2008 ވަނައަހަރު ، ރައީސް ނަޝީދު ، ދިވެހިރައްޔިތުންނަށް ގެނެސްދެއްވި ޑިމޮކްރަސީއަކީ ، އިސްލާމީ ހަމަތަކާއި ދީނީ އުޞޫލުތަކާ ޚިލާފު ވެރިކަމެއްކަން ، 29 މެއި 2023 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ، ރައީސް ނަޝީދު ސާބިތުކޮށްދެއްވައިފިއެވެ. ރިޔާސަތުގައި އިންނަވައި ވިދާޅުވިއެވެ.
" ޗޯރުއިބްރޭފަދަ ނަންނަން ، ރައީސަށް މުޚާތަބުކޮށް ބޭނުންކުރުމުން ، ހަމައިން ނައްޓައިގެން ދިއުމަކީ ، ޑިމޮކްރަސީގެ ރޫޙުގައި ފަހަތަށް އެޅޭ ފިޔަވަޅެއް "
" ރައީސް ނާޞިރަށް ކަރުކުރު ބައިސާ ، ރައީސް މައުމޫނަށް ގޮޅާބޯ ، ރައީސް ނަޝީދަށް ގަންޖާބޯ ، ރައީސް ވަޙީދަށް ބާޣީވަޙީދު ، ރައީސް ޔާމީނަށް ރާގޮނޑިރާޖާ ، މިނަންތައް އަޅުގަނޑުމެންވަނީ ، މިމަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި އެކިގޮތްގޮތަށް ކިޔާފައި ". ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.
މިއީ ، ރާއްޖޭގެ ރައީސްކަން ކުރެއްވި ޢިއްޒަތްތެރި ވެރިންނަށް ، ރައީސް ނަޝީދުގެ ޑިމޮކްރަސީގައި ، އެބޭފުޅުންނާ މުޚާތަބުކުރަން ރަނގަޅު ނަންނަމެވެ. މި ބޭފުޅުންގެ ތެރެއިން ، ވެރިކަން ނުހިންގިގެން ، ރައީސްކަމުން އިސްތިޢުފާދެއްވީ ހަމައެކަނި ރައީސް ނަޝީދެވެ. އެހެން ހުރިހާ ބޭފުޅުންވެސް އެބޭފުޅުންގެ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވިއެވެ. ރައީސް ނަޝީދަށް ވެރިކަން ނުކުރެއްވުނީ ، ރައީސް ނަޝީދުގެ ޑިމޮކްރަސީގައި ، އެއޮތް ރޫޙަކާ އެއްގޮތަށް ވެރިކަން ނުކުރެވިގެންކަމަށް ވެދާނެއެވެ.
ރައީސް ނަޝީދުގެ ޑިމޮކްރަސީގެ ރޫޙަކީ ، ރަސޫލު ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު ތަންދޮރު ނުދަންނަ ޖާހިލު ، ގަމާރުންގެ މެދުގައި އޮތް ފަދަ އެއްޗެކެވެ. އިންސާނިއްޔަތާ އަދި މާތްވެގެންވާ އިސްލާމްދީނާޚިލާފު ، ބާތިލު އެއްޗެކެވެ. ޖާހިލުކަމުގެ އަނދިރީގައިތިބި ، އެބައިމީހުންގެ މައްޗަށް ރަސޫލަކު ފޮނުއްވައި ، ކީރިތި ޤުރުއާން ބާވައިލެއްވީ ، އެބައިމީހުންނަށް ، ﷲ ރުހިވޮޑިގެންވާ ތެދުމަގު ބަޔާންކޮށްދެއްވުމަށް ޓަކައެވެ. ޙައްޤާއި ބާތިލު ވަކިކޮށް ދެއްވުމަށްޓަކައެވެ.
ކީރިތި ޤުރުއާނުގެ އަލްޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ.
