ފަލްސަފާ (48)

( 21 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ޙަފުޞާގެ ވާހަކަތަކުން އަސަރެއް ނުކުރީ ހަމައެކަނި ތަހުނިޔާއަށެވެ. ޙަފުޞާގެ ވާހަކަ ނިމުމާއެކު ، ތަހުނިޔާ ދެއްކި ވާހަކައިން ، އެންމެންނަށްވެސް އެކަން އެނގުނެވެ.

" ފަހަރެއްގައި ، އަހަރެންބަލައި އައުން އެއީ އެހާ މުހިންމު ކަމެއްކަމުގައި މުރުތަޟާއަށް ނުފެނުނީ ކަންނޭނގެއެވެ. އިންސާނާގެ ޙަޔާތުގައި އިސްކަންދޭންޖެހޭ ކަންކަމާއި ފަހަށް ޖައްސައިލާންޖެހޭ ކަންކަން ، މަންމަ ދެންމެ އެކިޔައި ދިނީއެވެ. "

އެކަމާބެހޭގޮތުން ، އިތުރަށް ވާހަކަދައްކަން ޙަފުޞާއަށް މަޖުބޫރު ވިއެވެ. އެއީ އެހެންވީކަމެއްނޫން ކަމަށާއި އޮފީހުގައި ޒިންމާއެއް އޮއްވައި ދޫކޮށްނުލާންވެގެން ، މުރުތަޟާއަށް މަޖުބޫރުވެގެން ނާދެވުނީކަމުގައި ، ޙަފުޞާ އިތުރަށް ސާފުކޮށްދިނެވެ. ޙަފުޞާގެ ވާހަކަޔަށް ބާރުއަޅައި ، ތަހުނިޔާއަށްވުރެ  އިސްކަންދޭނެ އެހެންކަމެއްވެސް އަދި އެހެންމީހެއްވެސް  މުރުތަޟާއަށް ނުއޮންނާނެކަމުގައި ޠާހިރާވެސް ބުންޏެވެ. އެވާހަކަތައް އިތުރަށް ދައްކަންވެއްޖެނަމަ ، ޙަފުޞާމެން ހިތްހަމަ ނުޖެހޭނެ ވާހަކަތަކެއް ، ތަހުނިޔާއަށް ދެއްކިދާނެކަމަށް ސާޖިދާއަށް ފެނުނެވެ. އަދި ، މަވްޟޫޢު ބަދަލުކޮށްލުމުގެ ނިޔަތުގައި ، އޭނާއަށް ޚިޔާލެއް އަތުވެއްޖެކަމުގައި ބުންޏެވެ.

ތަހުނިޔާމެންގެ ކައިވެންޏަށްފަހު ، ދެޢާއިލާއިން ބޭރަށްގޮސް ކެއުމަކަށް އިންސާފުކޮށްފައެއް އަދިވެސް ނެތެވެ. އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ، އެކަހަލަ ކަންކަމަކީވެސް މުހިންމު ކަމެކެވެ. ހަމަ އެރެއިން އެރެޔަށް އެމީހުންގެ ރޭގަނޑުގެ ކެއުން ބޭރަށް ގޮސް ކާލަން ސާޖިދާ ޚިޔާލު ދިނެވެ.

ސާޖިދާގެ ވިސްނުމަށް މުޅިންވެސް އަންނާނީ އެކަހަލަ މޮޅު ކަންކަންކަމުގައި  ބުނެ ، ސާޖިދާގެ އެޚިޔާލަށް ޢާޞިފްވެސް ތާއީދު ކުރިއެވެ. އެކަމަކު ، އެ ކެއުން ފުރިހަމަވާނީ މުރުތަޟާއާ އެކުގައި ކަމަށްވާތީ އެއީ މިރެޔަށް އިންތިޒާމްކުރަން ރަނގަޅުކަމެއް ނޫންކަމަށްވެސް ޢާޞިފް ބުންޏެވެ. ހަމައެއާއެކު ، މުރުތަޟާ އެ ބައިވެރިވާ ކެއުމެއް ނިންމުމަށްފަހު ، އަހަރެމެންނާ ބައިވެރިވެލަން ، މުރުތަޟާއަށް ފުރުޞަތު ލިބޭނަމަ އެކަން އެ ފުރިހަމަވީކަމުގައިވެސް ޢާޞިފް ބުންޏެވެ.

