އަނާ - 15

(5 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ ލޯ ހުޅުވާލާފައި ޘަނާއުﷲއާ ދިމާއަށް ބަލަން އިނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ބުންޏެވެ.

"ކަލާއަކީ އިންސާނެއްނޫން..މަލާއިކަތެއް"

"މަލާއިކަތެކޭ ތޯ؟" ނޫން އަޅުގަނޑަކީ އިންސާނެއް އެހެނީ މަލާއިކަތުންގެ އަމިއްލަ އެދުމެއް ނޯންނާނެ ފައިދާ ހޯދަން މަސައްކަތެއް ނުކުރައްވާނެ!"

"ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު. " އަނާ ޙައިރާން ވެފައި ބުންޏެވެ.ޘަނާއުﷲ ހިނިތުންވެލިއެވެ. އަދި ސިނގިރޭޓް ދަމާލާފައި ބުންޏެވެ.

"އަޅުގަނޑު ކަލާއަތުން ފީއެއް އަތުލައިފީމު ނޫންތޯ. އަޅުގަނޑު މި ކަންމިކުރަނީ ﷲއަށްޓަކައި ހިލެއަކުނޫނެއް ނޫންތޯ؟"

"އަޅު.. އަޅުގަނޑަށް ކަލާއާ މެދު ނުވިސްނުނީ ޘަނާ!"

ޡަނާ ހީނލިއެވެ. އަދި ބުންޏެވެ.

"މާދަންނޫން އަނެއް ދުވަހުން ކަލާއަށް ހޮސްޕިޓަލުން ނުކުންނެވޭނެ"

"އަސްލުގައިވެސް؟"

"ލައްބަ މިހާރު ދެން ކަލާ ހޮސްޕިޓަލްގައި އިންނެވުމުގެ ބޭނުމެއްނެތް.

ކޭހުގެ ހުރިހާ ޕޮއިންޓުތަކެއްވެސް މިހާރު ރަނގަޅަށް ހަރުދަނާ ކުރެވިއްޖެ ކަލާގެ ކޭސް ނިންމާފައި ދެން އަޅުގަނޑު ޚާންއާޞިފްގެ އޮފަރާމެދު ވިސްނާނަން، ފަހަރެއްގައި އެއީ ފައިދާ ހުރިކަމަކަށްވެސް ވެދާނެ ކަންނޭނގެ!"

" ކަލާ އޭނާގެ ގޭގައި ވަޡީފާ އަދާކުރައްވާނީތަ؟"

"ވިހިހާސް ރުފިޔާ މުސާރަ ލިބިފައި، އެހެން ކަންތައްތައްވެސް ހިލޭ ލިބޭއިރު ދިރިއުޅުން ކިހާ އަރާމުގައި ހޭދަކޮށްލެވޭނެތޯ؟"

އެހެން ބުނަމުން ޡަނާ ތެދުވެއްޖެއެވެ. އަދި ޙައިރާންވެފައި އިން އަނާ އާދިމާއަށް ބަލާލުމަށްފަހު އެނބުރިލާފައި ބޭރަށް ދާން ހިނގައިގެންފިއެވެ.

އަނާ... އޭނާ ދާތަން ބަލަން އިނެވެ. އޭނާ ވޯރޑުން ނުކުތުމުން ފުންނޭވާއެއްލިއެވެ. އަދި އަމިއްލައަށް ބުނެލިއެވެ.

އާނ... އަހަރެން ކޭސް ކާމިޔާބު ކުރުމަށްފަހު ކަލޭ ވަޡީފާ

އަދާކޮށްގެން ކަލޭގެ މުސްތަޤްބަލް އާބާދު ވާނެދޯ..މިކޭސް ކާމިޔާބު ވެއްޖެނަމަ ޚާންއާޞިފަށް ކަލޭގެ އެއްވެސް ބޭނުމެއް ނޯންނާނެ އަދި އޭނާ ފެނަނަ ހިސާބަށް ކަލޭ ދިޔަނުދޭނޭކަން އަހަރެންނަށް ޔަޤީން.."

