އަނާ - 44

 (29 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ އަނެއްކާވެސް ބުންޏެވެ.

"ކީއްވެތޯ؟ އެއްޗެއް ނުބުނުއްވާ ހިމޭނުން ހުންނެވީ ކީއްވެތޯ؟ އަނެއްކާ އަޅުގަނޑު ނަންގަތް ވާހަކަޔާ މެދު ނުރުހުންވެލެއްވީތޯ؟"

"އަނާޖީ! މާޖިދު ޞާޙަބަކީ ކަލާގެ ފިރިކަލުންކަން އަޅުގަނޑަށް އިޙްސާސް ކުރެވޭ އެއްވެސް މައްސަލެއެއް އޭނާއާ ދެ ބަސްނުވެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން."

"ޝުކުރިއްޔާ ޘަނާ!"

އެހެންބުނެފައި އަނާ ފޯނު ބާއްވައިފިއެވެ. އަނެއްކޮޅުން ދިގުނޭވާއެއްލާފައި ޘަނާ ފޯނުބާއްވައިފިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އަނާގެ ގޮނޑީގައި އިށީނދެއްޖެއެވެ. ސްޓެނޯގްރާފަރ ފަރީދާއަށް އެތަން ފެނުމުން ސިއްސައިގެންދާގޮތްވިއެވެ.

"އަހަރެން މި ގޮނޑީގައި މިއިށީނީ އޭނާ އަމުރުދެއްވީމާ!" ޘަނާ އަތްއުފުލާލާފައި ބުންޏެވެ. އަދި ފަރީދާގެ ޙައިރާންކަން ދުރުކޮށްލިއެވެ. ކުޑައިރުކޮޅެއްފަހުން ޘަނާ ތެލެފޯނުން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. ހީވަނީ އެއީ އޭނާދަންނަ ކޮންމެވެސް ޑޮކްޓަރެއް ހެންނެވެ. އޭނާ އެ ޑޮކްޓަރާ ބައްދަލުވުމުގެ ވަގުތެއް ކަޑައެޅުމަށްފަހު ފޯނުގެ އަތްގަނޑު ބާއްވައިފިއެވެ.

އެކަމަކު .... އިރުކޮޅެއްވަންދެން ކޮންމެވެސް  އެއްޗެއް ވިސްނާލަން އިނދެފައި ފަރީދާ ކުރެން އަހައިގެން ގޭގެ ނަންބަރު އޮޅުން ފިލުވައިފިއެވެ. އަދި އަނާއާ ތެލެފޯނުން ގުޅާލައިފިއެވެ.

"ކަލާއަށް ފެނިލައްވާ ކަމަށްވަންޏާ އަޅުގަނޑު އަންނަންތޯ؟ އެހެނީ މިހާރު ޑޮކްޓަރުގެ އެޕޮއިންޓްމަންޓްވަނީ ހަމަޖެހިފައި އަދި ޗެކްއަޕްކުރުމަކީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް...."

"އެންމެ ރަނގަޅު އަޅުގަނޑު ތައްޔާރުވެލައިގެން ބައިގަޑިއެއްހާއިރު ތެރޭގައި ބޭރަށް މި ނުކުންނަނީ ކަލާވެސް ދުރުވޭ..."

"ވަރަށް ރަނގަޅު އަނާޖީ! އަޅުގަނޑު މި ދަނީ..."

ކުޑައިރުކޮޅެއްފަހުން އޭނާ ކުންފުނީން ނުކުމެގެން އެ ތާނގެ ރަތްކުލައިގެ ކޮރޯލާ ކާރުގައި ގެއާދިމާއަށް ހިނގައްޖެއެވެ. ބައިގަޑިއިރުވުމުގެ ދިހަމިނެޓް ކުރިން އޭނާ ގެއަށް ހިނގައްޖެއެވެ. އަދި ގޭގެ ޕޯރޓިކޯގައި ކާރުމަޑުކޮށްލައިގެން ކާރުގައި އިނީއެވެ.

ބަރާބަރު ދިހަމިނެޓް ހަމަވާއިރަށް އަނާ ކޮޓަރިން ނުކުމެއްޖެއެވެ. ޘަނާއަށް އޭނާ ފެނުމުން އޭނާގެ ބަލި ޙާލަތު ޘަނާއަށް ވަރަށް ރަނގަޅަށް އިޙްސާސްކުރެވުނެވެ. އަނާ ކާރާދިމާއަށް އަންނަތަން ވަރަށް ފަރުވާތެރިކަމާއެކު އޭނާބަލަން އިންނެވެ.

