ސިޔާސީ ކުށްވެރިން ދޫކޮށްލަން ސްޕްރީމްކޯޓުން ވަނީ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހު އަމުރެއް ނެރެފައެވެ.
އެ އަމުރަށް ކިޔަމަންވެ ތަންފީޒު ކުރައްވާނެ ކަމަށް ސަރުކާރުންވެސްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަމުރު ތަންފީޒު ކުރެއްވުމުގެ ކުރިން އަމަރުގައި ހިމެނޭ ބައެއްކަންކަން ސާފުކުރެއްވުމަށް ސްޕްރީމް ކޯޓާ މަޝްވަރާ ކުރައްވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބުވަނީ ވިދާޅުވެފައެވެ.
ދިވެހި ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވެފައިވަނީ އެ އައަމުރު ޑިޔުޕްރޮސެސް ނިންމުމަށްފަހު ތަންފީޒު ކުރުމަށް އުއްތަމަ ފަނޑިޔާރު ލަފާ ދެއްވައިފައިވާ ކަމަށެވެ. މި މައްސަލާގައި ޕްރިސެކިޔުޓަރ ޖެނެރަލްއާއި، ބަންޑާރަ ނާއިބު ގެންދަވަނީ ސްޕްރީމް ކޯޓާއެކު މަޝްވަރާ ކުރައްވަމުން ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ސްޕްރީމްކޯޓުގެ ހުކުމަށް ބޯލަނބާނެ ކަމަށެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި އެ އަމުރުގެ 5 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާ ތަކުގައިހުރި މައްސަލަތައް ކަމަށެވެ. އަދި އޭގެ ތެރެއިން އަނެއްބައި މައްސަލަ ތަކަކީ ޝަރުއީ މަރުހަލާ ނިމިފައިވާ މައްސަލަތައް ކަމަށެވެ.
އެ ސަބަބާހެދި އެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރެއްވުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީޖެނެރަލްގެ އޮފީސް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެފައިވެއެވެ.
ދޫކޮށްލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރައްވާފައިވާ 9 ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ނުވުމަކީވެސް މުހިންމު ނުކުތާއެވެ. އެހެންވެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބަލައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމެވުމަށް ކަމަށް ކަމާބެހޭ ފަރާތްތަކުންވަނީ ވިދާޅުވެފައެވެ. އެހެންވެ ސްޕްރީމްކޯޓާ މަޝްވަރާ ކުރަންޖެހޭ ގާނޫނީ ނުކުތާތައް ފާހަގަކޮށް އެކޯޓަށް އެކަން ސަރުކާރުން ހުށަހަޅުއްވާނެއެވެ.
ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރު ކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހުންނާއި، ޚިޔާނާތާއި ފަސާދައާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާ ބޭފުޅުންވެސް ހިމެނެއެވެ. އަމުރު ތަންފީޒު ކުރެއްވުމުގެ ކުރިން އަމުރު މުރާޖައާ ކުރައްވަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވަނީ އެހެންވެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިނިވަން ކުރެއްވުމަށް އަމުރު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ގާޒީ ނިހާނަކީ ސިޔާސީ ބޭފުޅެއްވެސް ނޫނެވެ. އޭނާއަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްވެސް ނޫނެވެ. އޭގެ އިތުރަށް ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އޭނާ ހަރަކާތްތެރިވެފައެއްވެސް ނުވެއެވެ.
