ޙަމާސްގެ ވަރުގަދަ ލީޑަރެއް ކަމަށްވާ ޔަޙްޔާ އަލްސިންވާރު: "ޙަމާސް ހަނގުރާމަވެރިންގެ ކަތިވަޅި"

ޙަމާސް ޖަމާއަތުގެ ހަނގުރާމަވެރި ވަރުގަދަ ލީޑަރު ޔަޙްޔާ އަލްސިންވާރު ގެއްލިގެން އިޒުރޭލު ސިފައިން އޭނާ ހޯދަން ޣައްޒާގައި އަތްފުނާއަޅަމުން އެބަދެއެވެ.

ޖާސޫސީ ޑްރޯންތަކާއި އެންމެ ޒަމާނީ ޖާސޫސީ ސާމާނާއި ތަޖުރިބާކާރު ޖާސޫސުންގެ އެހީގައި އިޒުރޭލުގެ އެތައް ހާސް ސިފައިން ސިންވާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ވަނީ ބޮޅެއް ޖެހިފައެވެ.

ސިންވާރުގެ ސިފައާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އޭނާގެ އިސްތަށިގަނޑާއި ތުނބުޅި މުޅިން ނުރަވެފައި ވާކަމަށާއި ބުމަ ކަޅުކޮށް ހުންނަ ވާހަކަ އެންމެން ވެސް ދައްކައެވެ.

އޭނާއަކީ ޣައްޒާގައި ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ ކަމަށާއި އޭނާ ހިމެނިވަޑައިގަންނަވަނީ އިޒުރޭލުން ހޯދަމުންދާ ޙަމާސްގެ ލީޑަރުންގެ ލިސްޓުގެ އެންމެ ކުރީގައެވެ.

އިޒުރޭލުން ސިންވާރާއި ޙަމާސްގެ އެހެން އިސް ލީޑަރުންގެ އިސްތަށިފުޅުގައި އަޅުވާފައި ވަނީ އާދައިގެ ކަމެއް ނޫނެވެ. އިޒުރޭލުގެ ދެކުނަށް ޙަމާސްއިން ދިން ތާރީޚީ ވަރުގަދަ ޠޫފާނީ  ހަމަލާގައި އިޒުރޭލުގެ 1200 މީހުން މަރުވެފައިވެއެވެ. އަދި 200 މީހުން ރަހީނުކުރިއެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒުރޭލުގެ ދިފާއީ ބާރުގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ "ޔަޙްޔާ ސިންވާރަކީ ޙަމާސްގެ އެންމެ ވަރުގަދަ ކޮމާންޑަރު" ކަމަށެވެ. އަދި ޙަމާސްގެ ހުރިހާ ކޮމާންޑަރުން މަރާލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޒުރޭލު ސިފައިންގެ އިސްބޭފުޅަކު ވިދާޅުވީ ޠޫފާނީ މަރުގެ ހަމަލާ އިޒުރޭލަށް ދޭން ނިންމެވީ  ޔަޙްޔާ އަލްސިންވާރު ކަމަށެވެ. އޭގެ އިތުރަށް ޙަމާސްގެ އަސްކަރީ ފިޔަ، އަލްޤަސާމް ބްރިގޭޑްސްގެ އިސްވެރިޔާ މުޙައްމަދު އަލްޒައިފަކީ ވެސް އިޒުރޭލަށް ހުރި ބިރެއްކަމަށް އިޒުރޭލުން ސިފަކުރެއެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން އެފެއާޒް (އީސީއެފްއާރު)ގެ ސީނިއާ ޕޮލިސީ ފެލޯ ހޫ ލެވިޓް ގަބޫލުކުރައްވާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒުރޭލަށް ދިން ހަމަލާތައް ރޭވި މީހުންގެ ތެރޭގައި އަލްޒައިފް ހިމެނުނީ އެއީ އަސްކަރީ އޮޕަރޭޝަނަކަށް ވާތީއެވެ.