މުރުތަޟާ އެ ކެއުމަށް ގެނައުމަކީ ތަހުނިޔާގެ ޒިންމާއެއްކަމުގައި ޙަފުޞާ ބުންޏެވެ. މުރުތަޟާއަށް ފޯނުކޮށްފައި އޭނާއަށް ފަހުންނަމަވެސް އާދެވިދާނެތޯ ބެލުމަށް ތަހިނުޔާގާތު ބުންޏެވެ. ތަހުނިޔާގެ ފޯނުއޮތީ ކޮޓަރީގައި ބާއްވާފައެވެ. ފޯނުކޮށްލާފައި އެބައަންނަމޭ ބުނެ ، ތަހުނިޔާ އެތަނުން ދިޔައެވެ.

ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި ، އެކަނި އިށީނދެލައިގެން މުރުތަޟާ އިނެވެ. އެއީ ދެމީހުންގެ މޭޒެކެވެ. އޭނާ އިންތިޒާރު ކުރަމުން އެގެންދަނީ ، އެތަނަށް އަންނަ މީހަކަށެވެ. އިރުކޮޅަކުން އެމީހަކުވެސް އެތަނަށް އަތުވެއްޖެއެވެ. އެއީ ނޫރު އެވެ.

ނޫރުއައުމުން ، ގޮނޑީގައި ބޭންދުމަށްފަހު ، ހަމަޖެހިލައިގެން އޭނާ ދިރިއުޅުނަވެސް ނުދޭނަންދޯއޭ ބުނެ ، ނޫރުއާ ސަމާސާ ކޮށްލިއެވެ. ނޫރުވެސް އެއުޅެނީ ހަމަޖެހިގެންނެއްނޫނެވެ. ނޫރުގެ ޙާޟިރު ޖަވާބުވެސް އެހާ އަވަހެވެ.

" މުރުތަޟާއަކީ އަހަރެންގެ އާދަތަކުގެ ބައިވެރިޔާއެވެ. މުރުތަޟާމަތިން ހަނދާން ނައްތައިލުމުގެކުރިން ، މިކަހަލަ ގޮތަކަށް ބައްދަލުވެލަން ފުރުޞަތެއް ލިބުމަކީ ދަތި އުނދަގޫކަމަކަށް ވާނެއެވެ. " ނޫރު ބުންޏެވެ.

އެ ދެމީހުންގެ ދެމެދުގައި ހިނގަމުންއެދާ ކަންކަމަކީ ރަނގަޅުކަންކަމެއްނޫންކަން ، ނޫރުއަށް މުރުތަޟާ ހަނދާން ކޮށްދިނެވެ. އެއީ ، ނޫރުއަށް މައްސަލައެއް ނޫނެވެ. އެ ދެމީހުންނަކީ ދެ ރަޙުމަތްތެރިންނެވެ. ރަޙުމަތްތެރިކަން ދެމެހެއްޓުމަކީ ކުރެވިދާނެކަމެއް ނޫންހެއްޔެވެ ؟ އެއަށްވުރެ އިތުރަށް ގުޅުމެއް ނުބާއްވާނީއެވެ.

