ކިރުއިލޮށި - 17

(25 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރަށްވެސް މިރޭ އެލިބުނީ ވަރަށް ރަނގަޅު ފިލާވަޅު ތަކެކެވެ. ޔުނިވަރސިޓީއެއްގެ ލެކްޗަރަރެއްގެ ފަރާތުންވެސް ނުލިބޭފަދަ އަގުހުރި ، ޢިބްރަތްތެރި ފިލާވަޅު ތަކެކެވެ. ޚައިރާދަކީ އެހާ ތޫނުފިލި ، ދުރުވިސްނޭ ވިސްނުންތެރިކުއްޖެއްކަމެއް މީގެކުރިޔަކުން އަޝްހަރަށް އެނގިފައެއް ނެތެވެ. ޚައިރާދުގެ ކޮންމެ ބަހެއްގައިވެސް ޙަޤީޤަތްތަކެއް އެކުލެވެއެވެ. މިރޭ ، އަޝްހަރަށް އެފެނުނީ ، އޭނާއާ އެއްކޮޓަރީގައި ނިދާލަން އެއުޅުނު ޚައިރާދެއްނޫނެވެ. ބުދެއްހެން ގަބުވެފައި އިންނަ ޚައިރާދެއްނޫނެވެ. އެއްޗެކޭ ބުނީމަ އަނގައިންބުނާ ގުރައެއްފަދަ ދޫންޏެއްނޫނެވެ. އެއަށްވުރެ މާ އަގުހުރި ޖަވާހިރެއްފަދަ ތޫނުފިލި ކަމެކެވެ. ދުވަސްވެ އެތައް ތަޖުރިބާއެއްގެމަތީ ކާމިޔާބު ދިރިއުޅުމެއް ހޭދަކޮށްފައިވާ އޭނާގެ ބައްޕަޔަށް ، ޚައިރާދު އެނަގައިދިނީ ، ބައްޕަގެ ތަޖުރިބާއަށް ނުފެނިއޮތް ޢިބްރަތްތެރި ފިލާވަޅު ތަކެކެވެ. އެކުރަހާލަދިނީ ބައްޕަގެ ދުރުމިއަށްވެސް ނާރާއޮތް ރީތި ޙަޤީޤީ މަންޒަރު ތަކެކެވެ. ޚައިރާދަކީ އަޝްހަރު ހީކުރިފަދަ ކުއްޖެއްނޫނެވެ. އެކަން އޭނާއަށް އެ އަންގައިދިނީ ވަގުތެވެ. އެކަކު އަނެކަކު ދެނެގަތުމަށްޓަކައި ވަގުތު ބޭނުންވާކަމެވެ. އިންސާނެއްގެ ގޮތާއިފޮތާ ނުބަލައި އެއިންސާނާއާމެދު ނުބައި ހީކުރުންތަކާއި ގޮތްތައް ނިންމައިގެން ނުވާނެކަމެވެ. ގޮނޑެއްގައިވެސް ، އެއްލައިލެވިފައިވާ ރަންގަނޑެއް އޮވެދާނެކަމެވެ.

ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން ނުކުތްއިރުވެސް ، އަޝްހަރުގެ ކަންފަތަށް އިވެމުންދަނީ ޚައިރާދުގެ ޖަޒުބާތީ އަޑެވެ. " އަހަރެން މިވަނީ މީހެއްގެ ދިރިއުޅުމުގެ ތެރެޔަށް ގަދަކަމުން އެއްލައި ލެވިފައެވެ. " . " މިކަމުގައި އަޝްހަރުގެ އެއްވެސް ކުށެއް ނެތެވެ. އަހަރެމެން އެންމެން މިތިބީ ތަޤްދީރު ދެއްކި މަޖުބޫރީ ޙާލަތެއްގައި ބަނދެވިފައެވެ. " އެހިސާބުން ޚައިރާދުވެސް ދެލޯފުހެމުން އައިސް ކޮޓަރިޔަށް ވަނެވެ. އަދި އަޝްހަރާ ސަލާމުން މުޚާޠަބު ކުރިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ޚައިރާދު އެއައީ ކޮންތާކުންތޯ އަށްހަރު ސުއާލު ކުރިއެވެ. ޚައިރާދު އެއައީ ބޮޑުބޭބެއާ ވާހަކަ ދައްކާލަން ބަގީޗާތެރޭ އިނދެފައިކަމުގައި ބުނެ ، ކާންހަދަންތޯ ޚައިރާދު ސުއާލު ކުރިއެވެ. އަޝްހަރު ޢާންމުގޮތެއްގައި ރޭގަނޑު ގެޔަށް އަންނަނީ ކައިގެންކަން ޚައިރާދަށް އެނގެއެވެ. އެހެންނަމަވެސް އަނތްބެއްގެ ވާޖިބު އަދާކުރުމަށްޓަކައި ކާޏް ހަދަންތޯ އަހައިލީއެވެ. ބޭރުން ކައިގެން އައިވާހަކަ ބުނެ އަޝްހަރު އެނދުގައި ޖައްސައިލިއެވެ. އިސްދަށަށް ޖަހައިލައިގެން އިންދާ އޭނާގެ ވިސްނުން ޚައިރާދުގެ ވާހަކަތަކުގެ ތެރެޔަށް ގެންދިޔައެވެ. ޚައިރާދުވެސް އިރުކޮޅަކު ހުރެފައި ކޮޓަރިން ނުކުތެވެ.

ހެނދުނުގެ ވަގުތެވެ. އަޝްހަރު އިނީ ހެނދުނު އޮފީހަށްދާން ތައްޔާރުވެގެން ކާމޭޒުގައި ޖައްސާލައިގެން އޮފީސް މަސައްކަތެއްގައެވެ. ޚައިރާދު ކުރިކަނޑައިލިތަން ފެނުމާއެކު އެދަނީ ކޮންތާކަށްތޯ ސުއާލުކުރިއެވެ. ޚައިރާދު އެދަނީ ބޭބެޔަށް ސައިތައްޔާރު ކުރާށެވެ. ޚައިރާދުގޮސް ނޯކަރުގާތު އޭނާގެ ނާސްތާ ގެނެސްދޭށޭ ބުނެދޭން ބުންޏެވެ. އަދި ، ޚައިރާދުވެސް އޭނާގެ ނާސްތާ ހިފައިގެން އަންނާށޭ ، އެކީގައި ނާސްތާ ކުރާނީއޭ ބުންޏެވެ. އަޝްހަރުގެ ކުއްލި މިބަދަލަށް ޚައިރާދުގެ މޫނުމަތިން ޙައިރާންކަން ފެނުނެވެ. މަޑު ހިނިތުންވުމެއްވެސް ފައުޅުވިއެވެ.

*********************

މެންދަމުގެ ވަގުތެވެ. ޚައިރާދުއިނީ ސްވިމިންގޕޫލް ކައިރީ އެކަނިމާއެކަނި އިށީނދެލައިގެން ރޯށެވެ. ގިސްލަ ގިސްލާފައި އޭނާއަށް ރޮވެމުން ދެއެވެ. އަޝްހަރަކީ ޢާންމުގޮތެއްގައި ނިދުމަށްފަހު ދޭތެރެ  ދޭތެރެއިން ހޭލެވޭ މީހެއްނޫނެވެ. އެރޭ އަޝްހަރަށް ހޭލެވިގެން ބަލައިލިއިރު ، ޚައިރާދު އެނދަކު ނެތެވެ. ދެލޯފުހެމުން ނުކުތްއިރު ، ސްވިމިންގޕޫލް ކައިރީ އިށީނދެލައިގެން ޚައިރާދު އިނެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. ދޮރުފަތުގައި ޓަކިޖަހައިލުމަށްފަހު ، ކިހިނެއްވީތޯ ، އަޝްހަރު ސުއާލު ކުރިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެ ރޮމުން ، ޚައިރާދު ޖަވާބު ދިނެވެ. އޭނާގެ ގިސްލުމާއި ރުއިމެއް ނުހުއްޓެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އަޝްހަރުގޮސް ޚައިރާދުގާތު އިށީނދެލިއެވެ.

