ކްއީން އެލިޒަބަތް އަވަހާރުވުމުން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި

ފޮޓޯ: އާފަތިސް

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތް އަވަހާރުވުމުން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރައްވަން ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނައިގެ މަންމާފުޅު، އަދި އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، އިނގިރޭސި ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފައެވެ.

އެ މެސެޖުގައި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކު ކަމަށާއި ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން ވެސް މިހިތާމައިގައި ބައިވެރިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަނީ ވިދާޅުވެފައެވެ.

އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާގެ ރަނިކަމަކީ، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމުގެ އަލިގަދަ ދަންމަރެއް ކަމަށާއި ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބުއަދާކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިހުންނަނިވި ގޮތުގައި ދިރިދެމިހުންނާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާނީ އެލިޒަބަތު 2 ވަނަ ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، އެހަނދާންތަކަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޙަޔާތުން މުހިއްމު ހަނދާނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެކަމަނާގެ ލާމަސީލުހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގެ ޤައުމުތަކަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާންވެސް އައުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.