" ކަލާއަށް ފޯނެއް އެބައޮތް..ކުއްލިއަކަށް ނާރސްކުއްޖަކު އައިސް އަނާ ގާތުގައި ބުންޏެވެ.

" އަހަރެންނަށް ފޯނެކޭ؟ ކާކުބާ؟ އެމީހަކު ނަންބުނިތަ؟

" ނޫން"

" އަހަރެން މިދަނީ"

" ކަލާ ވާހަކަ ދައްކަވަން ބޭނުންނޫންނަމަ އަޅުގަނޑުމެން ފޯނު ކަނޑާލާފަން." ނާރސް ބުންޏެވެ.

"ނޫން..އެހެން ހަދާނެކަމެއްނެތް. އަހަރެން ވާހަކަ ދައްކާލާނީ... އެހެން ބުނެފައި އަނާ އެ ދުން ތެދުވެގެން މަޑުމަޑުން ހިނގާފައި ސްޓާފް އޮފީސް ކައިރިއަށް އަތުވެއްޖެއެވެ. އޭރު ފޯނުގެ ރިސީވަރު އޮތީ މޭޒުމަތީގައެވެ. މޭޒު ކައިރީގައި ނަރުހެއް ކޮންމެވެސް ބަލިމީހެއްގެ ޗާޓް ބަލަނީއެވެ. އަނާ މޭޒުކައިރިއަށް ހުއްޓުމާއެކު ނާރސް އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާއަށް އަނާ ފެނުމާއެކު ވަރަށް އަދަބުވެރި ގޮތަކަށް ރިސީވަރު ނަގާފައި އަނާއަށް ދިއްކޮށްލިއެވެ.

"ޝުކުރިއްޔާ"

"ހަލޯ"

"ވާހަކަ ދައްކަނީ އާޞިފް" އަނެއްކޮޅުން ވަރަށް ބަރުއަޑަކުން ވާހަކަ ދެއްކިއެވެ. އަނާ ތުރުތުރު އަޅައިގަންނަގޮތްވިއެވެ.

ކުޑަހިނދުކޮޅަކަށް ޓަކައި ޓެލެފޯން ކެނޑުނުހެން ހީވިއެވެ.

"ބުނުއްވާ ހަނދުމަފުޅުވީ ކިހިނެއްތޯ؟"

"ކަލެއަށް ކަލޭގެ ހައިޘިއްޔަތު ހަދާން ކޮށްދޭން ބޭނުންވީ. ކަލޭ 3 މިލިއަން ރުފިޔާ ހުވަފެނެއް ދެކެނީތަ؟ އެއީ ވަރަށް ރީތި ހުވަފެނެއް ކަމުގައި ވީނަމަވެސް ކަލެއަށް އެހާގިނަ ފައިސާ ލިބިއްޖެނަމަ ކަލޭގެ ޙިއްސުތައްވެސް ގެއްލިގެން ދާނެކަން ކަލާ ހަނދާންނެތުނީތަ؟ އަނެއްކޮޅުން ޚާންއާޞިފަކީ ކަލޭ ކަހަލަ އަންހެން ކުއްޖަކަށް ޓަކައި އެފަދަ ހޭދައެއް ކުރާކަހަކަ މޮޔައެއްވެސް ނޫން."

