ބްލޫ ރިބަން: ޕްލާސްޓިކް ކޮތަޅުގެ މައްސަލަ

LONDON - FEBRUARY 29: Shoppers leave a Sainsburys store with their purchases in plastic bags on February 29, 2008 in London, England. The Prime Minister Gordon Brown has stated that he will force retailers to help reduce the use of plastic bags if they do not do so voluntarily. (Photo by Cate Gillon/Getty Images)

ޕްލާސްޓިކް ކޮތަޅަކީ ، ޚާއްޞަކޮށް ރާއްޖެފަދަ ޤައުމަކަށް ތިމާވެށީގެ ދާއިރާއިން ކުރިމަތިވާނެ އެންމެ ނުރައްކާބޮޑު އެކައްޗެވެ. ތިމާވެށީގެ ނުރައްކާތަކުން ސަލާމަތް ވުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައިވެސް އެކި ފެންވަރުގައި ، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުންނެވެ.

ދާދި މިދާކަށްދުވަހު ، ތިމާވެށްޓާ ގުޅޭގޮތުން ރާއްޖޭގައި ހިނގި އެންމެ މުހިންމު ކަމަކީ ، ބާޒާރުކުރާ ކޮތަޅުން ދެރުފިޔާނަގަން ޤާނޫނަކުން ފާސްކުޅަ މައްސަލައެވެ. ފިހާރައިން ބާޒާރުކުރާމީހާ ، ބޭނުންކުރާ ކޮތަޅަކަށް ދެރުފިޔާ އެ ފިހާރަޔަކުން ނަގައި އެފައިސާ މީރާއަށް ދައްކަން ޤާނޫނުގައި ލާޒިމް ކުރެއެވެ.

މިމުހިންމު ބިލަކީ ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާޝިދު ، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި ، 28 ނޮވެމްބަރ 2022 ގައި ބޭއްވުނު ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނައަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުން މިބިލަށް ވޯޓު ދެއްވިއެވެ.

މިބިލަކީ ކިތަންމެ މާތް މަޤްޞަދެއްގައި އެކުލަވައިލެވުނު ބިލެއްނަމަވެސް ، މަޖިލީހުގެ މެންބަރުންގެ  ފެންވަރު މިބިލުން ވަރަށް ސާފުކޮށް އެބަ ފެނެއެވެ. ދޯހަޅި ބިލެކޭ ދަންނަވަން މިޖެހުނީ އެސަބަބަށްޓަކައެވެ. ދޯހަޅި ، މިބަސް ބޭނުންކުރެވެނީ ، ފަރުވާ ކުޑަވުމަށެވެ. ފެންވަރު ދަށްވުމަށެވެ. ފޭރާން ދަށްވެފައި ތާކުންތާކު ނުޖެހޭގޮތަށް ކަމެއް ކުރެވުމަށެވެ. ހަރުދަނާކަން ކުޑަވުމަށެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުޅަ ބިލެކެވެ. 54 މެންބަރުން ވޯޓުދެއްވިއެވެ. ބަހުސް ކުރެވުނެވެ. ބިލުގެ މަޤްޞަދު ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު ހިސާބު ދިމަލެއް ނުވެއެވެ. ޤާނޫނު ހަދާމަޖިލީހަކުން ކުރަން ލަދުގަންނަފަދަ ކަމެކެވެ. ހުރިހާ ކަމަކަށް އަނގަބާނާ ރިޔާސަތަކަށްވެސް އެހެދުނީ ކޮންފަދަ ގޯހެއްކަމެއް ނުވިސްނުނެވެ. ނުވަތަ އެގޯހުގެ ގޮތުގައި އެއޮތްގޮތަކަށް ދާން ދޫކޮށްލީއެވެ. ބޮޑަށް ވައްތަރީ ، މަޖިލީހަށް އެކުރެވުނުކަމެއް ރިޔާސަތަށްވެސް އަދި މެންބަރުންނަށްވެސް ރޭކާނުލަނީ ކަމުގައެވެ.

އެހެން ނޫންނަމަ ، ޕްލާސްޓިކް ކޮތަޅަށް ހެދޭ ޤާނޫނެއްގައި ހިސާބު ދިމާނުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެ ޤާނޫނުގައި ފިހާރަވެރިޔާގެ މައްޗަށް ލާޒިމްކޮށްފައި އޮތީ ، ވިޔަފާރިކުރާ މީހުން ބޭނުންކުރާ ކޮންމެ ކޮތަޅަކަށް ދެރުފިޔާ ނަގައި މީރާއަށް ޖަމާކުރުމަށެވެ.

ފިހާރަވެރިޔާއަށް އެކޮތަޅު ދެރުފިޔާއަށް ވިއްކޭކަށް ނޯވެއެވެ. އެއަގަކަށް ކޮތަޅެއް ނުލިބެއެވެ. ވިޔަފާރިކުރާމީހާ އަތުން ދެރުފިޔާއަށްވުރެ އިތުރަށް ނެގޭކަށް ނޯވެއެވެ. އެއީ ޤާނޫނީގޮތުން މަނާކަމެކެވެ.

