މަޚްމާ ހުސެން މުއްސަންޖަކަށްވި އާދަޔާ ޚިލާފް ހިތްވަރުގަދަ ދަތުރުގެ ވާހަކަ

މީގެ 40 އަހަރު ކުރިޔަށް ޖެހިލާށެވެ. މާލޭގެ އަވަށެއް ކަމަށްވާ ގަލޮޅުގެ އެންމެ ބާރުބޮޑު ސަރަހައްދުގައި އެދުވަސްވަރު ހުރި އެންމެ މަޝްހޫރު އެއް ސައި ހޮޓާ ކަމަށްވާ ''ހޮޓެލް މަޚްމާ'' ގެ ފައިސާ ވަތްގަނޑު ދޮށުގައި ސޭޓަކަށް ކުޑަވަރެއްގެ ''ޅަ ސޮރެއް'' އިންތަން ފެންނާނެއެވެ. އޭރު އެ ''ސޮރު'' ގެ އުމުރަކީ އެންމެ 14 އަހަރެވެ. އެދުވަހު އެ ހޮޓަލުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން ފައިސާ ކަނޑަންވެސް އިންތަން ފެންނަ ކުޑަކުޑަ ކުއްޖަކީ މިއަދު ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ ގ. މަޚްމާ، ޙުސައިން ރަޝީދު (މަޚްމާ ޙުސެން) އެވެ. މިއީ މަޚްމާ ޙުސައިންގެ ވާހަކަ ފެށޭ ހިސާބެވެ.

ޙުސެން އެދުވަހު އުމުރުން އެންމެ ސާދަ އަހަރުގައި މާލޭގެ ސައި ހޮޓަލެއްގެ ހުރިހާ ކަމަކާ ހަވާލުވީ އެ ހޮޓަލުގެ ވެރިޔާ އަދި އޭނާގެ ބޭބެ މަޚްމާ އިބްރާހިމް ރަޝީދު އެދުނު އެދުމެއްގެ މަތިންނެވެ. އާންމުދަނީއެއް ބޭނުންވުމާވެސް އެކުގައެވެ. އޭރަށް ބަލާއިރު އާއިލާގެ މާލީ ޙާލަތު ތަންކޮޅެއް ދަށްކޮށް އުޅުމުން މަސައްކަތެއް ނުކޮށްވެސް ހުންނަން އުދަނގޫ ވެގެންނެވެ.

''އޭރު މާލީ ޙާލަތު ވަރަށް ދަށް، މަންމަމެނަށްވެސް އެހާބައިވަރު ފައިސާއެއް ނުލިބޭ އޭރަކު، ބޭނުންވާ ވަރަކަށް ލާރިއެއް ހުރޭ، އާއިލާގައި ކޮންމެވެސް ވަރަކަށް ފައިސާގެ ތާށިކަން ހުރުމުން އަހަރެން ބޭނުންވީ ލާރި ލިބޭނެ ކަމެއް ކުރަން، އެހެންވެ ފުރަތަމަ ހޮޓަލަށް ނުކުތީ، ހޮޓަލުން ލިބޭ އެއްޗަކުން މަޚްމާގޭ ހުރިހާ ޚަރަދެއް ފުއްދާލެވޭ، އެކަމަކު ބޭނުންވާ ވަރަކަށް ލާރިއެއް ނުހުރޭ'' އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ދިރިއުޅުމަށް މަސައްކަތް ފެށި ސަބަބު ޙުސެން ބުންޏެވެ.

ހުސެންގެ ދިރިއުޅުން ބަދަލުކޮށްލީ 14 އަހަރުގައި ހޮޓަލުގެ މަސައްކަތަށް ނުކުމެ އުޅެންފެށިތާ ދެއަހަރު ވީތަނާ ކައިވެންޏެއް ކުރުމާއި ހަމައިންނެވެ. އުމުރުން 16 އަހަރުގައި ކައިވެންޏެއް ހުސެން ކުރުން ވެގެން ދިޔައީ އޭނާގެ މަންމަވެސް ގަބޫލުވި ކަމަކަށް ނޫނެވެ. މަންމަ ގަބޫލު ކުރާގޮތުގައި މީހަކާ އިންނަ ވަރަށްވުރެ އަދި ހުސެން  ކުޑަ  އެވެ. ނަމަވެސް ހުސެން ގަބޫލުކުރީ އޭނާ މީހަކާ އިންނަވަރު ވެއްޖެ ކަމަށެވެ. އޭނާއާއި މަންމަގެ ވިސްނުން އޭރު މިކަމުގައި އެއްގޮތް ނުވިނުވުން ވެގެން ދިޔައީ އޭނާ މިއަދު އައިސް ހުއްޓި އެހުރި ހިސާބަށް ދަތުރު ފަށަން ޖެހުނު ސަބަބަށެވެ.

