ފަލްސަފާ - 7

(16 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޙަފުޞާ ގެޔަށް އައިސް ވަތްއިރުވެސް ހުރީ ތުރުތުރު އަޅައަޅައެވެ. މަންމަ އައިސްހުރި ރުޅި ފެނިފައި ޠާހިރާވެސް ހުރީ ބިރުންނެވެ. އަވަސް އަވަހަށް ބަދިގެފަރާތަށްގޮސް ފެންތަށްޓެއް ހިފައިގެން އައިސް މަންމައަށް ދިނެވެ. އެއްނޭވާއިން ފެންތަށި ދަމައިލުމަށްފަހު ޙަފުޞާ މާނޭވާއެއްލިއެވެ. ޙާފުޞާއަކީ ލޭމައްޗަށްދާ މީހެކެވެ. ޙަފުޞާގެ ޙާލު ފެނިފައި ޠާހިރާ ވަރަށް ކަންބޮޑުވިއެވެ.

" އެވަރުގެ ލަދެއްނެތް އަގަލުކުޑަ އަންހެނަކު އަހަރެންގެ ޢުމުރުގައިވެސް ނުދެކެވެ. މުރުތަޟާގެ ކައިވެނީގެ ދުވަސް ކަނޑައަޅަން އެއީ ކާކު ހެއްޔެވެ ؟ ނިކަން ބަލަން ހުންނާށެވެ ! ކުރިޔަށްއޮތް ދެތިންމަހެއްގެ ތެރޭގައި އަހަރެން ، މުރުތަޟާގެ ކައިވެނި ކުރުވާނަމެވެ. މަށާ ޖަދަލުކުރަން ނޫރުލްޢައިނު އެއީ ކާކު ހެއްޔެވެ ؟ " ޙަފުޞާގެ ރުޅިގަނޑު ހައްތާ ދިޔައީ ގަދަވަމުންނެވެ.

މަންމަ ހަމަޖެއްސޭތޯ ޠާހިރާ މަސައްކަތްކުރަމުން ގެންދިޔައެވެ. އެހާ ބޮޑަށް އެކަމާ ޖަޒުބާތީ ނުވުމަށް މަނމަޔަށް ނަޞޭޙަތް ދިނެވެ. ނޫރުލްޢައިނުގެ ކަންތަކާ މުރުތަޟާ އެހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މަންމަ އެހެން އުޅުނު ވަރަކަށް މުރުތަޟާގެ ކަންބޮޑުވުން ހައްތާ ބޮޑުވާނީކަން ހަނދާން ކޮށްދިނެވެ. މަންމަ ބަލިވާކަށް އެއިން އެކަކުވެސް ނޭދޭނެއެވެ. މަންމަގެ ރުޅިއާއި ނޫރުގެ ލޯބީގެ ތެރޭގައި މުރުތަޟާ ތާށިވެ ، އޭނާގެ ދުނިޔެ އަނދިރިވެގެންދާކަށް ޠާހިރާ ބޭނުމެއް ނޫނެވެ.