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ، ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ ، އެ ފުރައްސާރަ ކުރެވުނުމީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ، އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ، ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ ، އެ ފުރައްސާރަ ކުރެވުނުމީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބުނުކިޔާށެވެ. ( އެބަހީ : އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ. ) އަދި އެއްބަޔަކު އަނެއްބަޔަކަށް ، ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ، ފާސިޤުވުމުގެ ނަން ލިބުމަކީ ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި ، ( އެކަންތަކުން ) ތަވްބާނުވިމީހާ ( ދަންނާށެވެ ! ) ފަހެ ، އެއުރެންނީ ، ހަމަ އަނިޔާވެރިންނެވެ. "
ޤިޔާމަތް މަޙުޝަރުދުވަހު ، މީސްތަކުންނަށް ގޮވައިލެވޭނީ ، އެމީހަކަށް ދެވިފައިވާ ނަމުންނެވެ. އަދި އެބައިމީހުންގެ ބައްޕަގެ ނަމުންނެވެ. ( މުސްލިމް 1735 ) . ރައީސް ނަޝީދަށް ގޮވައިލެވޭނީ ގަންޖާބޯގެ ނަމަކުން ނޫނެވެ.
ނެތުމުގެ ތެރެއިން އިންސާނާ އުފައްދަވައި ޚަލްޤުކުރެއްވި ، ﷲ ސުބްޙާނަހޫ ވަތަޢާލާ މަނާކުރައްވާފައިވާ ކަމަކަށް ބާރުދީ ، ހިތްވަރު ދިނުމަކީ އިސްލާމްދީނުގެ ހަމަތަކާ ޚިލާފު ޢަމަލެކެވެ. އެއްބަޔަކު އަނެއްބަޔަކަށް ، ނުރުހޭކަހަލަ ލަޤަބުން ނުގޮވާން ، ﷲ ތަޢާލާ އެވަނީ އިންސާނުންނަށް އަންގަވާފައެވެ. ﷲ ގެ އަމުރުފުޅާ ޚިލާފަށް ، ޑިމޮކްރަސީގެ ރޫޙޭ ކިޔައިގެން ، މީހުން ނުރުހޭ ލަޤަބުން ގޮވިޔަސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭމީހަކު ، ވެރިކަމުގެ ތިންބާރުން އެއްބާރުގެ ވެރިކަމުގައި ބައިންދަން ހެޔޮނުވާނެއެވެ. އެހެންމީހުންނާ ދިމާއަށް ވަކިކަމަކާ އަޅުވައި ، ހުތުރު ނަންނަމުން ގޮވޭއިރު ، ރައީސް ނަޝީދާ ދިމާއަށް ގަންޖާބޯއޭ ގޮވާނީވެސް ކަމެއްވެގެންތާއެވެ. އެނަމުން ގޮވިޔަސް ، ރައީސް ނަޝީދަށް ތަފާތެއް ނެތަސް ، އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ކީރިތި ޤުރުއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނާތާ ޚިލާފު އެއްވެސް އަސާސަކީ ، އިސްލާމްދީނުގައި ހުއްދަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ޑިމޮކްރަސީއާއި އެ ޑިމޮކްރަސީގެ ރޫޙަކީ އިސްލާމްދީނާ މުޅިން ޚިލާފު އަސާސްތަކެއްގެ މައްޗަށް ބިނާވެފައި އޮތް އެއްޗެއްކަން ، ޚުދު ރައީސް ނަޝީދު އެއޮތީ ސާބިތުކޮށްދެއްވާފައެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ :
" މިނިވަންކަމާއެކު ފިކުރުކުރުމާއި ، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން ، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ، ފާޅުކުރުމުގެ މިނިވަންކަން ، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. "
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާ :
" ނޫސްވެރިކަންކުރުމާއި ، މުއާޞަލާތީ ވަޞީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި ، މަޢުލޫމާތާއި ، ފެންނަގޮތްތަކާއި ، ޚިޔާލުތައް ފާޅުކުރުމާއި ، ޝާއިޢު ކުރުމާއި ، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް ، އެއްވެސްމީހަކަށް މަޖުބޫރުކޮށްގެންނެއް ނުވާނެއެވެ. "
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާ :
" އެމީހެއްގެ ނަމާއި އަބުރު ، ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ، ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. "
މީގެ އިތުރަށް ، ދިރިއުޅުމުގެ ޙައްޤާއި އަމިއްލަ މިނިވަންކަމާއި ނަފުސު ރައްކާތެރިކުރުމުގެ ޙައްޤު ، ޤާނޫނު އަސާސީގެ 21 ވަނަމާއްދާއިން ، ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.
ރައީސް ނަޝީދުގެ ޑިމޮކްރަސީގެ ރޫޙު ، އެސާބިތުކޮށްދެއްވި މަގުންބަލާއިރު ، ކީރިތި ޤުރުއާނާ ޚިލާފެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ޚިލާފެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލުކުރެވެމުންދާ ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފެވެ.