" އެއްވެސްކަމެއް ނުވެއެވެ. ރޭގަނޑު ދަންވަރު ރޮވުން އެއީ ކަމެއްނުވެ ވެދާނެކަމެއް ހެއްޔެވެ ؟ އަހަރެން ގުގުރި ދަމާތީ އުނދަގޫވެގެން ހޭލެވުނީ ހެއްޔެވެ ؟ " އަޝްހަރު ސުއާލު ކުރިއެވެ.

" އަހަރެންގެ މަންމަ ހުވަފެނުން ފެނުނީއެވެ. " ނޫނެކޭ ބުނުމަށް ބޯހޫރާލަމުން ޚައިރާދު ޖަވާބު ދިނެވެ.

ޚައިރާދަށް ހޭލެވުނީމަ ، ގޮވައިނުލީ ކީއްވެތޯ އަޝްހަރު ސުއާލުކުރިއެވެ. ހިތަށް އުނދަގޫވެގެން ރޮވޭފަދަ ޙާލަތެއް ދިމާވީމަ ، ޚައިރާދު ނުގޮވުން އެއީ އަޝްހަރު ކަންބޮޑުވާކަމެއްކަން ޚައިރާދަށް ހާމަކޮށްދިނެވެ. އަޝްހަރަށް ޚައިރާދު ނުގޮވީ އަޝްހަރުގެ ނިދި ޚަރާބުވެދާނެތީއެވެ. ޚައިރާދު ނުނިދުމަކީވެސް އަދި ދަންވަރު ހޭލާ  އިނދެ ރުއިމަކީވެސް އަޝްހަރަށް އުނދަގޫވާނެކަމެއްކަމަށް އަޝްހަރު ބުންޏެވެ. އަދި ނިދިވެސް ޚަރާބު ވާނެއެވެ. އަދި ، މީގެ ފަހުން ދަންވަރު ހޭލެވުނަސް ، އެގޮތަށް އެކަނި އިނދެ ނުރުއިމަށް އަޝްހަރު ނަޞޭޙަތްތެރިވިއެވެ. އެއީ އޭނާ އެއްވެސް ވަރަކަށް އެދޭކަމެއްނޫނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ދެން ނިދަން ދަމާހޭ ބުނެ އަޝްހަރު ތެދުވިއެވެ. އަދި ޚައިރާދު ނެގުމަށްޓަކައި އޭނާގެ އަތް ދިއްކޮށްލިއެވެ. ޚައިރާދު މަޑުމަޑުން އޭނާގެ އަތް އަޝްހަރުގެ އަތުތެރެޔަށްލައި ހިފައިލަމުން ތެދުވެ ބާރަށް ހިނގާފައި ގޮސް ކޮޓަރިޔަށް ވަނެވެ.

ހެނދުނު ތެދުވެގެން ޚައިރާދު ބޭރަށް ނުކުތްއިރު ބަޝީރަތު ކާމޭޒުދޮށަށް އަންނަނީއެވެ. ސަލާމް ގޮވައިލުމަށްފަހު ، ބަދިގެތެރެޔަށް ވަދެ ބޭބެޔަށް ސައިހަދައިގެން ގެނެސްދިނެވެ. ބަޝީރަތު އިނީ ކުރީރޭ ޚައިރާދު ދެއްކި ވާހަކަތަކުން ލަދުގަނެ އިސްދަށަށް ޖެހިފައެވެ. ބަޝީރަތުގެ ހަމަހިމޭންކަން ކަނޑުވައިލީ ޚައިރާދެވެ. މަންމަ ކުރި ހެއްވާކަމެއްގެ ވާހަކަ ފަށައި ބޭބެގެ މޫނަށް އުފާވެރިކަން ގެނެސްދިނެވެ. ބަޝީރަތުވެސް ދައްތައާއެކީ ހޭދަކުރި ޅަދުވަހުގެ ދުވަސްތަކުގައި ހިނގައިދިޔަ މަޖާ ހެއްވާވާހަކަ ދައްކައި ހީ ، މަޖާކުރަމުން ގެންދިޔައެވެ. ޚައިރާދަށް އެރޭގެ މެންދަމު ހޭލެވިގެން ރޮވުނުކަމެއްވެސް އަދި އެރޭ ބޭބެއާ ދިމާއަށް ކިޔުނު އެއްޗެހިވެސް އޭނާގެ ހިތަކު ނެތެވެ. ޚައިރާދުގެ އެ ސާދާކަން ފެނިފައި އެއީ ނުވާކަމަކަށް ހަދައި ބަޝީރަތުވެސް އެހުރިހާކަމެއް ހަނދާނުން ފުހެލިއެވެ. ޚައިރާދާއި ބަޝީރަތު ހީ ސަމާސާކޮށް މަޖާކުރަން ތިއްބާ ، އަޝްހަރު އައިސް ސަލާމް ގޮވައިލިއެވެ. ބަޝީރަތުވެސް އަދި ޚައިރާދުވެސް ސަލާމް ބަލައިގަތެވެ. އަޝްހަރުވެސް އެދެބަފައިންގެ މަޖަލުގެ ތެރެޔަށް ވަނެވެ.