ޙަފުޞާއިނީ ނޫރުގެ ބަސްތަކުން އައިސްހުރި ރުޅި ކޮންޓްރޯލް ނުކުރެވިގެން ދުނިޔެ ރަންވެފައެވެފައެވެ. އޭނާގެ އަމިއްލަ ނަފުސުވެސް ކޮންޓްރޯލް ނުކުރެވޭވަރަށް އެކަމާ ރުޅި އައިއްސައެވެ. ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމެއްނެތި ، އެއްވެސް ވިސްނައިލުމަކާ ނުލައި ޙަފުޞާއާ ދިމާއަށް ނޫރު އެބުނި ވާހަކަތަކުގެ އަޑު ޠާހިރާއަށް އިވުނު ނަމަވެސް ، ޠާހިރާ އަޖައިބުވާނެކަމަށް ޙަފުޞާ ބުންޏެވެ. ނޫރުގެ އެއްވެސް އަދަބެއް ސަދަބެއްވެސް ނެތެވެ. ބުނަން ބޭނުން އެއްޗެއް އެއްވެސް ޖެހިލުމެއްނެތި ޙަފުޞާއާ ދިމާއަށް ބުނެ އިއްވައިލިއެވެ. ޙަފުޞާގާތަށް އެންމެ ރުޅިއައީ އެކަމާއެވެ. ޠާހިރާ އެތާ ހުރިނަމަވެސް ނޫރުދެކެ ރުޅިއަންނާނެއެވެ. އެވަރުގެ ގޮތްދޫނުކުރާ ކުއްޖަކު އެގެޔަށް ގެނެސް ވައްދާކަށް ޙަފުޞާ ބޭނުމެއްވެސް ނޫނެވެ. ނޫރު އެގެޔަށް ގެނައުމުގެ ކުރިން އޭނާގެ ގޮތް އެނގުނުކަން އެއީ ނަސީބެއްކަމުގައި ބުނެ ޠާހިރާއާ ، ޙަފުޞާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެކައިވެނީގެ ހަމަނުޖެހުންތަކާގުޅިގެން އޭނާގެ ކޮއްކޮ މުރުތަޟާ މާޔޫސްވެ ދުނިޔެއަށް ގިނަވެގެންދާކަށް  ޠާހިރާ ބޭނުމެއް ނުވެއެވެ. އެކަމާ ބެހޭގޮތުން މުރުތަޟާއާ ވާހަކަ ދައްކައިގެން މުރުތަޟާގެ ވިސްނުމުގައި އޮތްގޮތެއް ސާފުކުރުމަށް ، ޠާހިރާގެ ކިބައިން ޙަފުޞާ އެދުނެވެ. ޠާހިރާ އެކަން ކުރުމަށް އެއްބަސްވިއެވެ. މުރުތަޟާއާއި ނޫރުގެ ދިރިއުޅުން ދެކަފިވެ ، ދެމީހުން ދެދިމާލަކަށް ދާން ޖެހުމަކީ މުރުތަޟާއަށް ލިބޭނެ ވަރަށްބޮޑު އަނިޔާއެކެވެ. ނޫރު ދެކެ މުރުތަޟާ ލޯބިވާ ވަރު ޠާހިރާއަށްވެސް އެނގެއެވެ. އެދެމީހުން އެއްގަލަކަށް އަރުވައި ، އެކަމުގެ ޙައްލެއް ހޯދުމަކީ ކޮއްކޮއަށްޓަކައިވެސް ޠާހިރާ ކުރަންޖެހޭނެ ކަމެކެވެ. އޭނާގެ ހަމައެކަނި ހުރި މީހަކީ މުރުތަޟާއެވެ. ދެންހުރީ ކުޑަދަރިފުޅު އަރުސަލާނެވެ. ފިރިމީހާ ނިޔާވުމުން ޠާހިރާ އެހުރީ ހުވަފަތް ވެފައެވެ.

ޠާހިރާއަށް އެވަގުތު ފޯނެއް އައެވެ. އެއީ ، ތަހުނިޔާގެ ފޯނެކެވެ. އަރުސަލާންގެ ޓިއުޝަން ނިމިގެން ގެޔަށް ގެންދަންވެގެން ގުޅީއެވެ. އަރުސަލާން ބަލައި އެގެޔަށްދާން ޠާހިރާ ހިނގައިގަތްތަނުން ޙަފުޞާ އޭނާ ހުއްޓުވިއެވެ. އަރުސަލާން ގެޔަށް ގެންނަންދާނީ ޙަފުޞާކަމަށް ބުނެއެވެ. ތަހުނިޔާގެ ގެވެސް ހުންނަނީ އެގެޔާ ވަރަށް ކައިރީ ، ހިނގައިލާފައި ދެވޭ ހިސާބުގައެވެ.

