( 3 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
މުރުތަޟާ ، އޭނާގެ ފޯނުކަނޑައިލުމާއެކު ، ނޫރުއިނީ މުރުތަޟާ އެދެއްކި ވާހަކަތަކުގެ މައްޗަށް ގެއްލިފައެވެ. މުރުތަޟާ އެދެއްކީ މުޅިއަކުން ގޯސް ވާހަކަތަކެއްނޫނެވެ. އެހެނަސް ، ފޯނު ކަނޑައިލާންވާނީ ، އެގޮތަށް ނާއުއްމީދުންފުރިގެންވާ ، ހިތި އަދި ރުޅިވެރި ބަސްތަކެއް ނޫރުއާ ދިމާލަށް ގޮވާފައެއްނޫނެވެ. އެއަށްވުރެ ރީތިކޮށްވެސް ، ފޯނު ބޭއްވިދާނެއެވެ. އެކަމުގައި ނޫރުގެ ކުށްވެސް އެބައޮތެވެ. މަރީއަށް ނޫރުއެއައީ ވަކި މަޤްޞަދެއްގައެވެ. އެއީ އެހާ މުނާސަބު ކަމަކަށް ނުވިޔަސް ، އެކަން އެގޮތަށް ކުރަން އޭނާއަށް މަޖުބޫރު ކުރުވީ އޭނާގެ ހިތުގައި މުރުތަޟާގެ މައްޗަށް އުފެދިފައި އޮތް ލޯތްބެވެ. ލޯތްބަކީ ލޯކަނު އެއްޗެކެވެ. ނޫރުގެ އަމިއްލަ އިޚްތިޔާރު ހިނގާވަރަށްވުރެ ބޮޑަށް ، އެލޯބީގައި ނޫރުވަނީ ކަސްތޮޅު އެޅިފައެވެ. އެހެންކަމުން ، އެ ލޯބީގެ ޙައްޤުގައި ކޮށްފަ ނުކުރާނެކަމެއް ނޭނގުމަކީ ، ނޫރުގެ އަމިއްލަ ނަފުސާ ގުޅިފައި އޮތް ކަމެކެވެ. ނޫރުގެ ކަންފަތްދޮށުގައި ގުގުމަމުން އެދަނީ ، މުރުތަޟާގެ ދުލުން ނޫރުއާ މުޚާތަބުކޮށް ބުނަމުންދިޔަ ހިތްދަތިކަމުން ފުރިގެންވާ ހިތި ޒަހަރެއްފަދަ ބަސްތަކެވެ.
" އަހަރެންގެ މަތިން ހަނދާން ނައްތާލާށެވެ ! އަހަރެންގެ ލޯތްބަކީ ، މުސްތަޤްބަލްގައި ނޫރުގެ ދިރިއުޅުމަށް ހުރަސް އަޅަމުން ، ތަކުލީފުދެމުންދާ އެއްޗަކަށްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެމެން ދެމީހުންނަކީ ، ދެން ދުވަހަކުވެސް ގުޅެން އޮތްބައެއްނޫނެވެ. ﷲ އަށްޓަކައި ، އަހަރެންގެ ދިރިއުޅުން އާބާދު ވިޔަދޭށެވެ. އަދި ނޫރުވެސް ، ނޫރުގެ އަމިއްލަ ދިރިއުޅުމަކަށް ޚިޔާލު ކުރާށެވެ. "
މުރުތަޟާގެ ބަސްތައް ނޫރުއަށް އެހާ ފަސޭހައިން ޤަބޫލެއް ނުކުރެވޭނެއެވެ. ނޫރުއަކަށް މުރުތަޟާއާ ނުލައެއް ދުނިޔެއަކު ނުއުޅެވޭނެއެވެ. އަދި ، މުރުތަޟާއަކަށްވެސް ނޫރުއާ ނުލައެއް ދުނިޔެއަކު ނޫޅެވޭނެއެވެ. ޙަޤީޤަތަކީ އެއީއެވެ. އެހެނަސް ، އެކަމާ ގުޅިފައިވާ އެހެން ޙަޤީޤަތެއްވެސް އެބައޮތެވެ. އެނޫންމަގަކުން އެދެމީހުން ހިނގައިގެން ނޫނީ ، އެކަކަށްވެސް ހަމަނޭވާލައިގެން ދުނިޔެއަކު ނޫޅެވޭނެކަމެވެ. އެކަން ނޫރުއަށްވެސް ޤަބޫލުކުރެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ ؟
ނޫރުއަށް ލިބިފައިވާ ހާސްކަމުގައި ހަދާނެގޮތް ބޮޑުވިއެވެ. ދެން ކުރާނީ ކީއްކަމެއް ނޭނގޭވަރަށް ފިކުރު ބޮޑުވިއެވެ. ނޫރު ، އޭނާގެ ފޯނަށް ބަލައިލިއެވެ. އަދި ، ފޯނުނަގައި ތަހުނިޔާއާ ގުޅައިލިއެވެ.