ސިންވާރާއި ޙަމާސްގެ އެންމެ އިސް ލީޑަރު އިސްމާޢީލް ހަނިއްޔާ

ސިންވާރަކީ ޙަމާސްގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ ނާއިބެއް ކަމަށް ބެލެވޭތީ، އިޒްރޭލުން ގަބޫލުކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައިގެން ސިންވާރު އުޅުއްވަނީ ޣައްޒާގެ ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާސްތަކުގައި ހަށިފާރަވެރިންނާ އެކުގައެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި މި ވަގުތު އޭނާ އެއްވެސް މީހަކާ މުއާމަލާތް ނުކުރައްވައެވެ.

ސިންވާރަކީ ކޮން ބޭފުޅެއް؟

މިހާރު އުމުރުން 61 އަހަރުގެ ޔަޙްޔާ އަލްސިންވާރުގެ މަޝްހޫރު ނަމަކީ "އަބޫ އިބްރާހީމް" އެވެ. އޭނާ އުފަންވީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްގައި ހުންނަ ރެފިއުޖީ ކޭމްޕަކަށެވެ. އިޒުރޭލު އުފެދުމުން 1948 ވަނަ އަހަރު އެމީހުންގެ ވަޒަނުން އެހެން ތަނަކަށް ބަދަލުވާން މަޖުބޫރު ވިއެވެ.

ޚާން ޔޫނުސްގެ ސެކަންޑަރީ ސްކޫލެއްގައި  ކިޔަވާވިދާޅުވުމަށްފަހު ސިންވާރު އިސްލާމިކް ޔުނިވަސިޓީ އޮފް ޣައްޒާއިން އަރަބި ބަހުން ބެޗްލަރސް ޑިގްރީ ހާސިލު ކުރެއްވިއެވެ.

ވޮޝިންޓަން އިންސްޓިޓިއުޓް އޮފް ނިއާ އީސްޓް ޕޮލިސީގެ ރިސާޗް ފެލޯއެއް ކަމަށްވާ އަހަދު ޔާރީ ވަނީ އަލް ސިންވާރުއާ ޖަލުގައި ހަތަރު ފަހަރެއްގެ މަތިން އިންޓަވިއުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސިންވާރުގެ ޒުވާން ދުވަސްވަރު ޚާން ޔޫނުސް ދެކެވަޑައިގަތީ "މުސްލިމް ބްރަދަހުޑް" ކިޔާ ޖަމިއްޔާއެއްގެ ވަރުގަދަ ތަނެއްގެ ގޮތުގަ އެވެ.

ޔާރީ ވިދާޅުވި ގޮތުގައި ހަނގުރާމަވެރި ޖަމާއަތަކީ ރެފިއުޖީ ކޭމްޕްތަކުގެ ފަގީރު ހާލަތުގައި އުޅެމުން މިސްކިތްތަކަށް ދާ ޒުވާނުންނަށް ބާރުގަދަ ހަރަކާތެކެވެ.

ޖަލުން ޖަލަށް

ސިންވާރު އެންމެ ފުރަތަމަ އިޒުރޭލުން ހައްޔަރުކުރީ 1982 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 19 އަހަރުގައެވެ. ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ 1985 ވަނަ އަހަރު "ހައްދުފަހަނަޅާފައިވާ ހަރަކާތްތަކެއް" ހިންގި ކަމަށް ބުނެ އެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނެވިކަމަށް ވިޔަސް ފަލަސްޠީނުގެ މިނިވަން ހަރަކާތުގެ ވަރުގަދަ ބާނީއެއް ކަމަށްވާ ޝައިޚް އަޙްމަދު ޔާސީންގެ އިތުބާރު ސިންވާރު ހޯއްދެވީ އެ ދަނޑިވަޅުގައެވެ.

ޓެލްއަވީވްގެ އިންސްޓިޓިއުޓް ފޯ ނެޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ އިސް ރިސާޗަރެއް ކަމަށްވާ ކޯބީ މައިކަލް ވިދާޅުވި ގޮތުގައި ޔާސީންއާއި ސިންވާރުގެ މެދުގައި ގާތް ގުޅުން އިތުރުވަމުން ދިޔަ އެވެ.