އެގެޔަށްގޮސް މިދިމާވެގެން އުޅޭވާޙަކަ ، އެގޭގެ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް މަންމަގެ ކިބައިން ޠާހިރާ އެދުނެވެ. ތަހުނިޔާއަކީ ނޫރުލްޢައިނުގެ ވަރަށްގާތް އެކުވެރިއެއްކަން ޙަފުޞާއަށް ހަނދާން ކޮށްދިނެވެ.

މުރުތަޟާ ގެޔަށްދިޔަ މަގުމަތީ ފޯނެއް އައުމުން ބަލައިލިއިރު އެއީ ނޫރުއެވެ. ފޯނު ނެގުމަށްފަހު ، އޭނާ ކާރު ދުއްވަނީ ކަމަށާއި ގެޔަށްގޮސް ފޯނު ކުރާނެކަމަށް ބުންޏެވެ.

" ނޫނެކެވެ. ގެޔަށްވަނީމަ ، ޙަފުޞައްތަ ބުނާނެވާހަކަ ، އަހަރެންގެ ފަރާތުން އެނގިގެން ގެޔަށް ވަނުން މާ ރަނގަޅު ވާނެއެވެ. " ނޫރު ބުންޏެވެ.

ވެގެން އުޅޭ ގޮތަކާމެދު ، މުރުތަޟާ ސުއާލު ކުރިއެވެ. ޙަފުޞާ އެގެޔަށް އައިސް އެދެއްކި ވާހަކަތައް ނޫރު ކިޔައި ދިނެވެ. ޙަފުޞައްތަ އެގެޔަށް އައިސް އެދިޔައީ މުރުތަޟާއާއި ނޫރުއާ ދެމީހުން ވަކިވާންޖެހޭކަމަށްބުނެ އިންޒާރުދީފައިކަމަށް ބުންޏެވެ. މުރުތަޟާ ބޭނުންވާގޮތެއް މުރުތަޟާކުރެން ނުއަހައި ، ޙަފުޞައްތަ ނިންމާ ކޮންމެ ގޮތެއް މުރުތަޟާ ޤަބޫލުކުރާނެކަމަށް ބުނެފައެވެ. މުރުތަޟާކުރެން ނުއަހައި އެކަން ޙަފުޞައްތައަކަށް ނުނިންމޭނެ ނޫންހެއްޔެވެ ؟ އެ ދެމީހުންކުރެން ނުއަހައި ދެމީހުން ވަކިވާކަށް ޙަފުޞައްތައަކަށް ނުނިންމޭނެއެވެ. ކައިވެންޏާ ބެހޭގޮތުން ޙަފުޞާ ނިންމި ނިންމުމާމެދު ނޫރުގެ ހިތުގައި އުފެދިފައިހުރި ނުތަނަވަސްކަން ފާޅުކުރިއެވެ.

މުރުތަޟާއަށް އޭނާގެ މަންމަ ރަނގަޅަށް އެނގެއެވެ. ނޫރު ޒުވާބުކޮށް މަންމަ ރުޅިއަރުވައިލައިގެން ނޫނީ މަންމަ އެގޮތަކަށް ނުނިންމާނެއެވެ. މަންމަޔަކީ ، ކެތްތެރި އަދި ދަތިޙާލަތުގައި ކަންކަން ބަރުދާސްތުކުރަން އެނގޭނެ މީހެކެވެ. މަންމައާ ޒުވާބުކޮށް ނޫރު ބުނި ބަސްތަކަކުންނޫނީ މަންމަ ރުޅިއެއް ނާންނާނެއެވެ.

ދައްކާނީ ކޮންވާހަކައެއްކަމެއް ނޫރުއަކަށް ނޭނގުނެވެ. ނޫރު ކޮންމެ ވާޙަކައެއް ދެއްކިޔަސް ކުށްވެރިވަނީ ނޫރުއެވެ. ރަނގަޅު ހަމަ އެއްވެސް ވާހަކައެއް އޭނާއަކަށް ނުބުނެ ވެއެވެ. ޙަފުޞާއަކާ ނޫރު ، ޒުވާބެއް ނުކުރެއެވެ. އޭނާ ބޭނުންވާގޮތް ، އެހެންމީހުންގާތުވެސް ބުނާގޮތަށް ޙަފުޞާގާތުވެސް ބުނީއެވެ. އެހެނަނަމަވެސް ، މުރުތަޟާގެ ނަޒަރުގައި ނޫރު ، އޭނާގެ މަންމައާ ޒުވާބު ކުރީއެވެ.

