ބައިވެރިންނެވެ. އެހެނަސް ، އެކުގައި ދަތުރުކުރާ ދެބައިވެރިޔަކު ، ބީރަށްޓެހިވެ ، އެކަކު ކުރާކަމެއް އަނެކަކަށް ނޭނގި އެދަތުރު ކުރިޔަށްދާނަމަ ، ދާންވީދިމާ އޮޅޭނެއެވެ. އެކަން އެހެން ދިމާވެއްޖެނަމަ ، ދެން އޮންނާނެ އެންމެ ރަނގަޅު ގޮތަކީ ، ދެމީހުންގެ މިސްރާބު ބަދަލު ކުރުމެވެ.
" ނޫނީ އެކުގައި ދަތުރުކުރާ މީހާ ބަދަލު ކުރުމެވެ. " މުރުތަޟާގެ ބަސް ތަހުނިޔާ ފުރިހަމަ ކޮށްދިނެވެ.
" ތަހުނިޔާއަށް ހީވަނީ ކިހިނެއް ހެއްޔެވެ ؟ ވެގެން ދިޔަ ކަންކަމާއި ވަމުންދާ ކަންކަމާ އަދި ވެދާނެކަންކަމުގެ ޒިންމާ އުފުއްލަން ޖެހޭނީ އަހަރެން ހެއްޔެވެ ؟ އަހަރެންނާއެކީ ތަހުނިޔާއަށް ދިރިނުއުޅެވޭކަން ، ޤަބޫލު ނުކުރަން ތަހުނިޔާ ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ.
ތަހުނިޔާއަށް ފެންނަ ގޮތުގައި ، މުރުތަޟާގެ ކޮނޑުގައި އެޅުވިފައިވާ ތަކުލީފާއި ، ހިތުގައި އަޅަމުންދާ ވޭނާއެކު ވަމުންދާ ފަޟީޙަތް ބޮޑުވަނީއެވެ. ތަހުނިޔާ އެތަނަށް ގެންނަން ، މުރުތަޟާގެ ވިސްނުމަށް އައި ސަބަބަކީ އެވެ. އެހެން ވެދާނެއެވެ. ބޭރަށް ގޮސްލައި ، އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ، ތަހުނިޔާގާތު ދުވަހަކުވެސް މުރުތަޟާ ބުނެފައެއް ނެތެވެ. އެކަމަށް އެއްބަސްވެ ، ތަހުނިޔާގެ ދުލުން އެބަސްތައް ބޭރުވުމުން މުރުތަޟާއަށް ހަމަޖެހުން ލިބޭނެ ހެއްޔެވެ ؟ އިރުއިރު ކޮޅުން ނޫރުލްޢައިނާ ސިއްރުން ބައްދަލުކޮށް ހެދުމުން ، ތަހުނިޔާގެ ހިތަށް ކުރާނެ އަސަރެއް އޮންނާކަށް ނުޖެހެއެވެ. އިންސާނެއްގެ ހިތުން ޖާގައެއް ހޯދުމަށް މީހަކު ކުރާނެ ހުރިހާކަމެއް ކުރަމުން އެގެންދަނީ ނޫރުލްޢައިނު އެކަންޏެވެ. ތަހުނިޔާ ވަމުންދާ އެއްވެސް ޤުރުބާނީއެއް ނެތެވެ.
ދެމީހުންގެ ދިރިއުޅުމުގެ ހަމަޖެހުމަށް ، މުރުތަޟާ ކަމެއް ނުކުރާ ކަމަށްވަންޏާ ، ތަހުނިޔާވެސް ކުރި ކަމެއްނެތެވެ. ތަހުނިޔާގެ ބަސްތަކުން ، މުރުތަޟާ ރުޅިއަންނަ ގޮތްވިއެވެ. އެހެންނޫންނަމަ ، ނޫރުލްޢައިނުގެ ނަން ، އެދެމަފިރިންގެ ވާހަކައިގެ ތެރެޔަށް އަންނާކަށް ނުޖެހޭނެއެވެ.
" އަހަރެމެންގެ ކައިވެންޏަށް ހަތަރުމަސް ވީއެވެ. ޙަޔާތުން އެންމެ ޞަފުޙާއެއްވެސް ނުއެއްލެއެވެ. މިތިބެވުނީ ހަމަ ތިބި ތާނގައެވެ. ދެމީހުންގެ ގުޅުން ހައްތާ މިދަނީ ދުރުވަމުންނެވެ. މިކަމަށް ޙައްލެއް އޮންނަން ޖެހޭނެކަމަށް ތަހުނިޔާއަށް ޤަބޫލެއް ނުކުރެވޭ ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ.
ތަހުނިޔާގާތަށްވެސް ރުޅިއަންނަ ގޮތްވިއެވެ. އަދި ، މުރުތަޟާއަށް އޭނާ ، ޙައްލެއް ހޯދައިދިން ކަމަށް ހަރުއަޑުން ބުނެވުނެވެ. އެއީ ، ނޫރުލްޢައިނާއެކު އޮތްގުޅުން ދާއިމަށް ކަނޑައިލުމެވެ. ތަހުނިޔާއާއި މުރުތަޟާއަށް ދެމަފިރިންގެ ގޮތުގައި ގާތްކަމެއް އުފެދި ، ދިރިއުޅުމަކަށް މަގުފަހިވާނެ އޮތް ، ހަމައެކަނި ގޮތަކީ އެއީއެވެ. އެކަމަކު އެކަމެއް މުރުތަޟާއަކަށް ނުކުރެވުނެވެ. ފަހަރެއްގައި ، އެކުގައި ދަތުރުކުރާ ދެބައިވެރިޔަކު ، ބީރަށްޓެހިވެ ، އެކަކު ކުރާކަމެއް އަނެކަކަށް ނޭނގި އެދަތުރު ކުރިޔަށްދިއުމުން ، ދާންވީދިމާ އޮޅުނީއެވެ. އެދެމީހުންނަށް އެކަކު އަނެކަކަށްޓަކައި ، ރަނގަޅުމަގު ހޯދަން ދެފިޔަވަޅުވެސް ކުރިޔަކަށް ނުއެޅުނެވެ. ތަހުނިޔާޣެ އެބަސްތަކަށް ، މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ.
މުރުތަޟާގެ ހިތަށް އުނދަގޫވެގެން ތެދުވިއެވެ. އެވާހަކަތައް ފަށްފަށް ކޮށްގެން އެމީހުން ދައްކަން ވެއްޖިއްޔާ އެއީ ނިމުމެއްނެތް ބަހުސަކަށް ވެދާނެކަމުގައި މުރުތަޟާ ބުންޏެވެ. އަދި ، ދެމީހުންނަށް ، އެކުގައި ހިނގަން އުނދަގޫވެއްޖެ ޙާލަތެއްގައި ، އެކަކު އެހެން މިސްރާބަކަށް ދިއުން އެއީ އެއްގޮތެކެވެ. ތަހުނިޔާގެ ހިތަށް ތަދުކުރުމަކީ ، އެއްވެސް ޙާލެއްގައި މުރުތަޟާ އެދޭކަމެއްނޫނެވެ. ތަހުނިޔާއަށް ، އެއްވެސް ވަރެއްގެ ތަކުލީފެއްވެސް ދޭކަށް ބޭނުމެއް ނުވެއެވެ.
މުރުތަޟާ ވާހަކަ ދައްކަމުންދިޔައިރު ، އާއެނކޭ ބުނުމަށް ، އޭނާގެ އަމިއްލަ ނަފްސު ދިފާޢު ކުރުމަށްޓަކައި ތަހުނިޔާ ، ބޯޖަހަމުން ގެންދިޔައެވެ. ހިތި ، އެހެނަސް ހިތުގައި އަޅަމުންދާ ވޭނަށް ކެތްކޮށްލައިގެން ، ގަދަކަމުން ހިނިތުންވެލައިގެން އިނދެއެވެ. އަނެއް ޙަޤީޤަތަކީ ، އެދެމީހުންނަކީ ، އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާ ދެމީހެއްނޫންކަމަށް ، މުރުތަޟާ ބުންޏެވެ. އެކަން އެދެމީހުންވެސް ޤަބޫލުކުރަން ޖެހެއެވެ. މުރުތަޟާއަށް ފެންނަ ގޮތުގައި އެދެމީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.
