2023 ވަނައަހަރު ފެށިގެން ދިއުމާއެކު ، އާއަހަރުގެ އުއްމީދާއި ނާއުއްމީދުން ، އަހަރު ތަޞައްވުރު ކުރަމުން ގެންދާ އެތައްބަޔަކު އެބަތިއްބެވެ. މިހާރުވެސް ، އަވަށްޓެރި ޔުކްރޭޏާ ހަނގުރާމަ ކުރަމުންގެންދާ ، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ދިމިތުރީ މެދެވިއަތުގެ ، 2023 ގެ ތަޞައްވުރު ހާމަކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ. ސަމާސާ އަކަށް ކަމަށްވިޔަސް ނުވަތަ ސީރިއަސް ކޮށް ކަމަށްވިޔަސް ނުވަތަ މިދެކަން އެއްކޮށްކަމަށްވިޔަސް ، 2023 ގައި ހިނގައިފާނެ ކަންތައްތަކެއް އޭނާވަނީ ސިފަކޮށްފައެވެ. އެމެރިކާގައި ދާޚިލީ ހަނގުރާމައެއް ފެށުމާއި ، ވިލާތުގެ އިއްތިޙާދު ރޫޅި ބައިބައިވުމާއި ، ދުނިޔޭގެ މާލީ ނިޒާމް ބޮއްސުން ލުމާ އަދި ، ބައިނަލްއަޤްވާމީ މާރކެޓްތައް ، ހުޅަނގަށް ގެއްލި އޭޝިއާއަށް ބަދަލުވުން ހިމެނެއެވެ. އާދަޔާ ޚިލާފު ބޮޑެތި މި ކަންކަން އެއްފަރާތުގައި ބާއްވާފައި ދުނިޔެއަށް ނަޒަރު ހިންގާލާއިރު ، މީގެ ތެރެއިން ބައެއް ކަންކަމުގެ ޢަލާމާތްތައް މިހާރުވެސް ފެންނަމުން އެބަދާކަމުގެ އިޙްސާސް ކުރެވެއެވެ. ރަޝިއާއާއި ޔުކްރޭނުގެ ހަނގުރާމަ ފެށި ، އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔެއަށް ދަނީ ފޯރަމުންނެވެ. ގަލްފަގެ ސަރަޙައްދުގައި ޒަމާނުއްސުރެ އޮތް ހުޅަނގުގެ ބާރު ވަނީ ކެނޑިފައެވެ. މިކަމުގެ ސަބަބުން ، އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުންދަނީ ހީނަރު ވަމުންނެވެ. މިކަންކަމުގެ ނޭދެވޭ އަސަރަކީ މުޅި ދުނިޔެއަށް ލޮޅުންއަރާނެ ބޮޑެތި ކަންކަމެވެ. އަދި އޭގެ އަސަރު 2023 ގައި ދުނިޔެ އޮންނާނެގޮތަށް ބަށްޓަން ވަމުން ދާނެއެވެ.
ކަނޑައެޅިގެން ވަކިކަންތައްތަކެއް ހިނގައިފާނެކަން ބަޔާން ނުކުރިނަމަވެސް ، ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ނަޒަރު ހިންގައިލާއިރު ، ކުރިމަތީގައި ހުރި މައްސަލަތަކަކީ ، ފަސޭހައިން ޙައްލު ކުރެވިދާނެ ކަންކަމެއް ނޫނެވެ. އަދި އެކަންކަމުގެ ނޭދެވޭ އަސަރު އިތުރަށް ފުޅާވެ ދުނިޔެ ބަދަލުކޮށްލާނެ ކަންކަމެވެ. ޚާއްޞަކޮށް މެދުއިރުމައްޗެވެ.
ލީބިއާގެ މަޝްރަޙަށް ބަލާއިރު ، ލީބިއާގައި އޮތް ދެވެރިކަން ގުޅިގެން ޤައުމު ހިންގަން އެކުލަވައިލި ޞުލްޙައިގެ އެއްބަސްވުން އަދިވެސް ޙައްލެއް ނުކުރެވެއެވެ. ޞުލްޙައިގެ އެ އެއްބަސްވުމަކީ ، ލީބިއާގައި އިންތިޚާބެއް ބާއްވަން ފުރުޞަތު ހުޅުވިގެންދާނެ އެއްބަސް ވުމެކެވެ. އެހެންނަމަވެސް ، ދެބަސްވުންތަކާއެކު ، ޤައުމުދަނީ ދާންވީ މިސްރާބަކަށް ނޫނެވެ. ހަމަނުޖެހުންދަނީ ހައްތާ އިތުރު ވަމުންނެވެ. ޞުލްޙައިގެ މަގު ހޯދުމަށް މަސްއޫލުވެތިބި އެންމެންވަނީ ފެއިލްވެފައެވެ. ލީބިއާގެ ލީޑަރު ޤައްޒާފީ ވެރިކަމުން ބޭލީއްސުރެ ، ލީބިއާގެ ރައްޔިތުންނަށް ހުޅަނގުން ދައްކަމުންދިޔަ ޑިމޮކްރަސީގެ ހިޔަނިވެސް ޤައުމަކުން ނުފެނެއެވެ. ރައްޔިތުން ދަނީ އިތުރަށް ނިކަމެތިވެ ބިކަވަމުންނެވެ.
