ޝައިތާނީ ބަލާ - 2

(2 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކާނަލް އަންވަރު އަރިއަޅައިލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އޭނާގެ އަތްދަށުން ސަލާމަތް ވެވޭތޯ އަންވަރު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހިފައިފައި ހުރިލެއް ބާރުކަމުން އެއްގޮތަކަށްވެސް ސަލާމަތް ވެވޭނެ ގޮތެއް ނުވިއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ ހިފެހެއްޓުން ހައްތަހާ ދިޔައީ ބާރުވަމުންނެވެ. އުޅެއުޅެ އެއްގޮތަކަށް ފޮޅުވައިލެވޭނޭ ގޮތެއްވެސް ނުވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެލޯ ބޮޑުވެ ނޭވާލާން ދަތިވާން ފަށައިފިއެވެ. މަރު ކުރިމަތީގައި ނަށަނަށައި ހުއްޓައި ފެނުނު ކަހަލައެވެ.

ކުއްލިއަކަށް ހަބްޝީ ކަލޭގެ ހިފެހެއްޓުން ދޫވާން ފަށައިފިއެވެ. މަޑުމަޑުން ދޫވަމުން ގޮސް މުޅިން ދޫވެ، ދެއަތް އެލިއްޖެއެވެ. އެކަލޭގެ އެންމެ ފަހު ގެނޭވާ ދޫކޮށްލިއެވެ.

ކާނަލް އަންވަރު ކަރުގައި އަތްކާއްތާން ފަށައިފިއެވެ. ކަރުގެ ރިހުން ކެނޑި ހަމަހޭވަރިކަން ވުމުން އެ ބަބުރުކަލޭގެ ހަށިގަނޑުގެ އެތަން މިތަން އޭނާ ރަނގަޅަށް ބަލަން ފަށައިފިއެވެ. އޭނާ މަރުވީ ކިހިނެއް ވެގެންތޯ ބަލައިލަން ވެގެންނެވެ. މާގިނަ އިރު މަސައްކަތް ނުކޮށް މަރުގެ ސަބަބު ހޯދައި ގަނެވިއްޖެއެވެ.

ބަބުރުކަލޭގެ ކަނދުރާކައިރީ، ކޮނޑުގައި ފަނޑުފަނޑު ރީނދޫ ކުލައެއް ހުއްޓެވެ. އެތާނގެ ހަންވެސް ވަނީ އާދަޔާ ޚިލާފަށް ހަރުވެފައެވެ. އަދި ކިނބުލުގެ ހަށިގަނޑުގައި ހުންނަ ގޮތަށް ހަމުން ގޮށް ނުކުމެފައި ހުއްޓެވެ.

"ރީނދޫކިނބޫ..." ކާނަލް އަންވަރަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިޔާ އެއްގޮތަށް އަނެއްކާވެސް ބާވަތެއްގެ ބިރުވެރިކަމެއް އިހުސާސް ވެގެން ދިޔައެވެ. ދުވެފިލައިފާނަމޭވެސް އެއްފަހަރު ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަމަށް ޖެހިފައިވާ ޝައުގެއްގެ ބޮޑުކަމުން ހުރިހައި ބިރުވެރިކަމެއް ފިލައިގެން ހިނގައްޖެއެވެ. އަންވަރު ބަޑި ހިފައިގެން ހުސިޔާރުވެގެން ހުރެ މުޅި އެހިސާބުގަނޑު ހޯދައި ބަލައިފިއެވެ. އެ އަޖައިބެއްފަދަ މަޚުލޫގާ ދިމާވޭތޯއެވެ. އެހެނަސް އޭނާއަށް ކުރިމަތިލާންޖެހުނީ މާޔޫސީއާއެވެ.

އެނބުރި ދިއުމުގެ ކުރިން ބަބުރުކަލޭޭގެ ހަށިގަނޑު އަދި އެއް ފަހަރު ރަނގަޅަށް ބަލައިލުމަށް އޭނާ ގަސްތުކުރިއެެވެ. އެއީ ހަމަ ހަގީގަތުގައިވެސް ރީނދޫ ކިނބުލުގެ ޝިކާރައެއްތޯ ގައިމުކޮށްލުމުގެ ގޮތުންނެވެ.