ތަހުނިޔާވެސް ކޮޅަށް ތެދުވިއެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ތަހުނިޔާއަށް ފެނުނު ގޮތުގައި ، އެމީހުން އެތާ ތިބޭތާ މާގިނައިރު ވެއްޖެއެވެ. މިހާރު ވަރަށް ލަސްވެސް ވެއްޖެއެވެ. ދެން އެންމެ ރަނގަޅުވާނީ ގެޔަށް ދިޔައްޔާއެވެ.
ގެޔަށް ދިޔަމަގުމަތީ ކާރުހުއްޓިގެން ނޫރުހުރީ ، މަގުމަތި ވެފައެވެ. މުރުތަޟާއާ ގުޅާގުޅާ ފޯނެއް ނުނަގައެވެ. ގޭތެރެ ހޫނުވެގެން ފޯނު ނުނެގުނީކަމަށް ވެދާނެއެވެ. އެހާ ލަސްގަނޑިއެއްގައި މަގުމަތީ އެކަނި ހުންނަން ، ބިރުވެސް ގަންނަން ފަށައިފިއެވެ.
ހަދާނެގޮތެއް ނޭނގި ކާރުގައި ލެނގިލައިގެން ހުއްޓާ ، ކުރިމަތިން އައި ކާރެއް ، ނޫރުކައިރިއަށް ހުށްޓާލިއެވެ. އެއީ ނަސީބަކުން މުރުތަޟާގެ ކާރެވެ. ނޫރު އެކާރަށް ބަލައިލިއިރު ، ތަހުނިޔާވެސް ކާރުގައި އިނެވެ. ތަހުނިޔާ އިނީ ކާރުގެ ފަހަތު ޝީޓުގައެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު ، ކިހިނެއްވީތޯ މުރުތަޟާ ސުއާލުކުރިއެވެ. ނޫރު ދައްކައިލީ އޭނާގެ ކާރެވެ. ކާރުގެ ބޮނެޓް އޮތީ ހުޅުވާފައެވެ. އޭރުވެސް އެތެރެއިން ދުން އަރަމުން ދެއެވެ. މުރުތަޟާ ، އޭނާގެ ކާރު އެއްފަރާތެއްގައި ޕާކް ކޮށްލުމަށްފަހު ނޫރުގާތަށް އައެވެ. އަދި އޭނާގެ ކާރަށް އަރާ އިށީނުމަށް ބުނެ ، ނޫރުގެ ކާރަށްވީގޮތެއް ބަލަން ފެށްޓިއެވެ.
މުރުތަޟާގެ ކާރުކައިރިޔަށް ގޮސް ، ސަލާމް ގޮވައިލުމުން ، ނޫރުގެ ސަލާމް ތަހުނިޔާ ބަލައެއް ނުގަތެވެ. އެކަމާ ކުޑަކޮށް އުނދަގޫ ވެގެން ، ކާރަށް ނާރައި ތަންކޮޅެއް ދުރުގައި މަޑުކޮށްލުމަށް ނޫރު ނިންމިއެވެ. އޭގެ ޖަވާބު ތަހުނިޔާއަށް ދޭން ނޫރު ނިންމިއެވެ. މީހަކު އެދެމެދަށް ވަނުމުން ، އޭނާ ދޫކޮށްލާފައި ދިޔަމީހަކު ، އަނބުރާ އޭނާގާތަށް އައުމަކީ ، އޭނާއަށް ލިބުނު އުފަލެއްކަމުގައި ނޫރު ބުންޏެވެ. ތަހުނިޔާވެސް މިހާރު އެހުރީ ނޫރުއަށް ދޫކުރާ ގޮތަކަށް ނޫނެވެ. ތަހުނިޔާވެސް ، ކާރުން ފައިބައި ނޫރުއާ ގާތަށް ޖެހިލިއެވެ.