ތަހުނިޔާ އޭރު ، ހަނިމަގަކުން ހިނގަމުންދެއެވެ. ވަށައިގެންވާ އެކިކުލައިގެ ގަސްތަކުން ހިތަށްލިއްބައިދޭ ފިނިކަމުން ، އޭނާގެ ހިތް އުފާ ކޮށްލަމުންނެވެ. ހިތުގައިހުރި އުދާސްތައް ބޭރުކޮށް ، އެގަސްތަކާ ޙަވާލު ކުރަމުންނެވެ. ވިސްނުމެއްގެ ތެރެޔަށް ގެއްލިފައިހުރެ ، ހިނގަމުންދަނިކޮށް ، އޭނާ ސިއްސުވައިލީ ޖީބުގައި އޮތް ފޯނު ރަނގަބީލުވާން ފެށުމުންނެވެ.
އެއީ ، ނޫރުގެ ފޯނެކެވެ. އެކަކު އަނެކަކަށް ޙާލުއަހުވާލު އަހައިލާ ދެން ބުނަންވީ އެއްޗަކަށް ، ދެމީހުންގެބަސްވެސް ހުށްޓުނެވެ.
ވާހަކަ ފެއްޓީ ނޫރުއެވެ. ކުއްލި ޙާލަތެއް ދިމާވެގެން ، ތަހުނިޔާގެ ފިރިމީހާއަށް ފޯނުކުރަންޖެހުނީތީ ، ތަހުނިޔާގެ ކިބައިން ނޫރު ، މަޢާފަށް އެދުނެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމަކަށް ތަހުނިޔާއެއް ނުދެކެއެވެ. ތަހުނިޔާ ބެލީ ، އެމީހުންނަށްވެސް މަރީއަށް އާދެވުނުކަން އެއީ ނަސީބެއްގެ ގޮތުގައެވެ. އެމީހުން ނެތްނަމަ ނޫރުއާ އަޅައިލާނެ އެއްވެސް މީހަކު އެތަނަކު ނުހުންނާނެއެވެ. އެކަހަލަ ޚައްޞާސް ވަގުތަކީ ، ރަޙުމަތްތެރިންގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ވަގުތެވެ.
" މުރުތަޟާއާ ވާހަކަ ދައްކާފައި މިބޭއްވީ ހަމަ ދެންމެއެވެ. އަހަރެންގެ ބަލިޙާލަތާމެދު މުރުތަޟާހުރީ ވަރަށް ކަންބޮޑުވެފައެވެ. ތަހުނިޔާގާތު ، މުރުތަޟާ އެވާހަކައެއް ނުބުނޭ ހެއްޔެވެ ؟ " ނޫރު ބުންޏެވެ.