ނޫރުގެ ހިތުގައިވަނީ ،  ހަމައެކަނި ރަޙުމަތްތެރިކަންތޯ މުރުތަޟާ ސުއާލު ކުރިއެވެ. މުރުތަޟާއަށްޓަކައި އޭނާއަށް އިތުރުކަމެއް ކޮށްދެވެން ނެތްއިރު ، ރަޙުމަތްތެރިކަމުގެ ނަމުގައިނަމަވެސް ، މުރުތަޟާއާ ގުޅުން ބޭއްވުމަކީ ، ނޫރުގެ ހިތުގައިވާ އެންމެ ބޮޑު އެދުމެވެ. ނޫރުގެ ދިރިއުޅުމަކީ އެއީއެވެ. ނޫރުގެ ދިރިއުޅުމުން މުރުތަޟާ ވަތްކެއް ނުކުރެވޭނެއެވެ. މުރުތަޟާއަށް އެއީ ، ރަޙުމަތްތެރިކަމުގެ ގުޅުމެއްގެ ގޮތުގައި ބަލައިގެން އުޅެވިދާނެއެވެ. އެއަށްވުރެ އިތުރަށް ، އެގުޅުން ދިޔަނުދިނުމަށް މުރުތަޟާއަށް މަސައްކަތް ކުރެވިދާނެއެވެ. ނޫރު ހުންނާނީ ، މުރުތަޟާ ބެހެއްޓި ހިސާބެއްގައެވެ. އެއަށްވުރެ ގާތަށް އައުމަށް އޭނާ މަސައްކަތެއް ނުކުރާނެއެވެ.

" ނޫރުއެވެ ! ރަޙުމަތްތެރިކަން ކަމުގައި ނޫރު ތި ފާޅުކުރާ ގުޅުމަކީ ، ދިރިއުޅުމެއްނޫނެވެ. އެއީ ، ރަޙުމަތްތެރިކަމެއްވެސް ނޫނެވެ. އެއީ ، ދުނިޔެއިން މޮޔަވުމެވެ. އިންސާނުން ދުނިޔެއިން މޮޔަވެއްޖެނަމަ ، ވާނީ ކިހިނެއްކަން ނޫރުއަށް އިހްސާސެއް ނުކުރެވޭނެއެވެ. ނޫރު ބުނީމަ އަހަރެން މިރޭ މިއައީއެވެ. މިގޮތަށް އަހަރެންނަށް އާދެވޭނީ ކިހާދުވަހަކު ހެއްޔެވެ ؟ އޮޅުވައިލުމާއި ދޮގަށް ފިލައިގެން އަހަރެމެންނަކަށް އަބަދަކު ނޫޅެވޭނެއެވެ. އެހެންމީހުން ، އަހަރެމެންނާމެދު ދެކޭނީ އެހެން ނަޒަރަކުންނެވެ. ތިބުނާ ރަޙުމަތްތެރިކަމުގެ ގުޅުން ، އެހެންމީހުން މިނާނީ އެހެން ނާޅިޔަކުންނެވެ. އަހަރެމެންގެ ނާޅިއެއް އެހެންމީހުންނަކަށް ނުފެންނާނެއެވެ. އަހަރެމެން މި ދަތުރުކުރާ މަގާމެދު ވަރަށްބޮޑަށް ވިސްނަން އެބަޖެހެއެވެ. މަގުއޮޅިފައިވާ ކުޑަކުއްޖެއްގެ އަތުގައި އިރުއިރުކޮޅުން ހިފައިގެން ދަމާފައި ގެންދާގޮތަށް ، އަހަރެންގެ އަތުގައި ހިފައިގެން ނޫރު ، އަހަރެން ދަމަމުން ތިގެންދާ މަގުއޮތީ ކަށިކުނބުރުން ފުރިފައެވެ. ފަޔަށް ކަށްޓެއް ހެރޭނީ ބުނެފައެއްނޫނެވެ. ތަދުވެގެން ގުދުވެލީމަ ، އަހަރެންނަގަން ނޫރު ނަގަން އަތްދިއްކޮށްނުލެވޭ ފަހަރު އަންނާނެއެވެ. އެއިރަކުން ، ނޫރު ތިހިނގާމަގުން ނޫރުއާއެކު އަހަރެންނަކަށް ނުހިނގޭނެއެވެ. އަހަރެންނަށް ނޫރު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ލިބެމުންދާ ތަކުލީފަކީ އަހަރެންނަށް އުފުއްލަން އެހާ ފަސޭހަ އެއްޗެއްނޫނެވެ. ކަމެއް ބޭޒާރުވާ ދުވަހަކުން ، ނަތީޖާ އެހާ ރަނގަޅެއް ނުވާނެއެވެ. ތިކުރަނީ ކޮންކަމެއް ހެއްޔެވެ ؟ " މުރުތަޟާގެ ވާހަކަ ނިންމައިލިއެވެ.

މުރުތަޟާގެ އަޑުގައިވަނީ އޯގާތެރިކަމާއި މަޑުމައިތިރިކަމެވެ. ނަޞޭޙަތާއި ވިސްނައި ދިނުމެވެ.

ނޫރުގެ ވާހަކަ ފެއްޓިތަނާ ، މުރުތަޟާގެ ފޯނަށް މީހަކު ގުޅިއެވެ. މަޑުކޮށްލަދޭށޭ ބުނެ ފޯނަށް ބަލައިލިއިރު ، އެއީ ތަހުނިޔާގެ ފޯނެކެވެ. ހުރިހާކަމެއް ރަނގަޅުތޯއާއި ކިހިނެއްވީތޯ މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާ އެގުޅީ ، އޭނާބަލައި ޠާހިރާއާއި ޙަފުޞާ އައިވާހަކަ މުރުތަޟާ ގާތު ބުނަން ވެގެންނެވެ. އަދި ، މިރޭ އެންމެން ކެއުމަކަށްދާން ރޭވީމަ ، ފަހުންނަމަވެސް މުރުތަޟާއަށް އެމީހުންނާ ބައިވެރި ވެވިދާނެތޯ ސާފުކޮށްލަން ވެގެންނެވެ. ކުޑަކޮށް ލަސްވިޔަސް މައްސަލައެއް ނެތެވެ. މުރުތަޟާ މިވަގުތު އެއިނީ ރޭގަނޑުކާންކަމުގައި ބުންޏެވެ. އަދި ، އެކެއުން މާދަމާރެޔަށް ލަސްކޮށްލުމަށް މުރުތަޟާ އެދުނެވެ. އެއްރެޔަކު ، ދެފަހަރަށް ކެއުމަކީ އޭނާއަށް އެހާ ފަސޭހަކަމެއްނޫނެވެ.

ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. އެކަން ވާންޖެހޭނީ މުރުތަޟާ އެންމެ ހިތްހަމަ ޖެހޭ ގޮތަކަށެވެ. މުރުތަޟާގެ ފޯނުން ދެން އެއިވުނު އަޑަށް ތަހުނިޔާގެ ކަންފަތް ބަށްވެގެންދިޔައެވެ.

" އަހަރެމެންގެ އޯޑަރު ނަގަން އަންނާނީ ކުޑައިރުކޮޅަކުންނެވެ. " ވެއިޓަރުގާތު އެމީހަކު އެބުނިބަސް ، ވަރަށް ސާފުކޮށް ތަހުނިޔާއަށް އިވުނެވެ. އެއީ ، ކޮން އަންހެންކުއްޖެއް ހެއްޔެވެ ؟  އެއީ ނޫރުލްޢައިނެވެ. ދެން ހަދާނެ ގޮތަކާމެދު ، ތަހުނިޔާ ވިސްނައިލިއެވެ. އޭނާގެ ދުނިޔެ އެކޮޅުކޮޅުން ޖެހިގެންދިޔައެވެ. އަނެއްކޮޅުން ، ނޫރު އެކުރިކަމަކާމެދު މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ. މުރުތަޟާ އޭރު ، ވާހަކަ ދައްކަމުން ގެންދިޔައީ ތަހުނިޔާއާކަން ނޫރުއަށް އެނގޭނެއެވެ. ނޫރުގެ އަޑު ، ތަހުނިޔާއަށް އިވިއްޖެނަމަ ، ހަތަރެސްކަން ހަމަވީއެވެ. މިހާރުވެސް ، މުރުތަޟާ ދައްކަމުން އެގެންދަނީ ، އެމީހުން ގިނަގިނައިން ބައްދަލުކުރަން ވެއްޖެނަމަ ، އުފެދިދާނެ ހަމަނުޖެހުންތަކުގެ ވާހަކައެވެ. އެއީ ރަނގަޅުކަމެއްނޫންކަމެވެ.