މުރުތަޟާއަށް ނޫރު ފޯނުކުރީ ، ގެޔަށް ވަނުމުގެ ކުރިން އެހިނގި ކަންތައްތައް ކިޔައި ދިނުމަށެވެ. އަދި މަންމަ ހަމަޖައްސާލައި ވާހަކަ ދައްކައިގެން އެކަން ޙައްލުކުރުމަށް ވިސްނައި ދިނުމަށެވެ. އެދެމީހުން ވަކިވާކަށް އެއްގޮތަކަށްވެސް ނޫރު އެއް ނޭދެއެވެ. އެކަމަކު އެހެންނެއް ނުވިއެވެ. ހުރިހާމީހުންވެސް އެމީހުންގެ ވާހަކައެއް ނާހައެވެ. އެމީހަކަށް ފެންނަގޮތަކަށް ނިންމައި ނޫރުގެ ބޮލުގައި އިލްޒާމް އަޅުވަނީއެވެ.

ނޫރު އެއުޅެނީ ، ކައިވެނީގެ ކަންތަކުގައި މުރުތަޟާގެ މީހުންނާ ވާހަކަ ދައްކައިގެން އެމީހުން ބުނާގޮތަށް މުރުތަޟާ ހަދާހެން ، ނޫރުގެ ޢާއިލާގެ މީހުންބުނާގޮތަކަށް ނޫރު ހަދަން ނޫންހޭ މުރުތަޟާ ބުންޏެވެ. މުރުތަޟާގެ އެބަސްތަކުން ، ނޫރުގެ ވިސްނުން ކޮޅަށް ދިޔައެވެ. ހަދާނެ ނުހަދާނެގޮތެއް ނޭނގި ފޯނު ކަނޑައިލިއެވެ.

އެވަގުތު ނޫރުގެ ކަންފަތަށް އިވެމުންދިޔައީ ، ޙަފުޞާ އޭނާއާ ދިމާއަށް ކީ އެއްޗިއްސެވެ. މުރުތަޟާ ކަހަލަ ޖަވާހިރެއްފަދަ ފިރިހެނަކު ދޫކޮށްލައިގެން ނޫރުއަށް ކެހިލިބޭނެ ވާހަކައެވެ. މުރުތަޟާއާއި ޙަފުޞާގެ ފަރާތުން އެ ކައިވެނި ރޫޅައިލާ އެކަން ހުއްޓާލި ވާހަކައެވެ. އަދި ދެތިންމަހެއްގެ ތެރޭގައި އެހެން ކުއްޖަކާ މުރުތަޟާގެ ކައިވެނި ކުރާނެ ވާހަކައެވެ. ޙަފުޞާގެ ނިންމުމަކީ މުރުތަޟާގެ ނިންމުމަށް ވާނެކަން ކަށަވަރެވެ. އެއީ ކޮންމެ ގޮތެއްކަމަށް ވިޔަސް ، ޙަފުޞާ ބޭނުންވާ ކޮންމެގޮތެއް މުރުތަޟާ ހަދާނެއެވެ. މުރުތަޟާ އެހުރީ ޙަފުޞާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ކައިވެނީގެ ކަންކަމުގައި ، ފިރިފުރާވަރަށް އަޅައިފާތިބޭ އަންހެންކުދިން ، ބޯދާ ވިސްނުންތަކުގެ މައިންނާއި ބަފައިން ، އެކުދިން ކޮންޓްރޯލްކޮށްފައި އޮންނަ ގޮތަށެވެ.

