(1 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ބައްޕަ އެ ގެއަށް ދުރުވުމަކީ ރީތި ކަމަކަށް ނުވާނެ... މިހާރުވެސް ދެ މީހުންނަށް ދަޢުވަތު ދިނީމާ ތިން މީހުން ހިނގައްޖެ... ބައްޕަ ދުރުވީމާ ހަތަރު މީހުން ވާނެ..."
"ބައްޕަ ދުރުވީމާ އެ ގެއަކުން ނެރެއެއް ނުލާނެތަ؟"
"ނެރެލަންވީ ކީއްވެގެން؟"
"އެހެންވެއްޖެއްޔާ ދެން ތިޔަ ދައްކަނީ ކޮން ބޭކާރު ވާހަކައެއް؟"
އަޙްސަނަށް އަނގައިން ބުނާން މަޖްބޫރުވީ އޭނާގެ ވާހަކައިން ބޮލަށް އުނދަގޫވީ ވަރުންނެވެ. "ޒާރާ! އަހަންނަށް ހީވަނީ ޒާރާއަށް ނަފްސާނީ ބައްޔެއް ޖެހުނީހެން. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވެނީ އެހެންވެގެން."
"އެހެންނެއް ނުވާނެ... އަހަންނަކަށް އެއްވެސް ބައްޔެއް ނުޖެހޭ."
"އެހެންވެއްޖެއްޔާ ކޮންމެ މީހަކުވެސް އެމީހެއްގެ ހައިސިއްޔަތާއެކު ގަބޫކުރަން ދަސްކުރޭ! އެހެން މީހުންނާ ތިމާޔާ އަޅައި ބެލުމުގެ ބޭނުމެއް ނެތް. އެވެނި މީހަކު އެހެން ހަދައިފި. މިވެނި މީހަކު އެހެން ބުނެފި. މިކަހަލަ ވާހަކަތައް ދެއްކީމާ ގެއްލުން ވާނީ ހަމަ އަމިއްލަ ނަފްސަށް. އެހެން މީހަކަށް ވާނޭ ގެއްލުމެއް ނޯންނާނެ."
"އަޙްސަން. އެއީ އޭނާގެ ގޮތޭ އެހެންވީމާ ރަނގަޅޭ ބުނާ އުސޫލަކަށް އަހަރެންނަކަށް ނޫޅެވޭނެ. އެއީ އެހުރިހައި އެންމެންނަކީ އަހަރެމެންގެ ތިމާގެ މީހުން ކަމަށްވާތީ. އެ މީހުން ކަންތައް ކުރާ ގޮތުން އަހަރެމެން ހިތަށް އަސަރުކުރޭ. ދެރަވުމަށް ވުރެ ބޮޑަށް އަހަރެންގެ ގާތަށް އަންނަނީ ރުޅި. އަހަރެންގެ ހިތަށް އަރަނީ ކުއްލިއަކަށް އެހުރިހައި އެންމެންނަށް ވުރެ ބޮޑު މީހަކަށް ވެވޭނެ ނަމައޭ."
"ޒާރާ." އަޙްސަން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "މި ޒަމާނަކު ޒާރާ ތިޔަ ހީކުރާ ކަހަލަ ގޮތަކަށް ކަންތައްތަކެއް ނުވާނެ. ތިޔަ ބުނާ ކަހަލަ ތަފާތު އޮންނަނީ ޒާރާއާއި އަހަރެންގެ ޢާއިލާގައި އެކަންޏެއް ނޫން. ހުރިހައި ޢާއިލާއެއްގައިވެސް އެ ތަފާތު އޮވޭ. ބޮޑެތި މީހުން، ނޫނީ މުއްސަނދި މީހުންގެ ކޮޅަށް އެންމެންވެސް ޖެހޭނެ."
"ފައިސާގެ ކޮޅަށް އެންމެން ޖެހޭނޭ ކަމަށް އަޙްސަންވެސް ތިޔަ އިޢުތިރާފު ވަނީއެއްނު؟"
"އަހަރެން އެކަމަކާ ކުރީންވެސް ދެކޮޅެއް ނުހަދަން. އެކަމަކު..."
"ހުއްޓާލާ! ދެން އިތުރު ވާހކަ ނުދައްކާ. އަޙްސަނަކަށް އަހަރެން ބަލިކޮށެއް ނުލެވޭނެ." އޭނާ ތެދުވެއްޖެއެވެ. އަދި ހުސް ތަށްޓާއި ތަބަށް ހިފައިން ހިނގައިގެންފިއެވެ. ދަމުން ދަމުން ބުންޏެވެ.
"ފަގީރު ކަމަށް ކެތްކޮށްގެންނެއް އަހަންނަކަށް ނުހުރެވޭނެ. ދަތި ޙާލުގައި އުޅުނު ދުވަސްތައް މަދެއް ނޫން. އެވަރުން ފުދޭ. ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ އެދުންތަކުގެ މައްޗަށް ފައިން އަރައި ޗިސްކޮށްލައިގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫވޭ."
އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އަދި ބޭރުގައި ހުރެގެން އޭނާ ދެންމެ ނުކުތް ކޮޓަރިއާ ދިމާއަށް ބަލައިލިއެވެ. އެހެން އިރުކޮޅަކު ހުރެފައި އިއްކޫއަށް ގޮވައިފައި ކޮންމެވެސް ކަމެއް ކުރާން ބުނެފިއެވެ. އަދި މަޑުމަޑުން ހިނގައިފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
"ޒާރާ ދެންމެ ދެއްކި ވާހަކަތަކުން އަހަރެންނަށް އެނގުނު ގޮތުގައި ޒާރާ ދެކެނީ ވަރަށް މޮޅު ހުވަފެން. އެހެންވީމާ އަހަރެން ކަހަލަ އާދައިގެ މީހަކަށް ޒާރާގެ ދިރިއުޅުމުން ލިބޭނޭ ޖާގައެއް ނެތްކަން އަހަންނަށް އެނގޭ. އެކަމަކުވެސް އަހަރެން ޒާރާއަށް ލޯބި ހުށަހަޅާކަށް ޖެހިލުމެއް ނުވޭ."
"އަޙްސަން؟" އޭނާ އެނބުރި ބަލައިލިއެވެ.
"އާނ. ޒަރާ ބުނަނީ ކީކޭ؟"
"އަހަރެންގެ ފުރަތަމަ ސުވާލަކީ އަޙްސަނަށް އަހަންނަށް ދެވޭނީ ކޮން އެއްޗެއް ހެއްޔޭ؟"
"މިހާރު ވެސް ޒާރާ ތިޔަ އުޅޭކަހަލަ ގެއެއް އަހަރެން ދޭނަން.—ދެން ޒާރާ ދެކެ ލޯބިވާ ބަޔަކު. އެންމެ ބޮޑު އެއްޗަކަށް ދޭނީ އަހަރެންގެ ލޯބި. އެއީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ލޯތްބެއް."
"އަޙްސަންގެ ލޯތްބަކުން އަހަރެންގެ މާއްދީ އެދުންތަކެއް ނުފުދޭނެ. ދުނިޔޭގެ ހުރިހައި އުފަލެއް އެއްފަހަރާ ލިބުމަކީ އަހަރެން އެދޭ ގޮތް."
"އަހަންނަކަށް ތިޔަ ކަމުގެ ވަޢުދެއް ނުކުރެވޭނެ. އެކަމަކު މަޑުމަޑުން ގޮސް ޒާރާ ބޭނުންވާ ކަހަލަ ދިރިއުޅުމެއް ހޯދައި ދެވޭތޯ ބަލާނަން."
"މަޑުމަޑުން؟" ޒާރާ އޭނާގެ ޖަޒްބާތަށް މަލާމަތްކޮށްލިއެވެ.