އަޝްހަރު ހިނިތުންވުމާއެކު ޚައިރާދާ ދިމާއަށް ބަލައިލިއެވެ. ޚައިރާދުގެ މޫނުމަތިންވެސް އުފާވެރިކަން ފެނުނެވެ. އަދި ދޭތެރެޔަކުން އަޝްހަރާދިމާއަށް ބަލައިލާ ރަކިގޮތަކަށް ހީލައެވެ.

*********************

ތަންކޮޅެއް އަވަސް އަރުވާލައިފާ އަޝްހަރު އެރޭ ގެޔަށްދާން ތައްޔާރުވަމުން ދިޔައެވެ. އެއީ އެހެންޏާ އޭނާގެ ފަރާތުން ނުފެންނަ ކަމެކެވެ. ފައިލްތައް ނަގައި ދަބަހަށް އަޅައި ނިންމައިލިތަނާ ، ޓަކިޖަހައިލާފައި އެވަނީ ސާރާއެވެ. ހާދަ އަވަހަކަށް ގެޔަށްދާ ރެޔެކޭ ބުނެ ސަމާސާ ކޮށްލިއެވެ. އެރޭ ތަންކޮޅެއް އަވަހަށް ގެޔަށް ދާންޖެހެނީކަމުގައި އަޝްހަރު ބުންޏެވެ. ތިމަންނަވެސް މިއައީ މިރޭ މާގިނައިރު އޮފީހުގައި މަޑުކޮށްގެން ނުވާނޭ ބުނާށޭ ސާރާ ބުންޏެވެ.

" އަހަރެމެން ދެމީހުން މިރޭ އޮފީހުން ނުކުމެގެންދާނީ އެކީގައެވެ. ދާނީ ލޯންގް ޑްރައިވަކަށެވެ. ދަމުން އެކިތަންތަނަށް ހުއްޓާ ސައިތަށްޓެއް ބޯލަމުން ގޮސް ލަސްކޮށްފައި ރޭގަނޑު ކާނީއެވެ. އަހަރެންގެ ރޭވުން ކިހިނެއް ހެއްޔެވެ ؟ " އޮޅެމުން ވައްތަރުޖައްސަމުން ސާރާ އޭނާގެ ޕްލޭން ހުށަހެޅިއެވެ.

ސާރާ ވާހަކަ ދައްކަމުން ގެންދިޔައިރު ، އަޝްހަރުހުރީ ޙައިރާންވެފައެވެ. މިރޭ އަޝްހަރު އެހުރީ ސާރާގެ ވާހަކަތަކަށް އީޖާބީ ރައްދެއް ދޭގޮތަކަށްނޫނެވެ. އޭގެ މާކުރިން އޭނާވަނީ ޕްލޭންތަކެއް ރާވާފައެވެ.