އެކަމާ ، ނޫރު ހާހެއް ނުވެއެވެ. މުރުތަޟާ އެއިނީ އޮފީހުގެ ރަސްމީ ކެއުމެއްގައި ކަމަށާއި ، ކޮންމެ މީހަކުވެސް އެ ކެއުމުގައި ބައިވެރިވެދާނެ ކަން މުރުތަޟާއަށް ހަނދާން ކޮށްދިނެވެ. ނޫރުއަށް އެއީ އެހާ ބޮޑުކަމެއްނޫނެވެ. އެހާބޮޑަށް އަނބިދަށުވެގެން އުޅުމަކީ ރަނގަޅުކަމެއްނޫންކަމަށް ބުނެ މުރުތަޟާއަށް މަލާމާތްކޮށްލިއެވެ.

މުރުތަޟާ ، މިރޭވެސް ކެއުމަށް އެދިޔައީ ނޫރުގޮވައިގެންނެވެ. އެއީ ، ތަހުނިޔާ ދެދުވަހަކަށް ގެޔަށް އައިމަ ކުރިކަމެއް ބާވައެވެ. ތަހުނިޔާގެ ހިތުގައި އެތައް ޝަކުވާތަކެއް ފުނިޖެހިގެން ދިޔައެވެ. ތަހުނިޔާއަށް ހޭވެރިކަންވީ ، ސާޖިދާ ކޮޓަރިޔަށްވަދެ ، ތަހުނިޔާއަށް ގޮވައިލުމުންނެވެ. މަންމަގެ އަޑަށް ، ތަހުނިޔާ ދިޔައީ ސިއްސައިގެންނެވެ. މުރުތަޟާ ބުނީ ކީކޭތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

މުރުތަޟާއަށް މިރޭ އަވަހަށް އާދެވޭކަށް ނެތެވެ. ތަހުނިޔާއަށްވުރެ ބޮޑަށް އެކަމާ ކަންބޮޑުވީ ސާޖިދާއެވެ. ކެއުމުގެ ވާހަކަ ދައްކާފަ ، އެކަން ކެންސަލްކޮށްފައި ޙަފުޞާމެން ގެޔަށް ފޮނުވައިލުމަކީވެސް އެހާ ރީތިކަމަކަށް ނުވާނެއެވެ. ގޭގައި އެމީހުން ބައިތިއްބާފަ ، މިރެޔަށް ތަންކޮޅެއް ރަނގަޅަށް ސައިހަދަންތޯ ސާޖިދާ ސުއާލުކުރިއެވެ. އެހެނަސް ، އެހާބޮޑު ތަކުލީފެއް ، އެމީހުންނަށްޓަކައި ސާޖިދާ އުފުއްލުމަކީ ތަހުނިޔާ އެދޭގޮތެއްނޫނެވެ.

" ހަވީރު ސައިދީފަ ފޮނުވައިލިއްޔާ ވާނީ ކީއްހެއްޔެވެ ؟ ހުރިހާމީހުން އުފަލުގައި ބައިތިއްބަން ، މަންމަ ތި މަސައްކަތްކުރަނީ ކީއްކުރަން ހެއްޔެވެ ؟ އެއީ މަންމަގެ މައްޗަށް އޮތް ވާޖިބެއްނޫނެވެ. އަހަރެންގެ މައިދައިތައިން މިގެޔަށް އައިމަ ، އެމީހުން ހިތްހަމަޖައްސަން އުނދަގޫ ނުއުފުއްލާށެވެ. އަންހެންކުދިންގެ މައިންބަފައިންނަށް ވުމަކީ ، ކުށެއްނޫނެވެ. އަހަރެންގެ ސަބަބުން ، މަންމަމެންނަށް އުނދަގުލެއް ލިބޭކަށް އަހަރެން ބޭނުމެއްނޫނެވެ. " ތަހުނިޔާ ބުންޏެވެ.