ލީބިއާގެ ރައްޔިތުންގެ މަޖިލީހުންވަނީ ، ޤައުމުގެ އިރުމަތީ ސަރަޙައްދުގައި ބޮޑުވަޒީރަކު ޢައްޔަން ކޮށްފައެވެ. އެއީ އެ ޤައުމުގައި އިތުރު ބޮޑުވަޒީރަކު ހުއްޓައެވެ. ޤާނޫނީގޮތުން ބާރުތަކެއް ލިބިގެންވާ ދެ ބޮޑުވަޒީރުން އެއްގަލަކަށް ނާރައެވެ. އިންތިޚާބެއް ނުބާއްވަނީސް އެކަކުވެސް ، ވެރިކަމުން ފައިބާކަށް އެއްބަހެއް ނުވެއެވެ. އެހެންކަމުން ، އެ ޤައުމުގެ ރައްޔިތުންނަށް ، މިނިވަން ލީބިއާއެއް ހޯދައިދިނުމަށް ހުޅަނގުން ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. އޭގެ ބަދަލުގައި ޤައުމުގައި އޮތް ދެ ވެރިކަމުގެ މިސްރާބު މިހާރުހުރީ ދާޚިލީ ހަނގުރާމަޔަކާ ދިމާއަށް މިސްރާބު ޖަހާފައެވެ.
އޭގެ މާނަޔަކީ ، ލީބިއާގައި މިހާރު އޮތް ދެ ވެރިކަން އެއީ ޤައުމު ބައިބައިކޮށް ދެ ޤައުމަކަށް ބަދަލުކޮށްލާނެ ކަމެއްކަމެވެ. އެއްގޮތަކީ ޤައުމުގައި އޮތް ދެ ވެރިކަމުގެ މެދުގައި ދާޚިލީ ހަނގުރާމައެއް ފެށުމެވެ. އަނެއް ގޮތަކީ ، ހަނގުރާމައެއް ނުކޮށް ދެ ޤައުމަކަށް ލީބިއާ ބައިކޮށްލުމެވެ.
ދުނިޔެ ހިނގަމުންދާ ގޮތަށް ބަލާއިރު ، އަދި ހިނގަމުންދާ ކަންތައްތަކުން ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކަށް ވިސްނާއިރު ، މި ހިނގައިދިޔަ ޤަރުނުގައި ހިނގައިގޮސްފައިވާ ކަންކަން ނިމި ، ތާރީޚު އިޢާދަވަމުން ދާނެކަމުގެ ހެކި ފެންނަން ފަށައިފިއެވެ. ދުނިޔޭގެ މާލީ ނިޒާމް ވަކި އުޞޫލަކަށް ބަށްޓަންވެގެންދިޔައީ މިދިޔަ ޤަރުނުގެ ތެރޭގައެވެ. ރޫސީވިލާތް ރޫޅިގެން ދިޔައީ އަދި ދެޖަރުމަން އެއްވެގެން ދިޔައީވެސް އަދި އެމެރިކާ ބޮޑުބާރަކަށް ވެގެންދިޔައީވެސް މިދިޔަ ޤަރުނުގެ ތެރޭގައެވެ. ވަރަށްގިނަ ޤައުމުތަކަށް މިނިވަންކަން ލިބި ، އަޅުވެތިކަމުން ސަލާމަތްވެ ، އިސްލާމުންގެ މައްޗަށް ޔަހޫދީން ގަދަވެ ގަތުމުގެ މަގު ތަނަވަސްވެގެން ދިޔައީވެސް މިދިޔަ ޤަރުނުގައެވެ.