"އެއީ ކޮން ދުވަހަކު؟ އަޙްސަން މުސްކުޅިވެ ނުހިނގޭ ވަރުވާ ފަހުންތަ؟ އަހަރެންގެ ލޯބޯ ކޮށިވެ، ތަނެއް ދޮރެއް ނުފެންނަ ވަރުވާ ފަހުންތަ؟ އަޙްސަން. އަހަންނަކަށް އެހައި ގިނަ ދުވަހަކު އިންތިޒާރެއް ނުކުރެވޭނެ."
އޭނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ.
"ވިސްނާލަބަލަ. ދެ މީހުންގެ ހާލަތު އެ ހިސާބަށް ދާފަހުން ލިބޭ ތަނަވަސްކަމެއްގެ ފައިދާ އަކީކޮބާ؟ އަމިއްލައަށް ކާރު ދުއްވީމާ ލިބޭ އުފަލަކީ ވަކި ކަހަލަ އުފަލެއް. ތިޔަ ބުނާހައި ދުވަސް ފަހުން ލިބޭ ކާރު ދުއްވާން ޑްރައިވަރަކު ނުހޯދައެއް ނުވާނެ. ހެނދުނު ތެދުވެގެން ގޭގެ ބެލްކަނީއަށް ނުކުމެ ހުރުމަކީ އަހަރެން ވަރަށް ބޮޑަށް ކުރާ ހިތްވާ ކަމެއް. އެކަމަކު ތިޔަ ބުނާ ތަނަވަސްކަން އަޙްސަނަށް ހޯދޭ އިރު ދެމީހުން ތިބޭނީ ހިނގައި ނުގަނެވޭ ވަރަށް މުސްކުޅިވެފައި."
"ޒާރާގެ ކުރިމަތީގައި ލޯބީގެ އެއްވެސް އަގެއް ނޯންނަނީތަ؟"
"ލޯތްބަކީވެސް ބަނޑު ފުރިފައި ހުންނަ އިރު ރަނގަޅު އެއްޗެއް. ހުސް ބަނޑާ ހުރެގެން ވާ ލޯތްބަކީ އެއްވެސް އުފަލެއް ލިބޭނޭ ލޯތްބެއް ނޫން."
"އަހަރެން ޒާރާ ހުސްބަނޑަކާ ނުބަހައްޓާނަން."
"އަޙްސަން. އަހަންނަށް މާފުކުރޭ! އަހަންނަށް ބުނެވެން އޮތީ ނޫނެކޭ..." ޒާރާ ހިލަ ހިތަކާއެކު އިންކާރު ކުރިއެވެ.
"ފެށުނީއްސުރެ އަހަންނާއި އަޙްސަނާ ދެމެދު ތިޔަ ކަހަލަ ގުޅުމެއް އޮތްނަމަ އަހަރެންގެ އެދުންތައް ގުރުބާން ކޮށްލީމުސް. އެކަމަކު އެކަހަލަ ކަމެއް ނެތް. އެހެންވީމާ މިހާރު އަހަރެންގެ އެދުންތަކުގެ ސަވާރީ މިހައި ހަލުވިކޮށް ދުވެފައި ދާއިރު ތިޔަ ކަހަލަ ހުށަހެޅުމެއް ގަބޫލުކުރުމަކީ މޮޔަކަމެއް."
"ޒާރާ. އެދުންތަކުގެ ފަހަތުން ތިޔަހެން ލޯ މަރައިލައިގެން ހުރެ ދުވުމަކީ ގެއްލުން ހުރި ކަމެއް. އެންމެ ފަހުން ގޮސް އަނގަ ވަތަށް ވެއްޓޭނީ."
"ނުރައްކަލެއް ނެތް ކަމަކީ ކޮބާ؟ ކޮންމެ ކަމަކީވެސް ނުރައްކާތެރި ކަމެއް. ނުރައްކަލާ ކުރިމަތި ނުލައެއް އެއްވެސް އެއްޗެއް ނުލިބޭނެ."
