(20 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" އަހަރެމެންނަކީ ތަހުނިޔާގެ މައިންބަފައިންނެވެ. އަހަރެމެންނަށް ބަރޯސާ ވާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ނޫން އެއްޗެއް އަހަރެމެންގެ މި ނިންމުމުން ، ދަރިފުޅަކަށް ނުފެންނާނެއެވެ. " ސާޖިދާ ބުންޏެވެ.
" މަންމާއެވެ ! އަހަރެންގެވެސް އޮންނަނީ ހިތެކެވެ. ކާމިޔާބު ލިބުނަސް އަދި ކާމިޔާބެއް ނުލިބުނަސް މަރު އައިސް ކުރިމަތިވާނެއެވެ. އަހަރެމެން ދުނިޔޭގައި މިއުޅެނީ އެކަންޏެއްނޫނެވެ. އެހެންމީހުންނާއި އެހެން ކަންތައްތަކާވެސް އެކުގައެވެ. " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާ އެބުނި ވާހަކަޔަކުން ، ސާޖިދާގެ ހިތަކަށް ކުރި އެއްވެސް އަސަރެއް ނެތެވެ. ހިތުގައި އޮންނަހާގޮތަކަށް ދިރިއުޅުން ނިމިގެންނެއްވެސް ނުދާނެއެވެ. ކައިވެންޏަކީ ދިގު ދަތުރެކެވެ. ޢުމުރުދުވަހަށް ދެމިގެންދާ ގުޅުމެކެވެ. ދުނިޔޭގައި އުޅުމުގައި ، ހިތްނޭދޭ އެތައްކަމަކާ ކުރިމަތިލާން ޖެހޭނެއެވެ. ދަރިފުޅުގެ މައިންބަފައިންގެ މިނިންމުމަކީ ، ދަރިފުޅުގެ ރަނގަޅަކަށްޓަކައި ނިންމި ނިންމުމެއްކަން އެއްދުވަހަކުން ދަރިފުޅަށްވެސް ވިސްނޭނެއެވެ. މިކަމުގައި އޮތީ ދަރިފުޅުގެ މައިންބަފައިންގެ އުފަލެވެ. އެގޮތަށް ވިސްނާށޭ ސާޖިދާ ބުންޏެވެ. ކުޑައިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނުމަށްފަހު ، ބޯ ހޫރައިލާފައި ތަހުނިޔާ ތެދުވިއެވެ.
" މާޝަ އަﷲ ! އަހަރެންގެ ދަރިފުޅު ކިހާ ލޯބި ހެއްޔެވެ ؟ އަބަދުވެސް ދަރިފުޅު ، އުފަލުގައި ލަހައްޓަވާށިއެވެ. ތިކަހަލަ ބަސްއަހާ ރަނގަޅު ކުދިންނަށް ﷲ ރަޙުމަތް ލައްވާށިއެވެ. ބަލަން ހުންނާށެވެ ! މި ކައިވެނިން ތަހުނިޔާގެ ދިރިއުޅުން ބާއްޖަވެރިވެގެން ދާނެއެވެ. ކުރީ ދުވަހު ، އަހަރެން ތަހުނިޔާގެ އިނގިލީގައި އަޅުވައިދިނީ ދަރިފުޅާ އެކަށީގެންވާ އަނގޮޓިއެއް ނޫނެވެ. ދަރިފުޅަށް ޙައްޤު އަނގޮޓި މިއަދު ދަރިފުޅުގެ އިނގިލީގައި އަޅުވައިދޭނީ ޚުދު ، މުރުތަޟާއެވެ. އައިސް މިތާ މުރުތަޟާގާތު އިށީންނާށެވެ. " ތަހުނިޔާ އެތަނަށް އައުމުން ، ތެދުވެގެން އައިސް ތަހުނިޔާގެ ދަތްދޮޅީގައި ފިރުމައިލަމުން ޙަފުޞާ ބުންޏެވެ.
