ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ހައްޔަރު ކުރުމަށް ހޯދަން ފަށައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑުމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އޭނާ ހައްޔަރުކުރުމަށް ހޯދަނީ ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކުރަނީ ކޯޓު އަމުރެއްވެސް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ހަސަން ހައްޔަރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން ފުލުހުން މިއަދު ނެރުއްވައިފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ ރިޝްވަތުގެ މުއާމަލާތެއްގައި ހަސަން ބައިވެރިވި ކަމުގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންނަށް ހުށަހަޅައިފައިވާ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދިހޯދުންތަކުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކުވެސް ވަނީ އެ ފްލެޓުތަކުން ފްލެޓް ގަތުމަށް މުއާމަލާތްކޮށްފައެވެ. އެކަމުގެވެސް ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެ މައުލޫމާތު އިތުރަށް ސާފުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ހަސަން ސައީދު މާލޭގައި ދިރިއުޅުއްވާ ގެއަށް މިއަދު ފުލުހުން ދިޔައެވެ. އެހެންނަމަވެސް އެއީ ކީއްކުރަން ކަމެއް އެނގިފައެއްނުވެއެވެ. އެ ވަގުތުން ހަސަން ގޭގައި އުޅުއްވި ކަމެއް ނުވަތަ ނޫންކަމެއް ވެސް އެނގިފައެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.