ނޫރުއަކީ ، ހަމަ ނޫރުއެވެ. ބުނާކަށް ނުބުނާކަށް ވާހަކައެއް ނުއޮންނާނެއެވެ. ވާހަކައެއް ބުނަންވީ ވަގުތާއި ގޮތް އެއީ ނޫރު ވިސްނާނެ ކަމެއްނޫނެވެ. ހިތަށް އަރާ އެއްޗެއް ، އެއްވެސް އުނިއިތުރެއްނެތި ދުލުން ބޭރުކޮށްލުމަކީ ނޫރުގެ އާދައެވެ. ނޫރު ބުނާ އެއްޗެއް އެއީ ކަމަކަށް ނުހަދައި ، މައިތިރިވާންޖެހޭނީ އެހެންމީހުންނެވެ.
ތަހުނިޔާގެ ހިނގުން ކުއްލިޔަކަށް ހުށްޓުނެވެ. ދޭނެ ޖަވާބަކަށް ވިސްނައިލަން ޖެހުނެވެ. ތަހުނިޔާއަށް އެއްޗެކޭ ނުބުނެވިއުޅެނިކޮށް ، އަނެއްކާވެސް ، އަނދައަނދާހުރި އަލިފާންގަނޑަށް ، ދަރުބުރިއެއް އެއްލީ ނޫރުއެވެ.
" ތިއީ ކޮންކަހަލަ ހަނީމޫންއެއް ހެއްޔެވެ ؟ ތިދެމީހުންކުރެ މީހަކާ ވާހަކަ ދައްކާ ލެވޭއިރު ތިބެނީ ވަކިންނެވެ. އެކީގައިތިބޭ އިރެއް ނާދެއެވެ. ހަނީމޫނަށް އައިސް އުޅެންޖެހޭނީ ، ދެމީހުން އެކީގައެވެ. ވަކިން ނޫޅޭށެވެ. ދެމީހުންގެ މެދުގައި މައްސަލައެއް އުޅެނީ ހެއްޔެވެ ؟ ތިދެމީހުންގެ އަމިއްލަ ކަންކަމުގެ ތެރެޔަށް ވަންނާކަށް އަހަރެން ބޭނުމެއްނޫނެވެ. އެކަމަކު ، އަދިވެސް އަހަރެންނަކީ ، ތަހުނިޔާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ތަހުނިޔާގެ ހިތުގައިހުންނަ ކަންބޮޑުވާ ކަންކަމުގެ ވާހަކަ ، ކުރިންވެސް ހަދާގޮތަށް އަހަރެންނާ ޙިއްޞާ ކުރެވިދާނެއެވެ. " ނޫރު ބުންޏެވެ.
ނޫރުއަކީ ، ތަހުނިޔާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ނޫރުއަކީ ، ބަދަލުވާނެ މީހެއްނޫނެވެ. އެއީހަމަ ، ކުރީގެވެސް ނޫރު އެވެ. ހަމައެކަނި ބަދަލުވީ ވަގުތާއި ޙާލަތެވެ. އެކަމަކު ، ނޫރުއަށް ، އެހާބޮޑު ބަދަލެއް ނާދެއެވެ.
އެދުވަހަށް ، ތަހުނިޔާމެން ރާވާފައި އޮތީ ކޮންކަމެއްތޯ ނޫރު ސުއާލު ކުރިއެވެ. ތަހުނިޔާމެން އެދުވަހަށް ރާވާފައިއޮތީ ، ހަމަ އެކަނި މެންދުރު ކެއުމަށް ބޭރަށްދާށެވެ. އެހެންކަމެއް ރާވާފައެއް ނުވެއެވެ. މިއަދަކީ ، މަރީގައި ނޫރު ހުންނާނެ އެންމެފަހު ދުވަހެވެ. ތަހުނިޔާމެންނާ ބައްދަލުކޮށްލަން ފުރުސަތެއްލިބޭނީ ހަމައެކަނި މިއަދުއެވެ. އެއީ ނޫރު ވަރަށްބޭނުންވާ ކަމެކެވެ.