" ނޫރުއެވެ ! ކުރިޔަށް ދަނިކޮށް މަގުމަތިން ހުށްޓުވި މީހަކީ ނޫރު ނޫންހެއްޔެވެ ؟ އަހަރެން މިހުރީ އަހަރެންގެ މަޤާމުގައެވެ. އެއްވެސް މީހަކަށް ދެރައެއްދޭކަށް އަހަރެންނެއް ނުވިސްނަމެވެ. އަހަރެންގާތު ، މުރުތަޟާ އިށީނދެ އިނުން އެއީ އަހަރެންނަށް ފުދޭ މިންވަރެކެވެ. އެވަގުތު އެއީ އަހަރެންގެ ޙައްޤެކެވެ. އަދި ކުޑަ ވަގުތުކޮޅަކަށް ، ނޫރުގާތަށް މުރުތަޟާ އަޔަސް ، އެއީ ހަމަ އަހަރެންގެ ޙައްޤެކެވެ. ބުނަން ހެއްޔެވެ ؟ މަގުމަތިން މީހުން ހުއްޓުވާ މީހުންނަށް މީހުން ކިޔައިއުޅެނީ ، ސަލާންޖަހާ މީހުންނޭ އެވެ. ނުވަތަ ފޭރި ލޫޓުވާ މީހުންނޭ އެވެ. އެ ނަންތަކުން ނޫރު ފެތެން ބޭނުންވަނީ ، ކޮން މަޤާކަމަށް ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ މަލާމާތަށް ނޫރުއަކަށް ކެތެއް ނުކުރެވުނެވެ. ހާދަ ގޮތްކުޑަ މީހެކޭ ބުނެ ތަހުނިޔާއާ ދިމާއަށް ދެލޯ ބޮޑުކޮށްލިއެވެ. އޭނާގެ ނަމަކީ ، ނޫރުލްޢައިނުކަމުގައި ބުނެ ، ތަހުނިޔާއަށް ރައްދު ދިނެވެ. ނޫރުއަކީ ބޭކާރު މީހެއް ނޫނެވެ.
" އަހަރެންނަކީ ސަލާންޖަހާ މީހެއްނޫނީމެވެ. އަހަރެންނަކީ ، ހަނގުރާމަތައް ފަތަޙަކޮށް ، އަހަރެންގެ ރަސްކަން އަނބުރާ އަމިއްލަކުރާނެގޮތް އެނގޭ މީހަކީމެވެ. ތަހުނިޔާ ނިކަން ބަލަން ، މަޑުން ހުންނާށެވެ. " ތަހުނިޔާއާ ގާތަށް ޖެހިލަމުން ނޫރު ބުންޏެވެ.
ނޫރުގެ ވާހަކަތަކަށް ތަހުނިޔާ މިހާރު ޖެހިލުމެއް ނުވެއެވެ. އޭނާގެ ވާހަކަވެސް ކަނުލައި ، އަޑުއަހައިލުމަށް ތަހުނިޔާ އެދުނެވެ.