ޙަމާސްގެ ބާނީ ޝައިޚް އަޙްމަދު ޔާސީންގެ ޕޯސްޓަރެއްގެ ކައިރިން މީހަކު ދަތުރުކޮށްފައި ދަނީ

ޙަމާސް އުފެދި، ސިންވާރު އަމިއްލައަށް އެ ޖަމާއަތުގެ އެތެރޭގެ ސަލާމަތީ ޑިޕާޓްމަންޓް އުފެއްދެވިއިރު، އެ ޑިޕާޓްމަންޓަށް ދީފައި ވަނީ "އަލްމަޖްދު" އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 25 އަހަރެވެ.

އަޚްލާޤީ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ހަރުކަށި އަދަބު ދޭ ގޮތުން "އަލްމަޖިދު" ވަރަށް އަވަހަށް ބަދުނާމުވެގެން ދިޔައެވެ.

ކޯބީ ވިދާޅުވި ގޮތުގައި އެމީހުން ވަނީ "ސެކްސް ވީޑިއޯ" ގެންގުޅޭ ފިހާރަތަކަށް ވެސް ވަދެ އިޒުރޭލާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކޮންމެ މީހަކު ވެސް މަރާލާފަ އެވެ.

ގިނަ އަދަދެއްގެ "އަނިޔާވެރިން މަރާލުމުގައި" ސިންވާރު ބައިވެރިވެވަޑައިގެންފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

ސިންވާރު 1988 ވަނަ އަހަރު އިޒުރޭލުގެ  ދެ ސިފައިން ރަހީނުކޮށް މަރާލުމަށް ރާއްވަވައިފައި ވާ ކަމަށް ތުހުމަތު ކުރެވުނެވެ. ހަމަ އެ އަހަރު އޭނާ ހައްޔަރުކޮށް ހަތަރު އަހަރު  ދުވަހުގެ ޖަލު ހުކުމެއް އިއްވައި ޖަލުބަންދު ކުރިއެވެ.

އަހަރުތަކެއް ވަންދެން ޖަލުގައި

ސިންވާރު 1988 އިން 2011 އަށް 22 އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. އޭނާގެ މެދު އުމުރުގެ ބޮޑު ބައެއް ހޭދަވެގެން ދިޔައީ ޖަލުގައެވެ.

ޖަލުގައި އޭނާ ހޭދަކުރެއްވި ދުވަސްވަރު އޭނާގެ ހަނގުރާމަވެރި ޢަޒުމް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ގައިދީންގެ ތެރޭގައި ލީޑަރެއްގެ ގޮތުގައި ގާއިމުވެ، ހުންނަވައި ޖަލުމީހުންނާ ގުޅޭ ކަންތައްތަކުގައި ޖަލުގެ އިދާރާއާ ވާހަކަ ދައްކަވައި، ގައިދީންގެ މެދުގައި އަޚުލާޤީ އަދި ސުލޫކީ މިންގަނޑެއް ގާއިމުކުރައްވައި ހިންގެވުމަށް ސިންވާރު މަސައްކަތް ކުރެއްވިއެވެ.

އިޒުރޭލު ސަރުކާރުން ސިންވާރުގެ ސިފަތައް ދިރާސާކޮށް ބުނެފައި ވަނީ އޭނާ އަކީ ކެތްތެރިކަމާއި މަކަރުވެރިކަމާއި ހިތްދަމައިގަތުމުގެ އާދަޔާ ޚިލާފު ބާރުތަކެއް ލިބިވަޑައިގެންފައިވާ ޚަރަދު ކުޑަ ވަސީލަތްތަކަށް ތަބައަވެވަޑައިގަންނަވާ އަނިޔާވެރި އަދި ނުފޫޒުގަދަ ލީޑަރެއް ކަމަށެވެ. އެއީ ޖަލުގައި ވެސް ގައިދީންގެ ތެރޭގައި ވެސް ސިއްރުތައް ހިފަހައްޓަވައި އަދި ގިނަ ބައެއްގެ ތެރޭގައި އިސްކޮށް އުޅުއްވުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޔާރީ ވިދާޅުވި ގޮތުގައި ސިންވާރަކީ ވަރަށް ވިސްނުންތޫނު އަދި ވިސްނުންތޫނު، ޝަޚުސިއްޔަތުންގެ ޝައުޤުވެރިކަން ދަމައިގަންނަން އެނގިވަޑައިގަންނަވާ ތޫނުފިލި ބޭފުޅެކެވެ.