ކާނަލް އަންވަރު އޭނާގެ ޝިކާރީ ވަޅި ނެގުމަށްފަހު އެ ބަބުރުމީހާގެ ވައިނޮޅި ބުރިކޮށްލިއެވެ. އޭނާ ހީކުރި ގޮތް ވީ ރަނގަޅު ގޮތަކަށެެވެ. ވައިނޮޅިން ލޭ އަންނަންވީ ވަރަކަށް ނާދެއެވެ. އޭނާ މަރުވެފައިވަނީ ހަށިގަނޑުން ލޭމަދުވުމުގެ ސަބަބުންނެވެ. ރީނދޫ ކިނބޫ އަރައިގެން އައިސް އޭނާގެ ހަށިގަނޑުގައި ހުރި ލޭފޮދު ދަމައިލީކަން ކަށަވަރެވެ.

ކާނަލް އަންވަރު އެނބުރި ފޭލިގެއަށް އައިސް އޭނާގެ ބައިވެރިންނަށް މި ހާދިސާ ކިޔައިދިނެެވެ. މި ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ އެވާހަކަ ކިޔައިދެވުނު ފަހުންނެވެ. އެހެނީ އެވާހަކަ އިވުމާއެކު ބައިވެރިންގެ މޫނުމަތިން ބިރުގަތުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ލާންޗު ދުއްްވާމީހުން ކަނޑައެޅީ ހަމަަވަގުތުން އެނބުރި ދާށެވެ.

"ކަލޭމެންގެ ސިކުނޑި ގޯސްވީތަ؟" ކާނަލް އަންވަރު ދެކޮޅު ހެދުމުގެ ގޮތުން ބުންޏެވެ. "އެ އެއްޗެއް ހޯދަންވެގެން މިހައި ގިނަ ދުވަހު މިހައިބޮޑު ބުރަ އުފުލުމަށްފަހު ފެންނަ ގޮތްވީމާ އެނބުރި ދާންވީތަ؟"

"އަންވަރު ވަޑައިނުގެންނެވިޔަސް އަޅުގަނޑުމެންނަށް އެއްމެ ރަނގަޅު." ލާންޗު ދުއްވާމީހާ ބުންޏެވެ. "އަޅުގަނޑު އެންމެ ސިކުންތަކަށްވެސް މަޑެއް ނުކުރާނަން."

"އެހެންވެއްޖެއްޔާ ހަނދާން ކުރާތި. ކަލެއަށް އެންމެ ލާރިއެއްވެސް ނުލިބޭނެ." އަންވަރު އިންޒާރު ކުރިއެވެ.

"ހެޔޮ. ފުރާނައަކީ ފައިސާއަށްވުރެ އަގުހުރި އެއްޗެއް."

ލާންޗު ދުއްވާމީހާ އިންޖީނު އިސްޓާޓު ކުރެވޭތޯ މަސައްކަތް ފަށައިފިއެވެ. ކާނަލް އަންވަރުގެ ގާތަށް އައި ރުޅީގައި ބަޑީގެ މުށްގަނޑުން އެކަލޭގެ ބޮލުގައި ޖަހައިފިއެވެ. ޖެހިލެއްބާރުކަމުން ބޯ ފަޅައިގެން ގޮސް ލޭ އަންނަން ފަށައިފިއެވެ. އޭނާ ބޮލުގައި ދެއަތް އަޅައިގެން އުޑަފައިން އިށީނދެއްޖެއެވެ.

ކާނަލް އަންވަރު ދެން ތިބި މީހުންނާ ދިމާއަށް ބަލައިލިއެވެ. އެމީހުންވެސް ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. ދެވަނަ ހަމަލާ އަންނާނީ ކާކާ ދިމާއަށްކަން ނޭނގި ހައިރާންވެފައެވެ. އަންވަރު ނިންމީ މިވަގުތު ދެން އެއްްވެސް ކަމެއް ނުކުރާށެވެ. އޭނާ ވާގަނޑަކުން ލާންޗު ދުއްވާމީހާގެ ދެއަތް ފުރަގަހަށް އެއްސުމަށްފަހު ބޭސްފޮށި ނަގައިގެން އޭނާގެ ބޮލުގައި ބޭސް އަޅައިދީފިއެވެ. އެދުވަހު ހަތަރުދަމު އޭނާ ހުރީ ދަތުރަށް ނުކުތް އިރު ގެނައި ތައްޔާރީ ކާނާ ކައިގެންނެވެ.