މީހުންގެ އަބުރު ކަތިލުމަށްޓަކައި ވަނަން ހަދައިގެން މީސްމީހުންނާ މުޚާތަބުކޮށް ، ކަނޑުފޭރޭ ޗޯރު ، އަދި ލުޓޭރު އިބްރޭ ފަދަ ވަނަން ، ޓީވީ ޗެނަލަކުން ކިޔުމަކީ ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ( ސުލޫކީ މިންގަނޑު ) އާ ޚިލާފު ކަމެކެވެ.
ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިޖްތިމާޢީ އަޚުލާޤު ހިފެހެއްޓުމުގެ ބައިން:
- މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑުކަމަށް ޢާންމުގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން.
- އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން
ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ މީހުންގެ އަބުރުވެރިކަމާއި ޒާތީދިރިއުޅުން ރައްކާތެރިކުރުން
- މީހެއްގެ ނުވަތަ ބަޔެއްގެ ޙުރުމަތް ކެނޑިދާފަދަ ނުވަތަ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެފަދަ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން.
މިހުރިހާ ހަމަތަކާއި އުޞޫލުތަކާ އަދި ދީނީ ހަމަތަކާއި ޤާނޫނީ ޙުކޫމަތަށް ބަލާއިރު ، ރައީސް ނަޝީދު އެވިދާޅުވާ ޑިމޮކްރަސީގެ ރޫޙަކީ ، އެހުރިހާ އެއްޗަކާ ޚިލާފު އެއްޗެކެވެ. އެފަދަ ރޫޙެއްގެ ފިކުރު ، ރަނގަޅުވާނީ މިދިވެހި ފަސްގަޑުގައި ދިރިގެން ނުދިއުމެވެ. ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ އެއްވެސް ރޫޙެއް ، ދިވެހި ފަސްގަނޑުގައި ބީހިގެން ގޮސްގެން ނުވާނެއެވެ. އެއީ ސަލާމަތް ބުއްދިހުރި އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ކަމެއްނޫނެވެ.
ރައީސް ނަޝީދަކީ ﷲ ޙަރާމް ކުރެއްވި ކަންތަކެއް ދިރުވަން މަސައްކަތްކުރާ މީހަކު ކަމުގައި ވުމަށް އަހުރެން ނޭދެމެވެ. ﷲ އާއި ރަސޫލާ ނަހީކުރައްވާފައިވާ ނަންތައް ނުވަތަ މީހުން ނުރުހޭފަދަ ނަންތައް އެމީހުނާ ދިމާލަށް ކިޔުމަކީ ޑިމޮކްރަސީ ކަމުގައި ނަޝީދު ދަނީ ބުނަމުން ކަމުގައި ވީހިނދު އެބުނާ ޑިމޮކްރަސީ އަކީ ޙަރާމް އެއްޗެކެވެ. އިސްލާމް ދީނާ ޚިލާފް ކޮންމެ އެއްޗަކީ ހުއްދަ އެއްޗަކަށް ނުވާހިނދު، ﷲ ވަކި ގޮތަކަށް ޢަމަލު ބަހައްޓަވަން އަހުރެމެން އިންސާނުންނަށް އެންގެވީމާ ﷲ ގެ ފޮތަށް އުރެދުމަކީ ފާފަވެރިވާނެ ކަމެކެވެ. އަދި ހަމަ އެހެންމެ ﷲ އަށް އުރެދޭ މީހާއަށް ތާއީދު ކުރާމީހާވެސް އެކުރަނީ ފާފައެވެ. ވީމާ އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފު އަދި އިސްލާމްދީނާ އިދިކޮޅު ފިކުރުތައް ދިރުވުމަށް މަސައްކަތްކުރާ މީހުންނަކީ އިސްލާމުންގެ ތެރެއިންވާ މީހުންނަށް ވާނެ ހެއްޔެވެ؟ އިސްލާމުން ދިރުވާނީ އިސްލާމީ ފިކުރެވެ. ކީރިތި ޤުރުއާނާއި ﷲ ގެ ރަސޫލާގެ ހަދީޘްތަކާ އިދިކޮޅު ފިކުރެއްގެ ދިރުމެއް ނިމިގެންދާނީ ހަމަޔަގީނުންވެސް ނަރަކަވަންތަ ވެރީންނާއެކު ނޫން ދެން ކޮންބަޔަކާއެކު ތޯއެވެ؟