ގަދަކަމުން ކަހަލަ ގޮތަކަށް ތަހުނިޔާ ގެނެސް މުރުތަޟާއާ ޖެހިގެން ބޭންދިއެވެ. އަދި ، ޙަފުޞާ އަތުގައި އޮތް އަނގޮޓި މުރުތަޟާއަށް ދީ ، އެ އަނގޮޓި ތަހުނިޔާގެ އިނގިލީގައި އަޅުވައިދޭށޭ މުރުތަޟާ ގާތު ބުންޏެވެ. ޙަފުޞާގެ އަތުގައި އޮތް އަނގޮޓި މުރުތަޟާގެ އަތަށް ލައިދިން އިރު ، ބަހަނާއެއް ނުދެއްކުމަށް ޙަފުޞާގެ ލޮލުން މުރުތަޟާއަށް އެންގިއެވެ. މުރުތަޟާ އިނީ ހަނުހިމޭނުންނެވެ. ހާސްވެ ، ކަންބޮޑުވެފައެވެ. އޭނާ ލައްވާ މަންމަ ކުރުވަމުން އެދާ ކަންކަމަކީ ، އެކަންކަން ކުރަން އޭނާގެ ހިތާއި ނަފުސު ، ތައްޔާރަށް އޮތް ކަންކަމެއްނޫނެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ ؟ މަންމަ އަންގާ ގޮތަކަށް ނުހަދާ ވާކަށް ނޯންނާނެއެވެ.
" ނޫރުއަށް ހީވަނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާއާއި ޙަފުޞާއަށް ނޫރުގެ ވާހަކަތައް ވިސްނި ، ޙަފުޞާގެ ނިންމުން ބަދަލު ކުރާނެހެން ހީވޭ ހެއްޔެވެ ؟ " ރައިދާ ނޫރުގާތު އެހިއެވެ.
ނޫރުއާއި ރައިދާއާ ދެފަހަރިންތިބީ ، ގޭގެ ސިޓިންގރޫމުގައި އިށީނދެލައިގެން ، ވާހަކަ ދައްކާލާށެވެ. ނޫރު އިނީ ކަންބޮޑުވެގެންގޮސް އަވަދި ވެފައެވެ. މުރުތަޟާއާ މިއަދު އޭނާ ދެއްކި އެއްވެސް ވާހަކަޔަކަށް މުރުތަޟާ ޖަވާބެއް ނުދެއެވެ. މުރުތަޟާ ، އެއިން އެއްވެސް ވާހަކަޔަކަށް އަޅައެއް ނުލައެވެ. ވާނީ ކިހިނެއްކަމެއް ނޫރުއަކަށްވެސް ނޭނގެއެވެ. ނޫރުއަށް ޔަޤީންވާ އެއްކަމެއް އޮތެވެ. މުރުތަޟާ އެހުންނަނީ ޢާއިލާގެ ނުފޫޒުގެ ތެރޭގައި ތާށިވެފައެވެ. އަމިއްލަ ނިންމުމެއް ނިންމަން މުރުތަޟާގެ އެއްވެސް އިޚްތިޔާރެއް ނެތް ގޮތަކަށެވެ. ނޫރުގެ ހިތާއި ސިކުނޑި ހާސްކުރުވަމުންދާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. މުރުތަޟާ ބޭނުންވާކަމެއް އޭނާ ބޭނުންވާގޮތަކަށް ނުނިންމޭނެތީއެވެ. ހުރިހާކަމެއްވެސް ނިމޭނީ ޙަފުޞާ ބޭނުންވާ ގޮތަކަށެވެ.