އަރުސަލާންބަލައި ޙަފުޞާ ދިޔަގޮތަށް ގޮސް ، ތަހުނިޔާގެ މަންމައާ ދިމާވެގެން ދެމީހުން އަނގަތަޅަން ، ސިޓީންގރޫމުގައި ތިއްބެވެ. އެދެމީހުން ވާހަކަ ދައްކަން ތިއްބާ އެތަނަށް އައިސް އެވަނީ ތަހުނިޔާގެ ބައްޕައެވެ. ތިންމީހުންނަކީވެސް އަވަށްޓެރިންނެވެ. އަވަށްޓެރިންނަށްވުރެ ގާތް ގުޅުމެއް އޮންނަނީ އުފެދިފައެވެ. އެތަނަށް ދެން އައިސް އެވަނީ އަރުސަލާންއެވެ. އޭނާގެ ހޯމްވޯރކް ނިމުނު ވާހަކަ މާމަގާތު ބުންޏެވެ. އޭގެ މާނަޔަކީ އަރުސަލާން ގެޔަށްދާން ބޭނުންވެފައިހުރި ވާހަކަކަން ޙަފުޞާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެގެޔަށް އެއައީ ނާންނަތާ ދުވަސްކޮޅެއްވީފަހުންނެވެ. އެގެއިން ނުކުމެގެން ދާންވާނީ ކުޑަކޮށް އަނގަ ތަޅައިލާފައި ކަމުގައި ޙަފުޞާ ނިންމިއެވެ. ދާނީ އިރުކޮޅަކުންނޭ ބުނެ އަރުސަލާން ގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ.

ތަހުނިޔާވެސް އަރުސަލާން ފަހަތުން އައިސް ޙަފުޞާއާ ސަލާމް ކޮށްލިއެވެ. އަދި ސައިތަށްޓެއް ހިފައިގެން އެބަ އަންނަމޭ ބުނެ ބަދިގެފަރާތަށް ދިޔައެވެ.

ތަހުނިޔާގެ ނިޔަނެތިކަމާއި ކިޔަމަންތެރިކަމާމެދު ޙަފުޞާ ތަޢުރީފް ކުރިއެވެ. ތަހުނިޔާ ފެނުމުން ހިތަށް ހަމަޖެހުން ލިބިގެންދާ ވާހަކަ އާއި ލޮލަށް ފިނިކަން ލިބިގެންދާކަމުގައި ބުންޏެވެ.

ތަހުނިޔާވެސް އެހުރީ މިހާރު ފިރިފުރާވަރަށް އަޅާފައެވެ. ތަހުނިޔާގެ މައިންބަފައިންގެވެސް އެދުމަކީ ،ތަހުނިޔާ އާ ކައިވެނިކުރާނެ ރަނގަޅު ފިރިހެން ކުއްޖަކު ލިބުމެވެ. ޙަފުޞާއަކީ އެހިސާބުގެ އެންމެންވެސް އިޙްތިރާމްކުރާ ، އެންމެންވެސް ދަންނަ އަބުރުވެރި އަންހެނެކެވެ. ޔަހުނިޔާއާ އިންނާނެ ރަނގަޅު ފިރިހެން ކުއްޖަކު ހޯދައިދިނުމަށް ހަފުޞާގެ ކިބައިން ތަހުނިޔާގެ މަންމައެދުނެވެ. ތަހުނިޔާއަކީ ، ރަނގަޅު ފިރިޔަކު އުފާކޮށްދޭނެ ޚުލްޤު ރަނގަޅު ، ނިޔަނެތި ކުއްޖެއްކަމުގައި ހަފުޞާ ބުންޏެވެ.  ތަހުނިޔާއަށް ފިރިޔަކު ހޯދައިދިނުން އެއީ އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އިރާދަ ކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް ވެދާނެކަމަށް ޙަފުޞާ ދެކެއެވެ.