ވިދިގެން އައި ދުވަހު ހެނދުނު އަންވަރު ލާންޗު ދުއްވާމީހާގެ އަތް މޮހައިލާ، ލާންޗު ބެލެހެއްޓުމަށް ބަހައްޓައިފައި އަނެއް ދެމީހުން ގޮވައިގެން ރީނދޫ ކިނބޫ ފެނޭތޯ ނުކުމެއްޖެއެވެ. ދަތުރަށް ނުކުތުމުގެ ކުރިން އޭނާ ލާންޗު ދުއްވާމީހާއާ ކުޑަކޮށް ވާހަކަ ދައްކައިލިއެވެ. ވަރަށް ގިނަ އަދަދެއްގެ ފައިސާ ދޭނެ ވާހަކަވެސް ބުންޏެވެ. ހުރިހާ އެންމެން އެއްބަސްވެގެން ލާންޗުގައި އެނބުރި ހިނގައިދާނެތީ އޭނާ ހުރީ ބިރުންނެވެ. އޭނާއާއެކު ދިޔަ ދެމީހުންވެސް އެ ދަނީ ބަޑި ދެކެ ބިރުންކަން އޭނާއަށް ކަށަވަރު ވެއެވެ. އެހެން ނޫންނަމަ މިހާރު ފިލައި އަވަދި ވެއްޖައީހެވެ. ލާންޗުގައި މަޑުކޮށްލިއަސް އެންމެ ރަނގަޅުތޯ އެތަނުން އެކަކު އެހިވެސްމެއެވެ. އެހެންނަމަވެސް އަންވަރު ރުޅި އައިސްގެން އައްޗެހި ގޮވައިގަތުމުން އިތުރު ވާހަކަ ދައްކަން ނުކެރި ހިމޭންވީއެވެ.

ދުވާލު ހަތަރުދަމު އެ މީހުން އެކި ތަންތާނގައި ހިނގީއެވެ. ރީނދޫ ކިނބޫ އަތުވެދާނޭ ކަމަށް އަންވަރަށް ހީކުރެވޭ ހުރިހައި ތަނަކަށް ދިޔައެވެ. އެ ތަންތާނގައި އެތައް އިރަކު ތިބިއިރުވެސް ރީނދޫ ކުލަ ހުރި އެއްވެސް އެއްޗެއް ނުފެނުނެވެ.

ލާންޗުގައި ހުންނަން ވެގެން އުޅުނުމީހާ އޭނާއާއެކު ދަނީ ދާންނުދާން ހުރެގެންނެވެ. އެނބުރި ދާން އަންވަރު ޚިޔާލުކުރި ވަގުތު އެމީހާގެ ބިރު އޭގެ އިންތިހާއަށް އެރީކަން ނޭނގެއެވެ. ދަނޑިވަޅަކަށް ބަލަބަލައި ހުރެފައި ފިލަން ދުއްވައިގެންފިއެވެ. އޭނާ ހުއްޓުވުމުގެ ބޭނުމުގައި އަންވަރު މައްޗަށް ބަޑިޖެއްސެވެ. އެހެންނަމަވެސް ނުހުއްޓި އޭނާގެ ދުވަލި ބާރުކުރީއެވެ. ވުމާއެކު މަޖުބޫރުވެގެން އަންވަރަށްވެސްޖެހުނީ އޭނާގެ ފަހަތުން ދާށެވެ. ދެން ހުރި ބަބުރުމީހާވެސް އަންވަރުގެ ފަހަތުން ދުވެފައި އައެވެ.

ކުރީގައި ހުރެގެން ދުވެފައި ދިޔަ ބަބުރުމީހާ އެމީހުންގެ ލޯމަތިން ގެއްލިއްޖެއެވެ. ދެވަނަ ސިކުންތުގައި އިވުނީ އޭނާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއާއެކު އަންވަރުމެން ދުވެލިބާރު ކޮށްލިއެވެ.

އެމީހުންނަށް އެކަލޭގެއާ ހަމައަށް ދެވުމާއެކު ބިރުން ހުއްޓެވުނެވެ. އޭނާ އޭރު އޮތީ ބާރުގަދަ ޖަންގަލީ ގޮރިއްލާ ތަކެއްގެ މެދުގައި ހައްޔަރުވެފައެވެ. އޭނާ ސަލާމަތް ވާންވެގެން އަތްފައި ހޫރަހޫރައިފައި ހަޅޭއްލަވަނީއެވެ. ގޮރިއްލާތައް އޭނާ ދަމައިފައި ގެންދަނީ ފަރުބަދައެއްގެ ހޮހަޅައަކާ ދިމާއަށެވެ.