" ތިކައިވެންޏާ ބެހޭގޮތުން ، މާ ލުއިކޮށް ނޫރު ނުނަގާށެވެ ! މުރުތަޟާއާއި ނޫރުއަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހުންނެވެ. މީހަކު ދެކެ ލޯބިވުމަކީ އާދައިގެކަމެއް ނޫނެވެ. ލޯތްބެއް ގެއްލިއްޖެނަމަ ، ޢުމުރު ދުވަހަށްވެސް އެކަމުގެ ހިތި އަސަރު އިންސާނާގެ ޙަޔާތަކުން ނުފިލާނެއެވެ. ތަންކޮޅެއް ބޮޑަށް ވިސްނައި ، ނޫރުގެ ދިރިއުޅުން ، ކަށިކުނބުރު ޖަންގައްޔަކަށް ނުވައްދައި ސަލާމަތްވާނެ ގޮތެއް ހޯދަން އެބަ ޖެހެއެވެ. " ރައިދާ ބުންޏެވެ.
ނޫރުވެސް ކުރަމުން އެގެންދަނީ ހަމަ އެ މަސައްކަތެވެ. މުރުތަޟާއާ ވަކިވާކަށް ނޫރު ބޭނުމެއްނޫނެވެ. އޭނާ އެ ނިންމާ ނިންމުންތަކަކީ ، މުރުތަޟާއާއި އޭނާގެ ދިރިއުޅުން ބާއްޖަވެރިކަމާއި އުފަލުން ފުރިގެންވުމަށްޓަކައި ، ވަރަށް ވިސްނާފައި ނިންމާ ނިންމުންތަކެކެވެ. ނޫރުއަށްވެސް ވިސްނޭ ގޮތުގައި ، އޭނާ އިސްކަންދޭ ކަންކަން އެއްފަރާތް ކޮށްފައި ނޫރުގެ ވިސްނުމަށް ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. އެކަމާބެހޭގޮތުން އޭނާއާ އެއް ވިސްނުމަކަށް އާދެވޭނެ ގޮތަކަށް ވިސްނުން ގެންގުޅޭ އެކަކުވެސް އެގެޔަކު ނެތެވެ. ގޭގެ އެއްވެސް މީހަކަށް ، ނޫރުގެ ވިސްނުމުން ވިސްނައިގެން ، އެކަމަށް ޙައްލެއް ހޯދިދާނެ ލަފައެއް ނުދެވޭނެއެވެ. ކުއްލިޔަކަށް ނޫރު ތެދުވިއެވެ. އަދި ބޭރު ދޮރާދިމާއަށް ހިނގައިގަތެވެ. ނޫރު އެދަނީ ކޮންތާކަށްތޯ ރައިދާ ސުއާލު ކުރިއެވެ.
" އަހަރެން މިދަނީ ، ތަހުނިޔާއާ ބައްދަލު ކޮށްލާށެވެ. އަހަރެންނަށް ހީވާގޮތުގައި ، އެގޭގައި އެހިނގާ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ އަދި އެވާހަކަ އޭނާއަށް ކިޔައިދޭނީ ތަހުނިޔާއެވެ. ޙަފުޞާއާއި ސާޖިދާއަކީ ވަރަށް ގާތް ދެމީހުންނެވެ. " ނޫރު ، ފަހަރިޔަށް ޖަވާބު ދިނުމަށްފަހު ، އެގެޔަށް ގޮސްލާފައި އެބަ އަންނަމޭ ބުނެ ގެއިން ނުކުތެވެ.
ޙަފުޞާ އިނީހެވި ދިލިފައެވެ. ތަހުނިޔާގެ އިނގިލީގައި ، މުރުތަޟާ އަނގޮޓި އެޅުވުމުގެ ހުއްދަޔަށް ، ސާޖިދާމެންގެ ކިބައިން އެދުނީ ޙަފުޞާއެވެ. މުރުތަޟާ އޭނާގެ ދައްތަޔާ ދިމާއަށް ބަލައިލިއެވެ. އެއީ އޭނާލައްވާ ގަދަކަމުން ކުރުވާ ކަމެއްކަމުގެ އިޙްސާސް ދައްތަޔާ ޙިއްޞާ ކޮށްލުމަށްޓަކައެވެ. އެ އަނގޮޓި ތަހުނިޔާގެ އިނގިލީގައި އަޅުވަން ، މުރުތަޟާއަށް ޠާހިރާގެ ލޮލުގެ ޢިޝާރާތުން އެންގިއެވެ.
