ޖެނެރަލް ޕޯލްޓްރޭ ލަމޯޝޭ އަކީ ފަރަންސޭސި ސިފައިންގެ އިސް ވެރިއެކެވެ. އެއް ދުވަހަކު އޭނާ މަގެއްގެ މަތީން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އާދައިގެ ސިފައިންގެ މީހަކު ފެނިވަޑައިގެންފިއެވެ. އެ ސިފައިންގެމީހާ ހުރީ ރާ ބޮއިގެން މަސްތު ވެފައެވެ. ޖެނެރަލް ކޯފާވެގެން އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް ޖައްސަވައިފިއެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އެ ކުރެއްވުނު ކަންތަކާމެދު ދެރަފުޅުވެ އިސް ޖައްސަވައިފިއެވެ.
އޭގެ އަނެއް ދުވަހު އެ ސިފައިންގެމީހާ ގެންނަވައިފައި ސުވާލު ކުރެއްވިއެވެ.
"އިއްޔެ ކަލެޔާ ބައްދަލު ވެގެން އަހަރެން ކުރި ކަމެއްގެ ހަނދާން އެބަ ހުރި ހެއްޔެވެ؟"
އޭނާ ދެންނެވިއެވެ. "އާދޭހެވެ. ހަނދާން އެބަ ހުއްޓެވެ."
ޖެނެރަލް ވިދާޅުވިއެވެ. "އަހަރެންވެސް ހަނދާން އެބަ ހުއްޓެވެ. އަހަރެން ފަސް ފްރޭންކް ދީފިއްޔާ ހަނދާން ނައްތާލާނަން ހެއްޔެވެ؟"
އޭނާ ދެންނެވިއެވެ. "ނޫނެކެވެ."
"ދިހަ ފްރޭންކް ދީފިއްޔާ...؟"
"ނޫނެކެވެ." އޭނާ ބުންޏެވެ. "ކަންކަށިމަތީގައި ޖެއްސެވި ޖެއްސެވުމަކަށް ފައިސާއަކުން އަގެއް ނުދެއްވޭނެއެވެ."
"ތިޔައީ ރަނގަޅު ވާހަކައެކެވެ." ޖެނެރަލް ވިދާޅުވިއެވެ. "އަހަރެން ކަލެޔާ ކޮނޑާ ކޮނޑު ޖައްސައި ސަލާން..."
ޖެނެރަލްގެ ވާހަކަފުޅު ނުނިމެނީސް އެ ސިފައިންގެމީހާ ބުންޏެވެ. "ތިޔައީ މޮޅު ގޮތެކެވެ. ދެ މީހުން އެކަކު އަނެކަކަށް ކަރާއި ކަރު ޖައްސައި ސަލާންކޮށް، ހަނދާން ނައްތާލައި، މަޢާފް ކުރުމަށް ވުރެ ފަސޭހަ އެއްވެސް ގޮތެއް ނޯންނާނެއެވެ."
އާދެ، ސާފު ހިތަކާއެކު މަޢާފަށް އެދުމަށްވުރެ މޮޅު އެއްވެސް ގޮތެއް ނޯންނާނެއެވެ. ތިމާއަށް ކުށެއް ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ އެއީ ކުށެއް ކަމަށް ޤަބޫލު ކުރާށެވެ. އެއަށް ފަހު މަޢާފަށް އެދޭށެވެ. މަޢާފަށް އެދުމަކީ މީހާގެ އަގު ވެއްޓޭ ކަމެއް ނޫނެވެ. އެއީ މީހާގެ ޤަދަރު އުފުލޭ ކަމެކެވެ.
އެއްވެސް އިންސާނަކީ ކުށުން ބަރީއަ ވެގެންވާ މީހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. ފާފައެއް ކުރެވިއްޖެ ނަމަ ތައުބާ ވާން އަވަސްވާށެވެ. ތައުބާ ވުމަކީ ވަކި މިންވަރެއް އޮންނަ ކަމެއް ނޫނެވެ. ﷲ ގެ ރަޙްމަތުގެ ދޮރު ހުންނަނީ ތާއަބަދު ހުޅުވިފައެވެ. ތައުބާ ވުމަށް ފަހު ހެޔޮ މަގަށް އެނބުރިގަންނާން ގަސްތު ކުރާ މީހަކަށް އެއްވެސް ކަހަލަ ހުރަހެއް ނެތެވެ. ހެޔޮކަމުގެ ދުވަސްވަރެއްގައި ލަޢުނަތް ލެއްވިގެންވާ އިބިލީސް އިންސާނާ މަގު ފުރައްދަން އޭނާއަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރާނެއެވެ. އޭނާގެ މަޅީގައި ނުޖެހި ﷲ ގެ ޙަޟްރަތަށް ކުރިމަތިލައިފި މީހަކަށް ގެއްލުމެއް ނެތެވެ.