ޙަފުޞާމެން އައިމަ ސާޖިދާ އެކުރާ ކަމަކީ ، އޭނާއަށް ތަކުލީފެއްލިބޭކަމެއް ނޫނެވެ. މެހެމާނުންނަށް ކަމޭ ހިތުމަކީ ، ކާބަފައިންގެ ފަރާތުން ދަސްވެފައިހުންނަ ރީތި އާދައެވެ. ދެޢާއިލާއެއްގެ ގުޅުން ދެމެހެއްޓުމަށްޓަކައި ދެފަރާތުންވެސް ފުރިހަމަކުރުން ލާޒިމްވާ ކަންތައްތަކެއް ހުންނާނެއެވެ. ސާޖިދާ ފުރިހަމަކުރަމުން އެގެންދަނީ އެމަސައްކަތެވެ. އެއީ އޭނާއަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. މެހެމާނުން ގެޔަށް އައިމަ ، އެމީހުންނަށް ފޯރުކޮށްދެވޭ މީރު ކާއެތިކޮޅަކުން އެމީހުންގެ ހިތުގައި ލޯބި އުފެދި ، ގާތްކަން އާލާވާނެއެވެ. މައިން ބޭނުންވާނީ ، އެމީހުންގެ ދަރިންގޮސް ދިރިއުޅޭ ގޭގޭގެމީހުންގެ ހިތް ، ދަރިންގެމައްޗަށް ލެނބިގެން ދިއުމެވެ. އެދަރިފުޅަށް އެމީހުންގެ ލޯބި ލިބުމެވެ. އެކަން ކުރެވޭނީ ، އެދަރިފުޅާއި ދަރިފުޅުގެ ޢާއިލާގެ އެހީތެރިކަންވެސް ، އެމީހުންނަށް ލިބިގެންނެވެ. ކޮށްލެވޭ ކުދިކުދި ކަންކަމުން ގޭގެ އުފާވެރިކަން ފުރިއިތުރުވެގެން ދާނެއެވެ. އެގެޔެއްގައި އަންހެންދަރިންނަށް އުޅެން ފަސޭހަވާނެ މާޙައުލެއް އުފެއްދުމުގައި މައިންބަފައިންގެ ދައުރުވެސް ކުޑައެއް ނުވާނެއެވެ.

މަންމަ އެދެއްކި ހުރިހާ ވާހަކައެއްވެސް ތަހުނިޔާ ޤަބޫލުކުރިއެވެ. އެއީ ހަމަ ، ރަނގަޅު ވާހަކަ ތަކެކެވެ. އެއީ ، ޕްރޮފެސަރަކުވެސް ނުދައްކާ ވަރުގެ އަގުހުރި ޢިލްމީ ވާހަކަ ތަކެކެވެ. އެކަމަކު ، އެހުރިހާ ތަކުލީފެއް ތަހުނިޔާގެ ބޮލަށް ޖަހާފައި މުރުތަޟާ އެއުޅޭގޮތެއް ނިކަން ބަލައިލަ ބަލާށެވެ. މިރޭވެސް އެއުޅެނީ ، ދޮގުހަދާފައި ނޫރު ގޮވައިގެން  ރޭގަނޑުގެ ކެއުމަށް ގޮހެވެ.

އޭނާގެ ވާހަކަތައް ޤަބޫލުކުރީތީ ، ސާޖިދާ ވަރަށް އުފާވިއެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް ، ފިލާވަޅުނަގައިދޭނެކަމަށާއި އެއަށް ޢަމަލުކުރަމުން ގެންދިއުމަށް ތަހުނިޔާއަށް ނަސޭހަތްތެރި ވިއެވެ. މިހާރުވެސް ލަސްވެއްޖެ ކަމަށާއި ހަމަޖެހިލައިގެން ގޭތެރެޔަށް ނުކުތުމަށް ތަހުނިޔާގާތު ބުނަމުން ސާޖިދާ ހިނގައިގަތެވެ.