ތަހުނިޔާވެސް އިނީ ހާސްވެފައެވެ. އޭނާގެ އުނގަށް އަތްލައިގެން ދެއަތް ދެއަތަށް މޮޑެމޮޑެއެވެ. ބިރުވެސް ގެންފައެވެ. ލަދުވެސް ގެންފައެވެ. އަދި ދެރަވެސް ވެފައެވެ. އެތަނުން ތެދުވެގެން ދާނީއޭވެސް ، ކިތަންމެ ފަހަރަކު ، ތަހުނިޔާގެ ހިތަށް އެރިއެވެ. މުރުތަޟާ އެތައް އިރަކު އަނގޮޓި ދިއްކޮށްގެން އިންއިރުވެސް ، ތަހުނިޔާއަކަށް އޭނާގެ އަތް މުރުތަޟާއާ ދިމާއަށް ދިއްކޮށެއް ނުލެވުނެވެ. އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހަނދާންވަނީ ، ނޫރުއާއި އޭނާ އިއްޔެ ބައްދަލުވެ ، ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކެވެ.
މުރުތަޟާ އޭނާގެ އަތުގައި އޮތް އަނގޮޓިޔާއެކު އަތް އުފުލާލައި ، ތަހުނިޔާގެ ތިރިކޮށްލެވިފައިވާ އަތާ ސީދާ ކޮށްލިއެވެ. އެހިސާބުން ތަހުނިޔާއަށްވެސް ބޭއިޚްތިޔާރުގައި އޭނާގެ އަތް އުފުލައިލެވުނެވެ. މުރުތަޟާގެ އަތުގައި އޮތް އަނގޮޓި ، ތަހުނިޔާގެ އިނގިއްޔަށް ސީދާވިއެވެ. އިޚްތިޔާރެއްނެތި އެ އަނގޮޓި ވަދެގެން އެދަނީ ތަހުނިޔާގެ އިނގިއްޔަށެވެ.
އެވަގުތު ، އެގޭގެ ހުޅުވިފައިވާ ދޮރުން އެވަނީ ، ނޫރުއެވެ. އޭނާ އެއައީ ތަހުނިޔާއާ ވާހަކަ ދައްކައިލާށެވެ. އޭނާއަށް އެ ފެންނަނީ ތަހުނިޔާގެ އިނގިލީގައި މުރުތަޟާ ، އަނގޮޓި އަޅުވާ ތަނެވެ. ނޫރުގެ މެޔަށް ތަދުވެ ތުރުތުރު އަޅައިގަތެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ދެލޯ ބޮޑުވެފައި އަނގަ ހުޅުވުނެވެ. އޭނާގެ ލޯކުރިމަތީ އެ ފެންނަ މަންޒަރަކީ ޙަޤީޤަތެއް ބާވައޭ ހިތަށް އެރިއެވެ. ދެލޯ ފުހެލާފައި އަލުން ބަލައިލިއެވެ. މުރުތަޟާ އޭނާގެ އަތުގައި އޮތް އަނގޮޓި ، ތަހުނިޔާގެ އިނގިލީގައި އަޅުވައި އިސް ޖަހައިލިއެވެ.