" އަހަރެން އެކަމަކު މިރޭ މިދަނީ ގެޔަށެވެ. މަންމައާއި ބައްޕައާއެކު ރޭގަނޑު ނުކާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. ގެޔަށް މިދަނީ އެހެން ވެގެންނެވެ. " އަޝްހަރު ބުންޏެވެ.

އަޝްހަރުގެ ވާޙަކަ ސާރާ ޤަބޫލުކުރިއެވެ. އަދި އެރޭ އަވަހަށް ގެޔަށް ދިއުމުގެ އަޞްލު ސަބަބަކީ އެއީކަމަށް ވަންޏާ އެކަމަށް ހުރަސްއަޅަން ބޭނުންނުވާ ކަމަށް ބުންޏެވެ.

އަޝްހަރު ގެޔަށް ދިޔައިރު ގޭގައި އެއްވެސްމީހަކު ނެތެވެ. ހިތްހަމަނުޖެހިފައިހުރެ ، ނޯކަރަކަށް އުޅޭ ޖަމާލަށް ގޮވަމުން ގެންދިޔައެވެ. އަވަހަށް ގެޔަށް އައިއްސިއްޔާ ބައްދަލުކުރާނެ މީހަކު ނުހުންނޭކަމަށް ބުނެ އަމިއްލަ ނަފުސަށް ޝަކުވާ ކުރަމުން ގެންދިޔައެވެ. އަޑުގެ ނެތްތަނަށް ޖަމާލަށް ގޮވައިލިތަނާ ، ދުވަމުން ދުވަމުން އެސޮރު އައިސް ވަދެ ސަލާމް ގޮވައިލިއެވެ. ސަލާމަށްވެސް ޖަވާބު ނުދީ ފުރަތަމަވެސް އަހައިލެވުނީ ޚައިރާދު ކޮބައިތޯއެވެ. ޚައިރާދު އޭރުވީ ހަވީރު ހިނގަން ، ބަޝީރަތާއެކު ބޭރަށް ގޮހެވެ. ކޮންމެ ދުވަހަކުވެސް ހަވީރު އެދެބަފައިން މިހާރަކަށް އައިސް ހިނގަން ދެއެވެ. އަންނަނީ ދެނަމާދު ދޭތެރޭގައެވެ. އެކަމާ އަޝްހަރަށް ޝަކުވާއެއް ކުރެވޭކަށް ނެތެވެ. މީގެކުރިން އަޝްހަރު ގެޔަށް އަންނަނީ މީހުން ނިދާފަހުންކަމަށްވާތީ އެއިން އެއްވެސްކަމެއް އޭނާއަކަށް ނޭނގެއެވެ. ޚައިރާދާއި ބައްޕަ އެމީހުންގެ ވަގުތު ހޭދަކުރާގޮތެއް ނޭނގޭނެތާއެވެ. މަންމަ އުޅޭނީ އެންޖީއޯ އެއްގެ ކޮންމެވެސް ކަމެއްގައި އަބަދުވެސް ބޭރުގައެވެ. ހެނދުނު ދާގޮތަށް ގެޔަށް އަންނާނީ ކިރިޔާ ޢިޝާ ނަމާދު ކޮށްލެވޭހާ ވަގުތު އޮއްވައެވެ. ޚައިރާދާއި ބަޝީރަތުވެސް ގެޔަށް އަންނާނީ އެގަޑިޔާ ދިމާކޮށްފައެވެ. އަޝްހަރަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. އަދި މައިތިރިވެފައި ، އަމްޖަދު ފޮނުވައިލައެވެ.