2023 ގައި ހިނގާނެ އަނެއްކަމަކަށް ބަލާއިރު ، ތުރުކީގައި ޖުމްހޫރިއްޔާއެއް ޤާއިމް ކުރެވުނުތާ އެއްޤަރުނު ފުރިހަމަ ވާނެއެވެ. ތުރުކީގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރެވުނީ މީގެ 100 އަހަރު ކުރިންނެވެ. މީގެ ޤަރުނެއްގެ ކުރިން ޢުސްމާނީ ޚިލާފަތުގެ ނިމުމާއި ޖުމްހޫރީ ވެރިކަމެއް އުފަން ވުމުގައި ތުރުކީންވަނީ ވަރަށް ގިނަ ތަޖުރިބާ ތަކެއް ކޮށްފައެވެ. ހުޅަނގުގެ ނުފޫޒަށް ވިސްނުމާއި ފިކުރު ދީލާލައި އިސްލާމީ ވެރިކަމެއް ޤާއިމްކުރެވުނު އިރު ، ޤައުމު ހިންގުމުގެ ސިޔާސަތުތައް އޮތީ މަސްހުނިވެފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އިޤްތިޞާދީގޮތުން ، ތުރުކީއަށް ކުރިމަތިވި ދަތިކަމަކީ ، ވެރިކަމުގެ ނިޒާމަށް އެންމެ އުނދަގޫވި އެއްކަމެވެ. އޭގެ އިތުރަށް ، ސޫރިއާގައި ހިނގަމުންދާ ހަނގުރާމަޔާ ގުޅިގެން ތުރުކީއަށް އެތެރެވަމުންދާ ރެފިއުޖީންގެ ޢަދަދު ގުނެމުންދަނީ މިލިއަނުންނެވެ. ސޫރިއާގެ ހަނގުރާމަ ނިމުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. މިކަމާގުޅިގެން ، ތުރުކީގެ އެތެރޭގެ ޙާލަތު އެކޮޅުކޮޅުން ޖެހިގެންދާނެއެވެ. ސޫރިއާގެ އެތައް މިލިއަން ރެފިއުޖީންނެއްގެ ބުރަ އުފުއްލަންޖެހިފައިވާ އިރު ، ޤައުމުގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުން ދަނީ އިތުރުވަމުންނެވެ. ހައްޔަރުކުރެވޭ މީހުންގެ ޢަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ވަމުންނެވެ.
ރައީސް އުރުދުޤާންގެ ތަޞައްވުރުދަށަށްގޮސް ، މަޤްބޫލުކަން ދަނީ ގެއްލެމުންނެވެ. ވެރިކަން ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ. ތުރުކީގެ ތާރީޚުގައި ބޭއްވޭ އެންމެ މުހިންމު އިންތިޚާބު ، މިއަހަރުގެ ތެރޭގައި ބޭއްވޭނެއެވެ. އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމުގެ ޔަޤީންކަން މިހާރުގެ ރައީސް އުރުދުޤާނަށް ނެތުމަކީ ، ތުރުކީގެ މުސްތަޤްބަލަށް ހިޔަނި އެޅިފައިވާ ކަމެކެވެ.
ނެގޯރނޯ ކަރަބަޚް ސަރަޙައްދާ މެދު ، އާޒަރުބައިޖާޏާއި އާރމީނިއާ އާ ދެމެދު އުފެދިފައިވާ ދުބަސްވުންތަކުގެ އަސަރު ގޮސްގުޅެނީ ތުރުކީއާއި އީރާނާއެވެ. އާޒަރުބައިޖާނަށް ހަނގުރާމައިގާ ސިއްރިޔާތުގައި އެހީތެރިވަނީ އީރާނުންނެވެ. އާރމީނިއާއަށް އެހީތެރިވަނީ ތުރުކީންނެވެ. މިމައްސަލައިގާ ހަތަރު ޤައުމެއްގެ މެދުގައިވަނީ ދެބަސްވުން އުފެދިފައެވެ. އެއީ އާރމީނިއާއާއި އާޒަރުބައިޖާން އަދި ތުރުކީއާއި އީރާނެވެ.
މި ހަމަނުޖެހުމާއި ދެބަސްވުމުގެ އަސަރު ސޫރިއާގެ ހަނގުރާމައިންވެސް އެބަ ފެނެއެވެ. ތުރުކީން އެހީތެރިވާ ޖަމާޢަތެއްވެސް ސޫރިއާގައި އެބަ ހަނގުރާމަ ކުރެއެވެ. އަދި އީރާނުން އެހީތެރިވާ ޖަމާޢަތެއްވެސް ސޫރިއާގައި އެބަ ހަނގުރާމަ ކުރެއެވެ. މިއީވެސް ތުރުކީއާއި އީރާނާ ދެމެދު ނުސީދާކޮށް ކުރެވެމުންދާ ހަނގުރާމައެކެވެ. ކޮންމެ ޤައުމަކުންވެސް ބޭނުންވަނީ ، ސަރަޙައްދަށް ނުފޫޒާއި ބާރު ފޯރުވުމެވެ. ތުރުކީއާއި އީރާނަކީވެސް އެ ސަރަޙައްދުގައި ބޮޑު ދެބާރެކެވެ.
މިހުރިހާ ކަންކަމަކީ ، ޚާއްޞަކޮށް ، މެދުއިރުމަތީގައި ، 2023 ގައި ހިނގާނެކަމަށް ބެލެވޭ އެތައްކަމެއްގެ ނިޝާންތަކެވެ.