ކުއްލިއަކަށް އެއްފަރާތަކުން މާޖިދު ފެންޑާ މައްޗަށް ނުކުމެއްޖެއެވެ. އޭނާ އަޖައިބުވާފަދަ ނަޡަރަކުން އަނާއަށާއި ޘަނާއަށް ބަލާލިއެވެ.

ޘަނާ ކާރުސްޓާޓްކޮށްލިއެވެ. އޭނާގެ ތުންމަތްމަތީގައިވަނީ ވިސްނާނަން ނޭނގޭކަހަލަ ހިނިތުންވުމެކެވެ. އަޅުގަނޑު ކަލާއަށް ނަންގަތީ ގޭޓް ކައިރީގައި ބޭރަށް އައިސް ދެއްވުމަށް އަނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވާގޮތްވެފައެވެ. އޭނާ މިހެން ބުނީ ކާރުގައި އިށީންނަމުންނެވެ.

"ސޮރީ އަނާޖީ! އަޅުގަނޑަށް ކަލާ ބުނުއްވި އެއްޗެއް ނޭނގުނީ." ޘަނާ ކާރުފަހަރަށް ޖަހާލަމުން ބުންޏެވެ. ކުޑައިރުކޮޅެއް ފަހުން އެމީހުން ތިބީ މަގުމަތީގައެވެ. ދެ މީހުންވެސް ތިބީ ވަރަށް ހިމޭނުންނެވެ. އެންމެފަހުން ޘަނާ ވާހަކަ ދައްކަން ފެއްޓިއެވެ.  ކަލާ ޗެކްއަޕެއް ހަދަން މިހާރު މިދާ ޑޮކްޓަރ ގާތުގައި ހަމަރަނގަޅަށް  ހުރިހާ  ވާހަކައެއް ކިޔާދެއްވަންވާނެ....އަދި އޭނާ ބުނާގޮތަކަށް ކަލާވެސް ރަނގަޅަށް ކަންތައްތައް ކުރައްވަންވާނެ!"

"ރަނގަޅު...." އަނާ ކާރުގެ ފަހަތު ސީޓުގައި އިނދެފައި ކުޑަދޮރުން ބޭރުބަލާލާފައި ޖަވާބުދިނެވެ. ޘަނާ ހީކޮށްގެން އިނީ އޭނާ އިށީންނާނީ އޭނާގެ ކައިރީގައި ކުރީ ސީޓްގައި ކަމަށެވެ. ނަމަވެސް އެހެން ނުވުމުން އޭނާ އިނީ ކުރިމަތީގައި ހުންނަ ލޯގަނޑުން އަނާގެ މޫނު ރީތިކޮށް ފެންނާނެހެން އެ ލޯގަނޑު ސެޓްކޮށްގެންނެވެ. އަނާއަށްވެސް އެކަން އިޙްސާސްކުރެވެއެވެ.

"އެކަމަކު...." އަނާ އެކަން އެނގޭކަމަކަށް އެއްގޮތަކަށްވެސް ނުހަދައެވެ.

"އަނާޖީ! ވާހަކައެއް ނަންގަންނަންތޯ؟ ބުނުއްވަ ބައްލަވަ!"

"ކަލާ އަމިއްލަ އަށް މާޖިދު ޞާހަބާ މެދުކަންތައް ބަހައްޓަވާގޮތް ތިޔަ އަސްލުގައި މިހެން ބުނަން ހިތެއްވެސް ނޭދޭ.... "

"އެކަމަކު އަޅުގަނޑުގެ ބައްޔަކީ ޢަޖައިބެއްވާކަހަލަ ބައްޔެއް. ހަމައެއްގޮތަށްވެސް ރަނގަޅެއްނުވޭ. ވާގޮތެއްވެސް ނޭނގެ..."

"ކަލާ ވަރަށް އަވަހަށް ރަނގަޅުވެދާނެ. ޙަޤީޤަތުގައި ކަލާ މާބޮޑަށް މަސައްކަތްކުރެއްވީ ރޭގަނޑާދުވާލު. މަސައްކަތް ކުރައްވަން ހައްދަވައިގެން ކަލާގެ ޞިއްޙަތަށް މާބޮޑަށް އަސަރުފޯރީ. އަދި އަޅުގަނޑަށް ވިސްނޭގޮތުގައި ކަލާގެ ސިކުނޑިއަށްވެސް މާ ބާރުބޮޑު...."

"އަޅުގަނޑުގެ ޚިޔާލަކީ ތިޔައީ." އަނާ ބުންޏެވެ.

ދެން އޭގެފަހުން ދެމީހުން އެއްވެސް  ވާހަކައެއް ނުދައްކައެވެ. އަނާ އިތުރުވާހަކަދައްކަން ބޭނުންނުވާކަން ޘަނާއަށް ވިސްނުނީއެވެ. ކުޑައިރުކޮޅެއްފަހުން އެ މީހުން ދުއްވަމުން އައިކާރު ވަރަށް ރީތިގެއަކަށް ވަދެއްޖެއެވެ. އެއީ ޑޮކްޓަރ އަމާންގެ ގެއެވެ.

ޑޮކްޓަރ އަމާންއަކީ ޖެނެރަލް ފިޒިޝަންއެކެވެ. އަދި ސާރޖަނެއްވެސް މެއެވެ. އޭނާގެ އަމިއްލަ ހޮސްޕިޓަލެއްވެސް ހުރެއެވެ. ޑޮކްޓަރ އެޕޮއިންޓްމަންޓު ދިނީ ހޮސްޕިޓަލުގައި ބައްދަލުވުމަށް ކަމުގައިވިޔަސް ޘަނާ ބޮޑަށް ބޭނުންވީ ގޭގައި ބައްދަލުކުރާށެވެ.

ޑޮކްޓަރ އަމާން ވަރަށް އަޚުލާޤީ ގޮތަކަށް އެ ދެ މީހުންނަށް މަރުޙަބާ ކިޔުމަށްފަހު އެ މީހުން ގޮވައިގެން އޭނާގެ ކޮންސަލްޓެންޓް ރޫމަށް ވަދެއްޖެއެވެ. އޭނާ އަނާ ވަރަށް ބޮޑަށް ބެލިއެވެ. އަދި ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނިޓް ވަންދެން އޭނާޔާ ވާހަކަ ދެއްކިއެވެ. އެއަށްފަހު ދިގުނޭވާއެއް ލާފައި ޑޮކްޓަރ ބުންޏެވެ.

"އަނާގެ ޞިއްޙަތު އެ ގޮތަށް ކުއްލިއަކަށް ގޯސްވާންދިމާވި ސަބަބަކާ ބެހޭގޮތުން ނުވަތަ މިހާރުވެސް ދުވަހެއް ދުވަހަކަށް ދަށަށް ދާގޮތަކާމެދު ހަމަމިހާރު އެއްޗެއް ނުބުނެވޭނެ. ޡަނާ ބުނުއްވާފައި ވާފަދައިން މަސައްކަތް ބޮޑުވެގެން ޞިއްޙަތަށް ބަދަލެއް އައުމަކީ އެކަށީގެން ނުވާ ކަމެއްނޫން.... އަދި އެކަމާމެދު ވިސްނާނެތަންވެސް އެބައޮތް.... އެކަމަކު އަނާ ސާހިބާ! އަޅުގަނޑު އެދެނީ ބްލަޑް ޓެސްޓެއް ހަދަން އަދި އެކްސްރޭއެއް ވެސް ނަގަން. އޭރުން ބޭސްކުރުމުގައި ފަސޭހަވާނެ... ތިޔަ ބޭކަލުންނަށް މިގޮތް އެންމެ ރަނގަޅުކަމަށްވާނަމަ މިރޭ ހަތްގަޑިބައިވާ އިރަށް ހޮސްޕިޓަލަށް ދުރުވެދެއްވާ!"

ޘަނާ ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ. އަދި އަނާ ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. އަދި ކާރުގައި ގެއަށް ދިއުމުގެ ދަތުރު ފައްޓައިފިއެވެ. ކުޑަތަންކޮޅަކަށް ދުއްވާލުމަށްފަހު އެތައް ފަހަރެއގެ މަތިން އަނާ ބުނެގެން ކާރުގެ މިސްރާބު ކުންފުންޏާ ދިމާއަށް ބަދަލުކޮށްލަން ޘަނާއަށް މަޖްބޫރުވެއްޖެއެވެ. ޘަނާ އެކަންތައް ހުއްޓުވޭތޯވެސް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.

"ކަލާ ގެއަށް ދުރުވެ އަރާމުކުރައްވާ!" އޭނާ ތަކުރާރުކޮށް އަނާގާތުގައި ބުނަމުން ދިޔައެވެ.

ނަމަވެސް އެންމެފަހުން އަނާބުނީ "އެ ތާނގައި އަހަރެންނަށް ނޭވާލާންދަތިވޭ." މިހެންނެވެ.