އޭނާ ވަރަށް ގިނައިރުވާންދެން ޒާރާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިހާރަކު ދައްކާނޭ އިތުރު ވާހަކައެއް ނެތެވެ. އޭނާގެ ހިތުގައި އެތައް އަހަރެއް ވާންދެން ފޮރުވައިގެން ގެންގުޅުނު ލޯބި މިއަދު ކަތިލެވުނީއެވެ. އޭނާއަކަށް ދެން ކުރެވޭނޭ ކަމެއް ނެތެވެ. އިތުރު ވާހަކަ ދައްކާނޭ ބޭނުމެއް ނެތެވެ.
"އެންމެ ރަނގަޅު. ދެން އަހަރެން ދަނީ." އޭނާއަށް ނޭވާ ލެވުނީ މި ޖުމުލައާ އެކުގައޭ ހީކުރެވުނެވެ.
"ރުޅި އައީތަ؟"
އަނިޔާވެރިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. އޭނާގެ ހިތަށް އެރިއެވެ. "ޒާރާއަކީ އަހަރެންގެ ތިމާގެ މީހަކަށްވުމުގެ އިތުރަށް އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. އަހަންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެންމެ ބޮޑަށް އެހީތެރިވެދެނީ ޒާރާ. އެހެންވީމާ އަހަރެން ރުޅި އަންނާންވީ ކީއްވެގެން؟"
އެންމެ ފަހުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "ޒާރާ. ޒާރާގެ ތިޔަ އެދުންތައް ފުރިހަމަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން..." އޭނާ ނުކުމެގެން ދަމުން ބުނެލިއެވެ.
* * *
ޓައިޕްކުރާށާއި ޝޯޓް ހޭންޑް ދަސްކުރުމަށްފަހު އޭނާ މަސައްކަތް ފެށީ ރަނގަޅު ވަޒީފާއެއް ހޯދާށެވެ. އޭނާއަކީ ސިޑިން އަރައިގެން ދާން ބޭނުންވާ މީހެއް ނޫނެވެ. އޭނާ ބޭނުންވަނީ ފުންމައިގެންގޮސް އެންމެ މަތީގައި ޖެހޭށެވެ. ފަހަރަކު ހަރުފަތެއް ގިރާކުރަމުން ދިއުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
"މުސާރައަކީ ބާރަ ސަތޭކަ ރުފިޔާ."
"ބޭނުމެއް ނޫން."
ކުޑަ މުސާރައެއްގެ ވާހަކަ ދެކެވުމާއެކު އޭނާ ދެކޮޅު ހަދައިފައި ނުކުންނަނީއެވެ.
"ފަނަރަ ސަތޭކަ."
"ފަނަރަ ސަތޭކަ ރުފިޔާއިން ކުރެވޭނީ ކޮންކަމެއް؟" އޭނާ ނުކުމެގެން ދަމުން ފަހަތް ބަލައިވެސް ނުލައެވެ.
"ޒާރާ ބޭނުންވަނީ ކިހައި ވަރެއްގެ މުސާރައެއް؟" އަޙްސަން އެންމެ ފަހުން ބޮލަށް އުނދަގޫވެގެން އެއްދުވަހަކު އަހައިލިއެވެ.
"ފެށޭ މުސާރައަށް ދެ ހާސް ނޫނީ ދެ ހާސް ފަސްސަތޭކަ ރުފިޔާ ލިބެންވާނެ. ކޮންމެ ހަ މަހަކުން މުސާރަ ބޮޑުވާން ވާނެ..." އޭނާ ހަމަޖެހިލައިގެން ހުރެ ޖަވާބު ދިނެވެ.
"އެވަރުގެ މުސާރައެއް ދޭނީ ކާކު؟"
"ދޭން ޖެހޭނެ. އެ އުޅޭ މުއްސަނދި މީހުންގެ ކޮޓަރީގައި ހުންނަ އޭސީގެ ބިލަށް ވެސް މަހަކު އަހަރެން މި ބުނާ ވަރަށްވުރެ ގިނައިން ޚަރަދު ކުރާނެ."