އެވަގުތު ، ތަހުނިޔާގެ ހިތަށްއައީ މަންމަ ބުނި ބަހެވެ. ނޫރުއާ ދިމާވިޔަސް ، މާބޮޑަށް ގާތްވެގެން ނޫޅޭށޭ މަންމަ ބުނި ހަނދާނެވެ. އަދި އަމްދުން ، މުރުތަޟާއާއި ނޫރު ގާތްވިޔަ ނުދޭށޭ ބުނެ މަންމަ ކޮށްފައިވާ އިންޒާރެވެ. ތަހުނިޔާދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟
ތަހުނިޔާ ޖަވާބެއްދިނުން ލަސްވެގެން ، އަނެއްކާވެސް ވާހަކަ ދެއްކީ ނޫރުއެވެ. އެމީހުން ބައްދަލުކުރުމުގައި ތަހުނިޔާމެންގެ އިޢުތިރާޒެއް އޮތްނަމަ ، އެއީ ނުދައްކާ ވާހަކައެއްކަމަށް ނޫރު ބުންޏެވެ. ނޫރު ، އެއްވެސް އެއްޗެއް ހިތަކު ނުލާނެއެވެ.
ވާހަކަ ކުރިޔަށް ގެންދަންވެގެން ، ބުނާނެ އެއްޗަކާމެދު ތަހުނިޔާ ވިސްނަމުން ގެންދިޔައެވެ. ހޮޓަލާދިމާއަށް ބަލައިލެވުނު އިރު ، މުރުތަޟާ ބެލްކަންޏަށް ނުކުމެހުއްޓައި ފެނުމުން ، މުރުތަޟާއާ ދިމާއަށް އަތް ހޫރައިލިއެވެ. ރަކިގޮތަކަށް ހީލިއެވެ.
ނޫރު އައީ އޭނާގެ އޮފީސް ބަޔަކާއެކީ ނޫންތޯ ތަހުނިޔާ ސުއާލު ކުރިއެވެ.
އެއީ ތެދެކެވެ. ނޫރު އައީ އޮފީސް ދަތުރެއްގައި އޮފީސް މުއައްޒަފުންތަކަކާ އެކީގައެވެ. ތަންކޮޅެއް އަވަހަށް ދާންވެގެން އެމީހުން މިހާރު މަރީން ފުރައިފިއެވެ. ނޫރު އެހުރީ އެކަންޏެވެ. ނޫރުގެ ވިސްނުމަކަށްވީ އޭނާއަށްވެސް މަރީއަށް އާދެވިފައި ، މުރުތަޟާއާއި ތަހުނިޔާވެސް މަރީގައި އުޅުމާއެކު ، ބައްދަލުކޮށްލައި ތިންމީހުންގެ ހިތުގައި ހަރުލާނެ ހަނދާނަކަށް އެކަން ހެދުމެވެ. އެކަމަކު ، ތަހުނިޔާމެންނަށް އެއީ އުނދަގޫ ކަމަކަށްވަނީވިއްޔާ އަޅާނުލާނީކަމުގައި ނޫރު ބުންޏެވެ.
ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. ނޫރުއަށް އެމީހުންގެ މެންދުރުގެ ކެއުމަށް މަރުޙަބާކިއުމަށް ތަހުނިޔާ ތައްޔާރެވެ. އަދި އެއްކަމެއް ކޮށްލަދިނުމަށް ތަހުނިޔާގެ ކިބައިން ނޫރު އެދުނެވެ. އެއީ ، އެމީހުން ދާ ތަނަކަށް ދާން ނުކުމެފައި އޭނާހުރި ހޮޓަލަށް ޖައްސާލައި ނޫރު ގޮވައިގެން ދިއުމެވެ. ނޫރު ހުންނަ ހޮޓާ ، މުރުތަޟާއަށް އެނގޭނެކަމަށް ނޫރު ބުންޏެވެ.
ނޫރުއަށް އިތުރު ޖަވާބެއް ތަހުނިޔާއެއް ނުދެއެވެ. ވަކިވަނީއޭ ބުނެ ، ފޯނު ކަނޑާލައި ، ހޮޓަލުގެ ބެލްކަނީގައިހުރި މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ.
ތަހުނިޔާ ކޮޓަރިޔަށްވަނުމާއެކު ، މެންދުރު ކާން އެމީހުން ބޭރަށްދާން އޮތްކަން ، މުރުތަޟާ ހަނދާން ކޮށްދިނެވެ. އެކަން ތަހުނިޔާ ހަނދާން ހުރި ވާހަކައާއި ނޫރުވެސް އެމީހުންނާއެކީ ދާނެކަމަށް ތަހުނިޔާ ބުންޏެވެ.
އެއީ މުރުތަޟާ ހިތްހަމަ ޖެހުނުކަމަކަށް ނުވިއެވެ. މުރުތަޟާގާތު ނުބުނެ ، ތަހުނިޔާ އެކަން ޤަބޫލުކުރީތީ މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ. މުރުތަޟާ އެކަމާ ހިތްހަމަ ނުޖެހުނީތީ ތަހުނިޔާ ޙައިރާންވިއެވެ.
" މުރުތަޟާ ތިއައީ ކޮންމެ ދުވަހަކު ނޫރުއާ ބައްދަލު ކުރަމުންނެވެ. މިއަދު ، އަހަރެންނާއެކީ ނޫރުއާ ބައްދަލުކުރަންވީމަ ކަމުނުދާންވީ ކީއްވެ ހެއްޔެވެ ؟ އެއީ އަޅައިލާން ޖެހޭ މީހުންގެ ތެރޭ ހިމެނޭ ، އެއްކަލަ ނޫރު ނޫންހެއްޔެވެ. އަހަރެމެންގެ ރަޙުމަތްތެރިޔާ ނޫން ހެއްޔެވެ ؟ ނޫރުއާ ، މުރުތަޟާ ބައްދަލުކުރާއިރު ، އަހަރެން ހުރުން މައްސަލަޔަކަށް ވާންވީ ކީއްވެ ހެއްޔެވެ ؟ ގިނަދުވަސްތަކެއް ވަންދެން ދެމިއޮތް ގުޅުމެއްގެ ތެރެއިން ނުކުތުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން މުރުތަޟާއަށްވެސް އެނގޭނެ ނޫންހެއްޔެވެ ؟ އެންމެ ރަނގަޅު ގޮތަކީ ބައްދަލުވެސް ކުރުމެވެ. އަދި އާދައިގެ ގޮތަކަށް ހީ ސަމާސާވެސް ކޮށްލައި ހެދުމެވެ. " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ ވާހަކަތަކުން ، މުރުތަޟާހުރީ އާގަމަ ވެފައެވެ. ތަހުނިޔާގެ ހިތުގައި އޮތީ ކޮންކަންތައްތަކެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ހަމަގައިމުވެސް ، ނޫރުގެ ޢަމަލުތައް އެއީ ، ތަހުނިޔާގެ ހިތަށް ތަކުލީފުތަކެއް ލިއްބައިދިން ކަންތައްތަނެއްކަން ، ކުރިން އޮތީ މުރުތަޟާއަށް އެނގިފައެވެ.
އެމީހުން ދަމުން ، ނޫރުހުރި ހޮޓަލަށްގޮސް އޭނާ ނަގައިގެން ދާންޖެހޭކަމުގައި ތަހުނިޔާ ބުންޏެވެ. އަދި ، އެހޮޓަލަކީ މުރުތަޟާއަށް އާ ތަނެއްނޫންކަމަށާއި އިރުއިރުކޮޅާ ގޮސްއައިސްވި ތަނެއްނޫންހޭ ބުނެ ، މުރުތަޟާއަށް ބަހެއް އެއްލިއެވެ.