ނޫރުއާއި މުރުތަޟާގެ ކައިވެންޏާ ބެހޭގޮތުން ތަހުނިޔާގެ މަންމަ ، ޙަފުޞާއާ ސުއާލު ކުރިއެވެ. އެސުއާލަށް ދޭނެ ޖަވާބެއް ޙަފުޞާއަކަށް ނުވިސްނުނެވެ. ކައިވެނީގެ ތާރީޚާ ބެހޭގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ޙަފުޞާ ބުނިއިރު ، އޭނާގެ ލޯ ސީދާވެފައިހުރީ ތަހުނިޔާއާ ދިމާއަށެވެ. އެގޭގައި ޙަފުޞާ ހޭދަކުރި ގިނަވަގުތު ތަހުނިޔާގެ މޫނުން ހަފުޞާގެ ލޯ ކައްސައެއް ނުލައެވެ. ތަހުނިޔާއާއި ނޫރުއަކީ އެހާ ގާތް ދެކުދިންކަން ޙަފުޞާއަށްވެސް އެނގެއެވެ. ނޫރުއަށްވުރެ މާ ރަނގަޅު ސިފަތައް ތަހުނިޔާގެ ކިބައިން ޙަފުޞާއަށް މިހާރު އެބަ ފެނެއެވެ. ތަހުނިޔާއަކީ ވަކި ، ނޫރުއަށް ދޫކުރާނެ ކުއްޖެއްނޫނެވެ.

ހާރިސްގެ ދެމަފިރިން ކަންބޮޑުވެފައި އިސްޖަހައިގެން ސިޓިންގރޫމްގައި އެތިބީ ހަދާނެހޮތް ބޮޑުވެފައެވެ. އެހާ ރީތިކޮށް ހަމަޖެހުމާއި އުފާވެރިކަމާއެކު ކުރިޔަށްދިޔަ އެމީހުންގެ ޢާއިލާއަށް އެޖެހުނީ ކާކުގެ އެސްފިންނާއެއްކަމެއް ނޭނގެއެވެ. މަތީބުރިޔަށް އަރަންހުރި ސިޑިއާ ދިމާލުން އަޑެއްއިވިގެން އެދެމީހުން އިސްއުފުލައިލިއިރު ، އެއީ ނޫރާއެވެ. ނޫރާގެ އަތުގައި ފޮށިގަނޑަކާއި ކޮތަޅުތަކެއް ހުއްޓެވެ. އެތަކެތި ނޫރާއަށް އުފުލެނީ ކިރިޔާއެވެ. ދެމީހުން ތެދުވެގެންގޮސް ، ނޫރާ އެކުރަނީ ކީއްތޯ ސުއާލު ކުރިއެވެ.

ނޫރާ އެދަނީ ޙަފުޞާ އޭނާއަށް ހަދިޔާކޮށްފައިހުރި ރަނާއި ގަހަނާތައް ހިފައިގެން އެތަކެތި ޙަފުޞާއާ އަނބުރާ ޙަވާލުކުރާށެވެ. ޙަފުޞާ އެގެއިން ނުކުމެގެން ދިޔައީ ، އެތަކެތި ނޫރާއަށް ދިންވާހަކައިން ކަލަ ގޮވައިފައެވެ. ޙަފުޞާ ނިންމީ މުރުތަޟާދެކެ ނޫރު ލޯބިވީ އެގަހަނާތަކުގެ އަވައިގާ ޖެހިފައި ކަމުގައެވެ. އެންމެފަހުން ، ޙަފުޞާ ދިޔައީ މުރުތަޟާ އެހެން ކުއްޖަކާ ދެވާނެކަމުގެ އިންޒާރުވެސް ދީފައެވެ. ނޫރު ބޭނުންވީ ، މުރުތަޟާއާއި ނޫރުއާ ދެމެދުއޮތް ގުޅުން ނެތިގެންދާ ހިނދު ، އެތަކެތިވެސް އަނބުރާ ޙަފުޞާއަށް ދިނުމަށެވެ. ލޯތްބަކީ ފައިސާއާއި ދޭ ގަހަނާއަކުން ގަނެވޭނެ އެއްޗެއްނޫންކަން ޙަފުޞާއަށް އަންގައިލުމަށެވެ.