ނިހާނަކީ އދ. މާމިގިލީކޯޓުގެ އިސް މެޖިސްޓްރޭޓަރަކަށް ކުރިން ހުންނެވި ބޭފުޅެކެވެ. އޭނާއަށް ހުކުމް ކުރައްވައިފައިވަނީ އެމަގާމުހައި ހުންނެވިއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކ. މާފުށީ ކޯޓުން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް 4 ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާ ކުރެއްވުމުގައި އެކަށީގެންނުވާ އަމަލެއް ކުރެއްވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރަށް އަސްލެއްނެތް އެއްޗެއް ސައްހަކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
ކުރީގެ ޕްރޮސެކިޔުޓަރ ޖެނެރަލް މުހުތާޒަކީވެސް ސިޔާސީ ބޭފުޅެއްނޫނެވެ. އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރައްވައިފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކ. މާފުށީ ކޯޓުން ކޯޓު އަމުރެއްނެރެ އެކަން ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީއެވެ. އަދި އެ ލިޔުން ތައްޔާރުކުރަން ހިތްވަރުވެސް ދެއްވައިފައިވާތީއެވެ. އަދި ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރަން ހިތްވަރުދީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީއެވެ. އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 17 އަހަރަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކޮށްފައިވާ ދައުވާތަކެއްނޫން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކުރީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އަމިއްލަ ގޭގައި ހަތިޔާރު ގެންގުޅުއްވި ކަމުގެ ކުށުގައެވެ. ރާއްޖޭގައި ހަތިޔާރު ގެންގުޅުމަކީ ގާނޫނީ ގޮތުންވެސް އެއްވެސް ރައްޔިތަކަށް ހުއްދަ ކޮށްފައިވާ ކަމެއް ނޫންނެވެ. އެ މައްސަލައާ ގުޅިގެން ނާޒިމް ޖަލަށް ލާން ދަށުކޯޓުން ކުރެއްވި ހުކުމަށް ހައިކޯޓުންވަނީ ތާއިދުވެސް ކުރައްވައިފައެވެ. އެހުކުމް ނާޒިމްގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިއުނާފްވެސް ކުރެއްވިއެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުންވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ. އެއީ މީގެ މީގެ ދެއަހަރު ކުރިއެވެ.
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޖަލަށްލައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް އުފުލި ބައެއް ދައުވާތައް ކޯޓުތަކުގައި ސާބިތުވެ ކޯޓުންވަނީ ތަފާތު ތިން މައްސަލައެއްގައި އޭނާގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް މިހާރު ގެންދަނީ ތަންފީޒު ކުރަމުންނެވެ. އަދީބަކީ މުޖުތަމައަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށްވެސްވަނީ ކަނޑައަޅައިފައެވެ.
އަދީބާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް ހިމެނެއެވެ. އޭގެ ތެރޭގައި އޭނާ ސަރުކާރުގައި މަސައްކަތް ކުރެއްވިއިރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް އިންޓެލިޖެންސްގައި މަސައްކަތްކުރި ދެ ފުލުހަކަށް ރިޝްވަތު ދެއްވާފައިވާ ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.
އެކަންކަމުގެ އިތުރަށް ފިސްތޯލަ ގެންގުޅުއްވި ކަމުގެ ދައުވާވެސް އަދީބާ ދެކޮޅަށް ވަނީ އުފުލައިފައެވެ. އޭނާގެ މައްޗަށް ދެންކޮށްފައިވާ ދައުވާއަކީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ 9 ދައުވާ އާއި، ޓެރަރިޒަމްގެ ދައުވާގެ އިތުރަށް އެނގިހުރެ މީހަކު މަރަންރޭވުމުގެ ދައުވާއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލައިފައިވަނީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ކުށުގައެވެ. އިސްގާޒީ ހައްޔަރުކޮށް އެކަހެރި ކުރެއްވުމަކީ ގަސްތުގައި މީހަކު ގެއްލުވާލަން މަސައްކަތް ކުރެއްވުން ކަމަށް ކަނޑައަޅައިފައިވެއެވެ. އެ ކަމާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޯޓުތަކުގައި މިހާތަނަށް ކުރެއްވި ހުރިހާ އިސްތިއުނާފެއް ކޯޓުތަކުންވަނީ ބަލައި ނުގެންފައެވެ.
ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ޖަލަށްލީ ދައުލަތަށް ލިބެންޖެހޭ ގިނައަދަދެއްގެ ފައިސާތަކަށް ޚިޔާނާތްތެރި ވެގެންނެވެ. އޭނާވަނީ ފަސްމިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިކަން ކޯޓުގައި ވަނީ ސާބިތުވެފައެވެ. އޭނާ ޚިޔާނާތްތެރިވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރަށެއް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ތަކަށެވެ.
މި 6 ބޭފުޅުން ފިޔަވައި ދޫކޮށްލުމަށް ސްޕްރީމް ކޯޓުގެ އަމުރުގައިވަނީ އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲ އާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނެވެ.