ފުޅަދޫއާއި، ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. ފުޅަދޫއާއި، ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެރަށުގެ ބަނދަރާއި، ފުޅަދޫ އިންޖީނުގެއާ ފެނަކަ އައު އޮފިސް ޢިމާރާތް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު މާޅޮސްމަޑުލުގެ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 68.3 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފުޅަދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 538 ކިލޯވޮޓްއެވެ. ފުޅަދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 57.7 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.