ޝަރީއަތް ކުރުމަކާއި ނުލައި ހަ މަސް ދުވަސް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ޖަލުގައި ބެހެއްޓި ކަމަށް ބުނާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހެން ބުނީ ދެވަނަ ފަހަރަށް ފާރިޝް ހައްޔަރު ކުރުމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ކުރީ ފަހަރު ފާރިޝް އެހާގިނަ ދުވަހު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތީ ފާރިޝްގެ ވަކީލުންގެ ޓީމުން ކޯޓަށް ހުށަހެޅި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދެވަނަ ފަހަރު ފާރިޝް ހައްޔަރު ކޮށްފައި ވަނީވެސް ޝަރުއީ މަރުހަލާގެ ތެރެއިން ކޯޓަކުން ނެރުނު އަމުރަކާއި ގުޅިގެން ކަމަށްވެސް ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފާރިޝްގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ ކޮންމެ ގައުމަކުންވެސް ސީރިއަސްކޮށް ނަގައިގެން ކުރިޔަށް ގެންދާނެ މައްސަލައެއް ކަމަށާއި ފާރިޝްގެ ޝަރީއަތަކީ މިނިވަން، އިންސާފުވެރި ޝަރީއަތެއްކަން ދިވެހި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ޝަރީއަތް ކުރިޔަށްދާއިރު ހުރިހާ ފަރާތަކުންވެސް އެކަމަށް އިޙްތިރާމް ކުރުމަށް އީޔޫއަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.