ބާޒާރުކުރަން ބޭނުންކުރާ ސައިޒުގެ 100 ކޮތަޅުގެ ބޮނޑިއެއް ހޯލްސޭލް އަގުގައި ގަންނަން ލިބެނީ 287 ރުފިޔާއަށް ނުވަތަ 270 ރުފިޔާއަށެވެ. 270 ރުފިޔާއަށް ކަމަށްވިޔަސް ، އެއީ ދެރުފިޔާ ހަތްދިހަލާރިއަށް ކޮތަޅެކެވެ.

ބާޒާރުކުރާ މީހާގަންނަ ތަކެތި ކޮތަޅަށް އަޅާފައިދޭން ފިހާރައިގެ ވެރިފަރާތަށް ޤާނޫނަކުން ލާޒިމެއް ނުކުރެއެވެ. އެހެނަސް ، ވިޔަފާރިކުރާ ފަރާތުން ކޮތަޅު ބޭނުންކޮށްފިނަމަ ، ( ދެރުފިޔާއަށްވުރެ ބޮޑުއަގުގައި ފިހާރަޔަށް ގަނެފައިވާ ) ކޮތަޅަކުން ދެރުފިޔާ ބިލްގައި ހިމަނައިގެން ނެގުން ލާޒިމެވެ. އަތޮޅުތެރޭގެ ރަށެއްގެ ފިހާރައަށް ކޮތަޅު ގެންދެވޭނީ ނާލުދީގެންނެވެ. ނާލުލީމަ ކޮތަޅެއް ތިންރުފިޔާއާ ގާތަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ބިލްގެ މަޤްޞަދު ކިތަންމެ މަތިވެރިނަމަވެސް ، އެބިލަކީ ، ފިހާރަވެރިން ، އެމީހުން ވިއްކާތަކެތި އަޅާފަދޭ ކޮންމެ ކޮތަޅަކަށް ( ދެރުފިޔާއަށް ވުރެ ބޮޑުއަގުގައި ކޮތަޅު ހޯދާފަ ) ދެރުފިޔާ ނަގައިގެން އެފައިސާ މީރާއަށް ދައްކާ ، އޭގޭ ގެއްލުން ފިހާރަވެރިޔާ ބޮލުއަޅާ ބިލެކެވެ.

މިބިލުން ، ފިހާރަވެރިންގެ މައްޗަށް ، ޙައްޤުނޫން ގެއްލުމެއް ބޮލުއެޅުވޭކަން ، ބިލަށް ވޯޓުދެއްވި 54 މެންބަރުންނަކަށް ރޭކައެއް ނުލިއެވެ. މަޖިލީހުގައި ވިޔަފާރި ކުރައްވާ މެންބަރުންވެސް އެބަތިއްބެވިއެވެ. ރިސޯޓް ހިންގަވާ މަހުޖަނުންނާއި ޢާންމު ވިޔަފާރީގެ ސްޕަރމާރޓްހަދައި ރީޓެއިލްކޮށް ކުކުޅުބިސް ވިއްކާ މުއްސަނދިންވެސް މަޖިލީހުގައި އެބަތިއްބެވެ. ރާއްޖޭގައި ނެތްފަދަ ، ރަތްލާޖެހި ބޮޑެތި ވިޔަފާރިވެރިންނަށްވީ މީހުންވެސް އެތާ އެބަތިއްބެވެ. ކޮންމެ ކަމެއްގެ މޮޅުގޮތް އެނގޭ ރިޔާސަތަށްވެސް ، އެހެދޭއެއްޗެއް ، މިފަހަރު ، ރޭކައެއް ނުލިއެވެ. ތިމާވެށްޓާބެހޭ މިނިސްޓްރީއަކަށްވެސް އެކުރެވޭކަމެއް އިޙްސާސެއް ނުވިއެވެ. ބިލް ތަޞްދީޤު ކޮށް ، ބިލަށް ޢަމަލުކުރަން އެއްމަސްދީ ، އެ އެއްމަސް ހޭދަވީއިރުވެސް ، މިބިލުގެ ދޯހަޅިކަން އެނގުނު މީހަކު ނެތެވެ.

އެބިލަކީ ހަމައާއި އިންސާފު ގެއްލިފައިވާ ތާކުންތާކުނުޖެހޭ ، އަދި ވަކި ޝަޚުޞެއްގެމައްޗަށް ޙައްޤުނޫން ގެއްލުމެއް ބޮލުއެޅުން ލާޒިމްކުރާ ދޯހަޅި ޤާނޫނީ އަމުރެއްކަން މިއެނގުނީ ، ދެރުފިޔާއަށްވުރެ އަގުބޮޑުކޮށް ގަންނަންލިބޭ ކޮތަޅެއް ދެރުފިޔާއަށް ވިއްކީމަ ފިހާރަތަކަށް ގެއްލުންވާ ވާހަކަ ސޭޓުން ދައްކަން ފެށީމައެވެ. ޓެކްނިކަލް މައްސަލައެއް އުޅޭކަން މިއެނގުނީވެސް ، އެބިލް ތަސްދީޤު ކުރެވި ޤާނޫނަކަށްވެ މަސްދުވަސްފަހުން ، މީހުން އެވާހަކަ ދައްކަން ފެށީމައެވެ.