''އެހިސާބުން އަމިއްލަ މަސައްކަތަށް ނުކުތީ، އަމިއްލަ ދިރިއުޅުމެއް އެހާ ކުޑައިރު ފެށުނީމަ މަޖުބޫރު ވެއްޖެ ނުކުންނަން، ޚަރަދު ޑަބަލް ވެއްޖެ، އެހެންވެ 16 އަހަރުގަ އަމިއްލަ މަސައްކަތަށް ނުކުތީ'' ހުސެން ބުންޏެވެ.

އަމިއްލަ މަސައްކަތެއް ފަށާވަރަށް އޭނާ އަތުގައި އޭރު ފައިސާ ހުރި ހެއްޔެވެ؟  ޖަވާބަކީ އޭރު އަތުގައި އެކައްޗެއްވެސް ނެތެވެ.   އެހެން ވިއްޔާ އޭނާ އަމިއްލަ މަސައްކަތެއް ފެށީ ކިހިނެތް ހެއްޔެވެ؟ އަދި ފެށީ ކޮން މަސައްކަތެއް ހެއްޔެވެ؟

މިއުޅެނީ އެވާހަކަ ކިޔައިދޭށެވެ. ވަރަށް ޅަ އުމުރުގައި ކައިވެންޏެއް ކުރެވުމުން އަނބިމީހާގެ ޚަރަދުތައް ބެލުމުގެ ޒިންމާވެސް އޭނާގެ ކޮނޑުގައި އެޅުމާއެކު ގޭގެ ޚަރަދުތައް ކުރިޔަށްވުރެ އުހަށް ޖެހިލި ހިސާބުން އަދި މާއަވަހަށް މީހަކާ އިނުމުން، މަންމަ ކުޑަކޮށް ރުޅި އައުމާއެކު އޭނާ އެކިގޮތް ގޮތަށް ވިސްނަން ފެށިއެވެ.

''އެހެން ހުއްޓަ އެއްދުވަހަކު މަންމަ ދީފި ގޭގަ ގެންގުޅުނު ޕްރޮޖެކްޓަރު ގަނޑެއް، ވަރަށް ބާ އެއްޗެއް އެއީ، އަހަރެން ގެންގުޅެން އޭތި ދިނީ، އެކަމަކު އަހަރެން ހިތަށް އެރީ އޭތި ބޭނުން ކުރާނީކީ ނޫނޭ، މީތި ހިފައިގެން ނުކުމެ ވިއްކާލާނީއޭ، ވިއްކާލައިގެން އެއިން ލިބޭ އެއްޗަކުން އަމިއްލަ ކަމެއް ފަށާނީއޭ، ދެން އެ ހިފައިގެން ނުކުމެ ވިއްކާލެވުނީ އެންމެ 100 ރުފިޔާއަށް، ދެން އެ ލިބުނު ސަތޭކަ ރުފިޔާ ހިފައިގެން ދިޔައީ ބާޒާރަށް، ގޮސް ސަތޭކަ ރުފިޔާއަށް ވާވަރަށް އެއްޗެހި ގަނެގެން ވިޔަފާރި ފެށީ'' އަމިއްލަ ވިޔަފާރީގެ ފެށުން އައި ގޮތް   މަޚްމާ ޙުސެން ކިޔައިދިނެވެ.

އެންމެ ސަތޭކަ ރުފިޔާއިން ފެށޭނީ ކޮން ވިޔަފާރިއެއް ހެއްޔެވެ؟ ހުސެންގެ ޖަވާބު ވަރަށް ކުރުވެފައި ސާދާއެވެ. އަދި އޭނާ މި ސުވާލަށް ޖަވާބުދޭން ކުޑަކޮށްވެސް ޖެހިލުމެއް ނެތެވެ. ވަރަށް ފަޚްރުވެރި ކަމާއެކު  އޭނާ ޖަވާބު ދިނެވެ.