ދެން ޘަނާއަށް ޖެހުނީ އަނާގޮވައިގެން ކުންފުންޏަށްދާށެވެ. ކުޑައިރުކޮޅެއް ފަހުން ލިފްޓުގެ ޛަރީއާއިން އަނާ ކުންފުނީގެ އިމާރާތުގެ އެންމެ މަތީބުރިއަށްގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އޭނާގެ ގޮނޑީގައި ޘަނާ އިށީނުމަށް އިޝާރާތްކޮށްލައިފިއެވެ. އަދި ސްޓެނޯ ފަރީދާކައިރީގައި ޖެހިގެންހުރި ކޮޓަރިއަށް ދިއުމަށާއި އޭނާއަށް ގޮވީމާނޫނީ މި ކޮޓަރިއަށް ނާންނަން ބުނެފިއެވެ.

"ޑޯންޓް ޑިސްޓާރބްއަސް...." އަނާ ފަރީދާއާދިމާއަށް ބުނެލިއެވެ.

ކޮޓަރިތެރޭގައި މިހާރުތިބީ އަނާއާއި ޘަނާއާ ދެމީހުންނެވެ. ދެ މީހުންވެސް ތިބީ ހިމޭނުންނެވެ. އަނާ ފެންނަނީ ވަރަށްބޮޑަށް ވަރުބަލިވެފައިވާ ގޮތެއްގައެވެ. އޭނާ އަމިއްލައަށްވެސް އޭނާގެ ވަރުބަލިކަން އިޙްސާސްކުރަމުންދެއެވެ. އޭނާ ގޮނޑީގައި އިށީނދެގެންއިނެވެ. އޭނާ ބަލަމުންދަނީ އަނާއާ ދިމާއަށެވެ.

"ކަލާ އިޙްސާސްކުރައްވަމުން ގެންދަވަނީ ކޮންކަމެއްތޯ؟" ޘަނާ ނުހަނު ކަންބޮޑުވެފައިވާ ގޮތެއްގައި އަނާއާ ދިމާއަށް ބަލަން އިނދެ ސުވާލުކޮށްލިއެވެ.

 އަނާ ސިއްސައިގެން ދިޔަކަހަލަ ގޮތަކަށް ލޯހުޅުވާލިއެވެ. އަދި އޭނާ އަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުންޏެވެ.

 "ވަރުބަލިވަނީ...."

"ކަލާ މިރޭ ހޮސްޕިޓަލަށް ދުރުވާނަންތޯ؟

"ލައްބަ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިހާރު ވަރަށް ބަލިހެން. ކިރުތަށްޓެއް ބޯލީމާ ރަނގަޅުވާނެހެން ވެސް. ހީވޭ އެކަމަކު ހުރިހާ އިރަކު ކިރެއްވެސް ނުބޮވޭނެ ނޫންތޯ. ކޮންމެއަކަސް މި ރޭ އެނގިދާނެތާ!" ކުއްލިއަކަށް މާޖިދު އޮފީހަށް އަތުވެއްޖެއެވެ. އަދި އަނާއާއި ޘަނާ އެތާނގައި ތިބިތަން ފެނިފައި ހީނލިއެވެ.

"އަހަރެން ހީކުރީ ކަލޭމެން ޝަހަރުން ބޭރަށް ދިޔައީކަމަށް..."

"ތިޔަހެން ތިޔަބުނީ ކީއްވެގެން...." އަނާ ސިއްސައިގެންގޮސްފައި ބުންޏެވެ. ޘަނާވެސް ވަރަށް ބާރަށް މާޖިދާ ދިމާއަށް ބަލާލިއެވެ. މާޖިދު އަނެއްކާވެސް ހީނލިއެވެ. އަދި ވަރަށް ހަމަޖެހިލައިފައި ޖީބުން ސިނގިރޭޓް ޕެކެޓެއްނެގިއެވެ. އަދި އެއިން ސިނގިރޭޓެއް ނަގާފައި ރޯކުރަން އުޅުނެވެ. އެވަގުތު އަނާ ބުންޏެވެ.

"ނޫން...ސިނގިރޭޓް ރޯނުކުރޭ. އަހަރެންނަށް ދުމުގެ ސަބަބުން ވަރަށް އުނދަގޫވޭ.... މިހާރުވެސް އަހަރެން ވަރަށް ބަލި..."

މާޖިދު ސިނގިރޭޓް ރޯކުރުން ހުއްޓާލިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.