"އަހަރެން މިބުނާ ވާހަކަ ރަނގަޅަށް އަޑުއަހާ އަދި ރަނގަޅަށް ތައްޔާރުވެގެން ހުރޭ. އަދި ބުނަން އެއުޅޭ ދަށް ވަކީލުގާތުގައި ވެސް ބުނާތި އިނގޭ... ދެން މި ކޭސް ހިންގާނީ ޝަހަރުގެ ކޯޓްގައި އަދި ކަލޭގެ މައްޗަށް ދަޢުވާ ކުރެވޭނީ ގެއިން ގަހަނާ ވަގަށް ނެގި ކަމަށާއި ފިރިމހާއަށް ކެހިދީފައި ގެއިން ފިލައިގެން ދިޔަކަމުގެ ކުށަށް. ދެން ކަލެއާ ބެހޭގޮތުން ނޫސްތަކުގައި ޖަހާވާހަކަތަކާ ކަލޭގެ ފޮޓޯތައް ކަލެއަށް ފެންނާނެ. ފަހަރެއްގައި އެންމެފަހުން ކަލޭ އަމިއްލައަށް މަރުވާނީ އަހަރެން މިކަންތައްތައް މިގޮތަށް ކުރުމުގެ ކުރީން ކަލޭ ކަލޭގެ ހައިޡިއްޔަތަށް އެނބުރި އާދޭ އެހެން ނޫނީ ކަލެއަށްވެސް ކަލޭ ގެއްލިދާނެ. އަހަރެން ކަލޭގެ ވަކީލުގެ ކުރިމައްޗަށް އެންގަނޑެއް ވައްޓާލިނަމަ ނަމަވެސް އޭނާ ގަންނަ ގޮތެއްނުވި. އަހަރެން ކަހަލަ މަސްހިފާ އުޅޭނީ ބަޑިޖަހައިގެން މިވާހަކަ ވެސް އޭނާ ގާތުގައި ބުނާތި."

އަނާ ކުއްލިއަކަށް ތެލެފޯންގެ ރިސީވަރު ކްރޭޑްލް މަތީގައި ބާއްވައިފިއެވެ. އޭނާގެ މުޅި ހަށިގަނޑު ދަލުން ފޯވެއްޖެއެވެ. އޭނާގެ ނާރުތަކުގައި ހިނގަމުންދާ ލޭވެސް އެނގޭހާ ބޮޑަށް އޭނާގެ މޫނު ރަތްވެގެން ހިނގައްޖެއެވެ.

"ކިހނެއްވީތޯ މެޑަމް؟ ޙާލު ކޮޅު ރަނގަޅުތޯ؟ އިށީނދެލައްވާ!" ނާރސް އަނާގެ މޫނުގެ ކުލަވަރު ބަދަލު ވަމުންދާތަން ބަލަން އިނދެފައި ކަންބޮޑުވާގޮތް ވެގެން ތެދުވެއްޖެއެވެ.

"ފެންތައްޓެއް ދީފާނަންތަ؟" އަނާ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ނާރސް އަވަސް އަވަހަށް ގޮސް ފެންތަށްޓެއް ގެނެސްދީފިއެވެ. އަނާ ދެ ކޯވަރެއް ފެން ބޯލުމަށްފަހު ގޮނޑީގައި ހަމަޖެހިލައިގެން އިށީނދެއްޖެއެވެ.

"ޑޮކްޓަރަށް ފޯނުކުރަންތޯ؟ މެޑަމް"

"ނޫން. ޑޮކްޓަރަށް ފޯނުކުރާނެ ކަމެއްނެތް. ރަނގަޅުވެދާނެ" އަނާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. އަދި މަޑުމަޑުން ހިނގާފައި އޭނާގެ އެނދާދިމާއަށް ހިނގައްޖެއެވެ. އޭނދާ ހަމައށް ދެވުނުއިރު އޭނާ ހިސާބަކަށް ކޮންޓްރޯލް ކުރެވިއްޖެއެވެ. އެހެންކަމާއެކުވެސް އެވަގުތު އޭނާއަށް އިޙްސާސްވަމުންދަނީ އޭނާގެ ފުރާނަދަނީ ކަމުގައެވެ. އެނދުގައި ކުޑައިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް އެނދުން ތެދުވެގެން ވޯރޑްއާ ގުޅިފައިވާ ލޯނައަށް ބޭރަށް ނުކުމެއްޖެއެވެ. އޭނާ މިވަގުތު ބޭނުންވަނީ ބޭރަށް ނުކުމެ ހުޅުވިފައިވާ ވައިގެ ތެރެއަށް  ނޭވާލުމަށްކަމަށް ވާތީއެވެ. އަނާ ނުކުންނަތަން ފެނިފައި ނަރުހެއް ދުވެފައި ކަހަލަ ގޮތަކަށް އޭނާ ކައިރިއަށް އައެވެ.