ނޫރު އެހުރީ އެމީހުންނާ ދިހަވަރަކަށް ފޫޓު ދުރުގައެވެ. ނޫރުއަށް އެ ފެނުނު މަންޒަރަކީ ، ހުވަފެނުންވެސް ފެނިދާނެފަދަ މަންޒަރެއްނޫނެވެ. އެއީ އެނާ ބަލަންވެސް ބޭނުންވާ މަންޒަރެއްނޫނެވެ. މުރުތަޟާވެސް އަދި ތަހުނިޔާވެސް ތިބީ ދެލޯމަރައި ތަގުޅި ކޮށް ، އިސްޖަހައިގެންނެވެ. އެކުރެވުނީ އެދެމީހުންކުރެ އެކަކުވެސް ބޭނުންވާ ކަމެއްނޫނެވެ.
ޙަފުޞާއަށް ކޮލުދަތް ފެންނަވަރަށް ހީލެވުނެވެ. އެންމެފަހުން ، އޭނާ ބޭނުންވާ ގޮތް ވެ އެ ނިމެނީއެވެ. ޠާހިރާގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. ޢާސިމްއާއި ސާޖިދާގެ އުފާޥެރިކަންވެސް ކުޑައެއްނޫނެވެ. ފަހަރަކު މީހެއްގެ މޫނަށް ނޫރުއަށް ބަލައިލެވުނެވެ. އެންމެންތިބީ އުފަލުންގޮސް ހެވި ދިލިފައެވެ.
މުރުތަޟާ ، މަޑުމަޑުން އިސްއުފުލައިލިއެވެ. އެމިހުންގެ ކުރިމަތީގައިހުރި ނޫރު ، މުރުތަޟާއަށް ފެނުނެވެ. އޭރު ، ނޫރުގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މުރުތަޟާގެ ސިކުނޑި ހޭލައްވައިލިއެވެ. އޭނާއަށް އެކުރެވުނީ ކޮންކަމެއްކަން އިޙްސާސް ވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ ނޫރު ފަހަތަށް އެނބުރުނެވެ. އެއީ އޭނާ ދެކެން ބޭނުންވާ ތަނެއްނޫންވީމަ އެތަން ބަލަހައްޓައިގެން ނުހުންނަން ވެގެންނެވެ. އެއީ ، ބަލަހައްޓައިގެން ހުންނަން އޭނާއަށް ކުޅަދާނަ މަންޒަރެއްނޫނެވެ. ތަހުނިޔާވެސް މަޑުމަޑުން އިސްއުފުލައިލިއެވެ. ތަހުނިޔާއަށްވެސް ، އެމީހުންގެ ކުރިމަތީ ، ރޮވިފައިހުރި ނޫރު ފެނުނެވެ. އޭނާގެ އަނގަވެސް ހުޅުވުނެވެ. ދެލޯ ތަންމިނަށް ބޮޑުވިއެވެ. ތަހުނިޔާއަށް އެކުރެވުނީ ކީއްކަން އެވަގުތު އިޙްސާސް ކުރެވުނެވެ. އޭނާގެ އެކުވެރި ނޫރުއަށް އެދެވުނީ ކިހާވަރެއްގެ ކެއްސެއްކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ނޫރުއަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟
އެއީ އެއްކަލަ ތަހުނިޔާއެވެ. މުރުތަޟާއާއި ނޫރުއާ ދެމެދު ޖެހިފައިވާ މައްސަލަ ، މުރުތަޟާއާ ވާހަކަ ދައްކައިގެން ޙައްލު ކޮށްދޭނެކަމަށް ، ވަޢުދުވި ތަހުނިޔާއެވެ. އެ ވަޢުދު ތަހުނިޔާވީ އިއްޔެ ހަވީރުއެވެ. އެ ވަޢުދުގައި ކޮޅުފައިން ޖަހާފައި ، ތަހުނިޔާ އެކުރީ ކީއް ހެއްޔެވެ ؟ ނޫރުއަށް އެދެވުނީ ކިހާބޮޑު ކެއްސެއް ހެއްޔެވެ ؟
ޙަފުޞާއަށްވެސް ، އެއްލި ކަޅިޔަކުން ނޫރު ފެނުނެވެ. ޙަފުޞާއަށްވެސް ލިބުނީ ޙައިރާން ކަމެވެ. އެވަގުތު ، ޙަފުޞާގެވެސް ދެލޯ ބޮޑުވެގެންދިޔައެވެ. އެތަނަށް ނޫރު އަންނަންވީ ކީއްވެ ހެއްޔެވެ ؟ އެއީ އިއްތިފާޤެއް ނޫނެވެ. ރަނގަޅަށްވިއްޔާ ތަހުނިޔާއާއި ނޫރާ ދެމީހުން ވާޙަކަ ދައްކާފައި ، މުރުތަޟާ އެކަން ކުރިޔަނުދޭން ނޫރު ގެނެވުނީއެވެ. ނަސީބަކުން ، އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ.