ސިންވާރަކީ އިޒުރޭލު ނައްތާލަން ޖެހޭ ކަމަށާއި ފަލަސްޠީނުގައި ޔަހޫދީންނަށް ޖާގައެއް ނެތް ކަމަށް ބާރުއަޅުއްވައި އަބަދުވެސް ވާހަކަދައްކަވާ ބޭފުޅެކެވެ.

ސިންވާރު ޖަލުން ދޫކޮށްލީ 2011 ވަނަ އަހަރު ފަލަސްޠީނާއި އިޒުރޭލުގެ އަރަބި ގައިދީންގެ ތެރެއިން 1،028 ގައިދީން މިނިވަންކޮށް، އަދި އިޒުރޭލުގެ ސިފައިންގެ ރަހީނެއް ކަމަށްވާ ގެލާދު ޝާލިތު ދޫކޮށްލުމުގެ ބަދަލުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ރަހީނުކުރުމަށްފަހު ފަސް އަހަރު ވަންދެން ޝާލިތު ހައްޔަރުކޮށްގެން ގެންގުޅުނީ ސިންވާރުގެ ކޮއްކޮއެއް ކަމެވެ.

ސިންވާރުގެ ކޮއްކޮ މުޙައްމަދު ސިންވާރު އިޒުރޭލު ސިފައިންގެ މީހަކު ރަހީނު ކުރި

ސިންވާރަކީ ހަތިޔާރެއްގެ ގޮތުގައި އިޒުރޭލުގެ އިތުރު ސިފައިން ރަހީނު ކުރުމަށް އަބަދުވެސް ގޮވާލައްވާ ބޭފުޅެކެވެ.

އަޚްލާޤީ މިންގަނޑަށް ތަބާވުން

ސިންވާރު މިނިވަންވެ އެނބުރި ޣައްޒާއަށް ވަޑައިގަތުމުން ވަގުތުން އޭނާއަކީ ލީޑަރެއްގެ ގޮތުގައި ބަލައިގަނެވުނެވެ. އެފަދަ ޝަރަފެއް އޭނާއަށް ލިބިވަޑައިގަތީ އުމުރުގެ 22 އަހަރު ޖަލުގައި ހޭދަކުރެއްވުމުގެ އިތުރަށް އޭނާ އަދާކުރައްވަމުން ގެންދެވި ހިތްވަރުގަދަ ދައުރުގެ ސަބަބުންނެވެ. އަނެއްކޮޅުން އޭނާ މިނިވަންވެވަޑައިގަތުމުން ބައެއް މީހުން ބިރުގަތެވެ. އޭނާގެ ޖެހިލުން ކުޑަކަމާއި އަނިޔާވެރިކަމާ ގުޅޭ ގޮތުން ފެތުރިފައިވާ އަޑުތަކުގެ ސަބަބުންނެވެ.

ސިންވާރު އަބަދުވެސް ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރައްވާ

"ރަނގަޅު ތަގުރީރެއް ދެއްވަން އެނގިވަޑައި ނުގަތަސް އާންމުންނާ ވާހަކަ ދައްކަވާއިރު ހީވާނީ އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ވާހަކަ ދައްކާހެން." ސިންވާރާ ބެހޭ ގޮތުން ޔާރީ ވިދާޅުވިއެވެ.

ޖަލުން ދޫކޮށްލުމާއެކު ސިންވާރު ވަގުތުން ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް އާއި ޗީފް އޮފް ސްޓާފް މަރްވާން އީސާއާ ގުޅިވަޑައިގަތެވެ.

ޣައްޒާގައި ހުންނަ ހަމާސްގެ ޕޮލިޓިކަލް ބިއުރޯ ވޯކަރަކަށް 2013 ވަނަ އަހަރު އޭނާ އިންތިޚާބުވެ ވަޑައިގަތެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ޙަމާސްގެ އިސްވެރިއަކަށް އޭނާ ވަނީ ހަމަޖައްސާފަ އެވެ.