"އަޅުގަނޑު ކަލާއާ އެކުގައި ދަންތޯ މެޑަމް؟"

"އަހަރެން މިދަނީ ބޭރަށް ހުޅުވިފައިވާ ވައިގެތެރެއަށް އަދި .."

"އަޅުގަނޑު ކަލާއާ އެކުގައި ދަންތޯ؟" މިހެން ބުނުމުން އަނާއާއެކު މިއަންނަ ނަރުހަކީ، ޚާންއާޞިފްއާ އަނާ ފޯނުން ވާހަކަ ދެއްކިއިރު އެތާނގައި އިން ސްޓާފް ނަރުހެވެ.

"އާދޭ" އަނާ އޭނާ އަޔަސް އެންމެ ރަނގަޅުކަން ހާމަކުރިއެވެ.

 އަނާގެ ޚަބަރުތައް ނޫސްތަކުގައި ލިޔަމުން ގެންގޮސްފައިވަނީ އެހާވެސް އަސަރު ކުރުވަނިވި ގޮތަކަށެވެ. އެ ޚަބަރުތައް ކިޔާފައި ލޮލުން ފެންނާންނާނީ ވެސް ދާދި މަދު މީހެއްގެއެވެ. އެންމެންގެ ހިތުގައިވެސް އަނާއާ މެދު އުފެދިފައިވަނީ ހަމްދަރުދީއާ ލޯތްބެވެ.

ލޯވންގައި ހައްދާފައިވާ މާ ގަސްތަކެއްގެ ކައިރީގައިވާ ގޮނޑިއެއްގައި އަނާ އިށީނދެއްޖެއެވެ. އެވަގުތު މިނިޓެއްހާ އިރުތެރޭގައި އަންނާނަމޭ ބުނެފައި ނަރސް އެތެރެއަށް ގޮސް ވޯރޑްގައިއުޅޭ ކުއްޖަކު ލައްވާ އަދަރާދަގޮނޑިއެއް އެތަނަށް ގެނެސްފިއެވެ.

"ކަލޭމެން ތިޔަހާ ބޮޑަށް އަހަރެން ލަދުގަންނަން ތިޔަ ޖައްސަނީ ކީއްވެތަ؟" އަނާ ނާރސްގެ ހެޔޮކަން ހިތަށް އަރުވާލާފައި ބުންޏެވެ.

"ކަލާއަކީ ވަރަށް ލޯބިވެތި ބޭފުޅެއް.މެޑަމް."

 އޭނާ އަދަބުވެރި ގޮތެއްގައި ބުނެލިއެވެ.

 "އަޅުގަނޑުގެ ނަމަކީ ނޫރާ. ކަލާ ޤަބޫލު ކުރައްވާނެ ކަމެއްވެސް ނޭނގެ. އަޅުގަނޑު ވަރަށް ގިނަ ރޭރޭ ހުވަފެނުގައި ކަލާއަށް ޚިދުމަތް ކުރަން. ކަލާއަށް ޚިދުމަތްކުރުމުގައި އަޅުގަނޑަށް ލިބޭ ރޫޙާނީ އުފަލުގެ ސަބަބުން މިހާރު އަޅުގަނޑަށް މިވަނީ އެ ހިސާބަށްވެސް ދެވިފައި މިކަން އެނގޭނީ ހަމައަޅުގަނޑަށް"

"ޝުކުރިއްޔާ ނުރީ. ކަލޭމެން ހުރިހާ ކުދިންވެސް ހާދަހެވޭ. އަހަރެން މުޅިއުމުރުގައިވެސް ކަލޭމެން އަހަރެންނަށް ތިޔަ ބެހެއްޓެވި އޯގާތެރިކަން ހަނދާން ނައްތައެއް ނުލާނަން."