" އަހަރެންގެ ކައިވެނީގެ ވަގުތު ، އަހަރެން ކައިވެނި އެކުރަނީ ހިތްހެޔޮ އަދި އަހަރެންނާ އަޅައިލައިގެން ، އަހަރެން ގެންގުޅޭނެ މީހެއްކަމަށް ، ނޫރުބުނީ ކީއްވެ ހެއްޔެވެ ؟ އަހަރެންގެ ޖަޒުބާތަކީ ، އަދި އިޙްސާސަކީ އޭނާއަށް އެއްވެސް އެއްޗަކަށް ނުވާމީހެއްގެ ތަޞައްވުރުގެ އިދިކޮޅު ، އަހަރެންނަށް ވިސްނައިދިނީ ކީއްވެ ހެއްޔެވެ ؟ ފަހަރެއްގައި ، އޭނާގެ ލޯބީގެ ހުރިހާ ވަޢުދުތަކެއް ޚާލިސް ކުރެވިފައި އޮތީ ނޫރުއަށް ކަމަށް ވެދާނެއެވެ. އެއްކަމެއް ހަނދާނުގައި ބަހައްޓާށެވެ! އެރަސްކަމެއް ދިފާޢުކުރުމަށް ހަނގުރާމަކޮށް އަނބުރާ ހޯދާނެކަމަށް ނޫރު ތި މާނަކުރާ ޝަޚުޞިއްޔަތު ، އަހަރެންގެ ފިރިމީހާގެ ގޮތުގައި ދުވަސްތަކެއް ހޭދަކޮށްފިއެވެ. އެއްފުރާޅެއްގެ ދަށުގައި އެއްކޮޓަރީގައި އެއްވަގުތެއްގައި އެތައް ރޭގަނޑެއް ، ދެމަފިރިންގެ ގޮތުގައި އެކުގައި އަހަރެމެން ހޭދަކޮށްފީމެވެ. ނޫރުއަށް މުރުތަޟާ ޙާޞިލްކުރެވުނަސް ، އެއީ ކުރީގެ މުރުތަޟާއަށް ނުވާނެކަން ހަނދާނުގައި ބަހައްޓައްޗެވެ. މިއަދުވެސް ، މުރުތަޟާ އަހަރެންނަށް އިޙްތިރާމްކޮށް ޤަދަރު ކުރެއެވެ. އަހަރެންގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރެއެވެ. އެ ކަންކަމަކީ ، ނޫރުލްޢައިނު ތި ފަޚުރުވެރިޔާ ނޫރުގެ ލޯތްބަށްވުރެ ، އެތައް އިންސައްތައެއް ގިނަ ކަންކަމެވެ. މުރުތަޟާއާ ކައިވެނިކުރިޔަސް ، އެއިން އެއްވެސްކަމެއްގެ ކުޑަމިންވަރެއްވެސް ނޫރުލްޢައިނަކަށް ނުލިބޭނެއެވެ. މުރުތަޟާއާ އެކުގައިވުމަށް ، މުރުތަޟާގެ ޢާއިލާ އެންމެ ބޭނުންވާ ، އެންމެ ހިތްހަމަޖެހޭ މީހަކީ މި ތަހުނިޔާއެވެ. އެންމެ ދެރަވެގެން ، އެ ކުޑަކުޑަ އަރުސަލާންވެސް ބޭނުންވަނީ އަހަރެންނެވެ. ތި ، ނޫރުލްޢައިނެއްނޫނެވެ. " ތަހުނިޔާ ނޫރުގެ އަނގަ ބަންދުކޮށްލިއެވެ.
އިތުރަށް ބުނާނެ އެއްޗެއް ނޫރުއަކަށް ނޭނގުނެވެ. ތަހުނިޔާގެ ލޮލަށް ބަލަހައްޓައިގެން ލޮލުން ކަރުނަ ހިލިފައި ނޫރު ހުށްޓެވެ. އެހިސާބުން ، ނޫރުގެ ކާރުވެސް މުރުތަޟާ ރަނގަޅުކޮށްދީފިއެވެ.
މުރުތަޟާ އައިސް ކާރު ރަނގަޅުވެއްޖެ ވާހަކަ ނޫރުގާތު ބުނުމާއެކު ، ނޫރު ބަލަހައްޓައިގެން ހުއްޓާ ، އޭނާއަށް ދެއްކުމަށްޓަކައި ، ކާރުގެ ކުރިއަށް އަރައި ކުރީ ޝީޓްގައި ތަހުނިޔާ އިށީނދެލިއެވެ. ނޫރު އައިސް ކާރަށް އަރަމުން ، ފަހަތަށް ބަލައިލިއެވެ. މުރުތަޟާ ނޫރުއަކަށް ނުބަލައެވެ. އެދިޔަގޮތަށް ކާރަށް އަރައި ދުއްވައިލިއެވެ. ނޫރުގާތަށް އައި ރުޅީގައި ، އަތުގައި ނެތްބާރު ލާފައި ، ކާރުގެ ދޮރުޖެހިއެވެ. އަދި ކާރުގައި ލެނގިލައި މަތި ބަލައިލިއެވެ. އޭރު ނޫރުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ.
