ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފި އެވެ.
ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ މާމިގިލީ ސިއްހީ މަރުކަޒު ހިމެނެ އެވެ.
ހެލްތް ކިޓްތައް ބެހުމަށް ހަމަޖެހިފައިވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނެވެ.
ޞިއްޙީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތަައް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓްތައް ހަދިޔާކޮށް، ޞިއްޙީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ހއ އަދި ހދ އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތައް ހިމެނޭގޮތަށް 28 ޞިއްޙީ މަރުކަޒަކަށް މިހާރު އަޅުގަނޑުމެން ވަނީ ހެލްތް ކިޓް ފޯރުކޮށްދީފައި. އަދި ކުރިއަށް އިތް ތަނުގައި ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން.: ނިޔާޒު ވިދާޅުވި އެވެ.
ޕެންޑެމިކްއަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ، އުރީދޫ މޯލްޑިވްސްއިން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މުހިންމުކަމެއް ދެއްވައިފަ އެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުން ނެވެ.
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބޭއްވޭ އުރީދޫ ކަލަރ ރަން "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕެއިންގެ ދަށުން މިއަހަރު ވަނީ އުރީދޫ ފަން ރަންއަށް ބަދަލުކޮށް، ކޮންމެ 1 ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަންގެ ގޮތުގައި އަޕްގްރޭޑްކޮށްފައެވެ. މި އަޕްގްރޭޑަކީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.
2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފަ އެވެ. މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފަ އެވެ.
ހަމަަ އެއާާ އެކު، ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.
މުޖުތަމައު ތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރިއްޔާާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުން ފަހި ކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް މަގު ފަހިކޮށްދޭ ގާތް ބައިވެރިއެކެވެ.
އަޅުގަނޑުމެންގެ ތަސައްވުރާާއި އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ޙައްލު ތަކާއެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.