ޕާކިސްތާނުގެ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގެ ސުވާތު ވާދީގެ ޕޮލިސް ސްޓޭޝަނެއްގައި އިއްޔެރޭ (ހޯމަދުވަހުގެރޭ) ބާރުގަދަ ދެ އެއްޗެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންވެސް ހިމެނެއެވެ. ސުވާތު ވާދީއަކީ ކުރިން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ދިގު މުއްދަތަކަށް އޮތް ސަރަހައްދެކެވެ. 2000 ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި ޕާކިސްތާނު ސިފައިން ވަނީ އެ ސަރަހައްދު އަތުލާފައެވެ.
ޚައިބަރް ޕަޚްތޫންޚާ ފުލުހުންގެ ވެރިޔާ އަޚްތަރު ޙަޔާތު ވިދާޅުވި ގޮތުގައި ޕޮލިސް ސްޓޭޝަނާއި އެތަނާއި އިންވެގެން ހުރި ކައުޓަރ ޓެރަރިޒަމް ޑިޕާޓްމަންޓު (ސީޓީޑީ) ގެ އޮފީހުގައި މި ގޮވުމުގައި ގިނައިން މަރުވެފައި ވަނީ ކައުންޓަރ ޓެރަރިޒަމް އޮފިސަރުންނެވެ. އޭގެ އިތުރުން، ގޮވި ވަގުތު އެތަން ހުރަސްކުރި އަންހެނަކާއި ކުޑަ ކުއްޖަކު މަރުވެފައި ވެއެވެ.
ހޮސްޕިޓަލްތަކުން މައުލޫމާތު ލިބޭގޮތުގައި މި ގޮވުމުގައި 57 މީހަކަށް އަނިޔާވެގެން ފަރުވާދީފައި ވެއެވެ.
މި ގޮވުންތައް ގޮވާފައި ވަނީ ސީޓީޑީން ޓެރަރިސްޓު ހަނގުރާމަވެރިންނާ ދެކޮޅަށް ސުވާތުގެ ލައްކީ މަރުވާތުގައި ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންގެ 3 މީހަކު މަރުވެފައި ވަނިކޮށެވެ. އެހެންކަމުން، ބައެއް ފަރާތްތަކުން ޝައްކުކުރަނީ މި ގޮވުމަކީ ޓެރަރިސްޓުން ދިން ހަމަލާއެއް ކަމުގައެވެ.
އެހެންނަމަވެސް ރޭ 8:20 ހާއިރު ހިނގި މިހާދިސާގެ މައުލޫމާތު ރޭ މެންދަމުގެ ވަގުތެއްގައި ނޫސްވެރިންނަށް ދެއްވަމުން މާލާކަންޑް ޑިސްޓްރިކްޓް ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް (ޑީއައިޖީ) ނާޞިރު މަހްމޫދު ސައްޓީ ވިދާޅުވިގޮތުގައި، އެ ގޮވުމަކީ ޓެރަރިސްޓު ހަމަލާއެއް ނޫނެވެ. ބައެއްގެ "ފަރުވާކުޑަކަމުން" ސީޓީޑީ އޮފީހުގެ ބައެއްގައި ހުރި ހަތިޔާރާއި ބަޑިބޭސް ރައްކާކުރާ ގުދަނެއް ގޮވީއެވެ. އޭނާ ވިދާޅުވީ، އެހެންވިޔަސް މައްސަލަ ތަހުގީގުކުރަމުން އަންނަކަމުގައެވެ.
ބާރުގަދަ ގޮވުމުގެ ސަބަބުން ޕޮލިސް ސްޓޭޝަނާއި، ސީޓީޑީ އޮފީހާއި، ކައިރީގައި ހުރި ކުޑަ މިސްކިތެއްގެ ފުރާޅު ވެއްތިފައިވާއިރު، ވެއްޓިފައިވާ ބައިތަކުގެ ތެރޭގައި ފުލުހުންގެ ވިއްސަކަށް މީހުން ތާށިވެފައިވާ ކަމަށް ވެއެވެ.
ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ރީޖަނަލް ޗީފް ސުހައިލް ޚާލިދްވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ފެންނަ ފެނުމަށް މިހާދީސާއަކީ ޖާނުން ފިދާވެގެން ދީފައިވާ ޓެރަރިސްޓު ހަމަލާއެއް ނޫނެވެ.
އެއްވެސް ފަރާތަކުން މި ގޮވުމުގެ ޒިންމާ އުފުލާފައިވެސް ނުވެއެވެ.