ސިންވާރުގެ ކޮއްކޮ މުޙައްމަދު ސިންވާރު ވެސް ގެންދަވަނީ  ޙަމާސް ޖަމާއަތުގައި މުހިއްމު ދައުރެއް އަދާކުރައްވަމުންނެވެ. އޭނާ އަވަހާރަކޮށްލަން އިޒުރޭލުން  އެތައް ފަހަރަކު ހަމަލާ ދީފައިވެއެވެ. ކޮންމެ ފަހަރަކު ކަލާނގެ ކުޅަދުންވަންތަކަމުން އޭނާ ސަލާމަތްވެވަޑައިގަންނަވައެވެ.

ޙަމާސްއިން ވަނީ 2014 ވަނަ އަހަރު މުޙައްމަދު ސިންވާރު އަވަހާވީކަން ކަށަވަރުކޮށްދީފަ އެވެ. އެކަމާ ގުޅިގެން ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ އަދިވެސް ދިރި ދުނިޔޭގައި އެބަ ހުންނެވިއެވެ. އަދި ޙަމާސްގެ ޢަސްކަރީ ދާއިރާގައި ހަރަކާތްތެރިވެ ޣައްޒާގެ ބިންގަރާހެއްގައި ދިރިއުޅުއްވަމުން އެބަގެންދަވައެވެ. އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒުރޭލަށް ޙަމާސްއިން ދިން ވަރުގަދަ ހަމަލާތަކުގައި އޭނާގެ ދައުރެއް ވާކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ސިންވާރު ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ބަޔަކާއެކު

އިޒުރޭލާ ދެކޮޅަށް އީރާނުގެ އެހީ

ސިންވާރުގެ ބަދަލު ހިފުމުގެ ވިސްނުމާއި ހަރުކަށި ޠަބީޢަތުގެ ސަބަބުން އޭނާއަށް ވަނަމަކަށް "ޚާން ޔޫނުސްގެ ކަތިވަޅި" އޭ ވެސް ކިޔައެވެ. އޭނާއަކީ ހަނގުރާމަވެރި ސުލޫކީ މިންގަނޑަށް ވަރަށް ވަރުގަދައަށް އިހުތިރާމު ކުރައްވައި އެ މިންގަނޑުން ބޭރުވާ މީހުންނާ މެދު ފިޔަވަޅުއަޅުއްވާ ބޭފުޅެކެވެ. ސިންވާރުގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަކީ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ފަދަ ކަމެކެވެ.

ސިންވާރުގެ އަމުރުތަކަށް އަމަލުކުރަން އޭނާގެ ބައިވެރިން އިސްކަންދޭ

ޙަމާސްގެ އިސް މީހެއްކަމަށްވާ މަޙްމޫދު އަޝްތާވީ 2015 ވަނަ އަހަރު ޖަލަށްލައި އަނިޔާކޮށް މަރާލި މައްސަލައިގެ ޒިންމާ ސިންވާރުގެ އިސްތަށިފުޅުގައި އެޅިފައިވެއެވެ. މަޙްމޫދު އަޝްތާވީގެ ކުށަކީ ކޮރަޕްޝަނާއި އެއްޖިންސުން ގުޅުން ހިންގުމެވެ.

ބައިނަލްއަގުވާމީ މީޑިއާތަކަށް 2018 ވަނަ އަހަރު ދެއްވި ބަޔާނެއްގައި ސިންވާރު ވަނީ ޣައްޒާ އާއި އިޒުރޭލާ ދެމެދުގައިވާ އިމުގައި ހުރަސް ޖެހުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އެމެރިކާ އެމްބަސީ ޓެލްއަވީވުން ޤުދުސަށް ބަދަލުކުރުމާ ދެކޮޅަށް މުޒާހަރާކުރި އެތައް ހާސް ފަލަސްޠީނުންނަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.

އެ އަހަރު ފަހުކޮޅު އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގަތެވެ.

އީރާނާ ގާތް ގުޅުން

އިޒުރޭލުގެ ދިފާއީ އަދި ސަލާމަތީ މުއައްސަސާތަކުގެ ގިނަ ބަޔަކު އަދިވެސް ގަބޫލުކުރަނީ ރަހީނުކޮށްފައިވާ އިޒުރޭލު ސިފައިންގެ މީހެއްގެ ބަދަލުގައި  ސިންވާރު އިޒުރޭލުގެ ޖަލުންދޫކޮށް މިނިވަން ކުރުމަކީ އިޒުރޭލުން ކުރި ވަރަށް މޮޔަ ކަމެއް ކަމަށެވެ.