ދެން އޮތީ ވެމްކޯއިން ކުނިއުކާލަން ގޭގެއިންނެރޭ ޑަސްޕިންގ ކޮތަޅެވެ. ކޮންމެ ގެޔަކުން މަދުވެގެން ދުވާލަކު ދެކޮތަޅު ނެރެން ޖެހެއެވެ. އެއީ ކުނިވާ ކާތަކެއްޗާއި ކުނިނުވާ ތަކެތި ދެކޮތަޅަށް އަޅަންޖެހޭތީއެވެ. ކޮންމެ މަހަކު ، ވެމްކޯއަށް ދައްކަންޖެހޭ ފީގެ އިތުރަށް ، ކޮތަޅު ގަންނަން ކޮންމެ ގެޔަކުން މަހަކު މަދުވެގެން ދުއިސައްތަ ރުފިޔާވަރު ޚަރަދުކުރަން ޖެހެއެވެ.

ޤާނޫނުހަދާ މަޖިލީހަކުން ބަހުސްކޮށް ، ބިލެއްފާސްކޮށް ، ޤާނޫނަކަށްވާއިރު ، މިކަހަލަ ކަންކަން ފާހަގަނުވެ ދިއުމަކީ ، ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތާމެދު ސުއާލު އުފެދޭ ކަމަކަށް ނުވޭތޯއެވެ ؟ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މެންބަރުންގެވިސްނުން ހުންނަމިންވަރު މިފަދަ ކަންކަމުން ރައްޔިތުންނަށް ހާމަވިޔަސް އެންމެ ރަނގަޅީތޯއެވެ ؟

2 ޚިޔާލު

  1. ޕްލާސްޓިކް ނޫންގޮތެއް ހޯދަން ހަގީގަތުގައި ބޭނުންވާނަމަ، އެންމެ ފުރަތަމަ ލީސާ މޯލްޑިވްސް އިން ހުޅުމާލޭގައި ހުއްދަނެތި 20/30 މެޝިން ބަހައްޓައިގެން ފިލާތިބެ ހިންގާ ކޮތަޅު ފެކްޓަރީތައް ހުއްޓުވަން ޖެހެއެވެ. ހުޅުމާލޭގެ ޢިންޑަސްޓްރިއަލް ޒޯނުގައި ފެކްޓަރީތައް އެހުންނަނީ ބަޑޭރިކޮށިހެން އެކަކަށްވެސް ނުވަދެވޭނެހެން ބަންދު ކުރެވިފައެވެ. މެޝިންތައް ހިންގަން ތިބޭ ލަންކާ މުވައްޒިފުންނަށް ނޫން މީހަކަށް އެތަނުގެ އެތެރެވެސް ނުފެންނާނެއެވެ. އިޕީއޭ ޢިން ރާއްޖޭން ބޭރުން ކޮތަޅު އެތެރެކުރެވޭނެ ހުރިހާ މަގެއް ބަންދުކުރީ މިމިހުންނަށް މިވިޔަފާރި މޮނޮޕޮލައިޒް ކޮށްދޭށެވެ. އެންމެ ފުރަތަމަ ހުއްޓުވީ ތާއްޖޭން ބޭރުން ގެނައި ބައޮޑިހްރޭޑަބްލް ކޮތަޅެވެ. އެގޮތުން އޭގެ ގަވާއިދު ޙެދީ ހަމައެކަނި ކެވޭ މާއްދާއަކުން ނޫނީ އެކޮތަޅު ގަބޫލު ނުކުރާނެކަމަށް ބަދަލު ކުރި ގަވާއިދުންނެވެ. ދެން ހެދި ގޮތަކީ ކޮތަޅުގެ ޑިޔުޓީ 400 ޕަސަންޓަށް ބޮޑު ކުރީއެވެ. ދެން ހެދި ގޮތަކީ ވަކި ސައިޒެއް ނޫނީ ވަކި ބޯމިނެއްގެ ކޮތަޅު އެތެރެކުރުން މަނާކުރީއެވެ. މިހުރިހާކަމެއް ހިނގަމުން ދިޔައިރު މިފެކްޓަރީތައް ހުންނަކަންވެސް އީޕީއޭ އަކަށް ނޭގެއެވެ. އެކަމަކުޥެސް ރާއްޖޭގެ ގާނޫނުގައި ލައްކައަކަށް ޥުރެން އަގުބޮޑު ފެކްޓަރީއެއް ވިއްޔާ ހެދޭނީ އީޕީއޭ އިން އީއައިއޭ ފާސްކޮއްގެން ކަމުގައި އޮވެއެވެ. މިއީ ނައީމުމެންނަށް ބައި ޢަޅައިގެން ހިންގާތަންތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.