ޙަފުޞާ ހުރީ މުރުތަޟާ އެދިޔަތާކަށްގޮސް ނައިސްގެން ލަސްވެފައެވެ. ޙަފުޞާއަކީ ގޮތްދޫކުރާނެ މީހެއްނޫނެވެ. އެކަން ޠާހިރާއަށް މާ ރަނގަޅަށް އެނގޭނެއެވެ. ޙަފުޞާ ކުރަން ނނިންމައިފިކަމެއް އޭނާގެ މުޅި ޙަޔާތުގައިވެސް ، ފުރިހަމަނުކޮށް ދޫކޮށްލާފައެއް ނެތެވެ. ނޫރުލްޢައިނުއާ ޖަދަލުކުރިޔަސް ، ޙަފުޞާއަކީވެސް ވަކި ސަހަލުމީހެއްނޫނެވެ.
ޙަފުޞާގެ ކޮންމެ ނިންމުމެއްވެސް ބަރާބަރަށް ތަންފީޒުކުރަމުން ގެންގޮސްފައި ވެއެވެ. އެކަމަކު ، މިއަދު ޙަފުޞާ އެހުރީ ވަރަށް ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ. ނޫރުލްޢައިނާ ކައިވެނިކުރަން މުރުތަޟާ ނިންމި ވާހަކަ އިވުނުފަހުން ، ޙަފުޞާގެ ހިތް ނެގިނެގިފައި އެބަ ޖެހެއެވެ. އެކަމާ ވިސްނާ ވިސްނާ ސިކުނޑިއަށް އެބަ ތަދުވެއެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، އެ މުޞީބާތުން ސަލާމަތްވާނެ މަގެއް ދެއްކެވުން އެދި ، ޙަފުޞާ އެހުންނަނީ ދުޢާ ކޮށްލަ ކޮށްލައެވެ.
މުރުތަޟާއާއި ތަހުނިޔާ އައިސް ގެޔަށްވަދެ ، މަންމަޔަށް ސަލާމް ގޮވައިލިއެވެ. ޙަފުޞާއަށް ، މުރުތަޟާގެ ސަލާމްވެސް ބަލައެއް ނުގަނެވުނެވެ. ޙަފުޞާހުރީ ހާސްވެފައެވެ. ހިނިތުންވުމާއެކު ، އެދެމީހުންނަށް މަރުޙަބާކިޔައި ސަލާމް ބަލައިގަތީ ޠާހިރާއެވެ. އެދެމީހުން އެކުގައި ފެނުމުން ޠާހިރާގެ ހިތުގައި ސުއާލުތަކެއް އުފެދުނެވެ. އެކަން ތަހުނިޔާ ފާހަގަ ކުރިއެވެ. އަދި ، ތަހުނިޔާ ގެއިން އަންނަނިކޮށް ، މުރުތަޟާއާ ދިމާވީކަމަށް ބުނެ ތަހުނިޔާ ދޮގެއް ހަދައިލިއެވެ.
ބޮލަށް ތަދުވާ ވާހަކަ ބުނެ ، މަޢާފަށް އެދެމުން ތަހުނިޔާ ކޮޓަރިޔަށް ދިޔައެވެ. މުރުތަޟާހުރީ ، ތަހުނިޔާ އެބުނި އެއްޗަކާމެދު ވިސްނާށެވެ. ޙަފުޞާހުރީ މުރުތަޟާއާ ދިމާލަށް ލޯއަޅައިގެންނެވެ. މުރުތަޟާވެސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ދައްތަޔާ ދިމާއަށް ބަލައިލަމުން ކޮޓަރިޔަށް ދިޔައެވެ.
ޙަފުޞާއަކަށް އެވަގުތު މުރުތަޟާއާ ކުރިމަތިލާނެ ހިތްވަރެއް ނުލިބުނެވެ. މުރުތަޟާއާ ދިމާއަށް ކިޔަންވެފައި އެތައް އެއްޗެއް އެބަހުށްޓެވެ. ކުރަންވެފައި އެތައް ސުއާލެއް އެބަހުށްޓެވެ. އެހެނަސް އެވަގުތަކު ނޫނެވެ. ( ނުނިމޭ )
Vvv.reethi