އެފްކޮންސް އެކޮމޮޑޭޝަން އަލިފާނުގެ ހާދިސާއަށްފަހު، އެއް މުވައްޒަފު ގެއްލިގެން ހޯދަނީ

އެފްކޮންސް އެކޮމޮޑޭޝަން އަލިފާނުގެ ހާދިސާއަށްފަހު، އެއް މުވައްޒަފު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގެ މުވައްޒަފެއް ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން އާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ގުޅިފަޅުގައި ހުންނަ އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވި ހާދިސާއަށްފަހު ހުރިހާ އެންމެން ހަމައަށް ތިބިތޯ ގުނިއިރު އެކަކު މަދު ކަމަށެވެ.

އެހެންވެ، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ބުނެފައި ވެއެވެ.

އެ އެކޮމޮޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭއިރު، އޭގެ ތެރެއިން އަލިފާނުގައި 70 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. އަދި ބައެއް މީހުން ސަލާމަތްވުމަށް އިމާރާތުން ފުންމާލުމުން ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ހާދިސާގައި އަނިޔާވި 13 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، 60 އަށް ވުރެ ގިނަ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ.

އެ އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ.

އެހެންވެ، އެމީހުން މިއަދު ވަނީ ގުޅިފަޅުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.