
ދިވެހިރާއްޖެއަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ހަމަޖެހިއްޖެ އެވެ.
އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ 10 ވަނަ ސަމިޓުގައި އެ ޖަމުޢިއްޔާގެ މެމްބަރު ހުރިހާ ޤައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާޢީދުކޮށްފަ އެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، ވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) އެވެ.
އޯ.އޭ.ސީ.ޕީ.އެސް. ގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބުމާ އެކު، އޯ.އޭ.ސީ.ޕީ.އެސް.ގެ މެމްބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ.
މީގެ އިތުރުން، ސަމިޓްގެ ހަވާސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ.) ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފަ އެވެ.
އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެމްބަރު ޤަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފަ އެވެ.
އޯ.އޭ.ސީ.ޕީ.އެސް. އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފަ އެވެ.