ހާރިސް އޭނާގެ ކޮއްކޮ ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ޙަފުޞާ ދެއްކި ވާހަކަތައް ނޫރުއަށް ދޭހަނުވުމަކީ ހަފުޞާގެ މައްސަލައެއް ނޫނެވެ. ޙަފުޞާގެ އެހީތެރިކަމާއި އަޅައިލުމުގެ ބަދަލުގައި ނޫރުގެ ޙަޔާތް ނީލަންކިޔިގެން ދިއުމަކީ ނޫރު އެދޭގޮތެއް ނޫނެވެ. ނޫރުއަކީ ކިޔަވައިގެންހުރި މޮޅު އަންހެންކުއްޖެކެވެ. ތަންދޮރު އޮޅުން ނުފިލާ ޖާހިލެއްނޫނެވެ. ނޫރުގެ ދިރިއުޅުން ބަށްޓަން ކުރުމަށް ، ނޫރުއަށް ފެންނަގޮތެއް ޤަބޫލު ނުކުރެވޭކަމަށްވަންޏާ އެއީ ޙަފުޞާގެ މައްސަލައެކެވެ. އޭނާގެ އިޙްސާސްތަކަށް އިޙްތިރާމެއް ނުކޮށް ، ޙަފުޞާގެ ގޮތްދޫނުކުރާކަމަށް ވަންޏާ ނޫރުވެސް އެހުރީ އޭނާގެ ގޮތުގައެވެ. އެތަކެތި ޙަފުޞާއާ ޙަވާލުކުރުމުން ، ނޫރުއަކީވެސް އަގެއްހުރި މީހެއްކަން އަންގައިލުމަށް ނޫރު ބޭނުންވިއެވެ. ޙަފުޞާގެ ގޮތްދޫނުކުރުމުގައި ނޫރުއަށް ތަފާތެއްނެތްކަން އަންގައިލުމަށް އޭނާ ބޭނުންވިއެވެ. އޭރަށްވެސް ، މުރުތަޟާ އެހެންމީހަކާ ދެވަން ޙަފުޞާއަށް ތަންކޮޅެއް ފަސޭހަވެސް ވާނެއެވެ.

ނޫރު ހުއްޓުވަން ، ހާރިސްގެ ދެމަފިރިން އެތައްވަރަކަށް މަސައްކަތް ކުރިއެވެ. އެތައް ވާހަކައެއް ދެއްކިއެވެ. އެހެންނަމަވެސް ، ނޫރު އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އެތަކެތި ހިފައިގެން ޙަފުޞާއަށް އެތަކެތި އަނބުރާދޭން އެގެޔަށްދާން ނުކުތެވެ.

ނޫރު އެގެޔަށް ވަދެގެން ދިޔަތަނުން ފުރަތަމަވެސް ދިމާވީ މުރުތަޟާގެ ދައްތަ ޠާހިރާއާއެވެ. ނޫރުއަށް ގޮވާލައި ، މަންމަވެސް އެއައީ ހަމަ ދެންމެ އޭ ބުނެ ޙަފުޞާއަށް ގޮވަން ފެށްޓިއެވެ. ނޫރު ގެނައިތަކެތި ކާމޭޒުމަތީ ބެހެއްޓިއެވެ. އެތަކެތި އޭނާ އެގެނައީ އަނބުރާ ޙަވާލުކުރުމަށްކަމަށް ބުންޏެވެ. ޠާހިރާއަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެތަކެތި އޭނާގެ އަތުގައި ބެހެއްޓުމުގެ އެއްވެސް ޙައްޤެއް މިހާރަކު ނެތެވެ. އެތަކެތި ޙަފުޞާ ދިނީ މުރުތަޟާއާއި ނޫރުގެ ކައިވެނި ހުށަހަޅަން އެގެޔަށް ދިޔަ ދުވަހުއެވެ. މިހާރު ، ޙަފުޞާ ބޭނުންވަނީ އެގުޅުން ކަނޑައިލުމަށެވެ. މުރުތަޟާގެ ކައިވެނި އެހެންމީހަކާ ކުރުވާށެވެ.

