
ޑިޕްލޮމެސީގެ އެންމެ މުހިންމު ކަމަކީ ކޮންމެހެނެއް އަބަދު ބައެއްއަތުން ފައިސާ ހޯދުމެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އަވަށްޓެރި އިންޑިއާ އާ ދޭތެރޭ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަށް ރިޔާއަތް ކުރައްވާ ދުންޔާ ވިދާޅުވީ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި އިރު ވެސް ރައީސް ޔާމީނަށް ވަރަށްބޮޑަށް ލަފާއަރުވަމުން ދިޔައީ އިންޑިއާ އަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި އިންޑިއާ އާ ގުޅުން ރަނގަޅުވާން ޖެހޭނެ ކަމަށާއި ގުޅުން ބަދަހި ކުރުމަށް ތަކުރާރުކޮށް ލަފާ އަރުވަމުން ގެންދެވި ކަމަށެވެ.
ދުންޔާ ވިދާޅުވީ ކަންއެހެން އޮތްނަމަވެސް ވަކި އެއްގައުމަކަށް އެކަނި ބަރޯސާވެ ތިބުމަކީ ދިވެހިންނަށް ނުވަތަ ދިވެހިރާއްޖެއަށް ވެސް ރަނގަޅުކަމެއްގެ ގޮތުގައި އެއްއިރެއްގައި ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އޭރު ފޮރިން މިނިސްޓްރީގަ ތިއްބަވާ އިސްބޭފުޅުން ކިޔައިދޭނެ ބައެއްފަހަރަށް އަޅުގަނޑުމެންގެ ތެރޭ އެބަފެނޭ ވަރަށް ޖެލަސް ސްޕައުސްއެއް، މިސާލަކަށް އެއްވެސް އެހެންމީހަކާ އަނގައިން ބުނެ ނުދީ ނުވަތަ އެއްވެސް ގުޅުމެއް ބޭއްވުމަށް ހިތްހަމަނުޖެހޭ ތަން. އެކަމަކު މިއިންބައެއްފަހަރު މިވާގޮތަކީ މިސާލަކަށް އަންހެނެއްވިއްޔާ އޭނާގެ ގާތް ރަހުމަތްތެރިން ގެއްލި ނުވަތަ އޭނާގެ އަމިއްލަ އާއިލާ ގެއްލި، މިއީ ވެސް ރަނގަޅު ގޮތްގޮތެއް ނޫން." ދުންޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑިޕްލޮމެސީގައި ވެސް އަޅުގަނޑުމެން މި ދެކެން ބޭނުންވަނީ، އެކިގައުމުތަކާ އެކުގައިވެސް ރަނގަޅު މިއުޗުއަލީ ރެސްޕެކްޓްފުލް، ރިލޭޝަންޝިޕްތަކެއް ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން މިހާރު ތަރައްގީގެ މިޑްލް އިންކަމްއަށް ގޮސްފައި އޮތްއިރު، އަޅުގަނޑުމެންނަކަށް ގްރާންޓް އެހީއެއް ނުވަތަ ހިލޭ އެހީއެއް ތަންތަނަކުން އަބަދު ނު ލިބޭނެ ކަމަށާއި އަޅުގަނޑުމެން ހޯދާކަށް ވެސް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އަޅުގަނޑުމެންގެ އަމިއްލަ ޕްރައިޑް ހިފަހައްޓަން ޖެހޭ ކަމަށާއި އަޅުގަނޑުމެންނަށް ރަނގަޅު ގޮތްގޮތުގައި ލޯން ލިބެންޏާ ލޯން ހޯދަން ޖެހޭ ކަމަށެވެ. އަދި އިންފްރާސްޓްރަކްޗަރ އާއި އިގްތިސާދު ކުރިއަރުވާ، ވިޔަފާރިތައް ކުރިއަރުވަން ޖެހޭ ކަމަށެވެ.
އެހެންވީމަ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އިންޑިއާ އާއި ގަތުން މަސައްކަތްކުރުން މުހިންމު ވަރަށް މުހިންމު ކަމަށެވެ. އެކަމަކު އަސްކަރީ ޕްރެޒެންސެއް އޮތުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެމްއެންޕީގެ ރައީސް ވެސް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށާއި އެކަމަށް އެކަމަނާ ވެސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.