މުރުތަޟާއާ މިއަދުވެސް ބައްދަލުވާތީ ، ނޫރު އިނީ ހިނިތުންވެފައެވެ. ތަޤްދީރަކާ މުރުތަޟާއަކަށްވެސް ނުކުޅެވޭނެއެވެ. މުރުތަޟާ އެންމެފަހުން ނޫރުއާ ގުޅައި ، ފޯނު ބޭއްވުމުގެކުރިން ބުނި ބަސްތައް ނޫރުގެ ކަންފަތަށް އިވުނެވެ.
" އަހަރެމެން ދެން ބައްދަލެއްނުވާނޭ ބުނާކަށް ، އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ، އަހަރެމެން ދެން ދުވަހެއްގެ ކޮޅުންވެސް ބައްދަލު ނުވުމަކީ ، އަހަރެން އެދޭކަމެއްނޫނެވެ. "
އަހަރެމެން މިއަދުވެސް ބައްދަލުވާނެއެވެ. އަބަދުވެސް ބައްދަލު ވާނެއެވެ. ނޫރު އޭނާގެ ހިތާހިތާ ކިޔައިލިއެވެ.
**********************
ނޫރު ރޭވިގޮތަށް ، މެންދުރުގެ ކެއުމަށް ތިންމީހުން ދިޔައެވެ. ދުވަސްކޮޅެއް ކޮށްފައި އެމީހުން ބައްދަލުވުމާއެކު ، ކެއުމަށްޓަކައި ، މޭޒުދޮށުގައި އިށީނުމުގެ ކުރިން ، ނޫރުއާއި ތަހުނިޔާ ، އެ ރެސްޓޯރެންޓްގެ ގޯތިތެރެޔަށް ނުކުތެވެ. އަރިމަތީ އިންދާފައިހުރި ފަރިމާމަލުގެ މީރުވަހަށް ދެމީހުން ގެއްލި މަޑުމަޑުން ކުރިޔަށް ހިނގައިލެވުނެވެ. ވަގުތާއި ފުރުޞަތަށް ބަލާފައި ، ނޫރު ، އޭނާގެ ވާހަކަ ފެށްޓިއެވެ. ތަހުނިޔާގެ ކައިވެނީގެ ޙަޔާތުގެ ވާހަކައިންނެވެ. ކައިވެންޏަކަށްފަހު ، އިންސާނާގެ ގޮތާއިފޮތަކީ ބަދަލުވެގެންދާނެ އެއްޗެކެވެ. ތަހުނިޔާއަށް އައި ބަދަލުތައް ދެނެގަތުމަށް ނޫރު ބޭނުންވިއެވެ. އެއީ ، ތަހުނިޔާގެ ވިސްނުމާ އެންމެ ފަސޭހައިން ކުޅެލެވޭނެ މަވްޟޫޢުކަން ނޫރު ދެނެގަތެވެ. ނޫރުގެ ސުއާލަށް ޖަވާބު ދިނުމަށްޓަކައި ތަހުނިޔާވެސް އޭނާގެ ވާހަކަ ފެށްޓިއެވެ.