" އަހަރެން އެ ސަތޭކަ ރުފިޔާއިން ފެށީ ދަމާކަނޑާ ވިޔަފާރި، އެހެންނޫނީ ކިޔަމާ ހިނގާދޯ އެއީ އުނގު ވިޔަފާރިއޭ'' ހުސެން ބުންޏެވެ.

އޭނާ ބާޒާރަށް ގޮސް ސަތޭކަ ރުފިޔާއަށް ލިބުނު މަދު މުދާކޮޅާއިގެން ބާޒާރު މަތީ ފިހާރައެއްގެ އޮޅިގަނޑު ކައިރީގައި ''ފޫހަރާލީ'' ނިކަން އުފަލުންނެވެ. އަމިއްލަ މަސައްކަތެއް ފެށުމުގެ ފުރިހަމަ އުފާ ލިބިގަންނަމުންނެވެ. ފުރަތަމަ ދުވަހުވެސް ސަތޭކަ ރުފިޔާގެ ޚަރަދު ކަނޑައި އޭނާއަށް ފައިދާއެއް ވެއްޖެވެ. އެހިސާބުން ހުސެން ކުރިޔަށްދާން ފެށިއެވެ. ހަމަ  ދަމާކެނޑުމާއި، އުނގު ވިޔަފާރީގައެވެ. މި ދެނަމަކީ މިއަދުވެސް މަޚްމާ ހުސެން ވަރަށް ފަޚްރުވެރިކަމާއެކު ބުނާ ދެނަމެވެ.

ލިބޭ އާންމުދަނީ މަޑުމަޑުން އިތުރުވުމުން ހުސެންގެ  ދަމާކަނޑާ  ވިޔަފާރިވެސް ތަރައްގީ ވެއްޖެވެ. ކުރިޔަށް އިތުރު ދެތިން ފިޔަވަޅު އެޅިއްޖެއެވެ. އެހިސާބުން ދެން އޭނާ ނިންމީ  ދަމާ ގާނޑިޔާ  ގަނޑެއް ގަނެގެން  ގާޑިޔާ ދަމާ  ވިޔަފާރިވެސް ކުރާށެވެ. ދަމާ ގާނޑިޔަލެއް ލިބުމާއެކު ޙުސައިން އަތަށް  ޑޮލަރެއް  އަރައިފިއްޔާ އެއީ އެދުވަހުގެ ވިޔާފާރިއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

" ޓޫރިސްޓުން މާލެ އައިސް އެމީހުން ތިބޭ ގެސްޓު ގައުސްތަކަށް ގެންގޮސް ދެނީ ގާޑިޔަލަށް އަރުވައިގެން ދަމާފައި، ވިއްސާރަ މޫސުމެއް ވެއްޖެއްޔާ މާލޭ ހުރިހާ މަގެއް އޮންނާނީ ފެން ބޮޑުވެފަ، އެކަމަކު ޓޫރިސްޓުންނާ އެމީހުންގެ ފޮށިތައް ގާޑިޔަލަށް އަރުވައިގެން ގެސްޓު ހައުސްއަށް ވަރަށް ގިނައިން ގެންދަން ލިބޭނެ، އެކަހަލަ ދުވަހަކު ލިބޭނެ ތަންކޮޅެއް ގިނަ ރުފިޔާ، ދެން ގޭގެއަށާއި ސައި ހޮޓާތަކާ ފިހާރަތަކަށްވެސް ގާޑިޔަލުގަ މުދާ ގެންގޮސްދެން'' ޅަ ދުވަހުގެ ހަނދާންތައް އާކުރަމުން ހުސެން ބުންޏެވެ.

ގާޑިޔާ ދަމަމުންވެސް ހުސެން ބާޒާރު މަތީގައި ކުރަމުން އައި އުނގު ވިޔަފާރި ހުއްޓައެއް ނުލައެވެ. ގާޑިޔަލުގެ ދަތުރެއް ލިބެން ދެކަށް ގާޑިޔާ މާރުކޭޓު ކައިރީ ޕާކު ކޮށްލާފައި އޭނާ ހުސްވަނީ ދަމާކަނޑާ ވިޔަފާރިއަށެވެ.