އިޒުރޭލުން ގަބޫލުކުރާ ގޮތުގައި ޙަމާސް އިގުތިސާދީ ގޮތުން ހަރުދަނާކޮށް އިތުރު ވޯކް ޕާމިޓް ދިނުމުން ޙަމާސް ހަރަކާތުގެ ހަނގުރާމަ ކުރުމުގެ ގާބިލުކަން ކުޑަވެދާނެ ކަމަށް ބުނެ އެ ގޮތަށް އަމަލު ކުރުމުން ޙަމާސްއަށް ލިބުނީ އިތުރު މޮޅެކެވެ.

ސިންވާރަކީ ފަލަސްޠީނު މިނިވަން ކުރަން ޣައްޒާގެ ރައްޔިތުންގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް އިޖުތިމާއީ ހިދުމަތްތައް ފުޅާކުރުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 2015 ވަނަ އަހަރު ވަނީ ސިންވާރުގެ ނަން "ގްލޯބަލް ޓެރަރިސްޓް ލިސްޓަށް" ރަސްމީކޮށް އިތުރުކޮށްފަ އެވެ.

އެމެރިކާއާއި އިޒުރޭލުން ގަބޫލު ކުރަނީ ސިންވާރަކީ ނިރުބަވެރިއެއްކަމަށް

ޣައްޒާއަށް އިސްރާއީލުން 2021 ވަނަ އަހަރުގެ މެއި މަހު ދިން ވައިގެ ހަމަލާއެއް ސިންވާރުގެ ގެއަށާއި އޮފީހަށް އަމާޒުކޮށްފައިވެ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޓީވީއަށް ދެއްވި ޚިޠާބެއްގައި އޭނާ ވަނީ އިޒުރޭލަށް ކޮންމެ ގޮތަކުން ނަމަވެސް ހަމަލާދިނުމަށް ހިތްވަރު ދެއްވާފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސިންވާރަކީ ޙަމާސްގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ އަދި އެ ޖަމާއަތުގެ ސިޔާސީ ބިއުރޯ އާއި އެ ޖަމާއަތުގެ ޢަސްކަރީ ގޮފި ގުޅުވައިދެއްވުމުގައި ވަރަށް  މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. މިސްރުގެ ސަރަހައްދީ އިމުގައި 2017 ވަނަ އަހަރު އޮކްޓޯބަރު 14 ވަނަ ދުވަހު އިޒުރޭލުގެ ޢަސްކަރީ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ރިޗާޑް ހެޗްޓް ވަނީ ސިންވާރަކީ އިޒުރޭލަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސިންވާރަކީ އީރާނާ ވަރަށް ގާތް ރައްޓެއްސެކެވެ. ޝީޢީންނާއި ސުންނީ ޖަމާއަތަކާ ދެމެދު ބަދަހި ގުޅުމެއް ނެތަސް ޝީޢީންނާއި މުސްލިމުންގެ ގިނަ ބަޔަކު އެއްބަސްވާ އެއް އަމާޒަކީ އިޒުރޭލު ނައްތާލުމާއި ޤުދުސް އިޒުރޭލުގެ އަނިޔާވެރި ވަކިތަކުގެ ދަށުން "މިނިވަން" ކުރުމެވެ.

މަސްޖިދުލް އަޤްސާގައި އިޒުރޭލު ސިފައިން: އެތަން މިނިވަން ކުރުމަކީ ޙަމާސްގެ މަގުސަދެއް

ސިންވާރާއި އިރާނުން މަސައްކަތް ކުރަމުން ދަނީ އެ ލަނޑުދަނޑި ހާސިލު ކުރުމަށެވެ.

އީރާނުގެ ފައިސާއާއި ތަމްރީނާއި ހަތިޔާރުގެ ސަބަބުން ޙަމާސްގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، އިޒުރޭލުގެ އިމުގައިވާ ރަށްތަކުގައި ހަތިޔާރު ރައްކާކުރެވެމުން އެބަދެއެވެ.