އަޝްހަރު އިނީ ބަގީޗާ ތެރެޔަށް ނުކުމެ ނޫސްކިޔާށެވެ. ޚާއިރާދާއި ބަޝީރަތު ހިނގަންގޮސް އައިއިރު ، އަޝްހަރު ބަގީޗާ ތެރޭ އިންތަން ފެނުނެވެ. ދެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ. އަޝްހަރަށް އެދެބަފައިން ފެނުނުއިރު ، ހީ ސަމާސާ ކުރަމުން އާދެއެވެ. އެދުވަހު ބުއި އައިސްކްރީމްގެ މީރުކަމުގެ ވާހަކަ ދައްކަމުންނެވެ. ހަޝްހަރު ފެނުމާއެކު ލިބުނު ޙައިރާންކަމުގައި ، އެއީ ހަމަ އަޝްހަރު ބާވައޭ ހިތަށް އަރާ ކައިރިޔަށް ޖެހިލިއެވެ. ބުރަކޮށް އަވަދިނެތި މަސައްކަތްކުރާ މީހުންވެސް މިއަދު ހާދަ އަވަހަކަށް އޮފީހުން އައިއްސިއޭ ބުނެ ބަޝީރަތު ، އަޝްހަރާ ސަމާސާ ކޮށްލިއެވެ.  މިއަދު ހެނދުނުވެސް އަވަދިނެތި އުޅޭމީހުންނާއެކީ  އަހަރެމެންނަށް ނާސްތާކޮށްލުމުގެ ނަޞީބުވެސް މިންވަރުކުރެއްވިއެވެ. ކޮންފަދަ ފަޚުރެއް ހެއްޔެވެ ؟ ޚައިރާދު އައިސް އަޝްހަރަށް ސަލާމް ގޮވައިލިއެވެ. އަޝްހަރުވެސް ބައްޕަގެ ވާހަކަތަކުން ލަދުގެންފައިހުރެ ، ޚައިރާދުގެ ސަލާމް ބަލައިގަތެވެ.

ޚައިރާދު ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ގެޔާދިމާއަށް ހިނގައިގަތެވެ.

" ދަރިފުޅާއެވެ ! ތިދަނީ ކޮންތާކަށް ހެއްޔެވެ ؟ އަހަރެމެން ދެބަފައިންނަށް ސައިތަށްޓެއް ހަދައިގެން ގެނެސްދޭންވީ ނޫންހެއްޔެވެ ؟ އަޝްހަރެވެ. ޚައިރާދުގެ އަތުން ހަދާ ސައި ވަރަށްމީރެވެ. ބޮއިފިން ހެއްޔެވެ ؟ ބޯނަން ހެއްޔެވެ ؟ " ބަޝީރަތު ސަމާސާ ކޮށްލިއެވެ. އަޝްހަރުވެސް ސައިތަށްޓެއް އަޅެ ގެނެސްދީބަލާށޭ ބުނެ ސަމާސާގައި ބައިވެރި ވިއެވެ.

ޕްރޮޖެކްޓެއްގެ ޕްރެޒެންޓޭޝަން ނިމިގެން ސާރާއާއި އަޝްހަރު ނުކުމެއެވެ. އެ ޕްރެޒެންޓޭޝަންގެ ފުރިހަމަކަމުން ، އަޝްހަރު ، ސާރާއަށް ތަޢުރީފް ކުރިއެވެ.  އޭގެބަދަލުގައި ހަވީރު އެއްވެސް ޕްރޮގްރާމެއް އެބައޮތްތޯ ސާރާ ސުއާލުކުރިއެވެ. ކަރާޗީއަށް އައިސް އުޅޭ އަޝްހަރުގެ ރަޙުމަތްތެރިޔަކާއެކީ ރޭގަނޑުގެ ކެއުމަށް ދާން އެބައޮތްކަމުގައި އަޝްހަރު ބުންޏެވެ. އެއީ ކޮން މުނާސަބަތަކާ ގުޅިގެން ބާއްވާ ކެއުމެއްތޯ ސާރާ ސުއާލު ކުރިއެވެ. ދާހިތްވީމަ ދަނީކަމުގައި ބުނެ އަޝްހަރު ޖަވާބު ދިނެވެ. އެއަށްފަހު ، ޚައިރާދާބެހޭގޮތުން ސާރާ ސުއާލުކުރިއެވެ. އަނގައިން ބުނެ ވާހަކަ ދައްކާލާ އުޅޭތޯ އެވެ. އެއްވެސް ވަރަކަށް އަޝްހަރު ހިތްހަމަ ޖެހޭކަމެއް ޚައިރާދުގެ ފަރާތުން ފެނިއްޖެތޯއެވެ. އެސުއާލަށް އަޝްހަރު ޖަވާބެއް ނުދެއެވެ. އޭގެބަދަލުގައި އަތުގައި އޮތް ފައިލެއް ދިއްކޮށްލާފައި ، ރަނގަޅަށް ދިރާސާކޮށްލުމަށްފަހު ހެނދުނު މަޝްވަރާ ކޮށްލާށޭ ބުނެ ، ލަސްވަނީއޭ ބުނެ އަޝްހަރު ހިނގައިގަތެވެ. ހިނިތުންވެފައިހުރި ސާރާގެ އެހިނިތުން ، އަޝްހަރު ނުކުތުމާއެކު ނުރުހުމަށް ބަދަލުވިއެވެ. ދެބުމަ ގޮށްޖެހި ، އަޝްހަރު ނުކުމެގެންދާތަން ، ފޫހި ގޮތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