ތަހުނިޔާ އެފެށި ދަތުރަކީ ، ދުވަހަކުވެސް ކަނޑުމައްޗަށް ނާރާމީހަކު ، ދޯންޏަކަށް އަރައިގެން ދެވޭ ނުދެވޭތަނެއް ނޭނގި ، މާދުރަށްގޮސް އޮބާފައިވާ ހަތަރު އުދަރެސް ފެނުޖެހި ، އެއްފަރާތަކުންވެސް ތަނެއް ނުފެންނަ ނާމާން ދަތުރެކެވެ. އިސްއުފުލައި އުޑުމައްޗަށް ބަލައިލީމަ ފެންނަނީ ، ހަމަ ކުރިއާ އެއްގޮތަށެވެ. އުދުހެމުންދާ ވިލާތައް ފިޔަވައި އެހެން އެއްޗެއް ބަދަލެއް ނުވެއެވެ. ވަށައިގެންވާ ކަނޑަށް ބަލައިލީމަ އަޑިއެއް ނުފެނެއެވެ. ސިއްރުތަކުން ފުރިގެންވާ އެ ބިޔަ ކަނޑުގައި އޮތީ ކިހާވަރެއްގެ ނުރައްކާތެރިކަމެއްކަން އެނގޭވަރެއް ނުވެއެވެ. ކަނޑުގެ އަޑިޔަކީ ނުރައްކަލާއި ތަކުލީފުން ފުރިގެންވާ ތަނެކެވެ. ގޮތް ނޭނގޭ އެތައްކަމަކާ ކުރިމަތިލާން މަޖުބޫރު ވާނެއެވެ. ބައެއްމީހުން އެ ކަނޑަށް ޣަރަގުވެގެންދާއިރު ، އަނެއްބަޔަކު ސަލާމަތުން މައްޗަށް އަރައި ކަނޑުގެ ސަތަޙައިން މައްޗަށް ބޯހިއްލައިލައެވެ.
ކަންނާޑިއެއްގެ ކުރިމައްޗަށް ހުއްޓި އަމިއްލަ މޫނަށް ބަލައިލާއިރު ، އެއީ އަމިއްލަ ތަސްވީރުކަމެއް ސާފެއް ނުވެއެވެ. އަމިއްލަ ތަސްވީރުގެ ކުލަތައް ހުންނަނީ ގެއްލިފައެވެ. އަމިއްލަ ތަސައްވުރަށް ބަރޯސާ ވެވޭވަރަށްވުރެ ، ކުރިމަތިން ފެންނަ ސޫރަ ތަފާތެވެ. ޙަޔާތަކަށް ޙައްޤު އެތައް އެއްޗެއް ގެއްލިފައިވާކަމުގެ އިޙްސާސް ކުރެވެއެވެ. ލައިގެން ހުންނަ ހެދުމަށް ބަލައިލާއިރު ، ލައިގެން އެހުރެވެނީ އެހެންމީހެއްގެ ހެދުމެއްކަމުގެ އިޙްސާސް ކުރެވެއެވެ.
ކުޑައިރުކޮޅަކަށްނަމަވެސް ، އަމިއްލަ ނަފުސަށް ވިސްނައިލާނެ ވަގުތެއް ނުލިބި ، ޚިޔާލީ ހުވަފެނަކަށް ގެއްލެއެވެ. ފަހަތަށް އެނބުރި ބަލައިލާއިރު ، އެއްވެސް އެއްޗެއް ފެންނާކަށް ނުހުރެއެވެ. ހަނދާން ނެތުމަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ ޙާލަތެކެވެ. އެހެންނަމަވެސް ، އެޙާލަތާ ކުރިމަތިލައި ، ހަނގުރާމަކުރުމަކީ ، ފަތަޙައިގެ މަގަށް މިސްރާބުހިފާ އިންސާނާގެ އުއްމީދެކެވެ.
ތަހުނިޔާގެ ވާހަކަތައް އެހިސާބަށްދިޔަތަނުން ނޫރުގެ އަޑު އިވުނެވެ.