އެވަގުތު ، ފަހަތުން އައިސް ތަހުނިޔާ އޭނާގެ މަންމަގެ ގައިގާ ބައްދައިލިއެވެ. ތަހުނިޔާގެ ބޮލުގައި ފިރުމާލަމުން ކިހިނެއްވީތޯ ސާޖިދާ ސުއާލު ކުރިއެވެ. ތަހުނިޔާއަށް ރޮވުނުތަން ފެނުމުން ސާޖިދާ އިތުރަށް ހާސްވިއެވެ. މަންމަ ކައިރީގައި އޭނާ ބަހައްޓައިދިނުމަށް ތަހުނިޔާ އެދުނެވެ. ތަހުނިޔާގެ ލޮލުން ފާއްދާލާ އެންމެ ކަރުނަ ތިއްކަކީވެސް ސާޖިދާއަށް ލިބޭ ތަކުލީފެކެވެ. ކެތްނުކުރެވޭފަދަ އަނިޔާ އެކެވެ.

ތަހުނިޔާ ބޭނުން އިރަކު އެގެޔަށް އަންނަންވީ ކަމުގައި ސާޖިދާ ބުންޏެވެ. އެކަމަކު ، ތަހުނިޔާގެ ގެޔަކީ މިހާރު މުރުތަޟާގެ ގެޔެވެ. ތަހުނިޔާގާތު ، އެގެޔަށް އަންނަން ބުނަންޖެހޭނެ ދުވަހެއް އަތުވެދާނެކަމަށް ސާޖިދާ ބުންޏެވެ. އެހެނަސް ، އެދުވަހަކުން ތަހުނިޔާ ބުނާނީ ، ގޭގައި ކުރަންހުރި މަސައްކަތް ގިނަކަމުން ދެވެންނެތްވާހަކަ ކަމުގައެވެ. ސާޖިދާގެ އެ ސަމާސާއަކުން ތަހުނިޔާއަށް ހަމަޖެހުމެއް ނުލިބުނެވެ. އެއަށްވުރެ ބޮޑަށް ، އޭނާގެ ހިތުގައި އުފެދިފައިވާ އުދާސްކަން ބޮޑެވެ. މަންމަ ކޮޓަރިން ނުކުތުމުގެ ފަހުންވެސް އެތައް އިރެއްވަންދެން އޭނާގެ ލޮލުން ކަރުނަ ފުހެން ހުށްޓެވެ.

***********************

" އަހަރެންގާތު އެތައްވަރަކަށް ކިޔައިގެން ، މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ " މުރުތަޟާ ، ނޫރުއާ ސުއާލު ކުރިއެވެ.

ނޫރު އެވަރަށް ކިޔައިގެން މުރުތަޟާ އެގެނައީ ، މުރުތަޟާއަކީ އޭނާގެ އާދައަށްވެފައިވާތީއެވެ. އެއާދައަކީ ، ނޫރުއާ ދުރުކުރެވެން އޮތް އެއްޗެއްނޫނެވެ. ނޫރުގެ ހިތުގައި އުފެދިފައިއޮތް މުރުތަޟާގެ ލޯތްބަކީ ، އޭނާއަށް ފަހަތުން ދުވަން މަޖުބޫރުކުރާ އެއްޗެކެވެ. އެއީ ، މުރުތަޟާއަށް އެހާ ކަމުދާ ވާހަކައަކަށް ނުވިއެވެ. އޮށްޓަރެއްހުރި ވާހަކައެއް ދެއްކުމަށް ނޫރުގެ ކިބައިން މުރުތަޟާ އެދުނެވެ. އެހާވަރަށް ނޫރު އާދޭސް ކުރީމަ ، ގޭމީހުންނަށް ދޮގު ހަދާފައި ، މުރުތަޟާ އެތަނަށް އެއައީ ސަމާސާ ކުރާކަށް ނޫނެވެ. ނޫރު އުފާކުރުވާކަށެއްވެސް ނޫނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.