''ބާޒާރު މަގުމަތީ ހަމަ އިށީދެލައިގެން އިންނަން، ލަދެއްވެސް ނުގަނޭ، ކީއްވެ ލަދު ގަންނަންވީ، އަތު ފުރައި އޮންނާނެ ގަޑިއާ އެކަހަލަ އެތިވަރުވެސް އަޅުވާފަ، އެއެއްޗެހި ވިއްކަން މަގު މަތީ ހިނގައިވެސް ހަދަން، އޭރު އަހަރެން އެ ވިޔަފާރި ކުރަމުން އައީ ވަކި ވަގުތެއް ބަލައިގެނެއްނޫން، އަހަރެންގެ އިންނާނެ ވަކި އަމާޒެއް ކޮންމެ ދުވަހަކު، އެއީ 500 ރުފިޔާ ހޯދުން، 500 ރުފިޔާ އޭރު އޯކޭ، އެވަރު ހޯދުނީމަ އެދުވަހުގެ މަސައްކަތް ނިންމަންވީ، 500 ހަމަ ނުވާނަމަ ކިތަންމެ ހޫނަސް، ކިތަންމެ ފިންޏަސް ރޭގަނޑު 11 ޖަހަންދެންވެސް ހުންނާނީ މަސައްކަތުގައި، ސަބަބަކީ އަހަރެން ނުކުތީ ވަރުގަދަ އަޒުމެއް އޮވެގެން، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު ވިޔަފާރިއެއް ކުރަން ފެށުން'' ހުސެން ބުންޏެވެ.

ދަމާގާޑިޔަލުގެ ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައުމުން އޭނާ ދެން ފެށީ ޕިކަޕް ދުއްވާށެވެ. ޕިކަޕް ދުއްވިޔަސް ބާޒާރުމަތީ އޭނާ ކުރާ ވިޔަފާރި ބަރާބަރަށް ކުރެއެވެ. އަދި ބާޒާރު މަތީގައި  ''ލަވަ ރޯލު''  ވިއްކުންވެސް އޭނާގެ މަސައްކަތުގެ ތެރެއަށް އިތުރު ކޮށްލިއެވެ.

ކުޑަކުޑަ ފިހާރައެއް ހުޅުވުން:

ދިހަ ވަރަކަށް އަހަރު ފަހުން އޭނާ ބޭނުންވި މިސްރާބަށް ވިޔަފާރި ޖަހަން ފެށިއެވެ. އެއީ މާލޭގައި ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރުމެވެ. އެކަން އޭނާ ފެށީ މަޖީދީމަގުގައި އޭރު ބްލޫ ރެސްޓް ފިހާރަ (މިހާރު ކެމްޕަސް ބޮޑު ފިހާރަ ހުރިތަން) ހުރި ތަނުގައެވެ.

''އެތަނުން އަހަރެންނަށް ދިނީ ވަރަށް ކުޑަ ތަންކޮޅެއް، އަނެއްހެން ބުނަންޏާ ބިއްލޫރި ގަނޑު ދިނީ، ހަމަ ކުޑަކުޑަ ގޮޅިއެއް އެއީ، އެކަމަކު އޭރު މަށަށްވީ ފިހާރައަކަށް'' ހިނިގަނޑެއް ޖަހާލާފައި ހުސެން ބުންޏެވެ.

ހުސެން އެބުނާ ކުޑަކުޑަ ފިހާރަ ހުޅުވަން އޭނާ ބޭނުންވީ އަތުގައި ހުރި ފައިސާ ކޮޅުން ރާއްޖެއިން ބޭރުން މުދާ ކޮޅެއް ގެނެސްގެންނެވެ.

''އަހަރެން މުދާ ބަލައި ބޭރަށް ދިޔައީ ބަރާބަރު 300 ޑޮލަރު ހިފައިގެން، އިތުރަށް އެއްވެސް އެއްޗެއް ނެތް، އެއިން ގެނައީ އަނގޮޓިއާ ފަށާ ތަނޑި ކަހަލަ އެއްޗެހި'' ހުސެން ބުންޏެވެ.