އަޝްހަރު ގެޔަށް އައިއިރު ، ޚައިރާދު އިނީ ޓީވީ ބަލަން ސިޓިންރޫމުގައި އިށީނދެލައިގެންނެވެ. މަޑުމަޑުން ޚައިރާދާ ގާތަށް ޖެހިލައި ، އަޅައަޅައިގެންފައި ވާހަކަ ދައްކަން ފެށްޓިއެވެ. ރަޙުމަތްތެރިޔަކާއެކީ އެރޭ ކެއުމަކަށް ދާންޖެހޭތީ ، އަޝްހަރާއެކީ ޚައިރާދު ގޮސްދިނުމަށް އެދޭވާހަކަ ބުންޏެވެ.

" ރޭގަނޑުގެ ކެއުމަކަށް ހެއްޔެވެ ؟ އަހަރެންވެސް ދާންޖެހޭ ހެއްޔެވެ ؟ " ޙައިރާންކަމާއެކު ޚައިރާދަށް ސުއާލު ކުރެވުނެވެ.

އާނއެކޭ ބުނެ އަޝްހަރުގޮސް ޚައިރާދުގާތުގައި އިށީނދެލިއެވެ. އަދި އެއްވެސް އިޢުތިރާޒެއް އޮތީތޯ ސުއާލުކުރިއެވެ. ނޫނެކޭ ބުނެ އަޝްހަރުގެ ސުއާލަށް ޚައިރާދު ޖަވާބުދިނެވެ. އެހެންކަމަށްވަންޏާ އަވަހަށް ތައްޔާރުވެލާށޭ ބުނެ އޯގާތެރިކަމާއެކު ، ޚައިރާދާ ދިމާއަށް އަޝްހަރު ބަލައިލިއެވެ. އޭގެކުރިން ، އަޝްހަރަށް ސައިތަށްޓެއް ހަދައިދެންތޯ ޚައިރާދު ސުއާލުކުރިއެވެ.

ސައިތަށި ހަދައިގެން ގެނެސްދިނުމަށްފަހު ، ޚައިރާދު ދިޔައީ ތައްޔާރުވުމަށްޓަކައި ކޮޓަރިއަށެވެ. އަތުގައި އޮތް އެންމެ ރީތިހެދުން ނަގައި ، ޚައިރާދުގެ އަތުގައިހުރި ގަހަނާއަޅައި ޒީނަތްތެރިވަމުން ގެންދިޔައެވެ. ކުއްލިޔަކަށް ދޮރުހުޅުވާލައިފާ އެވަނީ އަޝްހަރެވެ. އަޝްހަރަށް އެފެނުނު މަންޒަރުން ބަސްހުއްޓުނެވެ. ކަޅިޖަހައިނުލާ ބަލަހައްޓައިގެން އެތައްއިރަކު ހުރެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ވަރަށްރީތި މިބައި މިހާރު ވާހަކަ މިދާގޮތް ވަރަށް
    ހިތްހަމަޖެހޭ ކުރިޔަށް އޮތްބައިތަށް انشاءالله ރަނގަޅުވާނެކަމަށް އުއްމީދުކުރެވޭ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.