ކާނަލް އަންވަރު ގޮރިއްލާތަކާ ދިމާއަށް ދެތިން އުންޑަ ފޮނުވައިލިއެވެ. އެކަމަކު ވީ އެއްވެސް ކަމެއް ނެތެވެ. އޭރު ހޮހަޅައިގެ ތުންފަތް މައްޗަށް އޭނާ ދަމައިފައި ގެންގޮސްފިއެވެ. އިތުރުހަމަލައެއް ދެވުމުގެ ކުރިން ގޮރިއްލާތައް ބަބުރުކަލޭގެ ހަފައި ނޮޅައިލައިފިއެވެ. މަސްތައް ވީދަވީދައިފައި ވަހުޝީ އަޑަކުން ހަޅޭއް ލަވަނީއެވެ. ބަބުރުމީހާގެ އެންމެ ފަހުގެ ހަޅޭކުގެ އަޑު އިވުމުން އަންވަރާއި އަނެއް ބަބުރުކަލޭގެއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

އަންވަރު އޭނާގެ ބަޑީގައި ހުރިހައި އުންޑައެއް ފޮނުވައިލިއެވެ. އެއިން އުންޑައެއް ގޮރިއްލާއެއްގެ ނާޒުކު ގުނަވަނަކަށް އެރީކަން ނޭނގެއެވެ. ބަބުރުމީހާ ދޫކޮށްލައިފައި ހުރިހާ ގޮރިއްލާތައް ހޭރެމުންގޮސް ހޮހަޅައަށް ވަދެއްޖެއެވެ. ބަބުރުމީހާގެ ކުނޑިކުނޑިވެފައިވާ މަސްގަނޑު ފެންނަން އޮތެވެ.

ކާނަލް އަންވަރު ބަލަން ނުކެރިގެން އަނެއް ފަަރާތަށް އެނބުރުނެވެ. އޭނާ އޮތީ ލެޔާ ތަތްތެޅިފައެވެ. ބޮލެއް ކަނދުރާއެއް އަދި އެހެން ގުނަވަނެއް ވިޔަސް ވަކިކޮށް ދެނެގަންނާކަށް ނޭނގެއެވެ.

"އަންވަރުގެ ޝައުގު ފުރިހަމަ ވެއްޖެތޯ؟" އަންވަރާ އެކީގައި އައި އަނެއް ބަބުރުމީހާ ތުންފިއްތައިގެން ހުރެ ކިޔަމުން ދިޔައެވެ. "މިއޮތީ ޝައިތާނީ ކުޅިގަނޑު ފެށިފައި. އަހަރެމެން އެންމެންގެ މައްޗަށް ޝައިތާނާ ފާވީ. މިހެން ގޮސް އެންމެން މަރުވާނީ. ހަލާކުވާނީ."

"އަނގަ ނުތަޅައި ހިމޭނުން ހުރޭ." އަންވަރު ރުޅިއަައިސްފައި ބުންޏެވެ. "މިކަލޭގެ މޮޔަވެގެން ދުއްްވައި ނުގަތްނަމަ މިގޮތަށް ނިމިގެންނެއް ނުދިޔައީސް."

"އަހަރެެމެން އެންމެންވެސް ނިމޭނީ ތިޔަ ގޮތައް." ބަބުރު މީހާ އަނެއްކާވެސް ބުންޏެވެ.

ކާނަލް އަންވަރުވެސް މިހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ދެރަވިއެވެ. އެހެން ނަމަވެސް ދެން ކުރެވޭނެކަމެއް އެބަ އޮތް ހެއްޔެވެ؟

ދެމީހުން މަޑުމަޑުން، ހިމޭންކަމާއެކު ލާންޗު އޮތް ދިމާއަށް ހިނގައިގެންފިއެވެ. އެހިސާބަށް ދެވުމާއެކު ހީވީ އަންވަރުގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ލާންޗެއް ނެތެވެ. ކާނޭ އެއްޗެއްސާއި، ބޭސް ފޮށްޓާއި ދެންވެސް ބޭނުންވާނޭ އެހެން ތަކެތި އެއްގަމަށް ބޭލުމަށްފަހު ލާންޗުގައި ބެހެއްޓި ކަލޭގެ ލާންޗާއެކު ފިލައި އަވަދިވެއްޖެއެވެ.

ބަބުރުމީހާ ބާރަށް ހޭން ފަށައިފިއެވެ. އަންވަރު އޭނާއާ ދިމާއަށް ކަޅި އަޅައިލިއެވެ. އެހެން ނަމަވެސް އޭނާ ހުއްޓައެއް ނުލިއެވެ. ސިކުނޑި ހަމައިން ނައްޓާލީކަން ނޭނގެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.