އެހިސާބުންވެސް އޭނާ ދިޔައީ ކުރިޔަށެވެ. ބަޔެއް ފަހަރު ރައްޓެއްސަކާއެކު ދެމީހުން ބައިވެރި ވެގެންނެވެ. ދުވަސްކޮޅެއް ފަހުން ''ގަހަނާ ފިހާރަ'' ގެ ނަމުގައިވެސް ތަނެއް ހުޅުވިއެވެ. ފިހާރަ ހުޅުވި ނަމަވެސް އޭނާ  މަގުމަތީ ކުރަމުން އައި ދަމާކަނޑާ ވިޔަފާރިވެސް ހުއްޓައެއް ނުލައެވެ.

"އޭރުވެސް މަގުމަތީ އެއްޗެހި ވިއްކަން އުޅެން، އަތުކުރީ ގަޑިއާ، ތަނޑިއާ، ފަށާ، އަނގޮޓި ކަހަލަ އެއްޗެހި ކޮތަޅު ކޮތަޅަށް އަޅައިގެން މާލޭ ގޭގެއަށް ގޮސްވެސް އޭރު ވިއްކަން، އެކަން ހުއްޓައެއް ނުލަން ތަންކޮޅެއް ހުޅުވުނޭ ކިޔާފައެއް'' ހުސެން ބުންޏެވެ.

މަޚްމާ ހުސެންގެ  އާދަޔާ ޚިލާފު ހިތްވަރާއި ވަރުގަދަ އަޒުމްގެ ސަބަބުން މިއަދު އޭނާ އައިސް ހުއްޓި އެހުރީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ މަގާމުގައެވެ. މިއަދު ''ފަރިވާ'' ގެ ނަމުގައި އޭނާގެ ވިޔަފާރިތައް މަޝްހޫރުވެ، ފުޅާ ވެފައި ވިޔަސް އެ ހިސާބަށް އޭނާ އަންނަން އެކުރި ދަތުރަކީ މީހަކު  ކޮސްކޮއްލާވަރުގެ  ދަތުރެކެވެ. އޭނާ އެހިސާބަށް  އައީ ގަދަ ހޫނާއި ވިއްސާރައިގައި، މަގުމަތީގައާއި ބާޒާރުމަތީ ކުރި ހިތްވަރުގަދަ  މަސައްކަތުން ކަމަށް ޙުސައިން ބުނަނީ ފަޚްރުވެރި  މޭގައި އަތްޖަހާލާފަ އެވެ.

މަޚްމާ ޙުސައިންއަކީ މިއަދު ގިނަ ފިހާރަ ތަކެއްގެ އޯނަރެކެވެ. އެތައް މުއައްޒަފުން ތަކެއްގެ ބޮހެކެވެ. އޭނާގެ ފިހާރަ ތަކާއި ގެސްޓު ހައުސްތަކާއި ބޯޓުތައް މިއަދު ބައިވަރު އެބަހުއްޓެވެ. އޭނާގެ އަމިއްލަ ޖީބުން ބޮޑު ޚަރަދުކުރި އެތައް ފިލްމެއް ދިވެހި ފިލްމީ އިންޑަސްޓްރީއަށް ދޫކޮށްފިއެވެ. އޭނާގެ ވިޔަފާރި މިއަދު ވަނީ ވަރަށް ފުޅާވެފައެވެ. ވިޔަފާރި ފުޅާވެ ކުރިއަރައިގެން ދިޔައީ ހުސެންގެ މުރާލި ކަމާއި ހީވާގި ކަމާއި، ވަރުގަދަ އަޒުމުގެ ސަބަބުންނެވެ.

މިހާރު ހުސެންގެ ދަރިންނާއި ވިޔަފާރި ހަވާލުކޮށް އޭނާ އަރާމު ކުރަމުން އެދަނީ އަދިވެސް ވަރުބަލި ވެގެނެއްނޫނެވެ. މިހާރުވެސް ވިޔަފާރީގައި ދަރިންނަށް ގޮތް ކިޔައިދޭން އޭނާ ހުންނަނީ ވަރަށް ކައިރީގައެވެ. ނަމަވެސް ވިޔަފާރި ހިންގުން މިއަދު ބޮޑަށް ހަވާލު ކޮށްފައި ވަނީ ދަރިންނާއެވެ.  ދަމާކަނޑާ  ވިޔަފާރިން ނުކުތް ހުސެންގެ މިއަދު ހަތް ފިހާރަ އެބަހުއްޓެވެ. މާލޭގައި ދެ ގެސްޓު ހައުސް އެބަހުއްޓެވެ. މުދާ އުފުލާ ބޯޓެއް އެބައޮތެވެ. ފިލްމް އުފައްދާ ކުންފުންޏެއް އެބައޮތެވެ. 50 ފިލްމް ޕްރޮޑިއުސް ކޮށްފިއެވެ.

