ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާއި ގުޅިގެން އެކަމާގުޅޭ ތަފުޞީލު ސަރުކާރުން ހާމަކުރައްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކުގެ ތަފްޞީލު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަފްޞީލު ޙިއްސާކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދާއި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާ އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކުގެ ތަފްޞީލު ބަޔާންކޮށްދެއްވަމުން އެބޭފުޅުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެވޭ އަސާސީ އެލަވަންސްގެ 50 އިންސައްތަ އިތުރު އިނާޔަތެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާކަމުގައެވެ.
މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް 2023 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން 3000 ރުފިޔާ ލިބިގެންދާނެކަމުގައި ހާމަކުރައްވާފައިވެއެވެ. މި ބަދަލުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން އެ މަޢުލޫމާތު ފޯރުކޮށްދެއްވާނެކަމަށާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރެއްވުމަށް NDR ޕޯޓަލް (www.ndr.nspa.gov.mv) މެދުވެރިކޮށް އެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެބޭފުޅުންވަނީ އެދިލައްވައިފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަކަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ޤާއިމުކުރުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ އެކަން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.
މީގެ އިތުރުންވެސް މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެނގޭނެ ވަރަށް ތަފްޞީލީ ދަފުތަރެއް އެކުލަވާލައްވާފައެވެ.