ޠާހިރާވެސް ނޫރުއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ރުޅިއައިސްހުންނައިރު އިންސާނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެއެވެ. ނުބުނަންޖެހޭ ވާހަކަވެސް ބުނެވޭނެއެވެ. ނޫރުއަކީ ކިޔަވައިގެންހުރި ޒުވާނެކެވެ. މަންމަމެން މުސްކުޅިންގެ ބޯދާ ވިސްނުމާއި ކުއްލިއަކަށް އެއަންނަ ރުޅިޔަކީ ނޫރުމެން ވިސްނައިގެން އެއަށް ޖަވާބުދާރީވާންޖެހޭނެ އެއްޗެކެވެ. މަންމަގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ނޫރުއަށެވެ. މަންމަ އެދެއްކި ވާހަކަތަކުން ނޫރު ރުޅިއަންނާކަށް ނުވާނެއެވެ. ހަމަޖެހިލައިގެން ވާޙަކަ ދައްކާލައިގެން ހުރިހާކަމެއްވެސް ޙައްލު ކުރެވޭނެއެވެ. ރުޅި އިސްކޮށްގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ.

ނޫރުވެސް ދައްކަމުން އެ ގެންދަނީ ހަމަ އެވާހަކައެވެ. ވާހަކަ ދައްކައިގެން ޙައްލެއް ހޯދުމުގެ ވާހަކައެވެ. އެކަމަކު ، އެއްވެސްމީހަކު ނޫރުގެ ވާހަކައަށް ސަމާލުކަމެއް ނުދެއެވެ. ނޫރުއާއި މުރުތަޟާއާ ދެމެދު ކައިވެންޏާ ބެހޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުމަކީ ، ސަތޭކަ އަހަރުވިޔަސް ޙައްލެއް ފެންނަން އޮތް މައްސަލައެއްނޫނެވެ. ޙައްލެއް ފެންނާނީ އަޞްލަށް ރުޖޫޢަ ވެވިގެންނެވެ. އަޞްލަކީ ، ދެމީހެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. އެ މައްސަލައެއް އެއްވެސް މީހަކަށް ނުފެނެއެވެ. އެންމެންވެސް ބޭނުންވަނީ އެ މައްސަލަ އޮއްބައިލާފައި ، އަވަހަށް ކައިވެނި ކުރާށެވެ. ފަހުން ވެދާނެގޮތަކާމެދު އެއްވެސް މީހަކު ޚިޔާލެއް ނުކުރެއެވެ. ދެމީހެއްގެ ކައިވެންޏަކީ އެދެމީހުން އެއްބަސްވާ ގޮތެއްގެ މަތިން ދެމީހުން ބޭނުންވެގެން ކުރެވެންޖެހޭނެ ކަމެއްކަމަކަށް އެކަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ޒަމާން ބަދަލުވެ ، އެޒަމާނުން އަންހެންކުދިންނަށް ހޯދައިދީފައިވާ އިންސާނީ ޙައްޤަކީ ، އަދިވެސް މައިންބަފައިން މޮޑޭ ފުށްގަނޑެއްފަދަ އެއްޗެކެވެ.

ނޫރުގެ ވާހަކަތަކުން ޠާހިރާ ހުރީ އާގަމަ ވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގި އަނގަހުޅުވިފައެވެ. ޠާހިރާގެ ލޯހުރީ ގޭތެރެޔަށް ވަދެގެން އައިސް ، ނޫރުގެ ވާހަކަތައް އަޑުއަހަން ދުރުގައި ހުއްޓިލައިގެން ހުރި މުރުތަޟާއަށް އަމާޒު ވެފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.