އަމިއްލަ ވިޔަފާރިއަކަށް ޅަ އިރުގައި ނުކުތްއިރު މަހަކު އެއްހާސް ރުފިޔާއިން ގޭގެ ޚަރަދު ޗަލައެވެ. މުސާރަ ދޭންޖެހޭ އެންމެ މުއައްޒަފަކުވެސް އޭރަކު ނެތެވެ. ނަމަވެސް މިއަދު މުޅިން ތަފާތެވެ. މިހާރު ހަމައެކަނި ގޭގެ ޚަރަދަށްވެސް މަހަކު  1 ލައްކަ 20 ހާސް ރުފިޔާ ހުސެންގެ އަތުން ދެއެވެ. މިހާރު އޭނާގެ 40 މުއައްޒަފުން އެބަތިއްބެވެ. އޭނާގެ ވިޔަފާރި ހިންގާ ތަންތަނުގެ ކުއްޔާއި ހުރިހާ މުއައްޒަފުންގެ މުސާރަ އާއި އެފަދަ ޚަރަދުތަކަށް މަހަކު 1.2 މިލިއަން ރުފިޔާ މިއަދު ޚަރަދު ކުރަން ޖެހެއެވެ. ހުސެންގެ ވިސްނުން މިހާރު ހުރީ އިތުރު ވިޔަފާރިއެއްގެ ތެރެއަށްވެސް ދިއުމަށެވެ. އެއީ މިހާރު އެންމެ ކުރިއަރައިގެން އަންނަ ގެސްޓު ހައުސް ވިޔަފާރިއެވެ.

މަޚްމާ ހުސެންއަކީ މިއަދުގެ ޖީލަށް ހުރި ވަރުގަދަ ނަމޫނާއެކެވެ. މިހާރު ކާފަ ދަރިންވެސް ލިބިފައިވާ ޙުސައިން އަމިއްލަ ވިޔަފާރީގައި މިހިސާބަށް އައިއިރުވެސް އޭނާއަށް މިހިސާބަށް އާދެވުނު ގޮތް އަމިއްލައަކަށް ނޯޅެއެވެ. އަދި އައުމަށް މަގު ފަހިކޮށްދީ އެންމެ ބޮޑަށް އެދުވަހު ހިތްވަރުދިން މީހާވެސް ހަނދާނެއް ނުނެތެއެވެ. އެދުވަހު ސަތޭކަ ރުފިޔާއިން ވިޔަފާރި ފެށޭނެ ގޮތް އޭނާއަށްވީ މަންމަ އެދުވަހު ދިން ހަދިޔާ  ކިތަންމެ ބާވިޔަސް އެ ޕްރޮޖެކްޓަރު ގަނޑެވެ. އެހެންވެ އެދުވަހު މަންމަ ދިން ހަދިޔާއަކީ އަބަދުވެސް ހުސެންއަށް މިލިއަން ރުފިޔާގެ އަގު ހުރި ހަދިޔާއެކެވެ.

''އަސްލު މިހިސާބަށް މިއާދެވުނީ މަންމަގެ ސަބަބުން، މަންމަ ވަރަށް ހިތްވަރުދިން، އަނެއްކާ ވިޔަފާރިއެއް ފެށޭނެ ގޮތް ފުރަތަމަ ވެސް ހަދައިދިނީ މަންމަ، ދުވަހަކުވެސް މަންމަގެ މަތިން ހަނދާން ނުނެތޭނެ، އެއީ އަހަރެންގެ ޝަރަފް، އަހަރެންގެ ވިޔަފާރީގެ ހަގީގީ ކާމިޔާބުގެ ހައްގު ވެރިޔަކީ މަންމަ، މި ވިޔަފާރީގެ ބާނީއަކީ މަންމަ، އެވަރުގެ މަންމައެއް ލިބޭނީ މަދު މީހަކަށް'' ހުސެން ވާހަކަ ނިންމާލީ ހުރިހާ ޝުކުރެއް މަންމައަށް އޮއްސާލަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.