އެގެއިން ނުކުންނަން ހިނގައިގަތުމުގެ ކުރިން ، ނޫރު ، ފަސް އެނބުރި ބަލައިލިއެވެ. އޭނާގެ ތުންފަތް ހުރީ ތުރުތުރު އަޅައަޅައެވެ. ދެލޯފުރެންދެން ހުރީ ކަރުނައެވެ. މަޑުމަޑުން މުރުތަޟާއަށް އޭނާއަށް ގޮވައި ލެވުނެވެ. އަދި ތަހުނިޔާއަށްވެސް ގޮވައިލެވުނެވެ.
ތަހުނިޔާއާއި މުރުތަޟާއަށް އެއްފަހަރާ ތެދުވެވުނެވެ. އޭރު ، ޠާހިރާއަށްވެސް ހުރީ ކޮޅަށް ތެދުވެވިފައެވެ. ތަހުނިޔާ އަށް ބޯހޫރައި ލެވުނެވެ. މުރުތަޟާއަށްވެސް ބޯހޫރައި ލެވުނެވެ. މުރުތަޟާ ކުއްލިޔަކަށް ތެދުވެ ނޫރުއަށް ގޮވަމުން ، އޭނާގެ ވާހަކަ އަޑުއަހައިލާށޭ ބުނަމުން . ނޫރުއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެތަނަށް އިވިގެން އެދިޔައީ ، ޙަފުޞާގެ ގަދަ އަމުރެކެވެ.
" މުރުތަޟާއެވެ ! ތިހުރިތަނުގައި ހުއްޓޭށެވެ. މިހާރު މިއޮތީ ހުރިހާކަމެއް ނިމިފައެވެ. ގުޅުންވެސް އަދި މަގުވެސް އެއޮތީ ބަންދު ވެފައެވެ. " މުރުތަޟާ ، ބަސްއަހައިގެން ހުއްޓުނެވެ. އޭނާގެ މުށްކަވައިލެވުނެވެ. ހިތްހަމަ ނުޖެހިގެންގޮސް ދެބުމަ ގޮށްޖެހުނެވެ.
" އަހަރެންނަށް ހީވަނީ ، ނޫރުއަށް ، އެކުރެވުނު ކަންތަކާމެދު މިހާރު ދެރަވާ ހެންނެވެ. މިއަދު ، އަހަރެންނާ ނޫރުއާ އެވާހަކަ ދެއްކީމެވެ. ޙަފުޞައްތަގެ ހަރުކަށިކަމާއި މުރުތަޟާގެ މަޖުބޫރީ ޙާލަތުގެ މައްޗަށް ނޫރު އެބަ ވިސްނައެވެ. އޭނާގެ ޚިޔާލުވެސް އެބަ ބަދަލު ވެއެވެ. " ރައިދާ ބުންޏެވެ.
ރައިދާގެ ދެމަފިރިންނާއި ވަޞީމުތިބީ ސިޓިންގރޫމުގައެވެ. ތަހުނިޔާއާ ބައްދަލު ކުރުމަށް ނޫރު ބޭރަށް ދިޔައިމާ ، އޭނާ އެނބުރި އަންނަންދެން ، ނުނިދާ މަޑުކޮށްލައިގެންނެވެ.
