ވޯލްޑް ކަޕް 2022 : ފަހަތުން އަރާ ސައޫދީ އަރަބިޔާއިން މެސީގެ އާޖެންޓީނާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މިއަދު އާޖެންޓީނާ އާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗުން، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ވަރުގަދަ އާޖެންޓީނާ ބަލިވެއްޖެއެވެ.

ސައޫދީން އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް އާޖެންތީނާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުނު ނަމަވެސް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑުނަގާފައެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މެޗުގެ 10 ވަނަ މިނިޓުގައި އާޖެންޓީނާގެ ޕަރެޑޭސްއަށް ސައޫދީ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ހާފުގައި އާޖެންޓީނާއަށް ލަނޑު ޖަހަން މާ ހުސް ފުރުސަތުތަކެއް ނުލިބުނަސް އެޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. ނަމަވެސް އެ ހުރިހާ ލަނޑެއް ވެސް ވީ އޮފް ސައިޑެވެ. އަނެއްކޮޅުން ހީކުރިގޮތާ ހިލާފަށް ސައޫދީން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުމުގެ ބަދަލުގައި ކުރިޔަށްޖެހި ޕްރެސްކުރަން ފެށުމުން އާޖެންޓީނާއަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި އުނދަގޫތަކާ ކުރިމަތިވިއެވެ.

ސައުދީން ދެވަނަ ހާފަށް ނުކުތީ ވަރުގަދަކޮށެވެ. އެގޮތުން ދެ ވަނަ ހާފު ފެށިގެން އެންމެ 3 މިނިޓުގެ ތެރޭގައި، ފެރާޒް ދިން ބޯޅައަކުން ލަނޑު ޖަހާ ސަލޭހް އަލް ސެހްރީ ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ އެންމެ 5 މިނިޓު ފަހުން، ސާލެމް އަލް ދައުސަރީ ޖެހި ހިތްގައިމު ލަނޑުން ސައޫދީން ލީޑު ނެގިއެވެ.

ސައޫދީގެ ލަނޑަށްފަހު އާޖެންޓީނާއިން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ސައުދީގެ ފަހަތައް ބާރު ބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް ސައޫދީ ވަރުގަދަ ޑިފެންސް ލައިނު ފޫއަޅުވާލާ ގޯލެއް ޖެހޭގޮތް ނުވިއެވެ. މި މެޗުގައި ސައުދޫގެ ކީޕަރުގެ މޮޅުކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މި މެޗުން އާޖެންޓީނާ ބަލިވިއިރު، އެޓީމަށް ދެންވެސް ކުރިޔަށް އޮތީ ވަރުގަދަ ދެމެޗެވެ. އެއީ މެކްސިކޯ އަދި ޕޯލެންޑް އާއި ދެކޮޅަށް ކުޅެންޖެހޭ މެޗުތަކެވެ. މި މެޗުތަކަކީ ވެސް އާޖެންޓީނާއަށް މާ ފަސޭހަ މެޗުތަކަށް ނުވާނެއެވެ. އާޖެންޓީނާއަށް ދެވަނަ ބުރު ޔަގީން ކުރުމަށް ދެން އެޓީމު ކުޅެން ޖެހޭ ދެމުން ވެސް މޮޅުވުން މަޖުބޫރުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.