ސިންވާރު ވަނީ 2021 ވަނަ އަހަރު ދެއްވި ތަގުރީރެއްގައި ވެސް އީރާނަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ "އީރާން ނެތް ނަމަ ފަލަސްޠީނުގައި އިޒުރޭލާ މެދު އޮތް ދެކޮޅުވެރިކަން މިހާރު ހުރި ގާބިލުކަމާއެކު ކުރިއަށް ނުގެންދެވޭނެ" ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިޒުރޭލުން ސިންވާރު އަވަހާރަކޮށްލުމަކީ އިޒުރޭލަށް "ޕީއާރު ކާމިޔާބަކަށް" ވިޔަސް އެކަމުގެ ސަބަބުން ޙަމާސްގެ ހަރަކާތަށް މާބޮޑު ތަފާތެއް ނާންނާނެއެވެ.

ދައުލަތްތަކާއި ޖަމިއްޔާތައް އިންތިޒާމުކޮށްފައި ވަނީ އެތައް ބޮލެއް ހުންނަ ގޮތަށެވެ. އެއް ބޯ މަރާލުމާއެކު އަނެއް ބޮލުގެ ބޭނުން އަވަހަށް ބަދަލުކުރެވޭ ގޮތަށެވެ. މަރަކަށް ފަހު މަރެއް ކުރިމަތިވެއެވެ. ހަމައެޔާއެކު ލީޑަރަކަށްފަހު ލީޑަރެއް ފާޅުވަމުން އެބަދެއެވެ.

"ސާފުކޮށް އެނގޭ ގޮތުގައި އިސް ލީޑަރަކު އަވަހާރަވުމަކީ ބޮޑު ގެއްލުމަކަށް ވާނެ، އެކަމަކު އެހެން ލީޑަރަކު އިސްކޮށް ކަމާބެހޭ އިންތިޒާމު ކުރެވޭނެ." ޢަސްކަރީ ތަޖުރިބާކާރެއްކަމުގައިވާ ލޮވަޓް ވިދާޅުވިއެވެ. "އެއީ (ސިންވާރު އަވަހާރަކޮށްލުމަކީ) އުސާމާ ބިން ލާދިން އަވަހާރަކޮށްލުން  ކަހަލަ ކަމެއް ނޫން. ޙަމާސްގައި ސިޔާސީ އަދި ޢަސްކަރީ އެހެން ލީޑަރުންވެސް އެބަ ތިއްބެވި."

ނަމަވެސް މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ އިޒުރޭލުން ޢައްޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް އައުމުން ޣައްޒާގެ މައްޗަށް ވެރިކަން ހިންގާނީ ކޮން ބައެއްތޯއާއި  ޣައްޒާގެ އިންތިޒާމުތައް ހަމަޖައްސަމުން ދާނީ ކޮންބައެއްތޯއާއި، އިޒުރޭލަށް އިތުރު ހަމަލާ ދިނުން ކުރިމަގުގައި ހުއްޓުވޭނެތޯއެވެ.

ފެންނަން އޮތް ހަގީގަތަކީ ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން އިޒުރޭލުގައި އަމުނުއަމާންކަން ގާއިމު ނުކުރެވުކަމެވެ. ފަލަސްޠީނު މިނިވަން ކުރުމުގެ ރޫހު ނައްތައެއްވެސް ނުލެވުނެވެ.

ދެން އޮތީ ހިތްވަރުގަދަ ޖެހިލުން ކުޑަ ސިންވާރު ނައްތާލުމެވެ. ތާރީޚު ހެކިދެނީ ސިންވާރަކަށް ފަހު ސިންވާރެއް ފަލަސްޠީނުގައި އުފެދެމުން ދާނޭކަމެވެ.

ފަލަސްޠީނު މިނިވަން ނުވާހައި ހިނދަކު ކުރިމަގުގައި ވެސް އިޒުރޭލަށް ޖެހޭނީ ސިންވާރު، ނޫންނަމަ ސިންވާރު ފަދަ އެހެން ލީޑަރުން ނުފެނިގެން އަތްފުނާ އަޅަމުން ދުވާށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.