ދޮންބެއްޔާ އުޅޭ ރަށުގައި ވަރަށް ބުޅާ ގިނައެވެ. ބުޅާތައް އޮންނަނީ ރަށުތެރެޔަށް ދޫކޮށްލާފައެވެ. ބުޅަލުގެ ކުޅިވަރަކީ ފޫހިފިލުވައިލުމަށްޓަކައި ، ދޮންބެއްޔާ ބަލާ ކުޅިވަރެކެވެ. ބުޅާ ގަހަށް އަރަނީ ސަލާމަތް ހޯދާށެވެ. ދުވެފައި ދާގޮތަށްގޮސް ގަހަށް އަރައި މައްޗަށް އަރަމުން ދާނެއެވެ. ސަލާމަތް ވާވަރަށް މައްޗަށް އެރިއްޖެކަމަށް ބުޅަލަށް ހީވާއިރަށް ހުއްޓޭނެއެވެ. އެރުނު އުސްމިން އެނގި ހިތްބިރުގަންނަ ގޮތްވަނީ އެހިސާބުންނެވެ. ދެން އޮންނާނީ ސަލާމަތަށް އެދި ގޮވަގޮވައެވެ.
ބިރުގަނެފައި އޮންނަ ބުޅަލަށް ، ގަހުން ފުންމާލާކަށް ނުކެރޭނެއެވެ. އެސޮރަށް ގަހުން ފޭބެން ހަމައެކަނި އޮންނަގޮތަކީ ، ފަހަތަށް ފައިބަމުންގޮސް ބިމަށް ތިރިވުމެވެ. އެހެންނަމަވެސް އެކަންކުރާކަށް ބުޅަލަކަށް ނޭނގޭނެއެވެ. ދެންޖެހޭނީ ކޮންމެވެސް މީހަކު އެހީތެރިވެގެން ގަދަކަމުން ބާލާށެވެ.
ބުޅަލަކީ ، އުހަށް އަރައި ނުވަތަ ގަހަށް އަރައި ހިތްހަމަ ޖައްސާލަން ބޭނުންވާ ޖަނަވާރެކެވެ. ގަހުން ފުންމާލުމުގެ ކުރިން ފުންމާލީމަ ޖެހޭ ޕޮއިންޓަށް ފިސާރި ރަނގަޅަށް ބަލަން އޮންނާނެއެވެ. ބުޅަލުގެ މަހަކީ ވަރަށް ވަރުގަދައަށް އުފެދިފައި ހުންނަ އެއްޗެކެވެ. ފުންމައިލުމުގެ ކުރިން އެތައްފަހަރަކު ބުރުއަޅާނެއެވެ. އަދި ކިތަންމެ ބުރެއް އެޅިނަމަވެސް ބިމުގައި ޖައްސާނީ ހަތަރު ފަޔެވެ. އެހެންތަނެއް ބިމަކު ނުޖެހޭނެއެވެ.
ރާއްޖޭގައި ވެރިކަމަށް އަރާމީހުންނަކީވެސް ބުޅާ ގަހަށް އެރީމަ ފައިބަން ނޭނގޭގޮތަށް ، ވެރިކަމުން ބާލަންޖެހޭ ބަޔެކެވެ. ރަސްރަސްކަލުން ފެށިގެން ރައީސުންނަށް ދާނދެން އެކަން އޮތީ އެގޮތަށެވެ. އަރާގޮތަށް ފައިބަން ނޭނގި 30 އަހަރުވެސް ވަނީއެވެ. މާގިނަދުވަސްވީމަ ބާލަން ޖެހެނީއެވެ. ހަދާނެގޮތެއް ނޭނގި ނޭނގި ރޯން އިނީމަ ދެއަހަރު ބައިންވެސް ބާލަން ޖެހެނީއެވެ. ދެބުޅާ އެއްކޮށް އަރާ އެކަތި ބޭލީމަ އަނެކަތިވެސް ފައިބަން ނޭނގި އުޅެނިކޮށް ގަހުގައި އޮންނަން ފުރުޞަތުނުދީ ބާލުވަނީއެވެ. ގަހަށް އަރާ އަދިވެސް ނުފައިބާ އިތުރަށް އޮންނަން ބޭނުންވިޔަސް ، މީހުން ނުކުމެ ބާލަން ޖެހެނީއެވެ. ކުރިން ގަދަކަމުން ބާލާ ބުޅާ ، އަލުން ގަހަށް އަރަން އުޅުނީމަ އެރިޔަނުދޭންވެސް އުޅެން ޖެހެއެވެ. ގަހަށް އަރާހިތުން ގަޔަށް ހިނިއަރައިގެން އުޅޭއިރުވެސް ގަހަށް ނޭރޭގޮތްވެސް ދިމާވަނީއެވެ.
މިކަމަކާ ވިސްނަން އިންނައިރު ، ދޮންބެއްޔާގާތަށް އަންނަނީކީ އަމަށަކު ހިންޏެއްނޫނެވެ. ބުޅަލާއި އިންސާނުން އެއްގޮތަކަށް އުޅޭހެން ހީވާތީއެވެ. ދުވެފައި އައިސް ގަހަށް އަރާ ފައިބަން ނޭނގޭތީއެވެ. އަރާގޮތަށް ނުފައިބައިގެން ގަދަކަމުން ބާލަން ޖެހޭތީއެވެ. އަންނަގޮތަށް ގަހަށް އަރަން އުޅުނަސް ، އެރިޔަވެސް ނުދޭތީއެވެ. ކިތަންމެ ވަރަކަށް އަރަން އުޅުނަސް ގަހަށް ނޭރޭތީވެސް މެއެވެ.