ނޫރީ ލޯތްބާއި އިޙްތިރާމުން ފުރިގެންވާ ނަޒަރަކުން އަނާއާ ދިމާއަށް ބަލަންހުރެގެން ބުންޏެވެ.

"ކަލާ ހާދަރީއްޗޭ. މެޑަމް. ތިޔަހާ ރީތި އަނތްބެއް ދޫކޮށްލާނީ ކޮންކަހަލަ ފިރިއެއްތޯ؟"

"އެއީ އަހަރެންގެ ބަދުނަޞިދު ..ނޫރީ"

"ނޫން.  މެޑަމް. ކަލާއަކީ ބަދުނަޞީބުވެރިއެއް ނޫން އެމީހެއްދެކެ އެތައްހާސް ބަޔަކު ލޯބިވާ މީހަކީ ނަޞީބުވެރިޔަކަށް ނުވެއެއް ނުދާނެ"

"ކަލޭ ތިޔަ ބުނަނީ ރަނގަޅަށް ކަމަށްވެސް ވެދާނެ"

"ކަލާއަށް ޑްރިންކެއް.... ސެވަންއަޕްއެއް ގެނެސްދެންތޯ؟"

"ގެނޭ!" އަނާ ހިނިތުންވެލިއެވެ. ނޫރީ ދެއްކި ވާހަކަ ކޮޅުން އޭނާއަށް ލިބިފައިވާ ހިތާމަތައް ވަގުތީގޮތުން ނަމަވެސް ހިސާބަކަށް ކުޑަވެގެން ދިޔައެވެ.

ކުޑައިރުކޮޅެއްފަހު ނޫރީ ސެވަންއަޕް ފުޅިއެއް ހިފައިގެން އައިސް ވަރަށް އަދަބުވެރިކަމާއެކު އަނާއަށް ބުނެލިއެވެ.

"މާދަން ނޫން އަނެއް ދުވަހުން ކަލާ ހޮސްޕިޓަލުން ގެއަށް ދުރުވާނެ ކަންނޭނގެ ...ދެން..'

"ބުނޭ...ބުނޭ...ކީއްވެ ނުބުނަން ތިޔައުޅެނީ؟"

"ދެން އަޅުގަނޑަށް ކަލާއާ ބައްދަލުކޮށްލަންވެސް ގޮސްއުޅެވިދާނެތޯ؟"

"ބޭނުންއިރަކު، ބޭނުންފަހަރަކު އާދޭ! ރޭގަނޑު މެންދަމު ނަމަވެސް އަހަރެން ކަލެއާ ބައްދަލުކުރާނަން"

"ޝުކުރިއްޔާ މެޑަމް" އަނާ އަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ހޮސްޕިޓަލްގެ ހުރިހާ ސްޓާފަށް އޭނާއަށް އިޙްތިރާމް ކުރާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ އިޙްތިރާމް ކުރުމުގައި މިފަދަ ލޯތްބަކާއި ޤަދަރެއް އެކުލެވިފައިވާ ކަމަކަށް އޭނާގެ ހިތަށް

ގެނެވިފައެއް ނުވެއެވެ. އަނާ އެތާނގައި ލައްކަ ގިނައިރު އިނެވެ. އޭނާ އެތެރެއަށްވަނީ ރޭގަނޑު ފިނިކަން އިތުރުވާން ފެށުމުންނެވެ.