ހާރިސްއަކަށް ރައިދާގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ނޫރުއަށް އެކުރެވުނީ ގޯސްކަމެއްކަމަށް ޤަބޫލު ކުރެވެންޏާ ، ޙަފުޞައްތައާއި މުރުތަޟާގެ ކިބައިން އެކަމަށް މަޢާފަށް އެދޭނެއެވެ. ނޫރުއަކީ ، އެކަމުގައި ގޮތްދޫކުރާނެމީހެއްނޫންކަމަށް ހާރިސް ބުންޏެވެ.
ވަޞީމުވެސް އިނީ ހާސްވެފައެވެ. ނޫރުއަށް ވެގެން އެއުޅެނީ ކިހިނެއް ހެއްޔެވެ. ކިޔެވުމުގެ ނަތީޖާއަކީ އެގޮތަށް ގޮތްދޫނުކުރުން ކަމަށްވަންޏާ ، އެހެންމީހުން ބުނާގޮތެއް އެއްގޮތަކަށްވެސް ނުހަދާނެއެވެ. އެމީހުންގެ ބަހެއް ނުވިކޭނެކަމަށް ވަޞީމު ބުންޏެވެ.
ނޫރުއަކީ ކިޔަވައިގެންހުރި ކުއްޖެކެވެ. ހަމައެއާއެކު އަމިއްލަ މިނިވަންކަމާއި ޙައްޤުތަކަށް ވަކާލާތު ކުރާ ކުއްޖެއްކަމަށް ރައިދާ ބުންޏެވެ. ކަންކަމުގައި އޮންނަ ރަނގަޅުގޮތް ހޯދައިގެން ކުރިޔަށްދާން ނޫރު ބޭނުން ވެއެވެ. އެކަމަކު ދުވަހަކުވެސް އެކަންވާތަނެއް ނުފެނެއެވެ. އަދިވެސް ، ނޫރުއަކަށް އޭނާގެ ޖަޒުބާތާއި ޙަޤީޤަތް ވަކިކުރާކަށް ނޭނގެއެވެ. ރައިދާގެ ޚިޔާލުގައި ، ނޫރު ކޮންމެ ގޮތަކަށް އުޅުނަސް ، އަދިވެސް އޭނާގެ ހިތުގައިވަނީ މުރުތަޟާއެވެ. މުރުތަޟާގެ ލޯތްބާ ނޫރުއަކަށް ވަތްކެއް ނުވެވޭނެއެވެ. ނޫރު ކިތަންމެ ވަރަކަށް ބޭނުންވިޔަސް ، އޭނާގެ ހިތުން މުރުތަޟާ ފިލުވައެއް ނުލެވޭނެއެވެ.
އެކަން އޮތީ އެގޮތަށްކަމަށް ވަޞީމު ބުންޏެވެ. އެހެންނަމަވެސް ނޫރު އެހެންއުޅެނިކޮށް ވަގުތު ފާއިތުވެދާނެއެވެ. ވަކިގޮތަކަށް ނިންމަން ގިނަދުވަސްވަންޏާ ފުރުޞަތު ގެއްލިދާނެއެވެ. ޙަފުޞާއަކީ ، ނޫރު ކުޅޭހާ ކުޅިވަރެއްބަލަން ހުންނާނެ މީހެއްނޫނެވެ. އެހެން ވެއްޖެނަމަ ، އެކަމުގެ ގެއްލުން ލިބޭނީ ހަމަ ނޫރުއަށެވެ. އެކަމަކު ، އެކަން ނޫރުއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ ؟ އެކަން ކޮށްދެވޭނީ ކާކަށް ހެއްޔެވެ ؟ ﷲ މޮޅަށް ބައްލަވައި ވޮޑިގެން ވެއެވެ. ވަޞީމުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ( ނުނިމޭ )
Varghese re-think shukuran