"ޒާރާ ދަނީ ވަޒީފާގެ އިންޓަރވިއުއަށްތަ؟ ނޫނީ އެ މީހުންގެ އޮފީހުގެ ޚަރަދު ބަލަންތަ؟"
"އަހަރެން ވާހަކަ ދައްކާނީ ހުރިހައި ކަމެއް ބަލާފައި."
"އެހެންވެއްޖެއްޔާ ވަޒީފާއެއް ހޯދުން ކުރިއަށް ގެންދޭ. ލޯބޯ ކޮށިވެ، ތަނެއް ދޮރެއް ނުފެންނަވަރުވާ ދުވަހަކު ތިޔަ ބުނާ ކަހަލަ ވަޒީފާއެއް ލިބިދާނެ."
"އަޙްސަން." އޭނާ ތަންކޮޅެއް ބާރަށް ބުންޏެވެ. "އަހަންނަށް މަލާމާތް ނުކުރޭ."
"އަހަރެން މަލާމާތެއް ނުކުރަން."
"އެހެންވެއްޖެއްޔާ ތިޔަ ކިޔަނީ ކީކޭ؟"
"އަހަރެން ބުނަން މިއުޅެނީ މިހާރު ލިބޭ ވަޒީފާ ގަބޫލުކުރާށޭ. ތަޖްރިބާ ލިބުނީމާ ފަހުން ރަނގަޅު ވަޒީފާއެއް ލިބިދާނެ. ތަޖްރިބާއަކީ ވަރަށް މުހިއްމު އެއްޗެއް."
އެ ވަގުތުގެ ގޮތުން ކަންވެސް ނޭނގެއެވެ. އަޙްސަން ދެއްކި ވާހަކަ އޭނާއަށް ހަމައެކަނި ވިސްނުނީއެއް ނޫނެވެ. އަޙްސަން ބުނި ގޮތަށް އޭނާ ހަދައިވެސްފިއެވެ. އެއްމަސް ދުވަސް ފަހުން ފަނަރަ ސަތޭކަ ރުފިޔާގެ މުސާރަ ލިބުނު ދުވަހު އޭނާ މާބޮޑަކަށް އުފަލެއް ނުވެއެވެ. ދެވަނައަށް ވީ މަހު އޭނާ އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތްވެސް ފަށައިފިއެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީގައި މިހާރު އަދާކުރާ ވަޒީފާގެ ވާހަކަ އޭނާ ލިޔެއެވެ. ވުމާއެކު ތަންތަނުން އިންޓަރވިއުއަށް އަންނާން ގޮވަން ފަށައިފިއެވެ.
"މިހާރު އަދާކުރާ ވަޒީފާ ދޫކޮށްލަން ބޭނުންވަނީ ކީއްވެގެން؟" އިންޓަރވިއުގައި ސުވާލު ކުރެވެއެވެ.
"މުސާރަ ކުޑަކަމުން. އެ ފައިސާކޮޅު އަޅުގަނޑު އޮފީހަށް އަންނާށާއި އެނބުރި ގެއަށް ދާން ޚަރަދުކޮށް ހުސްވަނީ." އޭނާ ޖެހިލުމެއްނެތި ޖަވާބު ދެއެވެ.
އޭގެ ފަހުން އޭނާ އެދޭ ގޮތް ބުނާކަށްވެސް ޖެހިލުމެއް ނުވެއެވެ.
"ޒާރާ އަށް އެހައި ބޮޑު މުސާރައެއް ދެނީ ބޮޑު މޮޔައެއް." އަޙްސަން ބުންޏެވެ.
(ނުނިމޭ)
hama varahves reethi shukuran
ވާހަކަމިދާގޮތް ވަރަށް ސަޅި. އުއްމީދުކުރަނީ ޒާރާ ގެ އުއްމީދު ތައް ހާޞިލް ވާނެކަމަށް.