އޭގެ ދެ ދުވަސް ފަހުން އަނާ ހޮސްޕިޓަލުން ގެއަށްދާން ތައްޔާރު ވަމުންދިޔައިރު އޭނަ ކައިރީގައި ޘަނާއުﷲއާއި އާންޓީ ޒައިތޫން އާއި ޕްރޮފެސަރ ޒަފަރު ވެސް ތިއްބެވެ. ހޮސްޕިޓަކުގެ ހުރިހާ ސްޓާފުން އޭނާއަށް އަލްވަދާޢު ކިޔަން އައިސް ތަންކޮޅެއް ދުރުގައި ތިބިތަން ފެނިފައި އަނާގެ ލޮލުގައި ކަރުނަ ހެދިގެން ދިޔައެވެ. އެ ހުރިހާ ސްޓާފުންގެ މޫނުމަތިން ފެންނަނީ އެ މީހުންގެ ހިތުގައި އަނާގެ މައްޗަށް އުފެދިފައިވާ ލޯތްބާއި ޢިއްޒަތާއި ޤަދަރުގެ ނިޝާންތަކެއް. އުފަލާއި މޮޅިއެކުލެވިފައިވާ  ހިނިތުންވުމުގެ މާތަކެވެ.

ޕްރޮފެސަރ ޒަފަރު އަނާއާ މުޚާޠަބުކޮށް ބުނަމުންދެއެވެ.

"ދަރިފުޅާ އަޅުގަނޑުމެންނަށް ކުރެވެން ހުރިހުރިހާ ކަމެއް ކުރީމު އަދި އަޅުގަނޑުމެންނަސް ކުރެވުނީ އަޅުގަނޑުމެންގެ ބާރުފޯރާ ހިސާބުގައި ހުރިކަންކަން އޭގެތޭރޭގައި ރަނގަޅު ކުރެވުނު ކަންތައްތަކާއި ނުރަނގަޅުކޮށް ކުރެވުނު ކަންތައްތައްވެސް ހިމެނުނު. ނަމަވެސް އަޅުގަނޑުމެން މިތިބީ އެކަންތައްވެސް  ކުރެވުނު ގޮތާމެދު އަޅުގަނޑުމެގެ ޞަމީރު ހިތްހަމަޖައްސައިގެން އަދި އަޅުގަނޑުމެންގެ ދުއާއަކީ ކަލާއަށް ކަލާގެ މަޤްޞަދުގައި ފުރހިަމަ ކާމިޔާބީ އިރާދަކުރެއްވުން."

"އަޅު... އަޅުގަނޑު މިތަނުން މިދަނީ ތިޔަ ހުރިހާ އެހީތެރިންގެ ލޯބި ހިފައިގެން. ތިޔަ އެންމެހާ ބޭފުޅުން އަޅުގަނޑަށް ތިޔަދެއްވި ލޯޔްބަކީ އަގުނުކުރެވޭފަދަ އަގުބޮޑު ޚަޒާނާއެއް މުޅިއުމުރުގައި އެއިން ޚަރަދު ކުރަމުން ދިޔަނަމަވެސް އެއީ ހުސްނުވާނޭ ޚާޒާނާއެއް. އެކަމަށްޓަކައި ޝުކުރު އަދާކުރާނޭ ލަފުޒުތަކެއް އަޅުގަނޑުގެ ދުލަކުން ނުގެނޭވޭ. އަޅުގަނޑުގެ އަތުގައިވަނީ ހަމައެކަނި ކުޑަކުޑަ ކަރުނަފޮދެއް. އެއީ ތިޔަ އެންމެ ބޭފުޅުންނަށް ހަދިޔާކުރާ ޝުކުރުގެ ކަރުނަފޮދެއް."

އަނާ ހޮސްޕިޓަލުން ވަކިވަމުން ބުނެލި ބަސްކޮޅަކީ މިއީއެވެ. އޭރު އޭނާގެ ދެ ލޮލުން މުތީތަކެއްކަހަލަ ތިކިތައް އޮހެމުންދިޔައެވެ. އޭނާ ގޮވައިގެނ ގެއަށް ދިޔައީ ޘަނާއުﷲއެވެ. އާންޓީ ޒައިތޫންވެސް އެމީހުންނާއެކުގައި ގެއަށް އައެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.