" އަހަރެންނަށް ހީވަނީ ، ފިރިހެނަކު ދެކެ ލޯބިވެގެން ކައިވެންޏެއް ކުރިނަމަ ، ތަހުނިޔާއަށް ތި އިޙުސާސްތަކެއް ނުކުރެވޭނެހެންނެވެ. މީހަކުދެކެ ލޯބިވެގެން ކުރެވޭ ކައިވެންޏަކުން ، ތިކަހަލަ އިޙްސާސްތަކެއް އުފަންވެގެންނެއް ނުދާނެއެވެ. އަހަރެން ހީކުރީ ، ތަހުނިޔާ ފުރިހަމަވެއްޖެކަމުގައި ބުނާނެ ކަމަށެވެ. ކައިވެންޏަކީ އަންހެންކުދިން ފުރިހަމަކޮށްދޭ ގުޅުމެކެވެ. އެކަމަކު ، ތަހުނިޔާގެ ވާހަކަ އަޑުއަހާފައި ، ތަހުނިޔާއަށް ތި ވަދެވުނީ ކަށިކުނބުރު ޖަންގައްޔަކަށްހެން އިޙްސާސް ކުރެވެއެވެ. " ނޫރު ބުންޏެވެ.
އޭނާއަށް ، މީހަކުދެކެ ލޯބިނުވެވުނުކަން އެއީ ނަސީބުކަމުގައި ތަހުނިޔާ ބުންޏެވެ. ދުވަހަކުވެސް ، މީހަކުދެކެ އޭނާ ލޯބިވެ ، އެއްވެސް ފިރިހެނަކަށް ހިތްކިޔާފައެއް ނުވެއެވެ. ތަޤްދީރަކީ ، އިންސާނާގެ އަމިއްލަ އަތުން ލިޔާ އެއްޗެއްނޫނެވެ.
" މީހުން ފުރިހަމަ ނުވުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއްނޫނެވެ. ނިކަން ދެކެބަލާށެވެ ! މުރުތަޟާއާއި ނޫރުއަކީ ، އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ދެމީހުންނެވެ. އެކަކު އަނެކަކަށްޓަކައި ފުރާނަދޭން ތައްޔާރުވެތިބި ދެމީހުންނެވެ. ތި ދެމީހުންކުރެ އެކަކުވެސް ފުރިހަމައެއް ނުވިއެވެ. އެހެންވީމާ ، ލޯތްބަކީ އަދި މީހުން ފުރިހަމަވާ އެއްޗަކަށް ނުހެދޭ ނޫން ހެއްޔެވެ ؟ އަހަރެންނަކީ ، ދެބައިކުޅަ އެއްބަޔަށް ފެންއެޅިފައިވާ ބިއްލޫރި ތަށްޓެކެވެ. ނޫރުއަކީ ، ދެބައިކުޅަ އެއްބައި ހުސްކޮށް ހުރި ބިއްލޫރި ތަށްޓެކެވެ. ފުރިހަމައީ ކާކު ހެއްޔެވެ ؟ ފުރިހަމަ ނޫނީ ކާކު ހެއްޔެވެ ؟ އަހަރެންނަކަށް އެޔެއް ނޭނގެއެވެ. " ތަހުނިޔާގެ ވާހަކަ ނިންމައިލީ ނޫރު އެބުނިބަސް ނޫރުގެ އަނގަޔަށް ޖަހާފައެވެ.
ތަހުނިޔާ އޭނާގެ ވާހަކަ ނިންމައިލުމާއެކު ، ނޫރުގާތުގައި މަޑުނުކޮށް ބާރަށް ކުރިޔަށް ހިނގައިގަތެވެ. ނޫރުހުރީ ، ހުއްޓުން އަރާފައެވެ. އޭނާގެ އަނގައިން ބަސްހުއްޓުނު ފަހަރެއް މިނޫނީ އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ. ނޫރުގެ ލޮލުން ހުރީ ކަރުނަ ފާއްދާލާފައެވެ. ތަހުނިޔާ އެބުނީ ލައްކަ ވާހަކައެވެ. އެބުނި ވާހަކަތަކެއް ބުނެ އިއްވުމަށްފަހު ، ނޫރު އެހުރިތަނަށް ދޫކޮށްލާފައި ތަހުނިޔާ ގޮސް އޮބާލިއެވެ. ( ނުނިމޭ )
haadha reechey